އީރާނުގެ ކިބައިން އިސްރާއީލު ރައްކާތެރި ކުރެވިދާނެ ގާބިލްކަން އެމެރިކާއަށް ލިބިފައެއް ނެތް

Loading

Facebook
Twitter
WhatsApp


އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ މިހާތަނަށް 37.5 ބިލިއަން އެމެރިކާ ޑޮލަރ ހޭދަވެގެން ހިނގައްޖެކަން އެސޯޝިއޭޓެޑް ޕްރެސްއަށް ލީކްވެއްޖެއެވެ. އެމެރިކާއިން ޔޫރަޕްގެ ކޮމާންޑް ކަމުގައި ކަނޑައަޅާފައިވާ ޖެނެރަލް އެލެކްސަސް ގްރީންކެވިޗް ހާމަކޮށްފައިވާގޮތުގައި އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ ބޯޓުފަހަރު ހުއްޓުވަން އެމެރިކާއިން އަޅާފައިވާ ނޭވަލް ބްލޮކްގެ ސަބަބުން އީރާނުން ދީފާނެ ހަމަލާތަކުން އިސްރާއީލް ރައްކާތެރި ކުރަން ބޭނުންވާ ހަތިޔާރު އެމެރިކާގެ މިލިޓްރީގައި މިހާރު ވަނީ ހުސްވުމާ ކައިރިވެފައެވެ.

ޖެނެރަލް އެލެކްސަސް ގްރީންކެވިޗް ޕެންޓގަން އަށް ފޮނުވި މެސެޖް ޔޫ އެސް މީޑިއާތަކަށް ވަނީ ލީކްވެފައެވެ. މެދުއިރުމަތީގައި އެމެރިކާގެ ހަރަކާތްތައް ދެމެހެއްޓުމަށްޓަކައި އިތުރު 67 ބިލިއަން އެމެރިކާ ޑޮލަރ ބޭނުންވާކަން ދިފާއީ ވަޒީރު ހެގްސެތުވަނީ ސެނޭޓުގައި އެދިފައެވެ.
އީރާނާ ދެކޮޅަށް އެމެރިކާއިން ފުރިހަމަ ސިފައިގާ ހަނގުރާމައަކަށް ދެވޭވަރަށް އެމެރިކާގައި މިސައިލް ނެތްކަމާއި އަދި އެމެރިކާގެ މިލިޓްރީގައި ހުރީ ހަމައެކަނި ދިފާއަށް ބޭނުންކުރެވޭ ވަރަށް ކަމުގައި ވޯޝިންގޓަން ޕޯސްޓަށް ވެސް ޖެނެރަލް ގްރިންކެވިޗް ކިޔާދީފައިވެއެވެ.
މައުލޫމާތު ރަނގަޅަށް އެނގޭ މަސްދަރު ތަކުން އަލްޖަޒީރާއަށްމައުލޫމާތު ދީފައިވާ ގޮތުގައި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައިގާ އެމެރިކާގެ ދުރު ރާސްތާ ސަރފޭސް ޓު ސަރފޭސް މިސައިލްތައް ބޭނުންކޮށް ހުސްވެއްޖެއެވެ. އެހެންނަމަވެސް ވައިޓްހައުސް އިން ބުނަމުން ގެންދަނީ ބޭނުންވާ އަދަދަށްވުރެން މާގިނައިންވެސް މިސައިލް އެބަހުރިކަމުގައެވެ.
ސީ ބީ އެސް އާއި ރޮއިޓާރސް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ ދުރު ރާސްތާ ޕްރެސިޝަން މިސައިލްގެ ގްލޯބަލް ސްޓޮކްގެ ހުރިހާ މިސައިލެއް ވަނީ އީރާން ހަނގުރާމައިގާ ބޭނުން ކޮށްހުސްކޮށްލާފައެވެ. ސީ އެން އެން އިންވެސް އެ ރިޕޯރޓަށް ތާއީދުކުރަމުން އެމެރިކާގެ ތާޑް މަރުކައިގެ ދިފާއީ ނިޒާމުގައި ބޭނުންކުރާ އިންޓަރސެޕްޓަރތަކުގެ %80 ވަނީ މިހާތަނަށް ހުސްވެފާކަންހާމަކޮށްފައިވެއެވެ. އީރާނަށް ދޭނެކަމަށް ރައީސް ޓްރަމްޕް އިއުލާންކުރައްވަމުންގެންދެވި ’ ބޮޑު ހަމަލާ ’ ނުދޭގޮތަށް ނިންމަން ޖެހިވަޑައިގަތް ސަބަބަކީވެސް އެމެރިކާގެ ހަތިޔާރު ގުދަނުގައި ބޭނުންކުރާނެ އެއްޗެއް ނެތުން ކަމަށްވެސް ސީ އެން އެންގެ ރިޕޯރޓުގައި ބުނެފައިވެއެވެ. ސެންޓަރ ފޯރ އިންޓަރނޭޝަނަލް ޕޮލިސީގެ ސީނިއަރ ފެލޯ ނައްޖާރު މުރްތަޒާވީ ހާމަކޮށްފައިވާ ގޮތުގައި ފެބްރުއަރީ 28 ވަނަ ދުވަހު ރައީސް ޓްރަމްޕް އީރާނާ ދެކޮޅަށް ހަނގުރާމަ ފެށީ ދެ ތިން ދުވަހުގެ ތެރޭގައި އީރާނުން އަމާންދޭވަރު ކޮށްލެވޭނެ ކަމަށެވެ. އެހެންނަމަވެސް އީރާނުގެ ރައްދު ހަމަލާތަކުގެ ފެންވަރުން ރައީސް ޓްރަމްޕްގެ އީމާންކަން ނެތިގެން ހިނގައްޖެއެވެ. އީރާނުން ހޮރްމުޒް ކަނޑުއޮޅި ބޭނުންކުރީ އެމެރިކާގެ ހަނގުރާމައަށް ނުކުޅަދާނަ ހަތިޔާރެއްގެ ގޮތުގައިކަމަށް އެކަމަނާ ސިފަކުރައްވާފައިވެއެވެ. އަދި އެމެރިކާގެ ރައްޔިތުންވެސް މި ހަނގުރާމައާ ދޭތެރޭ ނުރުހުންވެފައިތިބިވަރުން ރައީސް ޓްރަމްޕްގެ ސިޔާސަތު ފަނިވެފައިވާ މިންވަރުވެސް ހާމަވެގެން ހިނގައްޖެއެވެ.
އެމެރިކާގައި ދިރިއުޅުމުގެ އަގުތައްވެސް އަތްނުފޯރާ ހިސާބަށް ދާންފެށުމާއެކު ހަނގުރާމަހުއްޓާލަން ގޮވުންވެސް އިތުރުވަމުންދާންފެށުމުން ރައީސް ޓްރަމްޕް ގެންދަވަނީ މޫނުމަތި ޚަރާބު ނުވާގޮތަކަށް ހަނގުރާމަ ހުއްޓުވިދާނެ މަގެއް ފެނޭތޯ މަސައްކަތްކުރައްވަމުންނެވެ. އެކަމަކު ހަނގުރާމަ ހުއްޓާލުމަކީ ރައީސް ޓްރަމްޕްގެ ސިޔާސާތު ފޭލިވުންކަން އެމަނިކުފާނަށް ވިސްނިވަޑއިގަންނަވާތީ އެނޫންގޮތެއް ހޯއްދެވުމުގެ ބަހަނާގައި ކުރިއަށް ވަޑައިގަންނަވަނީކަމަށްވެސް އެކަމަނާ ބުނެފައިވެއެވެ.
އިސްރާއީލުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ބާރުގަދަ ރާޑަރ ތަކާއި މިސައިލްތަކާއެކު އެމެރިކާގެ 5 ޑެސްޓްރޯޔަރ މެޑިޓެރޭނިއަން ކަނޑުގެ އިރުމަތީ ފަރާތުގައި ބާއްވާފައި އޮންނަތާ މިހާރު އެތައް އަހަރެއް ވަނީއެވެ. އެހެންނަމަވެސް އީރާނާ ދެކޮޅަށް އަޅާފައިވާ ބްލޮކޭޑްގެ ސަބަބުން އެއް މަނަވަރު ނުފޮނުވި މިހާރު މިއޮތީ ޔޫރަޕްގެ ގައުމުތަކުގައިތިބޭ އެމެރިކާ ސިފައިން އިސްރާއީލުގެ ރައްކާތެރިކަމަށްޓަކައި ނިކުންނަން މަޖުބޫރުވެފައިކަން ވޯޝިންގޓަން ޕޯސްޓުން ބުނެފައިވެއެވެ. އެ މެސެޖްގެ އިބާރާތްތަކަށް ބަލާއިރު އީރާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ބްލޮކްގެ ސަބަބުން އިސްރާއީލް ރައްކާތެރި ކުރުމުގައި ރައީސް ޓްރަމްޕްގެ ދެއަތްވަނީ ބަނދެވިފައިކަން ސިފަކުރެވެއެވެ. އީރާނުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުފަހަރު ހުއްޓުވުމުގެ ބޭނުމުގައި މިހާރުވެސް އެމެރިކާއިން 2 އެއާރކްރާފްޓް ކެރިއަރ އާއި 11 މަނަވަރު ގެންދަނީ ބޭނުންކުރަމުންނެވެ.
ހަނގުރާމަ ހުއްޓާލައި މެދުއިރުމަތީގައި ދާއިމީ ސުލައަކަށް އެމެރިކާއާއި އީރާނުން ހުށައަޅާފައިވާ ޕްރޮޕޯޒަލް ތަކާއެކު ޑިޕްލޯމެޓިކް ހައްލެއް ހޯދުމަށްޓަކައި މީޑިއޭޓަރުން ގެންދަނީ ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ކަމުގައި ގަތަރުގެ ޚާރިޖީ ވުޒާރާއިން ބުނެފައިވެއެވެ. ގަތަރުގެ ޚާރިޖިއްޔާގެ ބަޔާނާ ގުޅިގެން މިއަދު ނުވަތަ މާދަމާ ހޮރްމުޒް ކަނޑުއޮޅި ހުޅުވިދާނެކަމަށް އުންމީދުކުރައްވާ ކަމުގައި އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ބެސެންތު މީޑިއާއަށް މައުލޫމާތު ދިފައިވެއެވެ.
އީރާނާއެކު މިހާރު ކުރެވެމުންދާ މަޝްވަރާތަކުން އިތުރު ބޯޓުފަހަރު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރުމުގެ މަގު ފަހިވެގެން ހިނގައިދާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާރކޯ ރޫބިއޯ އުންމީދުކުރައްވާކަން އަލްޖަޒީރާއިން ބުނެފައިވެއެވެ.
މިހާރުކުރެވެމުންދާ މަޝްވަރާތަކާގުޅޭގޮތުން ގަތަރު ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ވިދާޅު ވެފައިވަނީ ހަނގުރާމަ ހުއްޓާލަން ކުރެވޭ މަޝްވަރާތަކުގައި މީޑިއޭޓަރެއްގެގޮތުން އޮމާނުންވެސް ބައިވެރިވެފައި ވުމާއެކު ވަރަށް އަވަހަށް އެއްބަސްވުމަކަށް އާދެވިދާނެކަމަށް އުންމީދު ކުރެވޭ ކަމަށެވެ. މަޝްވަރާތައް ކުރެވެމުންދަނީ މެދުވެރިންގެ ޒަރީއާއިންކަމަށް އަލްއަންސާރީ ވިދާޅުވެފައިވެއެވެ.
ގަތރުގެ ހަމަދު ބިން ޚަލީފާ ޔުނިވަރސިޓީގެ ޕްރޮފެސަރ ސުލްތާން ބަރަކާތު ލަފާކުރައްވާފައިވާގޮތުގައި މިހާރު ކުރެވެމުންދާ މަޝްވަރާތައް މައިގަނޑުގޮތެއްގައި ބިނާކުރެވޭނީ ޖޫންމަހުގައި ސްވިޒަރލޭންޑުގައި ވެވުނު އެއްބަސްވުމުގެ މައްޗަށެވެ. އޭގެތެރޭގައި ހޮރްމުޒް ކަނޑުއޮޅިން ކުރެވޭ ބައިނަލް އަގްވާމީ ދަތުރުތަކުގައި އީރާނުގެ ބަހެއް އޮންނަގޮތަށް ހަމަޖެހުމާއި އީރާނުގެ ނިއުކްލިއަރ ވާހަކަ ދެއްކުން އެއީ މާފަހުން ތާވަލު ކުރަންޖެހޭ ކަމެއްގެ ގޮތުގައި ބޭއްވުން ހިމެނެއެވެ. އެހެންނަމަވެސް އީރާނާ ދެކޮޅަށް އެމެރިކާގެ ބާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާއި އަދި ހަނގުރާމައިގާ އީރަނަށް ލިބިފައިވާ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި 300 ބިލިއަން އެމެރިކާ ޑޮލަރ ދޭނެޖެހުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ހުރަސްތަކެއް ކުރިމަތި ވެދާނެކަމަށްވެސް ސުލްތާން ބަރަކާތު އަލްޖަޒީރާއަށް ކިޔާދީފައިވެއެވެ.
ރައީސް ޓްރަމްޕް ގެންގުޅުއްވާ މަޝްވަރާ އުސޫލަކީވެސް ފަސްމަންޒަރު ދެނެގަތުން އުދަނގޫ ސިޔާސަތެކެވެ. ވާހަކަތައް ހިންގަމުންދާ މަގު ރަނގަޅަށް ސާފުކޮށް ފެންނަން ނެތީސް ލަނޑުދަނޑިއަށް ވާސިލުވެވިއްޖަކަމަށް އިއުލާން ކުރައްވަމުން ގެންދެވުމަކީ ވަރަށް ބޮޑަށް އޮޅުން އަރަމުންދާ ކަމެއް ކަމުގައިވެސް ބަރަކާތު ވަނީ އަލްޖަޒީރާއަށް މައުލޫމާތު ދެއްވާފައެވެ.
ފާއިތުވެގެން މިދާ ފަސްމަސް ދުވަހު އެމެރިކާއިން ހަނގުރާމަ ކުރަމުންގެންދަނީ ހަގީގަތުގައި މުޅި ސަރަހައްދުގެ ހުރިހާގައުމަކާ ދެކޮޅަށެވެ. އެއީ އެމެރިކާ ބޭނުންވާގޮތްވެސް މެއެވެ. އެމެރިކާގެ މަގްސަދަކީ މިސަރަހައްދުގެ ގައުމުތަކަށް ލިބިފައިވާ މުއްސަނދި ވަސީލަތްތައް ހަލާކު ކޮށްލުމަށްފަހު އަލުން މަރާމާތު ކުރުމުގެ ނަމުގައި ގައުމުތަކަށް ވެރިވެ ގަތުމެވެ. ވަކި ފަރާތަކަށް ބުރަ ނުވެ ގަލްފު ސަރަހައްދުން ބާލާލި ކޮންމެ ދިމާލަކުންވެސް މި ހަގީގަތް ހާމަވެގެންދާނެކަން އީރާން ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމައިލް ބަޣާއީ އަލްޖަޒީރާގައި ވިދާޅުވެފައި ވެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް