އައްޑޫ ސިޓީގައި ބުދަ ދުވަހު ހިނގި މާރާމާރީ އާއި ގުޅިގެން ޒުވާނަކު މަރުވެފައިވާއިރު އެ މައްސަލައާއި ގުޅިގެން ފިރިހެން ކުއްޖަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލަ އާއި ގުޅިގެން އުމުރުން 16 އަހަރުގެ ކުއްޖަކު ރޭ އައްޑޫ ސިޓީން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި ތޫނު އެއްޗަކުން ގައިގެ ގިނަ ތަންތަނަކަށް ޒަހަމްތައް ލިބުމުގެ ސަބަބުން ޒަހަމްވި ޒުވާނާ މަރުވީ ލިބުނު ޒަހަމްތަކަށް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފަރުވާ ދެމުން ދަނިކޮށް ބުރާސްފަތި ދުވަހު އެވެ. މި މާރާމާރީއާއި ގުޅިގެން މަރުވެފައިވަނީ ފޭދޫ ސޮލިޑް، މުހައްމަދު ޒަޔާން މޫސާ، 21 އެވެ.
ހޮސްޕިޓަލުން ބުނީ އޭނާގެ ބުރަކަށީގައި ވަރަށް ފުން އަދި އަދި ބޮޑެތި ޒަހަމްތަކެއް ހުރިކަމަށާ އޭގެ ސަބަބުން އޭނާގެ މެޔަށްވެސް ޒަހަމްތަކުގެ އަސަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އައްޑޫ މާރާމާރީއާއި ގުޅިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާ އަދި އައްޑޫ ސިޓީ ގައި އަމާން ވެއްޓެއް ގާއިމު ކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.އަދި ރަށުތެރޭގެ އަމަން އަމާންކަން ނަގާލަން އުޅުނު ކަމުގެ ތުހުމަތުގައި 18 އަހަރުގެ ދެމީހުންނާއި 29 އަހަރުގެ މީހަކުވެސް ކޯޓު އަމުރުގެ ދަށުން ރޭގެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.