ރަޝިޔާ ޔޫކުރޭން ހަނގުރާމަ 

Loading

Facebook
Twitter
WhatsApp

ވިސްނާފިކުރު ނުކޮށް ތިއްބަސް ދުނިޔެއަށް މިދުވަސްވަރު ކުރިމަތިވެފައިވަނީ ނުރައްކާތެރި ހަނގުރާމައިގެ ޙާލަތެކެވެ. އެ ހަނގުރާމައިގާ ސީދާގޮތުންނާއި ނުސީދާގޮތުން ބައިވެރިވަނީ ދުނިޔޭގައި އޮތް އެންމެ ބާރުގަދަ ގައުމުތަކެވެ. މާއްދިއްޔަތާއި ތަނަވަސްކަމުގެގޮތުން ބެލިޔަސް އެންމެ ކުރީ ސަފުގައި ތިބި ގައުމުތަކެވެ. ފަނާކުރަނިވި ހަތިޔާރުތައްވެސް އެންމެ ގިނަ ގައުމުތަކެވެ. 

ދުނިޔޭގައި ދިރިއުޅޭ އެންމެހާ އިންސާނުންނާމެދު ގޮތްކިޔަމުންގެންދާ ގައުމުތަކެވެ. އެމީހުންގެ ދުޝްމިނުންނަކީ ދެންތިބިމީހުންގެ ދުޝްމިނުންނަށް ވާންޖެހެއެވެ. އެމީހުންގެ ރުހުންލިބިފައިވާ މީހުންނަކީ އަނެކުންގެ ރުހުންލިބިފައިވާ މީހުން ކަމުގައި ވާންޖެހެއެވެ. އެމީހުންގެ ބާރުހުރި މިންވަރު ރަމްޒީގޮތެއްގައި ހާމަކޮށްލަން ބުނެއުޅެނީ “ މިވެނި ޝަހަރެއް ބިމާހަމަކޮށްލުމަށް އަހަރެމެން ބޭނުންވަނީ ހަމަ އެންމެ 30 ސިކުންތު “ އެވެ. ހީރޯޝީމާ އަދި ނާގަސާކީ އެއޮތީ މީގެކުރިން އެމެރިކާއިން އެކަން ދައްކާފައެވެ. އަދި އެއީ މީގެ 80 ވަރަކަށް އަހަރު ކުރިއެވެ. 

މިއަދުގެ ނުރައްކާތެރިކަން ހިތަށްވެސް ނުގެނޭވޭނެއެވެ. އެހެންކަމުން މިހާރު ހިނގަމުންދާ ހަނގުރާމައަށް ވަމުންދާގޮތް އެނގުމަކީ ބޭނުންތެރިކަމެކެވެ. ހަނގުރާމަ ކުރަމުންގެންދާ ގައުމުތަކުގެ އިންފާރުން ބޭރަށްމިހަނގުރާމަ ފުޅާވެގެންދާނެ ވަގުތެއް ނޭގެއެވެ.                                 

ޔޫކްރެއިންގެ މިލިޓްރީ އިންޓެލިޖެންސް ގެ ވެރިޔާގެ ނައިބު ވަޑީމް ސްކިބިޓްސްކީ ވިދާޅުވާގޮތުގައި މިހާރު ރަޝިޔާއާއިއެކު ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގައި ޔުކްރެއިންގެ ހަތިޔާރު ހުސްވަނީއެވެ. އެނާ އިތުރަށް ވިދާޅުވިގޮތުގައި ބޭރުން ލިބެމުންދާ ހަތިޔާރުތައް ހަނގުރާމައިގެ ކުރީސަފަށް ބަރާބަރަށް ލިބެމުން ދެއެވެ. އެކަމަކު ކުރިމަތިލުންތައް ކުރިއަށްދަނީ ޔޫކްރެއިނުން އަންދަޒާ ކުރިވަރަށްވުރެން މާ ނުރައްކާތެރިގޮތަކަށެވެ. ދަ ގާރިޑިއަން އަށް ދިން ބަސްދީގަތުމުގައި އޭނާ ވިދާޅުވީ ޔޫކްރެއިނުގެ ހަތިޔާރުގެ ނިސްބަތަކީ ރަޝިޔާގެ ކޮންމެ 10 ނުވަތަ 15 އެއްޗަކަށް ހަމައެކަނި އެކައްޗެވެ. 

އަހަރެމެން އަތުގައިހުރި ހަތިޔާރުތައް މިހާރު ގާތްގަނޑާކަށް ހުސްވެއްޖެއެވެ. މިހާރު އަތުގައިހުރީ ހަމައެކަނި ނޭޓޯ ސްޓޭންޑަރޑްގެ 155 ކެލިބަރގެ ޝެލް އާއި ޔޫރަޕްގެ ގައުމުތަކުން ފޮނުވި އެއަށްވުރެން ދަށް ކެލިބަރުގެ ޝެލް އެކަންޏެވެ. ޔޫރަޕްގެ ގައުމުތަކުގައި ހަތިޔާރު މަދުވަމުންދާތީ މިހާރު ލިބެމުންދަނީވެސް ވަރަށް މަދުންނެވެ. 

އަހަރެމެން އަތުގައި މިހާރު ހުރި ހަތިޔާރުގެ ފަނަރަ އިން ސައްތައަކީ އެކުވެރި ގައުމުތަކުން ފޮނުވި ހަތިޔާރެވެ. މިހާތަނަށް އެކުވެރި ޔޫރަޕްގެ ގައުމުތަކުން ޔޫކްރެއިންގެ ހައެއްކަ މިލިއަން ރެފިއުޖީންނަކާ ހަވާލުވެފައިވާއިރު އެމެރިކާއިންވެސް އެއްލައްކަ ރެފިއުޖީންނާ ޙާވާލުވާނެކަމަށް ބުނަމުން ގެންދެއެވެ. އަދި ޔޫކްރެއިނުގެ ތެރޭގައިވެސް އަށެއްކަ މިލިއަން މީހުންގެދޮރު ގެއްލި ވިއްސި ވިހާލި ވެގެން އުޅޭކަމަށް ބައިނަލް އަގްވާމީ މައިގްރޭޝަނާ ބެހޭ ޖަމްއިއްޔާއިން ބުނެއެވެ.                                      

އެންމެފަހުގެ ޚަބަރުތަކުން އެނގެމުންދާ ގޮތުގައި ޔޫކްރެއިންގެ ސިޔާސީ ބޭފުޅުންގެ ފޯނުތައް ހެކްކުރަމުން އެބަގެންދާ ކަމަށް ސައިބަރ ސެކިއުރިޓީ އޮފިޝަލުން ހާމަކުރަމުން ގެންދެއެވެ. ޔޫކްރެއިންގެ ސްޓޭޓް ސްޕެޝަލް ކޮމިޔުނިކޭޝަންސް ސަރވިސްގެ ވެރިޔާގެ ނައިބު  ވިކްޓަރ ޒޯރާ ހާމަކުރާގޮތުގައި ފޯނުތައް ހެކްކުރުމަށް ބޭނުންކުރަނީ ވަރަށްބޮޑަށްކުރިއަރާފައިވާ ޒީރޯކްލިކް ނަމަކަށްކިޔާ ސްޕައިވެއަރެކެވެ.                    

ރަޝިޔާ ޔޫކްރެއިންގެ ހަނގުރާމައަށް ބަލާއިރު މިހާރު އެންމެ ބޮޑަށް ފާހަގަކުރެވެނީ ހަނގުރާމަ ދިގުލައިގެންދާނަމަ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކުން ޔޫކްރެއިނަށް ދެމުންގެންދާ ހަތިޔާރާއި ފައިސާގެއެހީތައް ބޮނޑުނަގުލަށް ވެގެން ހިނގައިދާނެ ކަމުގެ ބިރެވެ. މިހާރުވެސް އެކަމުގެ ނިޝާންތައް ދަނީ ފެންނަމުންނެވެ. ސުލްޙާއަށްޓަކައި އިޓަލީ އަދި ފްރާންސުން ހުށައެޅި ހުށައެޅުންތަކަށް ލިބުނީ ވަރަށްބޮޑެތި ފާޑުކިއުންތަކެކެވެ. ޔޫކްރެއިންގެ ރައީސް ވިދާޅުވާގޮތުގައި އެމެރިކާއާއި ޔޫރަޕްގެ ވިސްނުމާއެއްގޮތަށް ހަނގުރާމަ ހުއްޓާލަން އެއްބަހެއް ނުވެވޭނެއެވެ. 

އެމީހުންގެ ހުށައެޅުންތަކުގައި އެމީހުންނަށް މޮޅުގޮތްތަކެއް އޮވެދާނެއެވެ. ސުލްޙައިގެ އެއްބަސްވުން ބިނާ ވާންޖެހޭނީ ޔޫކްރެއިނުން ކަނޑައަޅާ ޝަރުތުތަކެއްގެ މައްޗަށް އެކަންޏެވެ. އެހެންނަމަވެސް ބައެއް ސިޔާސީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާ ގޮތުގައި މިހާރުވެސް ހިނގަނުންދާ ހަނގުރާމައިގެ ސަބަބުން މަހަކު ގާތްގަނޑަކަށް 5 ބިލިއަން ޑޮލަރު ޔޫކްރެއިނުން ހޭދަކުރަން ޖެހިފައި އޮތުމުން ހުޅަނގުގެ ގައުމުތަކަށް ބަރޯސާވުންނޫން ގޮތެއް ޔޫކްރެއިނަކަށް ނެތެވެ. 

ޔޫކްރެއިނަށް ބޭނުންވާ ހަތިޔާރު ހޯދުމަށްވެސް ހުޅަނގަށް ދިއުން ނޫންގޮތެއް ނޯންނާނެއެވެ. ފެންނަ ފެނުމަށް ރަޝިޔާއިން އޮތީ ހަނގުރާމަ ދިގުދަންމާލުމުގެ ވިސްނުމެއްގައެވެ. އެންމެފަހުން ހުޅަނގުގެ ގައުމުތަކުގެ ރާގު ބަދަލުވެ އަދި ޔޫކްރެއިނަށް ޖެހޭނީ ކަކޫމައްޗަށް ތިރިވާންކަން އެސޯޝިއޭޓެޑް ޕްރެސް އަށް ދިން ބަސްދީ ގަތުމެއްގައި ބައެއް ސިޔާސީ ފަރާތްތަކުން ލަފާކޮށްފައިވެއެވެ.                                 

ރަޝިޔާގެ ރައީސް ޕުޓިން ވިދާޅުވަނީ ހުޅަނގުގެ ގައުމުތަކުން ރަޝިޔާގެ ތެލާއި ގޭސް ބޭނުންކުރުން ހުއްޓުމަށް ކުރާ މަސައްކަތުގައި އަހަރުތަކެއް ނަގާނެކަމަށެވެ. ޖަރުމަނުން ބޭނުންކުރާ ނެޗްރަލް ގޭސް ގެ 35 އިން ސައްތަ  މިހާރުވެސް  ގަންނަނީ ރަޝިޔާ އިންނެވެ. އަދި މިއަހަރު ހަކަތަ ވިއްކައިގެން މިހާތަނަށް ރަޝިޔާއަށް ލިބުނު ފައިދާވެސް އެތައް ގުނައަކަށް އަރައިފިއެވެ. 

ޔޫރަޕިއަން ޔުނިއަން ގައި ހިމެނޭ ގައުމުތަކުން ރަޝީޔާގެ ތެޔޮ އެތެރެނުކުރަން ނިންމި ނަމަވެސް ރަޝިޔާގެ ގޭސް އެތެރެކުރުން މަނައެއްނުކުރެއެވެ. ނަތީޖާއެއްގެ ގޮތުން މިއަހަރު ރަޝިޔާގެ ތެލާއި ގޭސްގެ ވިޔާފާރީއިން 285 ބިލިއަން އެމެރިކާ ޑޮލަރު ލިބޭނެ ކަމަށާއި އަދި އެއީ 2021 ވަނަ އަހަރާ އަޅާބަލާއިރު 20 އިން ސައްތައި އިތުރުވުމެކެވެ. 

ޔޫރަޕިއަން ޔޫނިއަންގައި ހިމެނޭ ގައުމުތަކުން މިއަހަރު ނިމުމުގެ ކުރިން ރަޝިޔާގެ ތެޔޮ ގަތުން 90 އިން ސައްތަ މުދުކުރަން ވަނީ އެއްބަސްވެފައެވެ. އެކަމަކު އެމެރިކާއިން ބުނާގޮތުގައި ރަޝިޔާއިން ޔޫކްރެއިނަށް އަރާގަތުމުގެ ކުރިއަށްވުރެން މިހާރު ތެލާއި ގޭސް ވިއްކައިގެން އެ ގައުމަށް ލިބޭ އާމްދަނީ މާގިނައެވެ. އެހެންވެގެން އެމެރިކާއިން މިހާރު ގެންދަނީ ރަޝިޔާގެ ތެޔޮ ނުގަތުމަށް އިންޑިއާއަށްވެސް ބާރު އަޅަމުންނެވެ.                                                   

ރަޝިޔާއާއި ޔުކްރެއިންވެސް ހިމެނޭގޮތަށް ކަޅުކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ ބްރެޑް ބާސްކެޓެވެ. ދުނިޔޭގައި އުފައްދާ ގޮދަނުގެ ބާވަތްތަކުގެ 30 އިން ސައްތަ އުފައްދަނީ މި ދެގައުމުގައއެވެ. އޭގެތެރޭން 12 އިން ސައްތަ އުފައްދަނީ ޔޫކްރެއންގައެވެ. ތާރީޚީ އިލްމުވެރިޔަކު ވިދާޅުވެފައިވަނީ ޕުޓިންގެ އަމާޒަކީ ހަނގުރާމަ ދިގުދަންމާލައިގެން ދުނިޔެއަށް ބަނޑުހައި ހޫނުކަމެއް ޢާންމުކުރުމެވެ. ޔޫކްރެއިންގެ އެތައް މިލިއަން ޓަނުގެ ގޮވާމުގެ ބާވަތްތައް ކަނޑުމަގުން ބޭރުކުރަން ހުރަސް އެޅުމުގެ އިލްޒާމު މިހާރުވެސް ޔޫކްރެއިނުން ގެންދަނީ ރަޝިޔާގެ ބޮލުގައި އަޅުވަމުންނެވެ. 

އަދި 400 މިލިއަނަށްވުރެން ގިނަމީހުން ބަނޑަށް ޖެހުމުގެ އަސްލަކަށްވާނީ ރަޝިޔާގެ މި ޢަމަލު ކަމަށްބުނެ ޔޫކްރެއިންގެ ރައީސް މިހާރު ބާރު އަޅުއްވަމުން ގެންދަވަނީ ދުނިޔޭގެ ކާނާއާއިބެހޭ ޖަމްޢިއްޔާގެ މެމްބަރުކަމުން ރަޝިޔާ ވަކިކުރުމަށެވެ.  ނަމަވެސް ޔޫކްރެއިނުގެ ގޮވާމުގެ ބާވަތްތައް ކަނޑުމަގުން ބޭރުކުރަން ރަޝިޔާ ހުރަސް ނާޅާ ކަމަށް އެ ގައުމުން ބުނެއެވެ. ޔޫކްރެއިންގެ މުދާއުފުލާ ބޯޓުތައް ކަޅުކަނޑަށް ނިކުތުމަށް ކަނޑުސިފައިންގެ ރައްކާތެރިކަން ފޯރުކޮށްދޭނެކަމަށް ތުރުކީން ވަނީ އެ ގައުމަށް އަންގާފައެވެ. ނަމަވެސް ޔޫކްރެއިނުން ބާރުއަޅަމުންގެންދަނީ އިތުރަށް ރައްކާތެރިކަން ހޯދުމަށެވެ.                           

ރަޝިޔާގެ ރައީސް ވިދާޅުވީ ރަޝިޔާއިން ފަނާކުރަނިވި ހަތިޔާރު ބޭނުންކުރާނެ ކަމުގެ އިންޒާރު އެއްވެސް ފަރާތަކަށް ނުދޭ ކަމުގައެވެ. އެހެންނަމަވެސް ރަޝިޔާގެ ގައުމިއްޔަތަށް ނުރައްކާތެރި ކޮށްފިނަމަ އެކަމުން ސަލާމަތް ވުމަށްޓަކައި ފަނާކުރަނިވި ހަތިޔާރުގެ ބޭނުންކުރަން ފަސްނުޖެހޭނެ ކަމަށެވެ. ހަމައެފަދައިން ރަޝިޔަންފެޑެރޭޝަންގެ މަޖިލީހުގެ ރައީސް ވިދާޅުވާގޮތުގައި ޔޫކްރެއިނަށް ފަނާކުރަނިވި ހަތިޔާރު ފޯރުކޮށްދީފިނަމަ ޔޫރަޕް އެކުގައި ނެތިގެންދާނެކަމަށެވެ. 

ޕުޓިން ވިދާޅުވާގޮތުގައި ސޮވިއެޓްޔުނިއަންއަކީ ރަޝިޔާގެ ސަރަހައްދެކެވެ. އޭނާ ވިދާޅުވާގޮތުގައި ކަޒަކިސްތާނާއި ރަޝިޔާއާއި ދެމެދު އޮތީ އެއްބަނޑު އެއްބަފާ މީހެއްފަދަ ގުޅުމެކެވެ. އަދި އެ ގުޅުން ދަމަހައްޓަންވެސް ބޭނުމެވެ. ޔޫކްރެއިން އަދި ކްރީމިއާ ފަދަ ސަރަހައްދު ތަކުންވެސް ރަޝިޔާއާއި ދޭތެރޭ އެފަދަ ގުޅުމެއް ބާއްވަމުން ގެންދިޔަ ނަމަ މިއަދަކު މި ކުރިމަތިލުންތަކެއް ނޯތީހެވެ.                                               

ރަޝިޔާއިން ހުށައަޅާ ސުލްޙައިގެ މަގްސަދަކީ ޔޫކްރެއިނަށާއި މުޅިދުނިޔެއަށްވެސް އޮޅުވާލުމަށާއި އިތުރު ޙަމަލާތަކަށް ފުރުސަތު ހުޅުވާލުން ކަމުގައި ޔޫކްރެއިން ރައީސްއޮފީހުގެ މުޝްތަޝާރަކު ވިދާޅު ވެއްޖެއެވެ. އަދި ޔޫކްރެއިނުން ވާހަކަދެއްކުމުގެ މޭޒަށް އަންނާނީ ޔޫކްރެއިން ބޭނުންވާ މާޙައުލެއް ގާއިމް ކުރެވުނު އިރަކުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. 

ފަހަތުން އައިސް ޔޫކްރެއިންގެ ބުރިކަށްޓަށް ވަޅިހަރަން ފުރުސަތެއް ނުލިބޭނެއެވެ. ރައީސް ޒެލެންސްކީ ވިދާޅުވާ ގޮތުގައި ޔޫކްރެއިނުން ސުލްޙައިގެ މޭޒަށް އަންނާނީ ރަޝިޔާގެ ސިފައިން ޔޫކްރެއިނުން އެއްކޮށްފޭބުމަށްފަހު ޔޫކްރެއިންގައި އެކަމަށް ޓަކައި ޢާންމު އިންތިޚާބެއް ބޭއްވި ނަތީޖާ ލިބޭގޮތަކުންނެވެ.   

Loading

One Response

  1. ބައިނަލް އަގްވާމީ މީޑިޔާގައި ހުންނަ ކޮމެންޓްތަކަށްބަލާއިރު ޔޫކްރެއިންގެ ރައީސް އެ އިންނެވީ ޅޮސް އުނދޯއްޔެއްގައެވެ. ރަޝިޔާއާއި ހަނގުރާމަކޮށްގެން ޔޫކްރެއިނަށް ކާމިޔާބު ހޯދުމަކީ މެކްސިކޯއިން އެމެރިކާއާއި ހަނގުރާމަކޮށްގެން އެމެރިކާ ނައްތާލުންކަހަލަ ކަމެއްގެ ގޮތުގައިވެސް ސިފަކޮށްފައި ހުރެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް