ސަރުކާރުގެ ދަތުރުތަކަށް 82 މިލިއަން ރުފިޔާ މިއަހަރުގެ މިހާތަނަށް ޚަރަދުކޮށްފައިވާކަމަށް އެގިއްޖެއެވެ.
ދައުލަތުން މިއަހަރުގެ މިހާތަނަށް ސަރުކާރުން ކުރި ދަތުރުތަކަށް ހިނގި ޚަރަދުތަކުގެ ތަފްސީލް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ. އެމިނިސްޓްރީގެ ތަފާސް ހިސާބުން އެނގޭ ގޮތުގައި މިޖޫން މަހުގެ 9 ވަނަ ދުވަހާއި ހަމައަށް ސަރުކާރުގެ ދަތުރުތަކަށް ވަނީ 82 މިލިއަން ރުފިޔާ ޚަރަދުކޮށްފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދަތުރުތަކަށް ޚަރަދު ކޮށްފައިވާ ކަމަށް ދެއްކީ 47.9 މިލިއަން ރުފިޔާއެވެ.
މިދިޔަ އަހަރާއި މިއަހަރުގެ ދަތުރުތަކަށް ބަލާއިރު މިއަހަރު ދަތުރުތަކަށް 34 މިލިއަން ރުފިޔާ އިތުރަށް ޚަރަދު ކޮށްފައިވެއެވެ.
ދައުލަތުގެ ދަރަނި މިހާރު 100 ބިލިޔަނަށް އަރާފައިވާއިރު، ޚަރަދު ކުޑަކުރުމަށް ދުނިޔޭގެ މާލީ އިދާރާތަކުން ދަނީ ބާރު އަޅަމުންނެވެ. ޚަރަދު ބަރަދު ކޮންޓްރޯލް ނުކޮށް ގެންދާނަމަ ދިވެހިރާއްޖޭގެ އިކޮނޮމީ ހަލާކުވެ ޢިއާދަނުކުރެވޭ ވަރަށް ދަށަށް ގޮއްސާނެކަމަށް މާލީ އިދާރަތަކުން ކަންބޮޑުވުން ފާޅުކުރެއެވެ. އެގޮތުން ރުވަންޑާ، އިތޯޕިއާ، ސެނެގާލް، އިޖިޕްޓް، ޣާނާ ފަދަ ގައުމުތަކުގެ ދަށް ޚާލަތަށް ދިވެހިރާއްޖެ ގޮސްދާނެކަމުގެ ސިގްނަލް ދެމުން ދެއެވެ.
އިތުރަށް ދައުލަތުން މިނެގި ލޯނާއި އެކު ދައުލަތުގެ ޖުމްލަ ދަރަނި 100.9 ބިލިއަން ރުފިޔާ އަށް ވަނީ އަރާފައެވެ. މިއީ ދިވެހި ތާރީޚު ގައިވެސް ދަރަނި މިހާ މައްޗަށް ދިޔަ ފުރަތަމަ ފަހަރެވެ. ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ އެއްވެސް ނިންމުމެއް ނިންމާތަނެއް ނުފެނެއެވެ. ކުރެވިދާނެ ކަންތަކުގެ ތެރޭގައި ސިޔާސީ މަގާމުތައް މަދުކުރުމާއި އިތުރު އެއްވެސް ސިޔާސީ މަގާމެއް ނޫފެއްދުމާއި އަދި ރާއްޖެއިން ބޭރުގައި ހުން ދައުލަތުގެ އެމްބަސީ ތަކުގައި ތިބި ބޭކާރު ބައިވަރު މުއައްޒިފުން މަދުކުރެވިދާނެ ކަމަށް ސަރުކާރަށް ލަވާދެވިފައި ވެއެވެ.
މިނިސްޓްރީ އޮފް ފިނޭންސް އިން ޢާންމު ކުރި ހިސާބުތަކަށް ބަލާއިރު، އޭޕްރިލް މަހުގެ ނިޔަލަށް ދިވެހި ދައުލަތުގެ ޖުމްލަ ދަރަންޏަކީ 99.7 ބިލިއަން ރުފިޔާއެވެ. އެއީ ބޭރުގެ ފަރާތްތަކަށް 32 ބިލިއަން ރުފިޔާގެ ސީދާ ދަރަންޏާއި ދައުލަތުން ގެރެންޓީދީފައިވާ 14 ބިލިއަން ރުފިޔާގެ ދަރަންޏެވެ. އަދި އެތެރޭގެ ފަރާތްތަަކަށް 53 ބިލިއަން ރުފިޔާގެ ދަރަންޏާއި ސޮވެރިން ގެރެންޓީ ދީފައިވާ 562 މިލިއަން ރުފިޔާގެ އެތެރޭގެ ދަރަންޏެވެ. މިސަރުކާރުން އަބަދުވެސް ވަކާލާތު ކުރަމުން އައީ ޚަރަދުކުޑަ މަތިބަރު ނޫން ސަރުކާރެއް ހިންގުމާއި ދައުލަތުން އެއްވެސް ފަރާތަކަށް ދަރަނި ހޯދަން ސޮވެރިން ގެރެންޓީ ނުދޭގޮތަށެވެ. ހިތާމައަކީ ބުނާ ބަހައި ޢަމަލު ކުޑަކޮށްވެސް ދިމާނުވާތީއެވެ
One Response
މާލިއްޔަތުގެ ގާނޫނަކަށް ގަވައިދަކަށް އަދި އޮޑިޓަރ ޖެނެރެލް ބަލައިފާއި ޒިންމާނަގަން ޖެހިދާނެ ކަމުގެ އެއްވެސް ފިކުރެއް ނެތް ބަޔަކު ދެން ހަމަ ބޭނުންގޮތަކަށް ޚަރަދުތައް ކޮށްނިންމަލަން ވީނޫންތޯއެވެ. ރައީސް ވިދާޅުވީ މިހާރު ތިމަންނައަތުގަޔޯ މަޖިލީސް ފުލް ބާރުވެސް އޮތީ. ދެން ވާނީ ތިެހްންނޫންތޯއެވެ.