ޕީޕީއެމް މީހުން ކާނިވާ ސަރަހައްދުގައި ތިބެ ހަވީރު ގޮވަމުން ދިޔައެވެ.
”އިންޑިއާ އައުޓު! އިންޑިއާ އައުޓު!“
”އިންޑިއާ ސިފައިން ބޭރުކުރޭ! އިންޑިއާ ސިފައިން ބޭރުކުރޭ!“
”ނޭވާހޮޅިއަށް އެޅުމާ ދެކޮޅަށް ސްޕްރޭ
”ނޭވާހޮޅިއަށް“ މިނަމުގައި ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން މާލޭގައި ހުކުރު ދުވަހު ހަވީރު ބާއްވަން އިންތިޒާމުކުރި ހަރަކާތް ފެށުމުގެ ކުރިން ސަރުކާރު ”ނޭވާހޮޅިއަށް“ އެޅި އެ ހަރަކާތް ހުއްޓުވުމުގެ މަސައްކަތް ފެށިއެވެ. ރައްޔިތުންގެ މަޖިލީހުގެތެރެއިން ވެސް އެހަރަކާތް ހުއްޓުވުމަށް ބާރު އަޅައި އެމްޑީޕީ މެންބަރުން ރުންކުރުވެ ތިއްބަވައި ވާހަކަފުޅު ދެއްކެވިއެވެ. އަދި އެންމެ ފަހުން ފުލުހުން އެ އެއްވުމާ ދެކޮޅަށް ބިރުވެރި ބަޔާނެއް ނެރެ މީސްމީހުންނަށް ކުއްލި ސިހުމެއް ގެނުވިއެވެ. އަދި އެ ހަރަކާތް ފެށުމުން ބައިވެރިންނަށް ހުރަސް އަޅައި ބެރިކޭޑާއި ޝީލްޑް ވިއްދައި އަތާއި އަތްގުޅައި ފުޅައްއަޅައި ބައިވެރީން ވިއްސިވިހާލިކޮށްލިއެވެ. އަދި ހިތްވަރުކޮށްފައި ކުރިއަށް ނިކުތް މީހުންގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހައި އެމީހުން ތަންޑާ ކޮށްލިއެވެ. ދެރައީ ކުށެއް ނެތް ބައެއް ނޫސްވެރިންނަށް ވެސް ދިލައާއި ވޭން ބޮޑު ސްޕްރޭއާ ކުރިމަތިލާން ޖެހުމެވެ.
ބިރުދެއްކިޔަސް ގިނަ ބަޔަކު ނިކުތް
ޕީޕީއެމްގެ އިސް ބޭފުޅެއްކަމުގައިވާ އަދި ސަރުކާރުތަކުގައި އިސް މަގާމުތަކެއް އަދާކުރައްވާފައިވާ މުޙައްމަދު ޙުސޭން ޝަރީފު ވިދާޅުވި ގޮތުގައި ފުލުހުންގެ ހުރަސްތަކާ ކުރިމަތި ލާން ނުޖެހުނުނަމަ މިއަދުގެ ހަރަކާތުގައި ފަސް ހާހާއި އަށް ހާހާ ދެމެދުގެ އަދަދަކަށް މީހުން ބައިވެރިވާނެއެވެ.
ޕީޕީއެމްގެ އިސް އެހެން ބޭފުޅަކު ވިދާޅުވިގޮތުގައި ފުލުހުން ރައްޔިތުންނަށް ބިރުދައްކައި ރަށްރަށުން މާލެއަންނަން ބޭނުންވި މީހުންނަށް ދަތިކޮށް ހުރަސް އެޅިޔަސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ބޭއްވި ”ނޭވާހޮޅިއަށް“ ހަރަކާތުގައި އެގާރަ ސަތޭކައަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށެވެ.
”ކުރިއަށް އޮތްތަނުގައި މިއަށްވުރެ މާގިނަ މީހުން މި ހަރަކާތުގައި ބައިވެރިވާނެ.“ ހަރަކާތުގެ ބައިވެރިއަކު ބުންޏެވެ. ”އިންޑިއާގެ ޢަސްކަރިއްޔާ މި ގައުމުން ބޭރުކުރަން ބޭނުން ވެފައި ތިބި އެތައް ހާސް ބަޔަކު ހިމޭނުން އެބަ ތިބި. އެމީހުން އަދި ތެދުވާނެ!“
ފުލުހުން އެތައް ބަޔަކު ހައްޔަރުކުރި
އެންމެ ފުރަތަމަ ފުލުހުންގެ ބަންދަށް ގެންދިޔައީ މާލޭ ސިޓީ ކައުންސިލްގެ ޑިޕިއުޓީ މޭޔަރ އަޙްމަދު ނަރީޝްއެވެ. އެއީ ވަރަށް ޖެހިލުން ކުޑަ ވަރުގަދަ ޖޯޝަކާއެކު މުޒާހަރާތައް އިސްނަގައިގެން ކުރިއަށް ގެންދާ ޒުވާނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަރަކާތް ފެށުމުގެ ކުރިންނެވެ.
ނަރީޝްގެ އިތުރަށް އެތައް ބަޔަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދުކުރިއެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރުންކަމުގައިވާ މުޙައްމަދު ސަޢީދާއި ޣައްސާން މައުމޫންގެ އިތުރަށް އެމްއެންޑީއެފްގެ ރިޓެޔަރޑް ކާނަލް އެއްކަމުގައިވާ އަޙުމަދު ފަޔާޒާއި ހޯރަފުށީ ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލާއި ޕީޕީއެންގެ ކައުންސިލް މެންބަރަކުވެސް ހިމެނެއެވެ.
އަދިވެސް ނިކުންނާނަން
”އިންޑިއާ އައުޓު“ ހަރަކާތުގައި އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ޕީއެންސީގެ ލީޑަރ ޢަބްދުއްރަޙީމް ވިދާޅުވިގޮތުގައި ފުލުހުން ޣައިރު ގާނޫނީ ގޮތުން ”ނޭވާހޮޅިއަށް“ މި ސުލްހަވެރި އެއްވުމަށް ހުރަސް އެޅިޔަސް ކުރިއަށް އޮތްތަނުގައި މާރަނގަޅަށް އިންތިޒާމުކޮށްގެން އަދި ނިކުންނާނެއެވެ.
”އަޅުގަނޑުމެން އުޅުނީ ސަރުކާރު ވައްޓާލާކަށެއްނޫން. ސުލްހަވެރި އެއްވުމެއް ބާއްވަން.“ އޭނާ ވިދާޅުވިއެވެ. ”މިއީ ރައްޔިތުން ބޭނުންވެގެން ކުރިއަށް ގެންދާ ހަރަކާތެއް. މިކަން ކުރިއަށްދާނެ.“
ޢަބްދުއްރަޙީމް ފުލުހުންނާއި ސިފައިންނަށް ގޮވާލެއްވީ ޣައިރު ގާނޫނީ އަމުރުތަކަށް ތަބައަ ނުވުމަށެވެ.
ޕީޕީއެމްގެ ތަރުޖަމާނު ޙީނާ ވަލީދު ވިދާޅުވި ގޮތުގައި ”ނޭވާ ހޮޅިއަށް“ މި ހަރަކާތުގައި ރައީސް ޔާމީނަށް ބައިވެރިވެވަޑައިނުގެންނެވުނީ އެމަނިކުފާނުގެ ހަށިފާރަވެރިން އެކަމަށް ހުއްދަ ނުދެއްވުމުގެ ސަބަބުންނެވެ.
ހުކުރު ދުވަހުގެ ހަވީރު ޕީޕީއެމް-ޕީއެންސީން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތުގައި ބައިވެރިވި މީހުންގެ ތެރޭން ފުލުހުންގެ ބަންދަށް ގެންދިޔަ މީހުން ވަގުތުން ދޫކޮށްލުމަށް ޕީޕީއެން-ޕީއެންސީން ވަނީ ގޮވާލާފައެވެ.