ފާއިތުވެގެން ދިޔަ ހަފްތާގައިވެސް ދުނިޔޭގެ މަސްރަހުގައި ފާހަގަ ކުރެވިގެންދިޔަ ކަންތައްތަކަކީ ކޮބައިތޯ ސަންދާނުގެ ދުރުމިން ބަލަމުން ގެންދިޔައީމެވެ. އެ ދުރުމީގެ ފޯކަސް އެންމެބޮޑަށް ޚާއްސަކުރަމުން ގެންދިޔައީ މިދުނީޔޭގައި ދިރިއުޅޭ އިންސާނުންގެ ދިރިއުޅުމަށް އަންނަމުންދާ ރަނގަޅު އަދި ނުރަނގަޅު ބަދަލުތައް ދެނެގަތުމުގެ މައްޗަށެވެ. މިގޮތުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވުނު ބައެއް ކަންތައް ކިއުންތެރިންނާއި ހިއްސާކޮށްލަމެވެ.
މިދިޔަ އާދިއްތަ ދުވަހު ރަޝިޔާގެ ޚާރިޖީ ވަޒީރު ސާރޖީ ލަވްރޯވް ރިޔާޒުގައި ސަޢޫދީ އެރޭބިޔާގެ ޚާރިޖީ ވަޒީރު ފަރްހާން އަލް ސަޢޫދާއި ބައްދަލު ކުރެއްވިއެވެ. އަދި އޯޕެކްގެ މެމްބަރުންގެ ތެރޭގައިއޮތް އެކުވެރިކަން ދެބޭފުޅުންވެސް ފާހަގަ ކުރެއްވިއެވެ. ސަޢޫދީ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކުރާގޮތުގައި ގަލްފް ކޯއޮޕަރޭޝަން ކައުންސިލްގެ އެހެން މެމްބަރު ގައުމުތަކުގެ ސަފީރުންނާވެސް ރަޝިޔާގެ ޚާރިޖީ ވަޒީރު ބައްދަލުކުރަން ހަމަޖެހިފައިވެއެވެ. ރަޝިޔާއަކީ ތެޔޮއުފައްދާ އެ ގައުމުގެ ކުރީގެ ބައެއް އެހެން ސްޓޭޓްތަކާއެކު އޯޕެކްގައި ވަރަށް ޙާރަކާތްތެރި އަދި އިސްދައުރެއް އަދާކުރަމުންގެންދާ ގައުމެކެވެ.
އެހެންނަމަވެސް ހުޅަނގުގެ މީޑިއާތައް ބުނާގޮތުގައި އޯޕެކުން ރަޝިޔާ ބޭރުކުރުމަށް ބައެއް ރަޙްމަތްތެރި މެމްބަރު ގައުމުތަކުން ބޭނުން ވެއެވެ.
މިދިޔައަހަރު ޖޫންމަހުގައި ބޭއްވި އޯޕެކް ގައުމުތަކުގެ ބައްދަލުވުމުގައި ނިންމާފައިވަނީ އެއަހަރު ޖުލައި މަހުން ފެށިގެން ދުވާލަކު 432000 ފީފާގެ ތެޔޮ އުފެއްދުމަށެވެ. އަދި މިހާރު އެ އަދަދު އިތުރު ކޮށްދިނުމަށް ހުޅަނގުގެ ގައުމުތަކުން އެދެމުންދާ އެދުމަށް އޯޕެކުން ދެނީ ބީރު ކަންފަތެއް ކަމަށް ރޮއިޓާސް އިން ބުނެއެވެ.
ދުނިޔޭގެ ދެވަނައަށް އެންމެބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމާއި އަދި ޗައިނާއާއިއެކު ރަނގަޅު ގުޅުމެއ ދަމަހައްޓަން ބޭނުންވާކަމުގައި ސަޢޫދީ އެރޭބިޔާގެ އިގްތިސާދާބެހޭ ވަޒީރު ވިދާޅުވީވެސް މިދިޔަ ހަފްތާގައެވެ. ފައިސަލް އަލް އިބްރާހިމް މިހެންވިދާޅުވީ ރަޝިޔާއިން ޔޫކްރެއިން އާއި ދެކޮޅަށް ފެއްޓި ޚާއްސަ އޮޕަރޭޝަން އާއި ގުޅިގެން ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭގައުމުތަކުން ރަޝިޔާގެ ތެޔޮ އެތެރެނުކުރަން ނިންމުމާއި ގުޅިގެން ދުނިޔާގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވަމުންދާންފެށާފައިވާ ކަމަށެވެ.
ސައުތު ޗައިނާ ޕޯސްޓަށް ދެއްވި ބަސްދީ ގަތުމުގައި ފައިސަލް އިތުރަށް ވިދާޅުވީ ދުނިޔޭގެ މާރކެޓަށާއި ޗައިނާއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ސައޫދީ އެރޭބިޔާ އަބަދުވެސް ދެމިއޮންނާނެ ކަމުގައެވެ. އަދި ޗައިނާއަކީ މި ވިޔަފާރީގެ މުހިންމު ބައިވެރިއެއް ކަމަށާއި އެގުޅުމުގެ އަގު ވަޒަން ކުރައްވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. ރަޝިޔާއިން ޔޫކްރެއިންގެ މައްސަލައާއި ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެއަގު ފީފާއަކަށް 139 އެމެރިކާ ޑޮލަރަށް އުފުލުނެވެ. އެކަމަކު މިހާރު އެ އަގުތައް ވަނީ 120 އެމެރިކާޑޮލަރަށް ދަށްވެފައެވެ.
ޗައިނާއިން އެންމެގިނައިން ތެޔޮގަންނަ ގައުމަކީ ސަޢޫދީ އެރޭބިޔާއެވެ. ޗައިނާއިން މިދަޔަ އަހަރުވެސް ގާތްގަނޑަކަށް 88 މިލިއަން މެޓްރިކް ޓަނުގެ ތެޔޮ ސަޢޫދީ އެރޭބިޔާއިން ގަތެވެ. ޗައިނާއިން މިހާރު މަސައްކަތް ކުރަމުންގެންދަނީ އެ ގައުމުގައި އުފައްދާ ސާފުނުކުރާ ތެލުގެ މިންވަރު 200 މިލިއަން މެޓްރިކްޓަނަށް އަދި ނެޗުރަލް ގޭސް 214 ބިލިއަން ކިއުބިކް މީޓަރަށް އިތުރުކުރެވޭތޯއެވެ.
ސައޫދީ އެރޭބިޔާގެ އަރާމްކޯއިން ތެޔޮ ކުންފުނިން ބުނެފައިވަނީ ޗައިނާގެ ފުޖިއާން ސަރަހައްދުގައި ހުންނަ ސައިނޯޕެކް ރިފައިނަރީއާއިއެކު އެ ގައުމުގެ އިރު އުތުރު ސަރަހައްދުގައި މަލްޓިމިލިއަން ޑޮލަރުގެ ޖޮއިންޓްވެންޗަރ ރިފައިނަރީއެއް ގާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމުގައެވެ. ހަކަތައިގެ އިތުރުން ސައޫދީގެ 2030 ގެ ތަސައްވުރާއި ޗައިނާގެ ބެލްޓާއި ރޯޑް އިނިޝިއޭޓިވްގެ ފުރުސަތުތަކާ ގުޅޭގޮތުންވެސް ދެ ގައުމުން ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުންވެސް ގެންދަނީ ވާހަކަ ދެކެވެމުންނެވެ.
މިއަހަރުކުރީކޮޅު ޗައިނާއާއި ރަޝިޔާއިން އިއްލާނުކުރި “ ހައްދެއް ނެތް އެކުވެރިކަމުގެ “ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އިގްތިސާދުގައި އެމެރިކާ ޑޮލަރުގެ ބާރު ކަނޑުވާލުމެވެ. ޗައިނާއިން ރަޝިޔާއާއިއެކު ކުރާ ވިޔަފާރި މިއަހަރު މާރޗް މަހުން ފެށިގެން 12 އިން ސައްތައިގެ ކުރިއެރުމެއް ހޯދައިފިއެވެ. މިއީ ޗައިނާއިން އެހެން ގައުމުތަކާއެކު ކުރަމުންގެންދާ ވިޔަފާރިއަށްވުރެން ބޮޑު ކުރިއެރުމެއްކަން ފާހަގަ ކުރެވެއެވެ. އަދި ރަޝިޔާއިން ޔޫކްރެއިނުގައި ސްޕެޝަލް އޮޕަރޭޝަން ފެއްޓިފަހުން ޔުއާން-ރޫބެލް ބޭނުންކޮށްގެން ކުރެވުނު ވިފާރި ވަނީ 1000 އިންސައްތައިގެ އިން ފަހަނަޅާ ގޮސްފައެވެ. ރަޝިޔާއިން އުންމީދުކުރާގޮތުގައި ޗައިނާއާއެކު ކުރާ ވިޔަފާރި 2024 ގައި 200 ބިލިއަން ޑޮލަރަށް އަރާނެއެވެ.
މިހާރު އެ އަދަދު އުޅެނީ 150 ބިލިއަން ޑޮލަރުގެ ތެރޭގައެވެ. ރަޝިޔާގެ މަރުކަޒީ ބޭންކުން އިއުލާން ކޮށްފައިވާގޮތުގައި މީގެފަހުން އެ ބޭންކުގައި ހުރި އެމެރިކާ ޑޮލަރާއި ޔޫރޯގެ ކޯރޕޮރޭޓް އެކައުންޓްތަކުން ނެގެޓިވް ރޭޓުގައި އިންޓެރެސްޓް ނަގާނެއެވެ. އެހެނަސް ރިޓޭލް އެކައުންޓްތަކަށް މީގެ އަސަރެއް ނުކުރާނެއެވެ. ބޭންކުން ބުނާގޮތުގައި މީގެ ބޭނުމަކީ އެހެން ފައިސާތަކުން ޚާއްސަކޮށް ޔުއާނުންކުރާ މުއާމަލާތު ތަކަށް އިސްކަން ދީ މަގު ފަހިކުރުމެވެ.
މިދިޔަ އާދިއްތަދުވަހު ރަޝިޔާއިން ޔޫކްރެއިނަށް ދިން މިސައިލް ހަމަލާގައި ޔޫކްރެއިންގެ ވެރިރަށް ކީވް ގުޑުވާލައި މުޅި ޝަހަރުމަތިން ދުމުގެ ވިލާތައް އުފެދުނެވެ. ޔޫކްރެއިނުން ބުނާގޮތުގައި ރަޝިޔާގެ ޙަމަލާ އަމާޒުވީ ރެއިލްވޭ މަރާމަތު ކުރާ ސަރަހައްދަކަށެވެ. އަދި ރަޝިޔާއިން ޙަމަލާދިނުމުގައި ބޭނުންކޮށްފައިވަނީ ދުރުރާސްތާ މިސައިލުން ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ބޮންއަޅަން ބޭނުންކުރާ ބޯޓުތަކެވެ
ޔޫކްރެއިންގެ ރައީސްގެ ޚާއްސަ މުޝީރު މިޙަމަލާއަށް އިޝާރާތްކުރައްވައި ވިދާޅުވީ މިހާރު ރަޝީޔާއިން ކުރިއަށްވުރެން ނުރައްކާތެރި ހަތިޔާރު ބޭނުންކުރަމުންގެންދާކަމަށެވެ. މޮސްކޯއިން ބުނާގޮތުގައި ހަމަލާދީ ހަލާކުކޮށްލީ ޔޫރަޕްގެ ގައުމުތަކުން ފޮނުވި ޓޭންކުތަކެކެވެ. ރަޝިޔާގެ ރައީސް އިންޒާރު ދެއްވާގޮތުގައި އެމެރިކާއިން ޔޫކްރެއިނަށް ދުރުރާސްތާ ހަތިޔާރު ފޮނުވާނަމަ އިތުރު އަމާޒުތަކަށް ރަޝިޔާއިން ހަމަލާދޭނެއެވެ. ރަޝިޔާއިން މިހާރު މަސައްކަތްކުރަނީ ޑޮންބަސް ސަރަހައްދުގެ ސީވިއަރޯޑޮނެސްކް ހިފުމަށެވެ.
އެކަމަކު ޔޫކްރެއިނުން ބުނާގޮތުގައި އެ ގައުމުގެ ސިފައިން ގެންދަނީ ރަޝިޔާ ސިފައިން ފަހަތަށް ޖައްސަމުންނެވެ. އެހެންނަމަވެސް ބައިނަލް އަގްވާމީ މީޑިއާއަށް މިކަން ކަށަވަރު ކުރެވޭގޮތެއް ނުވިއެވެ. ޔޫރަޕާއި އެމެރިކާއިން ޒަމާނީ ހަތިޔާރު ހޯދުމަށް ޔޫކްރެއިންގެ ރައީސް ގެންދަނީ އާދޭސް ކުރަމުންނެވެ. އެކަމަކު އެމެރިކާއިން ބުނަމުން ގެންދަނީ ރަޝީގެ ތެރެއަށް ޙަމަލާ ދެވޭވަރުގެ ހަތިޔާރު އެމެރިކާއިން ފޯރުކޮށް ނުދޭނެ ކަމުގައެވެ. އެހެންނަމަވެސް އެފަދަ ހަތިޔާރު ލިބުނަސް ރަޝިޔާގެ އެތެރެއަށް ހަމަލާދިނުމަށް ބޭނުން ނުކުރާނެކަމުގެ ޔަގީންކަން ޔޫކްރެއިނުން ދިނުމުން ކުރިއަރާފައިވާ ރޮކެޓް ނިޒާމް ޔޫކްރެއިނަށް ދޭނެކަމަށް މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސްވަނީ ވިދާޅުވެފައެވެ.
ޖޫންމަހުގެ 6 ވަނަދުވަހު ޔޫކުރެއިންގެ ރައީސް ޒެލެންސްކީ ނޫސްވެރިންނާ ބައްދަލުކޮށް ވާހަކަފުޅު ދެއްކެވުމުގައި ޔޫރަޕްގެ ސިޔާސީ ބޭފުޅުންނާއި އަދި މީޑިއާއިން މިހާރު މަސައްކަތް ކުރަމުން ގެންދަނީ ޔޫކްރެއިނަށް އެއްވެސް ފައިދާއެއްނެތް ގޮތުގައި ހަނގުރާމަ ހުއްޓުވަން ޔޫކްރެއިނަށް ބާރު އަޅަމުންކަމަށާއި އެކަމަކު އެކަހަލަ އެއްވެސް ވާހައެއްގައި އޭނާ ބައިވެރި ނުވާނެކަމަށް ވިދާޅުވިއެވެ. އަދި މިހާރު އެމެރިކާ ޔޫރަޕްގެ އިއްތިހާދު އަދި އިނގިރޭސި ވިލާތުން ރާވަމުން ގެންދާ ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.
ޔޫކްރެއިންގެ ރައީސްގެ ޚާއްސަ މުޝީރު މިޚައިލޯ ޕޮޑޮލިޔަކް ބީ. ބީ. ސީ. އަށް މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ ހުޅަނގުގެ ގައުމުތަކުން ޒަމާނީ ހަތިޔާރު ލިބިގެންނޫނީ ޔޫކްރެއިނުން ސުލްޙައިގެ މޭޒަށް ރަޝިޔާ ގެނެވޭނެގޮތެއް ނެތްކަށެވެ. އަދި މިހާރު ހިނގަމުންދާ ކުރިމަތިލުން ތަކުގައި ކޮންމެ ދުވަހަކު 100 އާއި 200 އާއި ދެމެދުގެ އަދަދަކަށް ޔޫކްރެއިންގެ ސިފައިން މަރުވަމުން ދާކަމަށެވެ.
އަދި ކުޑަދުދިންނާއި އަންހެނުންނާއި ދުވަސްވީމީހުން ސަލާމަތީ ސަރަހައްދުތަކަށް ގެންދަން ޚާއްސަ ކުރެވިފައިވާ ރޭލުތަކުގައި ކޮންމެ ދުވަހަކު އެތައްބަޔަކު އުފުލަމުންގެންދާ ކަމުގައެވެ. މީގެ އިތުރުން ސަރަހައްދީ ގަވަރނަރަކު ވިދާޅުވަނީ ސީވީރޮޑޯނެޓްސްކް ގެ ހުރިހާ ހިސާބެއްގައި ދެފަރާތުގެ ކުރިމަތިލުން ވަރުގަދައަށް ހިނގަމުން އެބަދެއެވެ. ލުހާންސްކް ގެ ގަވަރނަރ ރޮއިޓާރސް އަށް މައުލޫމާތު ދެއްވިގޮތުގައި ލުހާންސްގެ އަރިމަތީ ސަރަހައްދުގައި އޮންނަ އިންޑަސްޓްރިއަލް ސަރަހައްދު އަދިވެސް އޮތީ ޔޫކްރެއިން ސިފައިގެ ބާރުގެ ދާށުގައެވެ.
އެހެންނަމަވެސް ބައެއް އެހެން އަވަށްތަކުގައި ކުރިމަތިލުންތައް ގަދަޔަށް ހިނގަމުން އެބަދެއެވެ. ނަމަވެސް އެ ސަރަހައްދަށް ރަޝިޔާއިން ކަނޑައަޅާފައިވާ ސަފީރު ވިދާޅުވާގޮތުގައި ޔޫކްރެއިންގެ ސިފައިން މިހާރުތިބީ ރަށްބޭރުގައި އޮންނަ ކެމިކަލް ޕްލާންޓެއްގެ ތެރޭގައި ނިކުމެވޭނެ އެއްވެސްގޮތެއް ނެތި ތާށިވެފައެވެ. އަދި އަމާންދީ ހަތިޔާރު ބެހެއްޓުން ނޫން އެހެންގޮތެއް އެމީހުންގެ ކުރިމަތީގައި ނޯންނާނެ ކަމަށެވެ. އެހެންނަމަވެސް ލުހާންސްގެ މިލިޓަރީ އެޑްމިނިސްޓްރޭޝަނުގެ އެންމެ އިސްވެރިޔާ ސަރްހީ ހައިޑާއި ބުނަމުން ގެންދާގޮތުގައި ސީވީރޮޑޯނެޓްސްކް ގައި ގަދަޔަށް ހަނގުރާމަ ހިނގަމުންދާއިރު ބައެއް ސަރަހައްދުތަކުގައި ރަޝިޔާސިފައިން މަރުވަމުންދަނީ މެހި މަރުވަމުންދާކަހަލަ ގޮތަކަށެވެ. އަދި އެމީހުންނަށް ޔޫކްރެއިންގެ ސިފައިންނާ ކުރިމަތިލުމުގެ ގާބިލުކަމެއްވެސް ލިބިފައެއްނެތެވެ.
އެކަމަކު ސީވީރޮޑޯނެސްޓްކް ގެ ބޮޑު ބައެއް މިހާރު އޮތީ ރަޝިޔާސިފައިންގެ ބާރުގެ ދަށުގައި ކަމަށް އޭނާވެސް އެއްބަސްވެއެވެ. ލުހާންސްކް އާއި ޑޮނެސްކްއަކީ ރަޝިޔާގެ ބޮޑު މެޖޯރެޓީ އާބާދިއެއް އޮންނަ އަދި ރަޝިޔާއަށް ތާއިދުކުރާ ޔޫކްރެއިންގެ ސަރަހައްދު ތަކެކެވެ. އަދި ޑޮންބަސް އެކުލެވިގެންވަނީ މި ދެ ސަރަހައްދުގެ މައްޗަށެވެ. ރައީސް ޒެލެންސްކީ ވިދާޅުވާގޮތުގައި 107 ދުވަސްވީ ހަނގުރާމައިގާ ރަޝިޔާގެ އަމާޒަކީ ޝަހަރުތައް ވިރާނާ ކޮށްލުމެވެ. ދާދި މިދާކަށް ދުވަހާޖެހެންދެން އަރާމާއި އުފަލުގައި މީހުން ދިރިއުޅުނު ޑޮންބަސްގެ ޝަހަރުތައް މިއަދު އެއޮތީ ބިމާހަމަކޮށްލާފައެވެ. މިއީ އެއްވެސް ޒަމާނެއްގައި ޝަހަރެއް އެއްކޮށް މިހާ އަވަހަށް ވިރާނާކޮށްލި ފުރަތަމަ ފަހަރުކަމުގައިވާނެ ކަން ކަށަވަރެވެ. ރަޝިޔާއިން އެމީހުންގެ އަވަށްޓެރިންނާއި ޔޫރަޕް އަދި މުޅިދުނިޔެއަށްވެސް ދޭނެ ހަދިޔާގެ ނަމޫނާއަކީ މިއީކަމުގައެވެ.
One Response
ހަނގުރާމައަކީ ފަނާކުރަނިވި ހަރަކާތެކެވެ. ބޮލުގައި ފިރުމާލާފައި ކޮލުގައި ދޮނެއްދިނުމެއްނޫނެވެ. އެހެންކަމުން ހަނގުރާމައާއި ދުރހެލިވެވޭތޯ އަބަދުވެސް ބަލަންޖެހޭނެއެވެ.