ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާ-1

Loading

Facebook
Twitter
WhatsApp


ހަވަރު ތިނަދޫން މީހުން ބޭލި ކާރިސާއަކީ ދުނިޔޭގެ އެއްވެސް

ސަރުކާރަކުން ހިންގާފައި ނުވާފަދަ އަނިޔާވެރި ޖަރީމާއެކެވެ.

     1962 ވަނަ އަހަރު ހަވަރު ތިނަދޫ އިން އެރަށުގެ 4800 ރައްޔިތުން ރަށުން ބޭލުވި ބޭލުމަކީ އިން ސާނިޔަތުގެ

ކުޑަވަރުވެސް ނެތް އަނިޔާވއިން ފުރިގެންވާ ބިރު ވެރި ޖަރީމާއެކެވެ. ކުޑަކުދީންނާ މުސްކުޅީންނާ ކިރުދޭ ކުދީންނާ ކުޑަކުދީންގެ އިތުރުން ވިހަން ބަނޑުގައި ރިހި ރިހި ތިބި އަންހެނުން ނާ ފަތަން ނުދަންނަ މީހުނާ ތިބި އިރު އެންމެހައި ރައްޔިތުން އާމާން ދީފައި ވަނިކޮށް ޢުމުރު ދުވަހު ކުރި މަސައްކަތާ ގެދޮރުން ބިރުދައްކައިގެން ގަދަކަމުން ބޭރުކޮށްލީ ވަށައިގެން ކަނޑު އޮތް ހަވަރު ތިނަދޫ ގެ ފަރުތެރެއަށެވެ. 

މީހުން ފައިބާރަށްހުސް ކޮށް ރަށުގެ ބިން ސަރުކާރާ ޙަވާލުކުރުމުގެ އަނިޔާވެރި ބޭއިން ޞާފު އަމުރު ދިވެހި ސަރުކާރުން ނެރުނެވެ. ހަވަރު ތިނަދޫގެ 4800 ކުދިބޮޑު އެންމެގެ ރުއިމުގެ އަޑުން މުޅިރަށް ހިތާމަވެރި ރަނގަބީލް ޖަހަނީއެވެ. އިޙުސާން ތެރި ކަމުގެ އިޙުސާސެއް ހުރި އެކަކުވެސް ސަރުކާރުން ތިނަދޫއަށް ފޮނުވި ސިފައިންގެ ކިބައިގަ އާއި އަދި ވަޒީރުލް އަޢުޒަމްގެ ކިބައިގާވެސް ނެތޭ ދެންނެވިދާނެއެވެ. ކުޑަ ކުދީންނާ ވިހަން ބަނޑުގައި ރިހި ރިހި ތިބި އެތައް އަނުހެނުންނާ މުސްކުޅީންނާ ތަންމަތި ވެފައި ތިބި މުސްކުޅިން ރަށުގެ ފަޅުތެރެއަށް ފައިބަން ސަރުކާރުން މަޖު ބޫރު ކުރުވިއެވެ. މުޙައްމަދު ޒާހިރު ނުހަނު އަސަރާއެކު ވިދާޅު ވިއެވެ. މުޙަންމަދު ޒާހިރަކީ ހިރިހަމާދި ކަލޭފަނުގެ ޢަބުދުލް މުޢްނީގެ ދަރިކަލެކެވެ. ޢޭރު ޢުމުރަކީ 7 އަހަރެވެ. މި ބަޔާން ކުރަނީ މުޙަންމަދު ޒާހިރަށް ފެނިފައިވާ އަދި އޭނާ ހާމަ ކުރެއްވި ތެދު ޙަގީގަތެވެ.

     މުޙަންމަދު ޒާހިރު ވިދާޅުވިއެވެ. ހަވަރު ތިނަދޫގެ ފަޅަށް ރަށުއެންމެން ފައިބަން ދިވެހި ސަރުކާރުން މަޖުބޫރު ކުރި އެރެޔަކީ ގަދަވަޔާއެކު ވިއްސާރަ ކުރި ރެއެކެވެ.ރައްޔިތުންގެ ރުއިމުގެ އަޑުން މުޅި ޖައްވާ ފަޒާގައި ވަނީ ހިތާމަޔާ މޮޅިވެރި ކަމުގެ ސާލެއް ފަތުރާފައެވެ. ކަނޑުވެގެންނާ ހިއް ހުއްޓިގެންނާ އެކި ގޮތްގޮތުން އެރޭވެސް އެތައްބަޔަކު ވަނީ މިދުނިޔެ ދޫކޮށްފައެވެ. ދާނީ ވެސް ވަކި ކޮންތާކަށް ހެއްޔެވެ. ގެދޮރާ މުދާ ދޫކޮށް މުޅިހަޔާތް ވޭތުކުރި އަމިއްލަ ރަށާ ވަޒަނުން ނެރެ އެއްލާލުމުން އެންމެން އެތިބީ ކަނޑު ވެފައެވެ. އެހީތެރި ކަމުގެ އަތެއް ދިއްކޮށްލާނީވެސް ކާކު ހެއްޔެވެ.

     ދުވަސް ވަރަކީ ސިޓީ ބިޓީ ފޮނުވައިގެން އެއްރަށު މީހުން އަނެއްރަށު މީހުންނާ ކޮމިޔުނިކޭޓް ކުރަމުން ދިޔަ ދުވަސް ވަރެކެވެ. އެރޭ އޮޑި ދޯނި ފަހަރަށް އެރެވުނު މީހުން ދިޔައީ ކާނޑެއްދޫ އަށާ މާގޮނޑި ރެހާ އަށާ މަޑަވެއްޔަށެވެ. ރައްޔިތުން ތިބީ އެ ފަޅުރައްރަށުގެ ގޮނޑު ދޮއް ތަކުގައި ބަނޑަހަ ޖަހައިގެންނެވެ. އެއްދުވަސް ވުމަށްފަހު އެބައެެއްގެ ރަހުމަތް ތެރިތިބި ރަށްރަށަށް ޙިޖުރަކުރަން ފަށައި ގަތެވެ. ބަނޑުފައިވެ ޙާލު ދެރަވެފައިވާ އެތައް ކުޑަކުދީންނާ އެތަކެއް މުސްކުޅިންނާ އެކު ރިޔަލު ދޯނިފަހަރުގާ ދަތުރުތައް ފެށައިގަތެވެ.

މީގެ ތެރޭގައި މުޙައްދު ޒާހިރާ އޭނާގެ ދެ ކޮށްކޮ ވެސް ހިމެނެއެވެ. އޭރު މުޙަދު ޒާހިރުގެ ބައްޕަ ވަނީ ނިޔާވެފައެވެ. މަންމަ ވީ އެހެން ރަށެއްގައި ކަމުން ޔަތީމު ޒާހިރުގެ ތިންބެއިން އުޅޭނެ ނިކަމެތި ޙާލު ވަޒަން ކޮށް ލައްވާށެވެ. ފަޅުރަށްރަށުގެ ގޮނޑު ދޮށާ ކައިރި ގަސްތަކުގެ ތެރޭގައި މަތީގައި ހޮހަނޑަ ވެޔޮ ދަމާ އޭގެ މަތީގައި މަގޫފަތް އަތުރައިގެން ވެސް އާއިލާތަކުގެ އެންމެން އެތަންތާގައި އެތައް ދުވަހެއް ހޭދަ ކުރި އެވެ. 

ހަވަރު ތިނަދޫ އަކީ ރައްޖޭގެ ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. އެދުވަސްވަރު ރާއްޖޭގައި ހުރި އެންމެ ބޮޑު މަހުޖަނު ހިރިހަމައިދި ކަލޭފާނުގެ މުޅި ޢާއިލާ އާ އޭނާގެ އަރުމާދު އޮޑިފަހަރާ ފައިސާ އާ ގެދޮރާ މުޅި މުދާއޭރުގެ ދިވެހި ސަރުކާރުން އެވަނީ ހިފައިފައެވެ. ޢާއިލާ ނެތިކޮށްލީ ޒަހަރުދީގެންނެވެ. މީ އަނިޔާވެރި ވުމުގެ ހައްދުން ވެސް ބޭރު ޢަމަލެކެވެ. ހިރިހަމައިދި ކަލޭފާނުގެ މުޅި މިލްކިއްޔާތު ވަނީ ސަރުކާރުން ނަގާފައެވެ.

     އޭގެ ދުވަސް ކޮޅެއް ފަހުން ހަވަރު ތިނަދޫ އިން އަތޮޅުގެ ރަށްރަށަށް ހިޖުރަ ކުރި ޖަލަށް ގެންދިޔަ މީހުންގެ އާއިލާ މާލެ ގެނެސް މާ މަކުނު ދުއަށާ ގޮއިދުއަށް އަރުވާލީއެވެ. މި އަރުވާލި މީހުންގެ ތެރޭގައި ޔަތީމު މުޙައްމަދު ޒާހިރުގެ 3 ބެއިންވެސް ހިމެނުނެވެ.ކޮން ކުށެއް ކުރި 3 ކުދިންބާވައެވެ. މި ތިންބެއިންގެ މައިންބަފައިންގެ އެއްވެސް ދައުރެއް ތިނަދޫގައި ހިނގާދިޔަ ހަމަނުޖެހުމަގައި ހިމެނިފައި ނުވާއިރު ހިރިހަމައިދި ކަލޭފާނަށް ކާފަ ވިދާޅުވާތީ އެކަމުގެ ހަސްކާ އެއްގެ ގޮތުން ކުށެއް ނެތް މައުޞޫމު މި ތިންބެއިން އެއްވެސް ބަލަދުވެރިޔަކާ ނުލާ ރަށަކަށް އަރުވާލުމަކީ އަނިޔާވެރިކަމުގެ މިސާލެއް ކަމުގައި މެނުވީ ނުވާނެއެވެ.

ދިވެހި ސަރުކާރުގެ ބޮޑުވަޒީރުގެ އޯޑަރަށް ހަވަރުތިނަދޫ އިން ކުށްވެރިންގެ ގޮތުގައި ހިމަރޯނުން ބަނދެގެން މާލެއަށް ގެނައިމީހުން މާލެއަށް ބާލައިގެން ބޫޓުންނާ މުގުރުން ތަޅަމުން ހެންވޭރު ބޯޅަދަނޑުގެ އިރު ދެކުނުގައި ހުރި ޖަލާހަމައަށް ގެބެވުނު އިރު އެތައްބަޔަކު ހޭނެތިގެން ވެއްޓިފައި ވެއެވެ. ހަވީރުގެ ވަގުތެއްގައި ޖަލަށް ލެވުނު ތިނަދޫގެ ގެ އެތައްބަޔަކު އެރޭވެސް ވަނީ މަރުވެފައެވެ.

    ހަވަރު ތިނަދު ގެ އެންހައި ރައްޔިތުން ރާއްޖޭގެ ވަޒީރުލް ޢައުޒަމް ގެ އޯޑަރަށް ގަދަކަމުން ބޭލުވި ކާރިސާއަކީ އިސްރާއީލުގެ ސިފައިން ފަލަސްތީނުގެ ރައްޔިތުންނަށް ދެމުން ގެންދާ އަނިޔާއަކަށްވުރެވެސް މާ ބިރުވެރި މާ ނުރައްކާތެރި އަނިޔާ ތަކެކެވެ. އެދުވަސް ވަރަކީ ރާއްޖޭގެ ރައްޔިތުންނަށް އިގްތިޞާދީ ގޮތުން ނުހަނު ފަގީރު ދުވަސް ވަރެއް ކަމަށް ވުމުން އަރުވާލާފައި ތިބި މީހުންނަށް ކާއެތި ކޮޅު ލިބޭނެ ގޮތެއްނޯވެއެވެ.

     މިފަފަ ފަގީރު ޙާލަތުގައި ރައްޔިތުން ތިއްބާ މަޔަކު ބަފަޔަކު ނެތް ކުޑަކުދީންތަކެއް އެއްވެސް ޙަވާލުދާރަކާނުލާ އަރުވާލުމަކީ އެކުދީންނަށް ސަރުކާރުން ދިން ދުވަހަކުވެސް ހިތުން ނުފިލުވޭވަރުގެ އަނިޔާ އަކަށް ނުވެދާނެ ހެއްޔެވެ.

      ހިރިހަމައިދި ކަލޭފާނަށް ކާފަ ވިދާޅުވާ މިތިންބެއިންނަށް ކާއެތި ކޮޅު ލިބެން ފެށީ ބ.އަތޮޅުގެ އަތޮޅު ވެރިޔަކަށް ހުންނެވި މއ. ބޯގަންވިލާ އިސްމާޢީލް ނަޞީރުގެ އޯގާވެރި ކަމުންނެވެ.

ކިޔައިދެއްވީ: މުޙައްމަދު ޒާހިރު – ތިނަދޫ

  ނުނިމޭ…

Loading

6 Responses

  1. ތިނަދޫ ހަވަރުތިނަދޫއަށް ބަދަލުވީ ކިހިނަކުން ތޯއެވެ. ފަހަލަގެ ތިގެންސްދެއްވާ ޒާހިރުގެ ސްޓޯރީ އެކުގައި ކިޔާލަން ބޭނުމެވެ. ހިތައްއަރަނީ ދައުލަތާއި ދެކޮޅު ބަޣާވާތެއް ކޮށް ހަނގުރާމަ ޢިއުލާނުކުރެވި ދައުލަތުން ބައެއް ބީވެގެންދާހިސާބަށް ދިއުމުން ދައުލަތް ސަލާމަތްކުރުމަށް ބަޣާވާތުގެ މީހުންނަށް ޙަމަލަދީ ބަލިކުރުމަށް ޑިކްރީ ނެރެވުނީމާ އެހަނގުރާމައިގާ އެކަމާއި ނުބެހޭ ކިތަކެއް މީހުން މަރުވެ ޒަޚަމްވެސް އަދި ބިކަވެ ރިފިއުޖީންނަށް ވާނެ ނޫންހެއްޔެވެ. މިއަދު ޔޫކުރޭން ޢައި ރަޝިޔާގެ ހަނގުރާމައިގާވެސް ގިނައިން މަރުވެ ގެދޮރުން ބޭރުކުރެވި އެމީހުންގެ އެންމެހާ މުދާތަށް ގެއްލި ފުނޑި އަދި އެބައިމީހުން މިލިޔަނުން މިލިޔަނުން ރެފިއުޖީންގެ ގޮތުގައި އެހެން ގައުމުތަކަށް ވިއްސިވިހާލި އެވެފައި ތިބީނޫންތޯއެވެ. ވީމާ ދައުލަތާއި ދެކޮޅަށް ވަކިވެގަންނަން ބަޣާވާތްކުރި މީހުންގެ ޒިންމާއެއް ނެގުމެއް ނުވަނެތޯއެވެ. މިހާރު ވެއްޖެއްޔާ މިސައިލުންނާއި މަތިން ކާޕެޓް ބޮންވެސް އަޅާނެއެވެ. އޭރުން މަރުވާނީ ބަޣާވާތުގެ ބޮޑުން އެކަންޏެއް ނޫނެއްނޫންތޯއެވެ. ވަރަށް އިންތިޒާރު ކުރަން ތި ސްޓޯރީ އެކުގައި ކިޔާލަން. ޝުކުރިއްޔާ!

  2. އިސްލާމީ ވެރިޔަކާއި ދެކޮޅަށް ބަޣާވާތްކުރުމަކީ މުސްލިމަކާއި އެކަށީގެންވާ ކަމެއްތޯ ފުރަތަމަ ބަލައިލަ ބަލަ. މި ޙާދިޘާ ކިޔައިދީފައިވާ ވާހަކައަކީ، ކުށްވެރިޔާގެ ކުށް ފޮރުވާފައި ޢަދުލުއިންޞާފުގައި އޮތީ އަނިޔާކަން ދައްކަން އޮތްކަން ވަރަށް ސާފު.

  3. މިޙާދިސާ ދަންނަ ދޮށީ ޢުމުރުގެ މީހުންނަށް އެގޭވަރެއް ކޮމެންޓް ކުރެއްވުމަކީ ވަރަށް މުހިންމުކަމެކެވެ.

  4. ހަވަރުތިނަދޫ ނުވަތަ ތިނަދޫގެ ރައްޔިތުންނަށް މެދުވެރިވިގޮތާމެދު ހިތާމަކުރަމެވެ. އެހެނަސް ތާރީޚީ ހާދިސާއަކަށް އަލިއަޅުވައި ލިއުއްވާއިރު ހަމައެކަނި އެއްފަރާތެއްގެ ވާހަކަތައް ގެނެސްދިނުމުން ހަގީގަތް އޮޅޭނެއެވެ. އެ ދުވަސްވަރު އިނގިރޭސީން މުޅިދުނިޔޭގައިވެސް ކަންތައްކުރަމުންގެންދިޔައީ މިނިވަންކަންދިނުމުގެ ނަމުގައި ގައުމުތައް ބައިބައި ކުރަމުންނެވެ. އިނގިރޭސީންގެ ދަށުން މިނިވަންވުމަށްޓަކައި އަވަށްޓެރި އިންޑިއާ ކަހަލަ ބައެއްގައުމުތަކުގައި މުޅި ރައްޔިތުންކަހަލަގޮތަކަށް ނިކުމެކުރި ޖިހާދުގައި އެތައްބަޔަކު މަރުވެ ދިޔައެވެ. އެންމެ ކައިރިން އިންޑިއާއަށް ބަލާލާއިރު މިނިވަންކަން ހޯދުމުގައި އެންމެ އިސްދައުރެއް އަދާކުރެއްވި އެ ގައުމުގެ ބާނީ މަހާތުމާގާންދީއަށް ނުރުހޭ ބަޔަކު އޭރުވެސް އުޅުނެވެ. އެންމެފަހުން އެ ނަފްރަތުގެ ޝިކާރައަކަށް ވެގެން މަހާތުމާގާންދީ މަރާވެސް ލީއެވެ. އެކަމަކު މިހާރުވެސް މަހާތުމާ ގާންދީ އަކީ އިންޑިއާގެ ބޮޑުތަކުރުފާނެވެ.

  5. ތިނަދޫގެ މައްސަލާގައި އޭރުގެ ސަރުކާރުން އެހާ ހަރުކަށިކޮށް އަމަލުކުރަން ޖެހުނު ސަބަބެއް ހަމަ ގައިމުވެސް އޮންނާނެއެވެ. ގައުމެއްގެ ބަޔަކު ވަކިވެގަތުމަށް މަސައްކަތްކުރުމަކީ ބަޣާވަތްކުރުމެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި އުތުރުގެ ގަޑުބަޑު އަދި ދެކުނުގެ ބަޣާވަތުގެ ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ބައެއްކަންތައް އެބަހުއްޓެވެ. މިސާލަކަށް އުތުރުގެ ގަޑުބަޑުގައި އެތަނަށް މިނވަންކަން ދެކުނުގެ ބަޣާވަތުގައި އެތަނަށް މިނިވަންކަން ދިނީމާ މި ކުޑަކުޑަ ރާއްޖޭގައި ހުކުރު ހަމަނުވާ އާބާދީތަކެއްގެ ތިން ސަރުކާރު އުފެދުނީއެވެ. ކޮންމެ ހުކުރުދުވަހަކު މުޅިގައުމުގެ އެންމެން އެއްރަށަކަށް ޖަމާކޮށްގެން ހުކުރުކުރުން މިއީ ބޮޑު ޖޯކެއްނޫންހެއްޔެވެ. ހަމަވިސްނުމުގައި ތިބެ ވިސްނާލާނަމަ މިއަދުވެސް މިގައުމުގައި އުތުރާއި ދެކުނުވެސް ޝާމިލުވާގޮތުގައި މަލިކު އިންޑިއާއަށް ދިން ރަސްކަލަކާމެދު ނަފުރަތު ނުކުރާނެ އެކަކުވެސް ނުހުންނާނެއެވެ. ގައުމިއްޔަތަކީ އެއީ އެވެ.

  6. މަޖްބޫރުވެގެންނަމަވެސް އިނގިރޭސީން މިނިވަންކަންދިން ކޮންމެގައުމެއްއެއޮތީ ބަހާ ފޮތިފޮތިކޮށްލާފައެވެ. ދުވަހަކުވެސް ހަމަޖެހުމެއްނުލިބޭވަރަށް އެގައުމުތަކުގެ ރައްޔިތުންގެމެދުގައި އެއްބަޔަކު އަނެއްބަޔަކަށް ރުޅިވެރިކަން އުފައްދާފައެވެ. އެކަމަކު އެމީހުން ބޭނުންވަނީ ޔޫރަޕިއަން ޔުނިއަން އުފައްދައިގެންވެސް އެމީހުންގެތެރޭގައި އެއްބައިވަންތަކަން ކަށަވަރު ކުރާށެވެ. އަދި ނުވިތާކަށް ދުރު އަވަށްޓެރިންނަށްހުތްލައިގެންވެސް އެބަލަނީ ބައިގަނޑުގެ ތެރެއަށް ވެއްދޭތޯއެވެ. މިއިން ފިލާވަޅު ލިބިގަންނަން އެބަޖެހެއެވެ. ގިނަގައުމުތައް މިނިވަންކަން ހޯދީ މުޅިގައުމުއެކުގައި ތެދުވެގެންނެވެ. މިގައުމުގައި ތެދުވީ ހަމައެކަނި އެންމެ ފަރުދެކެވެ. އޭނާއަށް އެންމެރަނގަޅަށް ނުކުރެވުނު ކަންތައްތަކެއްވެސް ހުންނާނެއެވެ. އެކަމަކު އެހެން ކޮމެންޓެއްގައި އޮތްފަދައިން ހުކުރު ހަމަނުވާ އާބާދީއެއްގެ ތިންގައުމަކަށް ވުމުން ސަލާމަތްކޮށްދީފިއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް