ރަޝިއާއިން ޔޫކްރޭނާ ކުރަމުންދާ ހަނގުރާމައިން ރަޝިއާ ބަލިކުރެވިދާނެކަމަށާއި ޔޫކްރޭން މޮޅުވެދާނެ ކަމަށް ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޮލްޓެންބާރގް ވިދާޅުވެއްޖެއެވެ.
ޔޫކްރޭނަށް އެހީތެރިވަމުން ގެންދާ ގައުމުތަކަށް އޭނާ ގޮވާލެއްވީ ޔޫކްރޭނަށް ހަތިޔާރު ފޮނުވަމުން ގެންދިއުމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޔޫކްރޭންގެ ހަނގުރާމަ ހިނަގަމުން ދަނީ ރަޝިޔާއިން ރޭވި ގޮތަކަށް ނޫނެވެ. އަދި ލަފާކުރި ގޮތަކަށް ވެސް ނޫނެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ސްޓޮލްޓެންބާރގްވިދާޅުވީ ކީވް ހިފަން ރަޝިއާއިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ. އަދި ކާރް ކީވްއާ ދެކޮޅަށް ހަމަލާތަކެއް ދިނުމަށް ފަހު ރަޝިއާ ސިފައިން މިހާރު ފަހަތަށްޖެހެން ފަށާފައިވާ ކަމަށާއި ޑޮންބަސްގައި ރަޝިއާއިން ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު މިހާރު ވަނީ މައިތިރިވެފައިކަމަށް ވެސް ވިދާޅުވިއެވެ.
ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވި ގޮތުގައި ފިންލެންޑާއި ސުވިޑްން ވަގުތީ ގޮތުން ނޭޓޯގައި ބައިވެރިކޮށް އެ ދެ ގައުމަށް ރައްކާތެރިކުރުމުގެ ޔަގީންކަން ދިނުމަށް ނޭޓޯއިން މިހާރު ދަނީ ވިސްނައި ކަމާ ބެހޭ މަސައްކަތް އަވަސްކުރަމުންނެވެ.
އަނެއްކޮޅުން ފިންލެންޑާއި ސްވިޑްން ނޭޓޯގައި ބައިވެރިނުކުރަން ރަޝިޔާއިން ދަނީ ބާރުއަޅަމުންނެވެ.
ފެބުރުއަރީ މަހުގެ 24ވަނަ ދުވަހު ޔޫކްރޭނާ ދެކޮޅަށް ރަޝިއާއިން ފެށި ހަނގުރާމައިގައި ރަޝިއާއިން ދެމުންގެންދާ ވަރުގަދަ ހަމަލާތަކުގައި ޔޫކްރެއިނުގެ ބޮޑެތި ރަށްތަކާއި އަވަށްތައް ބިމާހަމަވެ ހަ މިލިޔަނަށްވުރެ ގިނަ މީހުން ވަނީ އެހެން ގައުމުތަކަށް ހިޖުރަކޮށްފައެވެ. އަދި ރަޝިއާއިން ދަނީ މެދުކެނޑުމެއްނެތި ޔޫކްރޭންގެ ޢަޞްކަރީ ތަންތަނަށް ވައިގެ މަގުން ހަމަލާދީ އެތަންތަން ފުނޑުފުނޑު ކުރަމުންނެވެ. ނަމަވެސް ޔޫކްރޭން ހަނގުރާމައިން ރަޝިއާ ބަލިވަމުންދާކަމުގެ ޚަބަރުތައް ނޭޓޯއާއި އެމެރިކާއިން ދޭތެރެދޭތެރެއިން ދަނީ ދުނިޔެއަށް ފަތުރަމުންނެވެ.
ދެވަނަ ބޮޑު ހަނގުރާމާގައި ޖަރުމަންވިލާތާ ދެކޮޅަށް ރަޝިޔާއިން ހޯދި ކާމިޔާބީ ފާހަގަކުރުމަށް ބޭއްވި ނަޞްރުގެ ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ދެއްވި ތަގުރީރުގައި ރަޝިޔާގެ ރައީސް ވުލަޑުމީރް ޕުޓިން ވަނީ ޔޫކްރެއިނަށް ޙަމަލާދޭން ޖެހުނީ މަޖުބޫރުވެގެންކަމަށް ތަކުރާރުކޮށް ވިދާޅުވިއެވެ. ރަޝިޔާގެ ސަރަޙައްދީ ރޮނގު ކައިރިއަށް ހުޅަނގުގެ އަސްކަރީ އިއްތިހާދު، ނޭޓޯގެ ފައުޖުތައް ޖަމާކޮށް ރަޝިޔާގެ ޤައުމީ ސަލާމަތަށް ނުރައްކާކޮށްފައިވާކަން ވެސް އޭނާ ހާމަކުރެއްވިއެވެ. އަދި ހުޅަނގުގެ ގައުމުތަކާއި އެމެރިކާއިން ޔޫކްރެއިނަށް އެތައް ބިލިޔަން އެމެރިކާ ޑޮލަރެއްގެ ހަތިޔާރު ފޯރުކޮށްދިން ނަމަވެސް ރަޝިޔާގެ އަސްކަރީ ލަނޑުދަނޑިތައް ޙާޞިލުކުރާނެކަމަށް ވިދާޅުވެ ޤައުމުގެ ސަލާމަތަށްޓަކައި ހިތްވަރާއެކު ހަނގުރާމަކުރުމަށް ރަޝިޔާގެ ފައުޖުތަކަށް ރައީސް ޕުޓިން ގޮވާލެއްވިއެވެ.
ރަޝިއާއިން ޔޫކްރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ނޭޓޯގެ ގައުމުތަކުންނާއި އެމެރިކާއިން ދަނީ ޔޫކްރޭނަށް ޢަސްކަރީ ގޮތުންނާއި މާލީގޮތުން ވަރަށް ބޮޑަށް އެހީތެރިކަން ފޯރުވަމުންނެވެ. އަދި ރަޝިއާއަށް ދަތިކުރުމަށް ނޭޓޯގެ ގައުމުތަކާއި އެމެރިކާއިން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.