ރިތި ރަސޫލާ އަށް ފުރައްސާރަކޮށް އިންޑިއާގެ ވެރިކަންކަން ކުރާ ބީޖޭޕީގެ ތަރުޖަމާނު ދެއްކި ވާހަކަތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފައި ނުވާތީ އިދިކޮޅުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީއެންސީގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު އެވެ.
އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައިގައި ބުނެފައި ވަނީ ރަސޫލާއަށް ފުރައްސާރަކުރުންފަދަ ދަށު ދަރަޖައިގެ އަމަލު ހިންގުމުން މުސްލިމުން ނުހަނު ކަންބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރުން މި ހައްސާސް ދަނޑިވަޅުގައި އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމަށެވެ.
އަދި ކީރިތި ގުރުއާނަށާއި ރަސޫލާއަށް ފުރައްސާރަ ކޮށްފައިވާ މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ހާލުގައި ސަރުކާރުން މި ކަމާމެދު ފިޔަވަޅު އަޅާފައިނުވާ މައްސަލަ ކުށްވެރިކޮށް އެކަން ދިވެހި ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް މި މައްސަލައިގައި ގޮވާލާފައިވެއެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ފުރުސަތު ހުޅުވާލުމުން އެ މައްސަލަ މަޖިލީހަށް ބަލައިގަތުމަށް 10 މެންބަރުން ވޯޓު ދެއްވާފައިވާއިރު މައްސަލަ ބަލައިގަތުމާ ދެކޮޅަށް 33 މެންބަރުން ވަނީ ވޯޓު ދެއްވާފައެވެ. އެ ވޯޓާއި އެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފަ އެވެ.
ބީޖޭޕީގެ އިސް ތަރުޖަމާން ނުޕޫރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ.
މި މައްސަލައާއި ގުޅިގެން ދުނިޔޭގެ އެކިކަންކޮޅުތަކުން އިންޑިއާ ކުށްވެރިކުރަމުން އަންނަ އިރު އަރަބި ގައުމުތަކުން އަންނަނީ އިންޑީއާގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ކެމްޕެއިންތައް ވެސް ކުރަމުންނެވެ. އަދި އިންޑިއާގައިވެސް އެކަމާގުޅިގެން ނުރުހުންތައް ފާޅުކުރާ ފަރާތްތައް އިތުރުވުމާއި ގުޅިގެން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.
One Response
އެމްޑީޕީ ސަރުކާރެއް އަތުވެއްޖެ ކޮންމެފަހަރަކު އިޒްރޭލާއި އިންޑިއާ އާއި ނީންދެވިގެން އުޅޭނީ. އިސްލާމީ ގައުމަކާއި ކައިރިނުވާނެ. ދެން ފައިސާކޮޅެއް ބޭނުންވީމަ ޢަރަބި އިސްލާމީ ގައުމަކަށް ގޮސް ސަލާމް ޖަހައި ފައިސާކޮޅެއް ހޯދާނީ. މިވެރިން އިސްލާހެއް ނުވާނެ. ވާނީ ހަމަ ގޯސް. އެހެނީ ފިރިފުރާވަރަށް އެރީއްސުރެ ހެޕީ އަވާރސް ގައި އުޅެ އެއްތަށިން ބޮމުން އަންނަ މީހުންވީމާ. އެއްތަށިން ބޯ އެއްޗެއްގެ ނަން ކިޔުންތެރިންނަށް ދޫކޮށްޅިމެވެ. ވިސްނާށޭ ގައުމު!