ސްރީލަންކާގެ ޙާލަތު 

Loading

Facebook
Twitter
WhatsApp

ރާޖަ ޕަކްސެ ގެ އާއިލާއަށް ވެރިކަން ލިބުމާއެކު އެންމެ ބޮޑު އިސްކަމެއްދިނީ ރައްޔަތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމުގެ ބަދަލުގައި އޭނާއާއި އޭނާގެ ޢާއިލައަށް ހޯދުނު ވެރިކަން ދެމެހެއްޓުމަށެވެ. އެގޮތުން އަވސްވެގަތީ ގައުމުގެ ގާނޫނު އަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެނައުމެވެ.

ނަމަވެސް ރައްޔިތުންގެ އުދާސްތައް ބަންޑުން ކޮށްލުމާގުޅިގެން މިހާރު އޭގެތެރޭން ބައެއް ބާރުތައް ހަނިކޮށް ގާނޫނު އަސާސީ އެވަނީ އަނެއްކާ އިސްލާހް ކޮށްފައެވެ. އެހެނަސް އެއީ ގައުމުގެ މައްސލަތައް ފުނިޖެހި ގައުމު ބަގުރޫޓުވެ  ރައްޔަތުން ނުކުމެ ގަޔަށްބޮލަށް އަރައިގަތުމުންނެވެ. 

ގޯހުންގޯހަށް ޙާލަތު ބަދަލުވުމުގެ ސަބަބެއްކަމުގައި ވީ ގާތްތިމާގެމީހުންނަށް ސަރުކާރުގެ އިސް މަގާމުތައް ހަދިޔާކުރުމާއި ސަރުކާރުން ނަގަމުން ގެންދިޔަ ބައެއް ޓެކްސްތައް ނުރަނގަޅު ވަގުތެއްގައި ރައްޔަތުންގެ ލޮލަށް ހެޔޮސަރުކާރެއް ކަންދެއްކުމަށްޓަކައި އެ ބައެއް ޓެކްސްތައް ނެގުން ހުއްޓާލައި ގަސްކާނާ އެތެރެކުރުން މަނާކޮށް ދަނޑުވެރިން އަމިއްލައަށް ގަސްކާނާ އުފައްދަން ޖެހުމުގެ ސަބަބުން އޭރުވެސް އަރިއަޅާލާފައިއޮތް އިގްތިސާދު ވެއްޓި ވަޅުލެވިގެންދިޔައީއެވެ.

ދަނޑުވެރިކަމުގެ އުފެއްދުންތައް އެތައްގުނައެއް މަދުވެގެންދިޔައީއެވެ. ކޯވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެހެންގޮތެއް ނެތިގެންކަމަށްބުނެ ސަރުކާރުން އެޅި މިކަހަލަ ނުރަނގަޅުފިޔަވަޅު ތަކެއްގެ ހިތިނަތީޖާއާއި މިއަދު އެގައުމުން ކުރިމަތިލާން ޖެހުނީއެވެ. އެބަލިމަޑުކަމުން ސަލާމަތް ނުވެވިގެން އުޅެނިކޮށް ރަޝިޔާ ޔޫކްރެއިންގެ އަރާރުން ފެށިގެންދިއުމުން ރިހޭ ފައިމައްޗަށް ފޯއި ވެއްޓުނީއެވެ. 

މިއީ އެގައުމުގެ ސިޔާސީ ބޭފުޅުން ދެކިވަޑައިގަންނަވާގޮތެވެ. ކާނާގެ ބާވަތްތަކާއި ބޭސްފަރުވާ ގައުމުގައި ލިބޭކަށްނެތެވެ. ގައުމުގެ ފައިސާގެ އަގު ދުވަހަކުވެސް ނުވެއްޓޭ ވަރަށް އަގު ދަށްވެއްޖެއެވެ. ކަނު އަނދިރިކަން މުޅި ގައުމަށް ޢާންމު ވެއްޖެއެވެ. ދުވަހުގެ ގިނަވަގުތުތަކެއް ހޭދަކުރަންޖެހެނީ އަނދިރީގައެވެ. ދިރިއުޅުމުގައި ކޮންމެހެން ލިބެންޖެހޭބޭނުންތައް ލިބިގަތުމަށް ޚަރަދުކުރާނެ ފައިސާއެއްނެތެވެ. 

ސްރީލަންކާގެ މިއަދުގެ ޙާލަތަކީ ތަރައްގީވަމުންއަންނަ މެދު ފަންތީގެ އާމްދަނީއެއް ލިބޭ ގައުމުތަކަށް ހުރި ރަނގަޅު ފިލާވަޅެކެވެ. ތަރައްގީގެ ނަމުގައި ގައުމަށް ލިބޭ މިންވަރަށް ބެލުމެއްނެތި ބޮޑު ޚަރަދުތައް ކުރުމަށް އާދަވެފައިހުރި ގައުމުތަކުން އެ ފިލާވަޅުތަކުން ދަރުސް ލިބިގަންނަން ޖެހޭނެއެވެ.                      

ސްރީލަންކާއަކީ ފަގީރު ގައުމެއް ނޫނެވެ. ސްރީލަންކާގެ 22 މިލިއިއަން މީހުންގެ ޕާރޗޭސިންގ ޕަވަރ ޖީ. ޑީ. ޕީ އުޅެނީ ދެކުނު އެފްރިކާ މިސްރު އިންޑޮނޭޝިޔާ އަދި ޕޭރޫ ފަދަ ގައުމުތަކަށްވުރެން މަތީގައިކަން އެނގެއެވެ. އެކަމަކު މިއަދުގެ ޙާލަތަކީ ބަނޑުހައި ހޫނުކަމާއި ވޮށްއަނދިރިއޭ ބުނުމުން ފުއްދާލަން ޖެހެއެވެ. 

މިޙާލަތަށް ސްރީލަންކާ އައުމުގައި އެންމެ މުހިންމު ޙިއްސާއެއް ބޮލުގައި އަޅަންޖެހެނީ ރާޖަޕަކްސަ ޢާއިލާއަށް ނިސްބަތްކުރެވޭ ނުކުޅެދުންތެރި ސިޔާސީ ވެރިންތަކެއްކަމުގައި ގަބޫލުކުރަން އެ ގައުމުގެ ރައްޔިތުންނަށް މިއަދު މަޖްބޫރުވެއްޖެއެވެ. ބަނޑުހައިހޫނުކަން އިންސާނާއަށް ތަޙަންމަލް ނުކުރެވޭނެއެވެ. އެހެންކަމުން ދެން ފެނިގެން ދިޔައީ  ސްރީލަންކާގެ މުޅި ރައްޔިތުންކަހަލަ ގޮތަކަށް މަގުތަކަށްނިކުމެ ރައްޔިތުންނަށް އެޙާލަތު ޖެއްސި ނުކުޅެދުންތެރި ސިޔާސީ ވެރިންނަށް އަމާޒުކޮށް އަޑުއުފުލައި ރައްޔަތުންގެ ކިބައިން އުފެދިގެން އައިސަރުކާރު ރައްޔަތުންނަށް ޖަވާބުދާރީ ކުރުވުމެވެ. 

މިއުދާސްތައް އަދިވެސް ދަނީ ކުރިއަށެވެ. މިހާރުގެ ޙާލަތުގައި ކުރިއަށްއޮތް 6 މަސްދުވަހުގެ އަސާސީ ބޭނުންތައް ފުއްދުމަށްޓަކައި 6 ބިލިއަން ޔޫ. އެސް. ޑޮލަރ އެގައުމަށް ބޭނުންވާނެކަމަށް އެ ގައުމުގެ މިހާރުގެ ބޮޑުވަޒީރު އަންދާޒާ ކުރައްވައެވެ. އަދި ސްރީލަންކާގެ ރައްޔިތުންނަށް ފާގަތި މުސްތަގްބަލެއް ހޯދުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށްވެސް ވިދާޅުވިއެވެ. ބުނެވޭގޮތުގައި ރާޖަޕާކްސަގެ ފެމިލީވަނީ ގައުމުން 50 ބިލިއަން ޑޮލަރުގެ ވައްކަމާއި މަނީލޯންޑަރ ކޮށްފައެވެ.                                                             

ސްރީލަންކާގެ ފޮރިން އެމްޕްލޯއިމެންޓާބެހޭ ވަޒީރު ނާނަޔައްކާރާ ވިދާޅުވިގޮތުގައި ބޭރުގައުމުތަކުގައި ވަޒީފާ އަދާކުރަމުންގެންދާ އެ ގައުމުގެ ރައްޔިތުން އާންމުގޮތެއްގައި މަހަކު 700 މިލިއަން އެމެރިކާ ޑޮލަރ ފޮނުވަމުން އައި ކަމުގައިވިޔަސް މިހާރު އެ އަދަދުވެސް ވަނީ 230 މިލިއަން އެމެރިކާ ޑޮލަރަށް ވެއްޓިފައެވެ.              

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ބައިވެރިވެ ވަޑައިގަތުމުގެ ކުރިން ގާނޫނީ ބޭފުޅުންތަކަކާއެކު ސްރީލަންކާގެ ރައީސް ގޮތަބާޔާ ރާޖަބަކްސެ ބޭއްވި ބައްދަލުވުމެއްގައި ކުރިއަށްއޮތް މަދުދުވަސްކޮޅެއްގެ ތެރޭގައި އޭނާ މަގާމުން އިސްއުފާ ނުދެއްވާނެކަން ވަނީ ހާމަކުރައްވާފައެވެ. 

ނަމަވެސް އެގައުމުގެ ސަރުކާރާމެދު ހިތްހަމަ ނުޖެހޭ ރައްޔިތުން މަގުތަކަށް ނުކުމެ އޭނާ އިސްތިއުފާ ދިނުން ނޫންގޮތެއް އެމީހުން ގަބޫލުނުކުރާނެ ކަމަށްބުނެ ކުރިއަށް ގެންދާ މުޒާހަރާތަކަށް ހުއްޓުމެއް ނާދެއެވެ.  ބޮޑުވަޒީރު ރަނީލް ވިކްރަމަ ސިންގ އާއި ޝަރުޢީ ވަޒީރު ވިޖެދާސާ ރާޖަބަކްޝޭވެސް ބައިވެރިވެ ވަޑައިގެންނެވި އެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އޭނާގެ ބައެއް ބާރުތައް އެހެން ވަޒީރުންނާއެކު ޙިއްސާ ކުރެވިދާނެކަމަށެވެ. އަދި އެ ބައްދަލުވުމަށްފަހު ޝަރުޢީ ވަޒީރު ވިދާޅުވީ ދެން އޮންނަ ރިޔާސީ އިންތިޚާބެއްގައި ރައީސް ގޮތަބާޔާ ބައިވެރިވެ ވަޑައިނުގަންނަވާނެ ކަމަށާއި އެހެނަސް މިދައުރު ނިމެންދެން އޭނާ މަގާމުގައި ދެމިހުރުމާ ބޭގޮތުންވެސް އަދި ގޮތެއް ނުނިންމަވާކަމުގައެވެ. 

ޝަރުޢީ ވަޒީރު ވިދާޅުވާގޮތުގައި މިހާރު ދައުލަތް ހިންގުމަށްޓަކައި ގާނޫނޫ އަސާސީއަށް ގެނެވިފައިވާ އިސްލާޙުތައް މަޖިލީހުން ފާސްވާނެ ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެ ބަދަލުތަކަށް ރައްޔިތުންގެ ރުހުންހޯދަންޖެހޭތޯ ނުޖެހޭތޯ ބެލުން އެއީ ސްޕްރީމް ކޯޓުގެ ނިންމުމެއްކަމުގައި އޭނާވިދާޅުވިއެވެ. މިހާރުގެ ބޮޑުވަޒީރު އެދިވަޑައިގަންނަވަނީ ގައުމުގެ ކަންތައް ހަމަޔަކަށް އެޅުވުމަށް އޭނާ ކުރައްވަމުން ގެންދަވާ މަސައްކަތުގައި ކެތްތެރިކަމާއެކު ރައްޔިތުން އެއްބާރުލުން ދެއްވުމަށެވެ. ނަމަވެސް ލަންކާގެ ގިނަރައްޔަތުން ގަބޫލުކުރާގޮތުގައި ރަނިލް އަށް ޕްރައިމިނިސްޓަރުކަން ދިނުމުގެ ބޭނުކަމީ ރާޖަޕަކްސަ ފެމިލީއަށް އެބޮޑު ވައްކަންތަކުން ސަލާމަތުގެ އައްސޭރިއަށް ފިލައިގެން ދިއުމަށް ހެދުނު ޑީލްއެކެވެ. 

އެހެނީ މިއީ ރަނިލްގެ 6 ވަނަ ޕްރައިމިސްޓަރ ކަމުގެ ދައުރެވެ. އެއްވެސް ފަހަރެއްގައި ކާމިޔާނު ޕޮލިސީއެއް ހިންގި ގައުމަށް ފައިދާއެއް ލިބޭފަދަ ކަންތައްތަކެއް ކޮށްދެވިފަކައެއް ނުވެއެވެ. މަޖިލިސް މެމްބަރަކަށްވެސް މިހާރު ހުންނަވަނީ ރައްޔަތުންގެ ވޯޓަކުން ނުހޮވި ލިބުނު ސްލޮޓަކުން ކަމުގައި ވާތީއެވެ. ސްރީލަންކާގެ މިޙާލަތަކީ ދިވެހީންނަށްވެސް ލިބެންވާ ބޮޑުފިލާވަޅެއްކަމުގައި ދެކެމެވެ.                                                    

Loading

3 Responses

  1. އެކަމަކު ރާއްޖޭގެ އިގްތިސާދާ ބެހޭ ވަޒީރު ވިދާޅުވިކަމަށް ބައެއްނޫސްތަކުގައި ހާމަކޮށްފައިވަނީ މުޅިދުނިޔެ އިގްތިސާދީގޮތުން ފުނޑިގެން ދިއުމުން މެނުވީ ދިވެހިރާއްޖޭގެ މިހާރުގެ އިގްތިސާދީ ޙާލަތަށް ނުރަނގަޅުގޮތެއް މެދުވެރި ނުވާނެކަމުގައެވެ. އެހެންވީމާ ސްރީލަންކާގެ ހާލަތުން ނުވަތަ ސޮމާލިއާއިން އަހަރެމެން ދަސްކުރަންވީ ކޮންފިލާވަޅެއް ހެއްޔެވެ ؟

  2. 50 ބިލިއަން ކާލީ. ކޮންތާކަށްތަ އެފައިސާތައް އެ އެޅީ؟ ތިއީ އަދި އަންދާސާ އެނގޭވަރުތާ؟ ހަންބަންތޮޑާ އެއްކޮށް އެއޮތީ ޗައިނާއަށް ދީފަ. އެ ޕޯޓާވެސް އެކުގައި ޗައިނާއަށް ދަރަނި ބޮޑުވެގެން ދީފާ. ހެޔޮވާނީ ކިިހިނެއް ގައުމެއް ކާލައިގެން އެ ފިލީއެވެ. ރާއްޖޭގައިވެސް އޮޑިޓަރު ރިޕޯޓް ބަލާލީމަ ވައްކަންކޮށްލާފަވާ ވަރު އެނގި ބޯގޮވާނެއެވެ. ނަމަވެސް އެއްވެސް ސަރުކާރަކުން އޮޑީޓް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ އެއްވެސް ކަމެއް ބަލައި ފިޔަވަޅުއަޅާ އެންމެ ފައިސާ ފޮއްޗެއްވެސް ރިކަވަރ ކޮށްފައެއްނެތެވެ. ހަމަ ހަދަންވީގޮތަކީ އެކިޔާ އިންގިލާބު ކުރަންވީއެވެ. އެހެނަސް ކިހިނެއްތޯއެވެ. ގައުމެއް ދިރުވާލުމުގައި ވެރީނަށް ވާގިވެރިވާ ސިފައިންނާއި ފުލުނުންނާއި އެހެނިހެން މުއައްސަސާތަކުގެ ވެރިންނަށްވެސް ހުންނަނީ ބައިއެޅިފައެވެ. ވީމާ އިންގިލާނު ކުރާނެ ގޮތެއް ނޭނގެއެވެ. ދެން އެމްޑީޕީ ސްޓައިލަށް ގައުމުގައި ހުޅުޖަހައިގެންވެސް ވާނެ އިންގިލާނެއްވެސް ނުވިސްނެއެވެ. ހަމަ އެންމެ ހެޔޮގޮތަކީ ރައްޔަތުން ރިޝްވަތުގައި ނުހިފާ ވޯޓު ވިއްކާނުލަންވީއެވެ. އަދި ދަތިހާލު ބޮޑުކަމުން އެ ރިޝްވަތުގައި ހިފުނަސް ރިޝްވަތުދޭ މީހާއަށް ވޯޓް ނުދޭންވީއެވެ. އެހެނީ އެކަލޭގެ ރިޝްވަތުއެދެނީ ތިބާގެ ތިޖޫރީއިން ވައްކޮއްގެން ވެނުމަސް ވެނަށް ކާންދޭ އުސޫލުންނެވެ. #ހޭލާށޭގައުމު

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް