އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް އިރާގުގެ ޕާލަމެންޓުން ކަނޑައަޅައިފިއެވެ.
އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް ކަނޑައަޅައި ވޯޓުދިނީ އިރާގުގެ ޕާލަމެންޓުގެ 329 މެންބަރުންގެ ތެރެއިން 275 މެންބަރުންނެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު ބޭއްވި ޕާލަމެންޓުގެ އިންތިޚާބުން ގިނަ ގޮނޑި ހޯއްދެވީ އެމެރިކާ އާއި އިޒުރޭލާ ދެކޮޅު ސިޔާސަތެއް ގެންގުޅުއްވާ މުޤްތަދާ އައްޞަދުރަށް ތާއީދު ކުރާ މީހުންނެވެ.
އިޒުރޭލާ ދެކޮޅު ބިލެއް ފާސްކުރިކަމަށް ވިޔަސް ޕާލަމެންޓުގެ އަޣުލަބިއްޔަތު ނުލިބުމުގެ ސަބަބުން އިރާގުގައި ގާނޫނީ ސަރުކާރެއް އުފައްދައި ރައީސަކު ހޮވުމުގެ ކަންތައް ވަނީ ކުރިއަށް ނުގެންދެވިފައެވެ.
އިރާގަކީ އިޒުރޭލާ އަބަދުވެސް ވަރަށް ދެކޮޅު ގައުމެކެވެ. އަދި އިޒުރޭލަކީ މިނިވަން ގައުމެއްކަމަށް ދުވަހަކުވެސް އިރާގުން ގަބޫލެއް ނުކުރެއެވެ. އިރާގުގެ ކުރީގެ ރައީސް ޞައްދާމް ޙުޞޭނާއި އިޒުރޭލާއި އަދި އެމެރިކާއާ ދެމެދު އަބަދުވެސް އުފެދުފައި އޮތް މައިގަނޑު މައްސަލައަކީ އިޒުރޭލަކީ މިނިވަން ދައުލަތެއްކަމަށް ގަބޫލު ނުކުރެއްވުމާއި ފަލަސްތީނުގެ ހައްގުގައި ވާހަކަފުޅުދެއްކެވުމެވެ. އެންމެ ފަހުން އެމެރިކާއާއި އެމެރިކާގެ ބައިވެރިން އިރާގަށް އަރައި އިރާގު ސުންނާފަތިކޮށް ޞައްދާމު ހައްޔަރުކޮށް މަރުގެ އަދަބު ދިނީވެސް އިޒުރޭލާއި އެމެރިކާއާ ދެކޮޅަށް ސައްދާމް ގެންގުޅުއްވި ސިޔާސަތުގެ ސަބަބުންނެވެ. އެމެރިކާއާއި އިޒުރޭލުން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ އިޒުރޭލާ ދެކޮޅަށް ބަސްބުނާ ގައުމުތަކަކީ އަރަބީންނާ ދެކޮޅުވެރި އަދި އަރަބި ގައުމުތަކަށް ބިރެއްކަމަށް ދެއްކުމަށެވެ. އެ ގޮތުން އިރާގާއި އީރާނާއި ލިބިޔާއަކީ އަރަބި އެހެން ގައުމުތަކަށް ނުރައްކަލެއްކަމަށް ދެއްކުމަށް އަބަދުވެސް އެމެރިކާއާއި އިޒުރޭލުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާއީ ކުށެއްކަމަށް އިރާގުގެ ޕާލަމެންޓުން ކަނޑައެޅުމުން އިރާގުގެ އެތައް ހާސް ރައްޔިތުން ވަނީ މަގުމައްޗަށް ނިކުމެ އުފައު ފާޅުކޮށް އިޒުރޭލާ ދެކޮޅަށް އަޑުއުފުލާފައެވެ. އަދި މުޤްތަދާއައްޞަދުރު ވެސް ވަނީ އިޒުރޭލާ ދެކޮޅު ބިލަށް ވޯޓު ދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ބިލު ފާސް ވުމުގެ އުފާ ފާޅުކުރުމަށް އެދިވަޑައިގެންފައިވެއެވެ.
އިޒުރޭލާ ގުޅުން ބޭއްވުމަކީ ޖިނާޢީ ކުށެއްކަމަށާއި އެ ކުށުގެ އަދަކީ މެރުން ނުވަތަ އުމުރުދުވަހަށް ޖަލަށް ލުންކަމަށް އިރާގުގެ ޕާލަމެންޓުން ކަނޑައެޅުމުން އިޒުރޭލުގެ ޚާރިޖީ އޮފީހުގެ ތަރުޖަމާނު ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އިޒުރޭލާއި އަރަބި ގައުމުތަކުން ގާތް ގުޅުމެއް ބޭއްވުމުން އެ ގައުމުތަކުގެ ރައްޔިތުންނަށް ލިބޭނީ އުފަލާއި ފާގަތިކަމެވެ. އެކަމަކު އިޒުރޭލާ ދެކޮޅަށް މަސައްކަތްކޮށް ނަފުރަތު އުފައްދަން މަސައްކަތް ކުރާ ގައުތަކަށް ލިބޭނީ ގެއްލުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.