ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ -2

Loading

Facebook
Twitter
WhatsApp

http://sandhaanu.today/21834/  އާއި ގުޅޭ…

ހަވަރު ތިނަދޫ ރައްޔިތުން ގެ ތެރެއިން ސިޔާސީ ކުށްވެރީންގެ ގޮތުގައި ސިލްވަރ ކުރެސްޓް އާ ޑަންގީން މާލެގެންދިޔަ މީހުންގެ އަނބިދަރީން އަރުވާލުމަކީ ދިވެހި ސަރުކާރުން ހިންގާފައިވާ ލާއިންސާނީ ޖަރީމާއެކެވެ.

މިދެންނެވި އަންހެނުންނާ ކުޑަކުދީން އަރުވާލީ މާލޭން އުތުރުގައި ހިމެނޭ އެންމެ ތަދު އެންމެ ދަތި ރަށްރަށެވެ.

މީގެތެރޭގައި ހދ.މަކުނުދޫ ހދ. ނޮޅިވަރަންފަރު ބ.ޢަތޮޅު ގޮއިދޫ ފެހެންދޫ ކުޑަރިކިލް ފަދަ ދަތި ރަށްރަށަށެވެ. 

ކުޑަކުޑަ އެތައް ކުދިންނާއެކު އެތަކެއް އަންހެނުން ރަށްރަށަށް އަރުވާލުމުން ކުރިމަތިވާނެ ގޮންޖެހުން ތަކަކީ ބަޔާން ކުރަން ވެސް އުނދަގޫ ވާހަކަ ތަކެކެވެ. ހިރިހަމައިދި ކަލޭފާނުގެ މުޙައްމަދު ސައީދު ކަތީބު ގެ އަނބިކަނބަލުން މަޝްހޫރު ބޭސް ދޮންކަލޭފާނުގެ ފަރީދާ އާއި އެކަމަނާގެ 3 އަހަރުގެ ފިރިހެން ދަރިފުޅު އަރުވާލީ ބ.އަތޮޅު ކުޑަރިކިލި އަށެވެ. އަތަކު އެއްވެސް ރުފިޔާއެއް ނެތެވެ. ދެމައިންކައި ބޮއި ހަދަނީ ގޭގެއަށް ގޮސް ކައްކައިދީ ހަވާދުފުނޑައި ދީގެން އެގޭގެއިން ދޭ ކާއެތި ކޮޅަކުންނެވެ. ފަރީދާ ގޭގޭގައި ކައްކައި ދޭ ވަގުތު ތިންއަހަރުގެ ދަރުފުޅު ގެ އުނަގަޑާ ހަމައަށް ވަޅެއްކޮނެ އެވަޅަށްލާފައި ބަހައްޓާފައެވެ.

 މި ދެމައިންގެ ކުށަކީ ކޮބައި ހެއްޔެވެ. އަދި ސަޢީދު ކަތީބުއާއި ފަރީދާގެ ކުޑަ ކުޑަ ދެ އަންހެން ބޭފުޅުންވެސް ތިބެއެވެ. އެކަނިމާ އެކަނި ކުޑަ 3 ކުދިންގޮވައިގެން ނުހަނު ތަދު ދުވަސްވަރެއްގައި އަންހެނަކު ބީރެއްޓެހި ރަށެއްގައި އުޅޭނެ ދަތިޙާލުގެ ވާހަކައަކީ ދެލޯ ކަރުނުން ފޯވެގެން ދާނެ ވާހަކައެކެވެ.

     ހދ. ނޮޅިވަރަންފަރަށް އަރުވާލި ހަވަރު ތިނަދޫގެ ރައްޔުތުންގެ ތެރޭގައި ހިރި ހަމައިދި ކަލޭފާނުގެ ޢަބުދުލް މުޣުނީ އައްޑު އަޮތޮޅުގެ އަންހެން ބޭފުޅަކާ ކާވެނިފުޅު ބައްލައިގެން ލިބިވަޑައިގެންފައިވާ ކުޑަ ކުޑަ ތިންބޭފުޅަކު ވެސް ހިމެނެއެވެ. ހަވަރުތިނަދޫ މީހުން އެރަށުން ބޭލުމުގެ ތިންއަހަރު ކުރިން ޢަބުދުލް މުޣުނީ ސ.މަރަދޫ ފޭފޫ މަދަރަސަތުލް އަމީރު އިބްރާހީމުގެ ފުރިންސިޕަލެއްގެ މަގާމުގައި އައްޑޫ ގައި އަނބި ކަބަލުންނާއި އެކު ހުންނަވަނި ކޮށް އަވާރަ ވެއްޖެއެވެ. އެހެން ކަމުން މުޣުނީގެ ތިން ދަރިން އޭރު ތިއްބެވީ ހިރިހަމައިދި ކަލޭފާނުގެ އަރިހަށް ގެނެސް ހަވަރު ތިނަދޫގައެވެ.މަންމާ ފުޅު ވީ އައްޑޫގައެވެ.

     މއ. ބޯގަން ވިލާ އަލްމަރުޙޫމު އިސްމާޢީލް ނަސީރު އޭރު ހުންނެވީ ހދ.އަތޮޅު ވެތިޔާގެ މަގާމުގައެވެ. ބ.އަތޮޅަކު ނޫނެވެ. ކުރިން ބ. އަތޮޅު އަތޮޅު ވެރިޔާ ކަމުގައި ދެންނެވިފައި ވަނީ އޮޅުމަކުންނެވެ. މުޙައްމަދު ޒާުހިރާ އޭނާއާއި އެއްބަޑު އެއްބަފާ ދެ އަންހެން ބެއިންވެސް އަރުވާލެވި ފައި ވަނީ ނޮޅިވަރަން ފަރަށެވެ. މި ތިންބެއިންނާ އަޅާލާނީ ކާކު ހެއްޔެވެ. އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނީ ކާކު ހެއްޔެވެ. މިކުދިންގެ ޙާލުގެ ވާހަކަ އިވި ވަޑައިގެން އަަތުޅުވެރިޔާ އެޔަތީމު ތިންބެއިންނާ ބައްދަލު ކުރައްވާ ނޮޅިވަރަމްގެ ތަނަވަސް މީހަކާ ޖާމިނު ކުރުވާ ދަރަނީގެ ގޮތުގައި ވިޔަސް މި ތިންބެއިންނަށް ކާއެތި ކޮޅު ލިބޭނެ މަގު ތަނަވަސް ކޮށް ދެއްވީ އަަތޮޚު ވެރިޔާ އިސްމާޢީލް ނަޞީއެވެ.

    އޭރު ދިވެހު ސަރުކާރަކީ ނަމެއްގައި އޮންނަ ސަރުކާރެކޭ ބުނެވިދާނެއެވެ. ގައުމުގެ ރައްޔިތުންނަށް ބޭނުންވާ އެއްވެސް ކަމެއް ސަރުކާރުން ކޮށެއް ނުދެއެވެ. ގައުމު އޮތީ ތަދުމަޑު ޙާލުގައެވެ.ރައްޔިތުންނަށް ބޭނުންވާ ކާޑު ކޮޅު ދެވޭނެ ފަދަ ފުދުން ތެތިކަމެއް ސަރުކާރަކު ނެތެވެ. ބޭސްފަރުވާ ކުރެވޭނެ ގޮތެއް ވެސް ނެތެވެ.

     އޭރު ލ.އަތޮޅުން ދެކުނުގެ 4 އަތޮޅަކީ ރާއްޖޭގެ މަހުޖަނުން ގިނަ ފުދުންތެރި ހަތަރު އަތޮޅެވެ. ބޭރު ދަތުރުކުރާ 22 ބޮޑުރިޔާ ނަގާ ބޮޑެތި އަރުމާޒު އޮޑިފަހަރު ހުރީ މިއަތޮޅުތަކުގައެވެ. ބޭސް ފަރުވާ ކުރާ ހޮސްޕިޓަލް ހުރީ ސ. ގަމުގައެވެ. މާލޭ ސަރުކާރެއް އޮތުމުގެ އެއްވެސް ބޭނުމެއް މި ހަތަރު އަތޮޅުގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނަކަށް ނެތެވެ.

އެހެންކަމާއެކު މި ހަތަރު އަތޮޅު ހިމެނޭ ގޮތަށް އައްޑޫ ރަދުން ޢަބުދު ﷲ ޢަފީފު އިސްވެ ހުނަވައިގެން އެމަނިކުފާނުގެ އަތްޕުޅުގެ މައްޗަށް މިހަތަރު އަތޮޅުގެ ބޮޑުން ބައިޢަތުހިފާ ސުވެލްދީބުގެ ނަމުގައި އާސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ކުރެއްވިއެވެ. މީ އެމީހުން ދެކޭގޮތުގައި ބަޣާވާތެއް ނޫނެެވެ. މި ހަތަރު އަތޮޅުގައި މިދެންވި ސަރުކާރު އެކުލަވާލުމަށްޓަކާ ކުރި އިންގިލާބެކޭ ބުނެވި ދާނެއެވެ. ބޭނުމެއް ނުފުދޭ ސަރުކާރެއްގެ ހިރިޔާ ފައިތުރާ ދަށުގައި މި ހަތަރު އަތޮޅުގެ ރައްޔިތުން ތިބުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. ރަނގަޅަސް ނުބަޔަސް އޭރު އެމީހުންގެ ވިސްނުން ހުރީ މިގޮތަށެވެ.

     ހަވަރުތިނަދޫގެ މަހުޖަނު ހިރިހަމައިދި ކަލޭފާނާ އެ ކަލޭފާނުގެ ދެދަރިކަލުން އަބު ﷲ ކަތީބު އާ ސަޢީދު ކަތީބަކީ މަރުޙޫމް މުޙައްމަދު އަމީނުގެ ވަރަށް އަރިސް ތިން ބޭފުޅުންނެވެ. މުޙައްމަދު އަމީން އަވަހާރަ ކޮށްލުމުގެ އަޑީގައި ތިއްބެވީ ވެލާނާގޭ ބޭފުޅުން ކަމަށް ވީތީ ކަލޭފާނާ ދެ ކަތީބުން ވެލާނާގޭ އިބްރާހިމް ނާސިރަށް ތާއީދެއް ނުކުރެއެވެ. އެހެންކަމާ އެކު މަރުހޫމް ނާސިރުގެ ކޯފާ މި ތިންބަފައިންގެ މައްޗަށް އަބަދުވެސް އަމާޒުވެފައި އޮންނަކަމަށް ބުނެވެއެވެ.

     ހިރިހަމައިދި ކަލޭފާނަކީ ދިވެހި ސަރުކާރަށް ވުރެ މުއްސަނދި އަދި ފުދުންތެރި ބޭފުޅެކެވެ.އެހެން ކަމުން މަަލޭގެ ކަމުވޮށި ވެގެންވާ ގިނަ ޢިއްޒަތްތެރި ބޭފުޅުން ތިއްބެވީ ހިރިހަމައިދި ކަލޭފާނުގެ ގާތް އެކުވެރީންގެ ގޮތުގައެވެ. އަދި މާލެއާ ރާއްޖޭގެ އެތައް ބަޔަކަށް ހިރިހަމައިދި ކަލޭފާނު ވަނީ ލޯނުވެސް ދެއްވާފައެވެ. އޭރުގެ ބޮޑުތަދުގައި ދިވެހި ސަރުކާރަށް ހުވަދު އަތޮޅުގެ ރައްޔިތުން ބަނޑަށްޖެހި މަރުވަމުން ދިޔަ އިރު ކޮށްދެވުނު އެއްވެސް ކަމެއް ނެތެވެ.

މުޅި އަތޮޅުގެ 20 ރަށުގެ ރައްޔިތުން ބެލެހެއްޓިީ ހިރިހަމައިދި ކަލޭފާނެވެ. އެހެން ކަމުން އަތޮޅު އެންމެންގެ ލޯތްބާ އިޙުތިރާމު މި ކަލޭފާނުގެ މައްޗަށް އޮހެމުން ދިޔައެވެ. ދެކުނުގެ މި ގުޖަޑު ގައި ބައިވެރިވީ އެހަތަރު އަތޮޅުގެ ތަނަވަސް އަދި ރައްޔިތުންގެ ލޯތްބާ އިޙުތިރާމް ލިބިފައިވާ މަދު ބައެކެވެ. ތިނަދޫގެ މުޅި އާބާދީ ކަނޑަށް ދޫކޮށްލީ މި ގުޖަޑުގައި އެންމެން ބައިވެރި ވާތީއެއްނޫނެވެ. ދިވެހި ސަރުކާރުން ހިރިހަމައިދި ކަލޭފާނާމެދު އުފައްދާފައިވާ ނަފުރަތުގެ އަލިފާން ގަޑުގެ ޝަޒާއެއްގެ ގޮތުގައެވެ.

(މުޙައްމަދު ޒާހިރުގެ އިންޓަވިއު)

    އަދި ނުނިމޭ….

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް