އައްޑޫސިޓީ ހިތަދޫގައި އިތުރު 200 ހައުސިން ޔުނިޓް ޑިޒައިން އެންޑް ބިލްޑް އުސޫލުން އަޅާނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
ފިނޭންސްން ބުނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެދިލެއްވުމުގެ މަތިން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ސ.ހިތަދޫގައި 200 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.
މިމަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ޝަރުރު ހަމަވާ ފަރާތްތަކަށް މިހާރު ހުޅުވާލައިވާ ކަމަށް ވެސް ފިނޭސްން ބުނެއެވެ. އެ މިނިސްޓްރީން ބުނީ މި ބީލަންތަކުގައި ބައިވެރިވެވޭނީ ހައުސިންގ މިނިސްޓްރީން ނެރެފައިވާ ”އިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު“ ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށާ ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 ރުފިޔާ ގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެކަމަށެވެ.
އަދި ފައިސާ ބަލައިގަންނާނީ އަންނަ އާދީއްތައިން އިން އަންނަ މަހުގެ 19 ވަނަ ދުވަހާ ހަމައަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:00 އިން 14:00 ކަމަށެވެ. ނަމަވެސް ރަމަޟާން މަހު ފައިސާ ބަލައިގަންނަން ހަމަޖެހިފައިވަނީ 09:00 އިން 13:00އަށް ކަމަށް ވެސް ފިނޭންސުން ކޮށްފައިވާ އިއުލާނުގައި ވެއެވެ.
މި މަސައްކަތްތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްން މި މަހު 29 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 1,020,000.00 ހުށަހަޅަން ޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުންފެށިގެން 148 ދުވަހެވެ.
ހިތަދޫގައި މިހާރުވެސް ހައުސިން ޔުނިޓްތައް އިމާރަތްކޮށްފައިވާއިރު އެ ސިޓީގެ އެހެން ބައެއް ރަށްރަށުގައި ވެސް އަހުސިން ޕްރޮޖެކްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެ ސިޓީގެ ފޭދޫ އާއި ހޮޅުދޫގައި ވެސް ހައުސިން ޔުނިޓްތައް ވަނީ އިމާރަތްކޮށްފައެވެ.