ސްރީލަންކާއަށް މެދުވެރިވާ ކޮންމެ އުފަލަކާ އަދި ހިތާމައެއްގައި ދިވެހިން ބައިވެރި ވާނެކަން ކަށަވަރެވެ. އެތައް ބައިވަރު ސަބަބުތަކަކާހުރެއެވެ. ދިވެހި ދަރިވަރުންނަށް މަދަރުސާތަކުގައި އުނގަންނައި ދިނުމާއި ދިވެހިން ބިނާކުރުމުގައި ސްރީލަންކާގެ މުދައްރިސުން އަދާކުރި ދައުރު ކޮންމެ ދިވެއްސަކުވެސް ޝުކުރުވެރި ކަމާއެކު ފާހަގަ ކުރާނެކަން ކަށަވަރެވެ.
ހަމަ އެފަދައިން ދިވެހިރާއްޖޭގެ ވިޔަފާރިއާއި ޚާރިޖީ ގުޅުން ތަކުގައިވެސް ސްރީލަންކާ އަދާކުރި ހިއްސާއާއި ފައިހަމަކޮށްލެވޭނެ އެހެން ގައުމެއް ނެތޭ ބުނުމަކީ މާ ބޮޑުކޮށްލައިގެން ބުނާ ބަހަކަށްވެސް ނުވާނެއެވެ. އުތުރުކަރައާއި ސީނުކަރައިން ދިވެހިރާއްޖެ އާއެކު އަބަދުވެސް ބާއްވަމުން އައި ގުޅުމަކީ ދެވަނައެއް ނެތް މިސާލެއްކަމަށް ގަބޫލުކުރަމެވެ.
އެހެންނަމަވެސް އަޅުގަނޑުގެ މި ލިއުމަކީ ސްރީލަންކާގެ މިއަދުގެ ޙާ ލަތާމެދު ބައިނަލް އަގްވާމީ މީޑިއާގައި ފާޅު ކުރަމުން ގެންދާ ކަންބޮޑުވުންތަކުން ކޮންމެވެސް މިންވަރެއް އަޅުގަނޑުމެންގެ ކިއުންތެރިނާ ހަމައަށް ގެނެސްދިނުން ކަމުގައިވާތީ އެހެން ރަޙްމަތްތެރިންގެ ވާހަކަ ނުދައްކަން ބޭނުންވީއެވެ. ސްރީލަންކާ އަށް މެދުވެރިވެފައިވާ ޙާލަތުން އަޅުގަނޑުމެން ފިލާވަޅުތަކެއް ލިބިގަތުމަށްޓަކައެވެ.
ސްރީލަންކާގެ މިހާރުގެ ބޮޑުވަޒީރު ވިދާޅުވާ ގޮތުގައި އިނގިރޭސީންގެ ދަށުން ސްރީލަންކާ މިނިވަން ވުމަށްފަހު ވޭތުވެދިޔަ ފަންސާހަށްވުރެން ގިނަ އަހަރުތަކުގައި މިވަރުގެ އިގްތިސާދީ އަނދަވަޅަކަށް އެ ގައުމު ވެއްޓިފައެއް ނުވެއެވެ. މިއަދު މިއޮތީ މުސާރަ ދިނުމަށްޓަކައި ފައިސާ އިތުރަށް ޗާޕްކުރަން ޖެހިފައެވެ. ސްރީ ލަންކަން އެއަރލައިންސް ވިއްކާލުމަށް ޓަކައިވެސް މަގެއް ހޯދަނީއެވެ.
ސްރީލަންކާގެ ބައިނަލް އަގްވާމީ ދަރަނި އުޅެނީ 51 ބިލިއަން ޑޮލަރާ ހިސާބުގައެވެ. މިއަހަރު އެކަނިވެސް އެ ދަރަނި ދެއްކުމަށޓަކައި 7 ބިލިއަން ޑޮލަރު ހޯދަން ޖެހެއެވެ. ވޭތުވެ ދިޔަ އޭޕްރިލް މަހަށް ދައްކަންޖެހޭ 78 މިލިއަން ޑޮލަރުވެސް އެއޮތީ ނުދެއްކިފައެވެ. ކޮންމެހެން ބޭނުންވާ ކާބޯތަކެއްޗާއި ތެޔޮ ފަދަ ތަކެތ ގަތުމަށް މިހާރުން މިހާރަށް 3 ބިލިއަން ޑޮލަރ ބޭނުންވެއެވެ. ނަސީބު ރަނގަޅުކަމުން އަވަށްޓެރި އިންޑިއާއިން ބޮޑެތި އެހީތަކެއް އެ ގެންދަނީ ފޯރުކޮށް ދެމުންނެވެ. މިއީ އަވަށްޓެރިންނާއެކު ގާތްގުޅުމެއް ބޭއްވުމުން ލިބިދޭ ފައިދާއާއި ހިތްހަމަޖެހުންކަމުގައި ބެލެވިދާނެއެވެ.
ބައިނަލް އަގުވާމީ މާލީ އިދާރަތަކުން އެހީ ހޯދުމުގެ މަސައްކަތްވެސް ވަރަށް ބާރަށް އެބަ ކުރިއަށް ގެންދާކަމަށް އެގަވުމުގެ ސަރުކާރުން ބުނަމުން އެބަގެންދެއެވެ. އެހެންނަމަވެސް މިގޮތަށް ދަރަނީގެ މައްޗަށް ދަރަނި ނެގުމުގެ ނަތީޖާއަކީ އާންމު ރައްޔިތުން އިތުރަށް ޙާލުގައި ޖެހުން ކަމުގައި ގަބޫލުކުރަން އެބަޖެހެއެވެ. ރައްޔިތުންގެ ބޭނުންތަކަށް ޚަރަދުކުރަން ހުރި ފައިސާކޮޅު ސިޔާސީ މަންފާހޯދުމަށާއި ދެވަނަ ދައުރެއްގެ ބޭނުމުގައި ޒިންމާދާރު ކަމެއްނެތި ޚަރަދުކޮށް އަދި ދަރަނި ދެއްކުމަށް ހޭދަކުރަން ޖެހުނީމައެވެ.
ސުވާލަކީ މިގޮތަށް މި ދިމާވީ ކީއްވެގެންހެއްޔެވެ؟ ކާކުގެ ނުކުޅެދުންތެރިކަމެއް ހެއްޔެވެ؟ ޒިންމާ އަޅުވާނީ ކާކުގެ ބޮލުގައި ހެއްޔެވެ؟ ޒިންމާ ނަގަން ޖެހޭނީ ކާކު ހެއްޔެވެ؟ މިއިން އެއްވެސް ސުވާލަކަށް ދޭނެ ސީދާ ޖަވާބެއް ނޭގޭނެއެވެ. އެއްބަޔަކު ވެރިމީހާގެ ބޮލުގައި ހުރިހާ އިލްޒާމެއް އަޅުވާއިރު އަނެއް ބަޔަކު ބުނާނީ ސިޔާސަތު ރޭވުމުގެ ނުކުޅެދުންތެރިކަން ކަމުގައެވެ. އަނެއްބަޔަކު ނިޒާމުގެ މައްސަލައެއްކަން ދައްކުވައި ނިޒާމު ބަދަލުކުރުމަށް މަރުދެނީއެވެ.
މައްސަލައަކީ މިވަގުތަށް ކޮންމެހެން ބޭނުން ނުވާ އެތައް ކަމަކަށް ދަރަނިފައިސާ ޚަރަދު ކުރެވިގެންދިއުމެވެ. އަދި ފައިސާ ޗާޕްކޮށްގެންވެސް ޚަރަދުތައް ދެމެހެއްޓުމެވެ. އަޅުގަނޑުގެ ނަޒަރުގައި ރައްޔިތުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތުން ރައްޔިތުން އެކަހެރިވެގެން ތިބުންވެސް އެއީ ވަކިން ކުޑަ ކަމެއް ނޫނެވެ. ސަބަބަކީ ސްރީލަންކާ މިއަދުގެ ޙާލަތަށް ވެއްޓެމުންދިޔައިރު ރައްޔިތުންނަށް އެކަން އޮތީ ސިއްރުވެފައެއް ނޫނެވެ. ވޯޓު ހޯދުމަށްޓަކައި ރައްޔިތުންނަށް ކުރެވިގެންދިޔަ ނުފުއްދޭނެ ވައުދުތަކުން ގައުމުގެ އިގްތިސާދު އިނދަޖެހޭނެކަން އެނގިތިބެމެ ރައްޔިތުން ތިބީ ލިބިދޭ ވަގުތީ މަންފާއަށް ހެއްލިގެންގޮސް ބޮޑުވަރިހަމައިގައެވެ.
ސްރީލަންކާއަކީ ޢިލްމާއި ތަޖްރިބާ ލިބިފައިތިބި ގިނަ އަދަދެއްގެ މުފައްކިރުން ތިބި ގައުމެކެވެ. އެހެންނަމަވެސް އެއްޗެހި އަގުބޮޑުވަމުންދިއުމާއި ވެރިކަން ކުރަން ޙަވާލު ކޮށްފައިތިބި މީހުންގެ ސިޔާސަތު ތަޖުރިބާ ކުރުމުގެ އެލް ބޯޑު ޖަހައިގެން ރާވަމުންދިޔައިރު ރައްޔިތުން ތިބީއެކަންތައްތަކަށް ޣާފިލުވެވިފައެއް ނޫނޭ ބުނެވޭކަށްނެތެވެ.
ސަބަބަކީ ރައްޔިތުން ބޭނުންވާގޮތަށް ކަންތައް ބަދަލުކުރަން ރައްޔިތުން ބޭނުންވުމުން ވެރިކަމުގެ ފަރާތުން ޖެހުނީ ކުޑަކަކޫ މައްޗަށް ތިރިވާށެވެ. މިއީ އިއްޔެ ފެނުނު މަންޒަރެވެ. ގައުމަކީ ރައްޔިތުންނެވެ. ސަރުކާރަކީވެސްރައްޔިތުންނެވެ. ގައުމުގެންދަންވީ މަންޒިލާއި ދަތުރުކުރަންޖެހޭ މަގުޗާޓު ކަނޑައަޅާނީ ގައުމުގެ ވެރީން، އާދެ! ރައްޔިތުންނެވެ. ދައުލަތެއް ހިންގުމާއި ޙަވާލުކުރެވުމުން ރައްޔަތުންގެ ޚާދިމުންތައް މަގުޗާޓުން ބޭރުވެ ގައުމުގެ ނައު ފަރަށް އަރުވާލައި ފުނޑުފުނޑު ކޮށްލަންދެން ކުޅިބަލަން ތިބެގެން ނުވާނެކަން ލަންކާގެ ޚާލަތު ދައްކުވައިދީފިއެވެ. ދެރަކަމުގެ ކޮޅެއްވެސް ނެތެވެ. ގައުމު ބަނގުރޫޓްކޮއްލައި ރައްޔަތުން މަގުމަތި ކުރުވައިފިއެވެ.
ސްރީލަންކާގެ ދެހަފުތާވީ މިހާރުގެބޮޑުވަޒީރު ރަނިލް ލަފާކުރައްވާގޮތުގައި ކުރިއަށްއޮތީ އަދި މާ ހިތްދަތި ދުވަސްތަކެކެވެ. މިހާރު ވެއްޓިފައިމިވާ ވަޅުގަނޑުން އަރައިގަތުމަށް ކިތަންމެ ވަރަކަށް މަސައްކަތް ކުރެވެމުންދިޔަނަމަވެސް އެކަމަށްޓަކައި ވަގުތުތަކެއް ނަގާނެއެވެ. އެހެންކަމުން މިޙާލަތުގައި ކެތްތެރިވުން ވަރަށް މުހިންމު ކަމުގައި އެ ގެންދަނީ ވިދާޅުވަމުންނެވެ.
ތެދުވެރިކަމާއެކު ރައްޔިތުންނަށް ކަންތައްތައް އޮޅުންފިލުވާދެމުން ގެންދަވާނަމަ ރައްޔިތުންވެސް ގަބޫލުކުރާނެއެވެ. ގައުމައިގެން ނުބައި މަގުޗާޓެއް ޚިޔާރުކުރެވިގެންދިޔައިރު ފަރުވާތެރި ނުވެވުނު ކަމުގެ މަސްއޫލިއްޔަތުން ރެކޭކަށް ރައްޔިތުންވެސް ބޭނުމެއް ނުވާނެއެވެ. ރައްޔިތުން ބަނޑަށްޖެހި ބާޒާރުގައި ތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އަރައިގެންދިޔައީ އެއްދުވަހަކުން ދެދުވަހަކުންނެއް ނޫނެވެ. އަލިކަމެއް ނުލިބި ވޮށް އަނދިރީގައި ރޭގަނޑު ހޭދަކުރަންޖެހުނީ ކުއްލިއަކަށެއްވެސް ނޫނެވެ.
ގައުމުގެ ތިޖޫރީ ހުސްވެ އަމާގެ ފައްޓަރުބައިވެސް ނެތިގެންދިޔައީ ކޮރޯނާގެ ބަލިމަޑުކަމުންނޭ ބުނެ ގައުމު ހިންގަން ތިބިމީހުން ދެއްކި ބަހަނާތައް ގަބޫލު ނުކުރެވުނުއިރުވެސް މިއަދު މަގުތަކުން ފެންނަމުންދާ ރައްޔިތުންގެ އެއްބައިވަންތަ ކަންވެސް އޭގެ އެންމެ ފުރިހަމަގޮތުގައި ނުފެނުނެވެ. އަނެއްކާވެސް ވަގުތުތަކެއް ގެއްލިގެން ދިޔައީއެވެ.
އަޅުގަނޑުމެން ދިވެހި ޙާލަތަށް އަޅާކިޔާއިރު ދިވެހި ރައްޔިތުން ކުރަހާދިން މަގުޗާޓު އޮތީ ނަމެއްގައިކަން ގިނަ ބަޔަކު މިހާރު ގަބޫލުކުރެއެވެ. މިސްރާބު ބަދަލު ކުރުމަށްޓަކައި ގާނޫނީ އިމުގެ ތެރެއިން ކުރަން ބޭނުންވާ ކަންތަކަށް މަގުފަހިކޮށްދޭނެ އޮފިސަރުންތަކެއް ކެޕްޓަނުގެ ފަހަތުގައި އެބަ ތިއްބެވެ. އެހެނަސް މަންޒިލް މަގްސަދު އޮތީ ކުރިމަތީގައި ނުވަތަ ފަހަތުގައި ކަންވެސް ރައްޔިތުންނަށް އަންގަން ބޭނުން ނުވާކަހަލައެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަކުން އެނގެނީ ރައްޔިތުންގެ ބައިތުލްމާލުން ގިނަ ޚަރަދުތަކެއް ކުރެވެނީ ރައްޔިތުންނަށް އޭގެ އެއްވެސް ފައިދާއެއްނުކުރާނެ ބޭކާރު ޚަރަދުތަކެއްގެ ގޮތުގައެވެ. ކަރަޕްޝަންގެ ޢަމަލުތައް ވަރަށްބޮޑަށް އިތުރުވެފައިވާކަމުގައި އެ ރިޕޯޓްތަކުން އެނގެއެވެ. އަމިއްލައަށް ތިމަތިމާމެންމެނަށް ފައިދާކުރަނިވިހާ ގާނޫނުތަކާއި ގަވައިދުތައް ހަދައިގެން ނާޖާއިޒު ގޮތުގައި ދަވްލަތު ބައިތުލްމާލުން ބޭނޫން ކުރަމުން އެގެންދަނީ ރައްޔިތުން ދީފާއޮތް ބާރެއްގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްގެނެވެ.
މިފަދަ ބަހަނާތަކުގައި ކުލަ ޖައްސަމުން ގެންދާއިރު އެބައިމީހުންނަށް އެބުނާ ބާރުތަކެއް ލިބިފާއޮތީ ޖުމުލަ ރައްޔިތުންގެ ކިތައް އިންސައްތައިންކަން އެއްފަހަރުވެސް ހިތަށް އަރުވާލައި ވިސްނާކަށް ބޭނުމެއް ނުވެއެވެ. 5000 މީހުންގެ އާބާދީއަކުން 10 މީހުން ކުރިމަތިލައިގެން ހޮވޭ މީހަކަށް 700 ރައްޔިތުންގެ ރުހުން ލިބުމުން އަޣުލަބިއްޔަތުންނޭ ބުނަން ލަދުގަންނަން ޖެހޭނެއެވެ.
ބާކީ ތިބި 4300 ރައްޔިތުން އޮތީ ނޫނެކޭ ބުނެފައެވެ. ސިޔާސީ މަގާމުތައް އުފައްދައި އެ މަގާމުތަކަށް މީހުން ޚިޔާރުކުރުމުގެ އިޚްތިޔާރު ވެރިޔަކަށް ހުންނަމީހަކަށް އޮތީ ލިބިދީފައެވެ. އެކަމަކު ސަރުކާރުގެ ކޮންމެ އިދާރާއެއް ހިންގާ އޮފީހުގެ ކޮންމެ އަކަފޫޓަކަށް ސިޔާސީ މަގާމެއް ޚިޔާރު ކުރުމަކީ ރައްޔިތުން ބޭނުންވާ ގޮތްތޯ ވިސްނާ ފިކުރުކުރި ބާވައެވެ؟
ގައުމަށްލިބޭ އާމްދަނީ އާއި ބޭރުންލިބޭ އެހީތަކާއި ދަރަނިތައް ބޭނުންކުރެވެނީ ރައްޔިތުން ބޭނުންވާގޮތަށްތޯ ނުވަތަ ނޫންތޯ އަހާލާކަށް ނުޖެހޭ ހެއްޔެވެ؟ އަހާލާނެ ވަގުނެތްނަމަ ސަރުކާރުގެ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓްތަށް ވަގުތުކޮޅެއް ނަންވަން ނުޖެހޭނެތޯއެވެ؟ ޒިންމާ އަދާކުރަން ހުވައިކޮށްގެ ވެރިކަމާއި ޙަވާލުވެ ތިބޭއިރު ޒިންމާ އަދާކުރެވޭ މިންވަރެއްވެސް އެނގޭނެ ނިޒާމެއްއޮތުންވެސް ލާޒިމެވެ.
ތަރައްގީގެ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނީ ރައްޔިތުން ބޭނުންވާގޮތަށްތޯ ނުވަތަ ނޫންތޯ އަހާލާކަށް ނުޖެހޭ ހެއްޔެވެ؟ ހަމަގައިމުވެސް އާޚުރުގައިދަރަނިވެރިވަނީ ރައްޔިތުންނެވެ. އެންމެ އަވައްޓެރި ލަންކާއަށް މެދުވެރިވެފައިއޮތް ނިކަމެތިކަން އެއޮތީ ލޮލަށް ފެންނާށެވެ. ހޭލުންތެރިވެ ވަގުތު ފާއިތުވުމުގެ ކުރިން މިކަންތައް ހަމަމަގަށް އަޅުވާނީ ކާކު ހެއްޔެވެ؟ ސުވާލަކީ އެކަން ކުރާނީ ރައްޔިތުން ހެއްޔެވެ ނުވަތަ ޚާދިމު ”ވެރިމީހާ“ހެއްޔެވެ؟ އަވަށްޓެރި ސްރީލަންކާއަށް މެދުވެރިވެފައިވާ ޙާލަތުން ދިވެހީންނަށް އެތައް ދަރުސެއް އެބަ ލިބިގެންދެއެވެ. ވަގުތު ފާއިތުވުމުގެ ކުރީން އެ ދަރުސުތަކުން ފިލާވަޅުތައް ލިބިގަންނަން ޖެހޭ ވަގުތަކީ މިއީއެވެ.
މިއުންމަތުގެ ހަތަރުވަނަ ޚަލީފާ ޢަލީގެފާނަށް ސުވާލު ދެންނެވުނެވެ. އިންސާނާއަކީ ނުބައިމީހެއްކަމުގައި ބެލެވޭނީ ކިހާ ހިސާބަކުން ހެއްޔެވެ؟ ޖަވާބުގައި ވިދާޅުވި ކަމަށް އަޅުގަނޑުމެންގެ އުސްތާޒުންވެސް ބުނެދީފައިވަނީ އެއީ އެ އިންސާނާއަކީ އެހެންމީހުންނަށްވުރެން މާމޮޅުމީހެއްކަމަށް އޭނާ ދެކެންފަށާ ހިސާބުންނެވެ. ނިންމާލަމުން އަޅުގަނޑުވެސް ބުނެލާނީ ރައްކާވެ ތިބިއްޔާ ދަތުރޭ.
2 Responses
ވަރަށް ބަރާބަރު ލިިޔުން ކޮޅެކެވެ. އެހާ ބޮޑު ޚަރަދެއް ރައްޔަތުންގެ ފައިސާއިން ޚަރަދުކޮށްގެން އެހާ ބޮޑު އޮފީހެއް އާރެއް ބާރެއްނެތް އޮޑިޓަރ ޖެނެރަލް ލައްވާ ރިޕޯޓް ނެރެން ހިންގުމުގެ ބޭނުމަކީ ކޮބާހެއްޔެވެ. ރިކަވަރީ ކޮމިޝަނަށް ހެދިހެން އުވާލަން ފެންނަނީ. ރައީސް މީހާ ހެދުނު ތެދުވާއިރު ހިތައް އެރިގޮތަކަށް ޢަމްރު މަޢުރޫފްކޮސް ސިފައިންނާއި ފުލުހުން ލައްވާ ސަރުކާރު ހިންގުވާށެެވެ. މާބޮޑަކަށް ޑިމޮކްރެސީއޭ ފަނޑިޔާރުގެ އިސްލާހޭ މަޖިލިސްވެސް އޮތީ ތިމާގެ ބާރުގެ ދަށުގައޭ ކިޔާނެ ކަމެއް ނެތެވެ. ޑރ. ޝަހީދު ވިދާޅުވާހެން މިސަރުކާރުގެވަނީ ހުރިހާ ވައުދުތަކެއް ބޮލާޖަހާފައެވެ. 4 ލައްކަ މީހުންގެ އާބާދީއެއް ނޫންނަމަ މިހާރު SLގެ ޙާލަތައް ގޮއްސީހެވެ.
އަޅުގަނޑުމެންގެ ބޮޑު މައްސަލަ އެއޮތީ އަލީގެފާނުގެ ބަސްފުޅުން ރީތިކޮށް އޮޅުން ފިލުވާދީފައެެވެ. ސިޔާސީ މަގާމަކަށް ޚިޔާރުކުރެވޭ ހިސާބުން އެކުވެރި ރަޙްމަތްތެރިންނަކީ ކަޓެއް ލިބިދާނެ ބޮޑު ކުޑަ މިނަށް ބަލައިގެން އުފެދޭ ގުޅުމަކަށް ވެގެންދާތަން މިހާރު ފެންނަމުންދަނީ މަދެއްކޮށްނޫނެވެ. ވެރިކަމަށް ޚިޔާރުކުރެވޭ މީހުންނަށްވެސް އޭނާއަކީ ޒިންމާތަކެއް ހަވާލު ކުރެވިފައިވާ ރައްޔިތުންގެ ނޯކަރެއްކަން ހަނދާނެއް ނުހުރެއެވެ. ރައްޔިތުންގެ ވިސްނުމާ ފިކުރު ދެނެގަތުމަށްޓަކައި ރައްޔިތުންނާއެކު ޖޯލިފަތީގައި އިށީންދެލާނެ ވަގުތެއް ނޯވެއެވެ. ރައްޔިތުންގެ ވަޒީފާއެއްގައި ހުންނައިރު އެ ރައްޔިތުން ކައިރިއަށްގޮސް ވާހަކަ ދައްކާ ހަދައިގެންނޫނީ އެމީހުން ބޭނުންވާގޮތް ދެނެގަންނާނެގޮތެއް ބުނެބަލާށެވެ. ރައްޔިތުން ޚިޔާރުކޮށްފާތިބި މަންދޫބުންނާ މަޝްވަރާ ކުރަމޭ ބުނެ ފުއްދާލުން ހެޔޮ ނުވާނެއެވެ. އެ މަންދޫބުންނާއި ރައްޔިތުންގެ ގުޅުން ހުރިމިންވަރި ލިއުންތެރިޔާ ބުނެފާއެވަނީ ވަރަށް ރަނގަޅަށެވެ. ނަތީޖާއެއްގެގޮތުން ދެން އޭނާއަށް އަމަލުކުރެވެނީ އިބިލީހުގެ ވަސްވާސް އަންނަގޮތަކަށެވެ. އަހަރެންމީ ވެރިމީހާކަމުގެ ބޮޑާކަން ހިތުތެރޭގައި އަށަގަންނަނީއެވެ. ކިތަންމެ ހިތްތިރިކަން ދައްކަން އުޅުނު ނަމަވެސް މަމީ އެންމެ މޮޅުމީހާއަށްވުމުގެ ތައައްސަބުން އޮންނަނީ އެއްކިބާނުވެވިފައެވެ. އެހިސާބުން ނުބައިމީހަކަށް ވުމުގެ ސިއްކަ ޖެހުނީއެވެ.