ވެރިކަން ބޭނުންވިޔަސްވެސް އިސްލާމީ ޝަރީޢަތާ ޢަދުލުއިންސާފު ނެތިކޮށްލުމަށް ވާގިވެރިވުމަކީ މުސްލިމަކަށް ހުއްދަވާނެ ކަން ކަމެއްނޫނެވެ.
މިރާއްޖޭގެ ތާރީޚަށް ނަޒަރު ހިންގާލުމުން ފެންނާންހުރި ޙަގީގަތަކީ ރައްޔިތުންގެ ރުހުން ގަނެފައިވާ ސިޔާސީ ލީޑަރަކު ވެރިކަމަށް ކުރިމަތި ލާނެހެން ހީވާނަމަ ފައިސާއާ ބާރުގެބޭނުން ކޮށްގެން އެލީޑަރަކު ވުޖޫދުން ފޮހެލުމެވެ. ހިތާމަޔާއި އެކު ދަންނަވަން ޖެހެނީ ހަމަ މިއަދުގެ ޙާލަތަކީވެސް މިއީކަމެވެ.
މިގަރުނުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ ބައެއްލީޑަރުން ވަނީ ވެރިކަމުގެ ލައްޒަތާ ޖާހަތައްޓަކާ އެތަކެއް ދިވެހި ރައްޔިތުން އެމީހުންގެ ޙައްގުތަކުން މަޙުރޫމް ކޮށްފައެވެ. އަދިހަމަ އެހެންމެ ވެރިކަން ލިބިދާނެ ކަމަށް ބެލެވޭ ސިޔާސީ ލީޑަރަކު ގައުމުން ފާޅުވެއްޖެނަމަ އެޝަޚުސިއްޔަތް އޮފު ކަނޑުވާލުމަކީވެސް ހިންގާފައިހުރި އަނިޔާވެރި ޢަމަލު ތަކެވެ. އަދި އެބަޔަކަށް ސިޔާސީގޮތުން ތާއިދުނުކޮށް ދިރިއުޅެމުންދާނަމަ، ތަނަވަސް ކަމާ އުފާފާގަތި ކަމުން އޭނާ ނުވަތަ އެބަޔަކު މަޙުރޫމް ކޮށްލައިބާރުގެ ބޭނުންކޮށް އެމީހާ ނިކަމެތި ކޮށްލުމަކީވެސް ދިވެހި ސަރުކާރުތަކުގެ ތެރޭގައި ހިންގާފައި ހުރި އަނިޔާވެރިކަން ބޮޑެތި ޖަރީމާތަކެވެ.
ކުޑަ ކުޑަ މިސާލެއް ދަންނަވާލާނަމެވެ. މާލޭގައި 1980ގެ އަހަރުތަކުގަ އާއި އޭގެ ކުރިންވެސް އުޅުއްވި މުއްސަންދި ބޭކަލެކެވެ. ނަމަކީ ދިއްދޫ އިބްރާހިމް ކަލޭފާނެވެ. މި ކަލޭފާނަކީ ތަފާތުު ގިނަގުނަ ވިޔާފާރި ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. އެކަލޭފާނުގެ ވަރަށްގިނަ ބިންތައް ބާޒާރުމަތީގައާއި އަދި މާލޭގެ ރަނގަނޅު ހިސާބު ތަކުގައި އޮވެއެވެ.
އޭރުގެ ސަރުކާރުގެ ވަރަށް މަތީ މަގާމުތަކެއް ފުރުއްވާ ބޭފުޅަކާއިއޭރުގެ ރައީސްމީހާ އާއި އަދި މީގެ އިތުރުން މަހުޖަނަކު ސައްލާކުރިކަމަށް ބުނެވިފައިވަނީ އިސްވެ މިދެންނެވި ކަލޭފާނު ބަނގުރޫޓް ކޮށްލާނެ ގޮތަކާމެދުއެވެ. ސަބަބަކީ އޭނާ ”ބަސްނާހާތީ“ ކަމުގައެވެ. އެބުނެވުނު ބަސްނޭހުމަކީ ވެރިކަމުގެ ފަރާތާއި ގުޅައި މަންފާލިބިގަނެ އެމަންފާއިން ބައިނޭޅުމެވެ. ވީމާ ސައްލާކޮށް ނިންމީ އޭނާ ”ސައިޒް“ ކުރެވޭނީ ކޮންގޮތަކުންތޯ ބެލުމަށެވެ.
މިދެންނެވި ސައްލާ ގުރޫޕް މަޝްވަރާކޮށް އެކަން ކުރާނެ ގޮތެއް ހޯއްދައިފިއެވެ. އެންމެފަހުން އެ ކަލޭފާނު ބަނގުރޫޓް ކުރެވޭނެ ގޮތެއްކަމަށް ނިމިގެން ދިޔައީ އެ ކަލޭފާނު ކުރައްވާ ހުރިހާވައްތަރެއްގެ ވިޔާފާރި އެއަށްވުރެ ފުޅާދާއިރާގައި ކުރުމުމެވެ. މިގޮތުން ކަލާފާނުގެ ކުރައްވާ ހުރިހާވިޔާފާރިތައް މިދެންނެވި ފަރާތްތަކުންމެކުހަށް ޖަހާލިއެވެ. ކަލޭފާނުގެ ވިޔާފާރީގެތެރޭގައި ކޮފުރާ ލޮނުމަސް ބޮލި ކުރޮޅި ތެޔޮ މިޔަރު އުރަހަ ރޯނުފަދަ ތަކެތި އެކްސްޕޯޓު ކުރެއެވެ.
ކަލޭގެފާނު ގެ ވިޔާފާރި މަޑުމަޑުން ދައްވަމުންގޮސް 3 އަހަރު ތެތޭގައި ކަލޭފާނުގެ ވިޔާފާރި ބަނގުރޫޓްވެ ނިމިއްޖެއެވެ. އޭރު ކަލޭފާނުގެ ދަރަންޏަށް 01 މިލިއަން ރުފިޔާ އަރައެވެ. އެއިރާ އަޅާބަލާއިރު މިލިއަނަކީ ވަރަށް ބޮޑުޢަދަދެކެވެ. ކޮންމެއަކަސް ކަލޭފާނަށް މިފައިސާ ދެއްކޭނެ ގޮތެއް ނުވިއެވެ. ނުވާނެ ތާއެވެ. މިއީ ވެރިންގެ ފަރާތުން ރާވައިގެން ފުނޑާލާން ނިންމާފައިވާ ވިޔާފާރިއެއް ކަމެވެ.
އެނމެފަހުން އެ ކަލޭފާނުގެ މާލޭގައި ހުރި ބިންތައް ބޭންކަށް ވިއްކާލަން މަޖުބޫރު ކުރުވިއެވެ. މިގޯތިތައް ބޭންކުން ބައްލަވައިގަތީ އޭރުގެ ޑިފެންސްމިނިސްޓްރީގެ ނާއިބު ރައީސުލް ޖުމްހޫރިއްޔާގެ ޅިޔަނެކެވެ.
ދަންނަވަން ބޭނުންވަނީ ބައެއްގެ ޖާނާއި މާލުން ގުރުބާންވެގެން 2008 ގައި ގެނެވުނު މަލްޓިޕާޓީ ޑިމޮކްރަސީގެ ސިޔާސަތައްފަހު މިހާރުވެސް މިރާއްޖެ ހިނގަނީ މިދެންނެވި އުޞޫލުގެ މަތިން ވެރިކަމުގެ ބާރުގައި ތިބޭބައެއްގެ ރުހުންލިގެނެވެ.
އެގޮތުން ފެނިގެން ދަނީ ދައުލަތަށް ޓެކްސް ފައިސާއިން ވައްކަންކޮށް މަކަރުހަދާ ދަރަނި ފުނިފުންޏަށް ތިބޭ މީހުން ރައީސްގެ އުނގުގައި ބެޓްވެއުޅޭތަނެވެ. އަދި ގާނޫނު ބަދަލުކޮށްގެން ނަމަވެސް އެފަދަ ބޮޑެތި ޚިޔާނާތްތެރިންގެ ދަރަނިތަކާއި ޖުރުމާނާތައް މަޢާފުކޮށްދެއްވުމެވެ. އަދި ހަމަ ބާރުހިނގާ ބޭންކުތަކުން އިތުރު ލޯންތައް އެޕްރޫވްކޮށް އެފަދަ ރައްޔަތުންގެ ދުޝްމަނުން ޕްރޮޓެކްޓްކޮށް ގެންގުޅުއްވާތަނެވެ.
ކުރީން ދެންނެވުނު ސައިޒް ކުރުމުގެ ސިޔާސަތުގެ މަތީން ގުޅީ އީސާ ކަލޭފާނުގެ މުދަލާއި އެތައްބިމެއް އޭރުގެ ސަރުކާރުންވެސްފޭރިގަތެވެ. އެއީ ވެސް ސިޔާސީ ފައިދާއަށްޓަކައި އޭނާ ޒައިސްކުރުމަށެވެ.
އަދި ސިޔާސީގޮތުން އަރުވާލެވޭ މަހުޖަނުން ބަނގުރޫޓް ކުރަނީ އޭރު މިފަދައިންނެވެ. މިގޮތުން ގދ. ތިނަދޫ ހިރިހަމައިތި ކަލޭފާނުގެ މުދަލާ މުޅި މިލްކިއްޔާތުގެ އިތުރުން ހިރިހަމައިދި ކަލޭފަނާ ދެދަރިންގެ ދުނިޔެ ދޫކޮށް ދިޔައީވެސް އޭރުގެ ސަރުކާރުންނެވެ.
މިރާއްޖެ ދެންވެސް ހަމަޔަކަށް އެޅިގެންދާނީ މިހާރުގެ ވެރިކަމުގެ ބާރުލިބިގެން އޮޕަރޭޓްކުރާ މަހުޖަނުންނާ ސިޔާސީ ޖައްލާދުން ނިކަމެތި ކުރެއްވި ދުވަހަކުންނެވެ. ނޫންނަމަ ދިވެހި ފަސްގަޑުން ގައުމާ ރައްޔިތުންނަށް އިޚުލާޞްތެރި ވެރިޔަކު ފާޅުކުރައްވާ މޫނެއް ކަނދުރާއަކަށް ނުބައްލަވާ އެ ވެރިމީހާ މިގައުމުގައި ޢަދުލުއިންޞާފުގެ ދޮރު ހުޅުވާދެއްވި ދުވަހަކުންނެވެ.
އަނެއްކޮޅުން މިރާއްޖޭގެ ރައްޔިތުން ސަޕޯޓްކުރާ ބޭފުޅަކު ގައުމުގެ ވެރިކަން ކޮށްފާނެ ކަމަށް ވާހަކަ ދެކެވެން ފަށައިފިނަމަ ދީން ހަތިޔާރަކަށް ބަދަލުކޮށް އެހަތިޔާރުގެ ބޭނުންހިފާ އެމީހެއްގެ އަބުރު ކަތިލުންވެސް މިހާރު ޢާންމުވެއްޖެއެވެ. ނޫންނަމަ އެމީހަކު ގެއްލުވާލަންވެސް މަސައްކަތް ކޮށްފައި އެބަހުށްޓެވެ.
އެހެން ގޮތެއް ނެތްނަމަ ކޮންމެވެސްފަދަ ދޮގު ޢިލްޒާމެއް އަޅުވައިބަދުނާމުކޮށް ޝަރުޢީ ނިޒާމަށް ދެއަތާއި ދެފައިލައިގެންވެސް އެމީހަކު ޖަލަށް ލައެވެ. މިކަހަލަ މުނާފިގު ވެރީން ލިބޭ އިސްލާމީ ގައުމެއް ނުފެންނާނެއެވެ.
މިސާލަކަށް 2008 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން އެކުލަވާލި ވެރިކަން 2012 ވަނައަހަރު އޭރުގެ ރައީސް އިސްތިއުފާ ދޭން މަޖުބޫރުކުރިވި ކާރިސާގެ ބައިވެރިން މިހާރުވެސް މިގައުމުގައި އެބައިމީހުންގެ އަނދިރިފަރާތް ޙިމާޔަތް ކޮށްގެން މިގައުމުގެ ޢަދުލު އިންސާފް ގާއިމް ކުރެވުނަނުދީ އާރާބާރުގައި އުޅެމުންގެންދާކަން ތިޔަ އެންމެހައި ރައްޔުތުން ދެކެ ދެނެ ތިބޭނެތެވެ. މިގައުމު ކޮންޓްރޯލް ކުރަނީ އެބައިމީހުންނެވެ. މިސަރުކާރު ވެސް ވަނީ އެބައިމީހުން ހައިޖެކް ކޮށްފައެވެ.
މިހާރު މިގައުމު އެންމެ ބޮޑެތީ ޚިޔާނާތްތަކުވެ މޭސްތިރިންނަކީވެސް މިދެންނެވި ބާޣީންނެވެ. ދަންނަވަންތޯއެވެ!
މިވެރިންގެ އަތުގައި ރައްޔިތުންގެ ރުފިޔާ ބޯކޮށް އެބައޮތެވެ.ޒަމާން ބަދަލުވެ ފައިސާގެ ދަހިވެތިކަމުގައި ބޮން އުފައްދާ މީހުން މަރާބަޔަކުވެސް މިސަރުކާރު ކޮންޓްެރޯކުރާ މީހުނާއި ގުޅިފައިވާ ކަމުގައި ބުނެތެވެ. އިހު އެވޭލާ ޒަމާނެކޭ އެއްފަދައިން ވެރިކަމާ މުދަލާ ފައިސާ އާ ޖާހަތާ ލައްޒަތަށްޓަކާ މިދެންނެވި ސިޔާސީ މީހުންގެ ނުހިންގާ ޖަރީމާއެއް ނެތެވެ.
2023 ވަނަ އަހަރަކީ މިދެންނެވި ބޭއިންސާފު މީހުންގެ ބަލާޔާ މުޞީބާތުން ރައްޔިތުން ސަލާމަތް ވުމަށް ލިބޭނެ ފަހު ފުރުޞަތުކަމުގައި ދެކެމެވެ. އެހެން ކަމާއެކު ގައުމަށް އިޚުލާސްތެރިއަކު ވެރިޔަކު ނެގުމަކީ ރައްޔިތުންގެ ވާޖިބެއްކަމުގައި ބަލަންވާނެއެވެ.
One Response
ލިއުންތެރިޔާވެސް އިޚްލާސްތެރިހެން ހިއެއްނުވެއެވެ. ލިއުއްވުމުގައި ވަކި ޝަޚްސިއްޔަތަކު އިސްތިސްނާކުރަން މަސައްކަތްކުރައްވާފައިހުރީމައެވެ. ލިއުންތެރިޔާފަދައިން ކިއުންތެރިންވެސް ވިސްނާ ފިކުރުކުރާނެކަމަށް ބެލުން ރަނގަޅުވާނެއެވެ. އިޚްލާސްތެރިވެރިޔަކު ހޯދަން ކޮންމެހެންވެސް ބޭނުމެވެ. މިހާތަނަށް ތަޖްރިބާކުރެވުނު އެއްވެސްމީހެއްގެ ކިބައިން އެ ރަނގަޅު ސިފައެއް ނުފެނުނެވެ. އަނެއްކާވެސް މިޖެހެނީ އެހެންމީހަކާއެކު ފަށައިގަންނާށެވެ. އެމީހާވެސް އިޚްލާސްތެރިވާނެ ކަމެއްނޭންގެއެވެ. ދިވެހިންބުނެއުޅޭފަދައިން ބަޅެއްގެ ނަގޫ ސަންފާއޮނަކަށް ލާފައި ހޫނުފެންގައި ބޭއްވިޔަސް އޮނުތެރޭން ހަމަނަގާއިރަށް ބަޅުގެ ނަގޫ އަސްލަށް އެނބުރިދާނެއެވެ. ސިޔާސީ މީހުންގެ ގޮތަކީވެސް ހަމައެއީއެވެ.