ދެކުނުގެ ހަތަރު އަތޮޅުގެ ތެރެއިން ރަށެއްގައި މަސް ފެކްޓަރީއެއް ހެދުމަށް ޕްލޭން ކޮށްފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެ އެވެ.
ކޫއްޑޫގައި މަސް ބަހައްޓާ މިންވަރު އިތުރުކުރުމަށް ބޭނުންވާ ވަސީލަތްތައް އިތުރު ކުރުން ލަސްވުމާއި ގުޅިގެން މަސްވެރިކަން ރަނގަޅު ދުވަސްވަރު މަސް ނުކިރޭ މައްސަލައަށް ހައްލު ގެނައުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ތާޒާކޮށް މަސް ބެހެއްޓުމަށް ޕްލޭންތައް ހަދާފައިވާ ކަމަށެވެ.
ޑރ. ހުސައިން ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ މަސްވެރިން ބާނާ މަސް ތާޒާކޮށް ގަނެ ފިނިކޮށްގެންނާއި ޕްރޮސެސް ކޮށްގެން މަސްވެރިންނަށް އެންމެ މަތީ އަގު ހޯދައިދިނުން ކަމަށެވެ. ނަމަވެސް މަސްވެރިން ބާނާ މަސް ކިރުމުގައި ދަތިތަކެއް ހުރިކަން ފާހަކޮށް މިނިސްޓަރު ވިދާޅުވީ ކޫއްޑޫގެ ކެޕޭސިޓީ ހުރި މިންވަރުން މިހާރު ނުފުދޭކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޫއްޑޫގައި ހުރީ ދުވާލަކު 240 ޓަނުގެ މަސް ރައްކާކޮށްފައި ބެހެއްޓޭ ވަރުގެ ކޯލްޑް ސްޓޯރޭޖެއް ކަމަށާއި މިފްކޯގެ ކަލަމިންޖާ ބޯޓު ބޭނުންކޮށްގެން ވެސް ޖުމްލަ 400 ޓަނަށް ވުރެ އިތުރަށް މަސް ނުގަނެވޭނެ ކަމަށެވެ.
ކޫއްޑޫގައި މަސް ޕްރޮސެސް ކުރާ ފެކްޓަރީއެއް އެޅުމަށް ސަރުކާރުން ޕްރޮޖެކްޓެއް ރާވާ މިވަގުތު ތަންފީޒު ކުރަމުން ނުދާ ކަމަށާ ނަމަވެސް
އެންމެ ދެކުނުގެ ހަތަރު އަތޮޅުގެ ތެރެއިން ރަށެއްގައި ތާޒާކޮށް މަސް ގަނެ ރައްކާކުރެވޭނެ ކެޕޭސިޓީ ގާއިމު ކުރުމަށް މަސް ޕްރޮސެސް ކުރާނެ ފެކްޓްރީއެއް ހެދުމަށް ޕްލޭން ކޮށްފައިވާ ކަމަށެވެ. އަދި ފެކްޓްރީ އެޅުމަށް އިންވެސްޓަރަކު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް މަސް ފެކްޓްރީ އަޅާނީ ކޮން ރަށެއްގައި ކަމެއް މިނިސްޓަރު ވިދާޅެއް ނުވެއެވެ. މިނިސްޓަރު ވިދާޅުވީ މި މަސް ފެކްޓްރީ އަޅާނީ އިންވެސްޓަރުންގެ ޝައުގުވެރިކަން ހުރިގޮތް ބެލުމަށް ފަހު އެކަމަށް އެންމެ ރަނގަޅު ރަށެއްގައި ކަމަށެވެ.
ދެކުނުގައި މަސްފެކްޓްރީއެއް އެޅުމަށް ރާއްޖޭގައި މަސްވެރިކަމުން އެންމެ ބޮޑު ނަފާވެރިމެއް ހޯދާ ގދ. ފަރެސްމާތޮޑާ މަސްވެރިން އިސްވެ އެ ރަށުގައި މަސްފެކްޓްރީ އެއް އެޅުމަށް ސަރުކާރަށް ދަނީ އެދެމުންނެވެ. އެގޮތުން މަސްވެރިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ބައްދަލުކޮށް ދެކުނުގެ މަސްވެރިން ބާނާ މަސް ކިރުމުގައި ހުރި ދަތިތައް ހިއްސާކޮށް އެކަމަށް ހައްލެއް ހޯދައި ދިނުމަށް ވެސް އެދިފައެވެ. އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހަށްވެސް އެ ކަންބޮޑުވުންތައް މަސްވެރިން ވަނީ ހިއްސާކޮށްފައެވެ.