ގެސްޓް ހައުސް އޯނަރުން ވާނުވާ ނޭނގި ގޮތްހުސްވެފައި!

Loading

August 18, 2020
profile
Facebook
Twitter
WhatsApp

ރާއްޖޭގައި މީގެ 10 ވަރަކަށް އަހަރުކުރިން ފެށި ލޯކަލް ޓޫރިޒަމް ނުވަތަ ގެސްޓްހައުން ވިޔަފާރިއަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު އެކަމުން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަ ވިޔަފާރިއެކެވެ. ނަމަވެސް ކޯވިޑް19 އާއި ގުޅިގެން ބޯޑަރތައް ބަންދުކުރުމާއި ގުޅިގެން ގެސްޓްހައުސް ވިޔަފާރިކުރާ އެތައް ބަޔަކަށް ވަނީ ގޮތް ހުސްވެފައެވެ. ނަމަވެސް ޖުލައި 15 ގައި ރާއްޖޭގެ ބޯޑަރ ހުޅުވާ ރިސޯޓްތަކަށް ގެސްޓުން އަންނަން  ފެށުމާއި ގުޅިގެން ގެސްޓް ހައުސްތަކަށް އުއްމީދު އާވިނަމަ ވެސް މިއަދާއި ހަމަޔަށްވެސް ގެސްޓް ހައުސްތަކަށް ޓޫރިސްޓުން އަންނަން ހުއްދަ ދޭން ތާރީޚެއް ސަރުކާރުން އަންގައިފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން ގެސްޓް ހައުސް ވިޔަފާރިވެރިން ތިބީ އަދިވެސް ހަދާނެ ގޮތެއް ނޭނގިފައެވެ. ފަތުރުވެރިކަމުގެ ޕީކް ސީޒަން ކައިރިވަމުން ދާއިރު ގިނަ ފަތުރުވެރިންތަކެއް ބުކިންގ ހެދުމަށް އެދެމުން ދާކަމަށް ގެސްޓްހައުސް ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމާއި ބެހޭ ގޮތުން ވަކި އެއްޗެއް ސަރުކާރުން ނުބުނާތީ، އަދި ގެސްޓްހައުސްތައް ހުޅުވުމަށް ވަކި ތާރީޚެއް ކަނޑަނާޅާތީ އެ ބުކިންގ ތައް ވެސް ނެގޭނެ ގޮތެއް އެތަންތަނުގެ ވެރީންނަކަށް ނެތެވެ.

ރިޒޯޓްތައް ހުޅުވާލަން ސަރުކާރުން ނިންމި އިރު ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދޭނީ ޖުލައި މަހުގެ އެއްވަނަ ދުވަހު ކަމަށް ސަރުކާރުގެ ފަރާތުން ބުނި ނަމަވެސް، ކޮވިޑޫގެ ދެވަނަ ރާޅު ބިންދާލުމާއި ގުޅިގެން އެ ނިންމުންވަނީ ބަދަލު ކޮށްފައެވެ. އެއަށް ފަހު މިމަހުގެ 15 ވަނަ ދުވަހު މިނިންމުން ރިވިއު ކުރާނެ ކަމަށް ބުނި ނަމަވެސް، އެ މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް ސަރުކާރުން މިކަމަށް ގޮތެއް ނިންމައިފައެއް ނުވެއެވެ.

ގެސްޓްހައުސް ވިޔަފާރިވެރިންގެ މައިގަނޑު ޝާކުވާއަކީ ހުޅުވޭލެއް ލަސްވުމެއް ނޫނެވެ. ނަމަވެސް ހުޅުވޭނެ ތާރީޚެއް އަދި އަދަށް ދާންދެންވެސް ނޭގުމެވެ. އެފަރާތްތަކުގެ ކްލިއެންޓުންނަށް ދޭނެ ޖަވާބެއް އެތަންތަނުގެ ވެރިން އަތަކު މިއަދު ނެތެވެ. ގެސްޓްހައުސް ވިޔަފާރީގެ ޙައްޤުގައި ވަކާލާތުކުރާ ޖަމިއްޔާއިން ބުނާ ގޮތުގައި މި ސިނާޢަތަށް ތިންމަސް ތެރޭ ލިބުނު ގެއްލުން 30 މިލިޔަން ޑޮލަރާއި ގާތް ކުރާނެއެވެ.

ޔޫއައި ހޮޓެލްސްގެ ވެރިޔާ އަދި ގޭމްގެ ކުރީގެ ރައީސް އަހްމަދު ނާސިހް ވަނީ ސަރުކާރުން މިކަމަށް ވަކިގޮތެއް ނިންމަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށް ވިދާޅުވެފައެވެ. އަދި. ލ.ގަމުގައި ހުންނަ ނަޒާކީ ރެޒިޑެންސްގެ ވެރިޔަކު ޓޫރިޒަމް މިނިސްޓްރީއަށް ފޯނުން ގުޅުމުން 15 ގައި ޑިސިޝަން ނަގަން އޮތްކަމުގައި ވިޔަސް އަދި ޑިސިޝަނެއް ނުނެގޭ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި ނަޒަކި ރެސިޑެންސް އަށް ސެޕްޓެމްބަރ މަހަށް ވެސް އޯވަރސީސް ބުކިންގ ހުރި ވާހަކަ ދެންނެވުމުން އެކަން އަނޑަރސްޓޭންޑްވާ ކަމަށާއި ވަރަށް އަވަހަށް ޑިސިޝަނެއް ނަގާނެ ކަމަށް ބުނި ކަމަށް ވެސް ވެއެވެ. އަދި ވަކިގޮތެއް ނިންމާނީ ރައީސް އޮފީހުން ކަމަށާއި، މިނިސްޓްރީ އިން މައުލޫމަތު އެއްކޮށް، ރައީސަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

ކޯވިޑް-19 ގެ ސަބަބުން ރާއްޖޭގެ ގިނަ ވިޔަފާރިތަކަކަށާއި އާއްމު ފަރުދުންނަށް ވަނީ މާލީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ނަމަވެސް ސަރުކާރުން އެފަރާތްތަކަށް އެހީތެރި ވުމަށް އެންމެ އެދެވޭ މަސައްކަތްތަކެއް އަދި ނުކުރާކަން ގިނަ ބަޔަކު ދަނީ ފާހަގަކޮށް ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް