http://sandhaanu.today/18111/ އާ ގުޅޭ
ނިރޯތަމް ދާސް ދޮރާއްޓާ ދިމާއަށް ހިނގައިގަތެވެ. ތިލަކު ރާޖު ހައިރާންވެފައި ހުއްޓެވެ. އޭނާ ހައިރާންކަމާއެކު އެމީހުންނާ ދިމާއަށް ބަލަން ހުއްޓައި ޗޯޕްޅާ އައިސް ބުންޏެވެ.
”އެއީ ނިރޯތަމް ދާސްގެ އޮފީހުގައި ކާތިބެއްގެ ވަޒީފާ އަދާކުރާ ރާމް.“
”އާނ!“ ތިލަކް ރާޖް ފުންނޭވާއެއް ލާފައި ބުނެލިއެވެ.
”ދެން އެހެރީ ރާމްގެ ފިރިހެން ދަރިފުޅު. ނިރޯތަމް ދާސްގެ ވާން އުޅޭ ދަނބި ދަރިފުޅު.“
”އެހެންތަ؟“ ޗޯޕްޅާ ސިއްސައިގެން ދިޔަ ގޮތުން ހީވީ ކައިރި ތަނެއްގައި ބޮމެއް ގޮއްވާލިހެންނެވެ.
* * * *
ކަންތައްތައް ވަމުން ދާގޮތުން ރާމް ހުރީ ވަރަށް އުފަލުންނެވެ. އޭނާގެ ކަންފަތްދޮށުގައި ޖެހެނީ އުފާވެރިކަމުގެ ފިނިފިނި ވައެވެ. މީގެ ކުރީން ދުވަހަކުވެސް ނިރޯތަމް ދާސް އޭނާއަށް މިހާ ބޮޑަށް ގަދަރެއް ނުކުރެއެވެ. މިއަދު ދޮރުކައިރިއަށް އައިސް އޭނާއަށް މަރުހަބާކީ ޚުދު ނިރޯތަމް ދާސް އެވެ. އޭގެ އިތުރަށް ސަރޫޕް ޓެކްސީއަށް ކުލިދޭން އުޅުމުން ނިރޯތަމް ބުންޏެވެ. ”ދަރިފުޅު ލާރިދޭނެ ކަމެއް ނެތް. ދޮރާށި ބަލަހައްޓާ މީހާ އެކަންތައް ކުރާނެ.“
ޓެކްސީ ދުއްވަން އިން މީހާއަކީ ވިސްނުންތެރިއަކަށްވާތީ އެ އަޑު އިވުމުން އޭނާ ޓެކްސީ ފަހަތަށް ޖެއްސިއެވެ.
ނިރޯތަމް ދާސް ވަރަށް އިޚްލާޞްތެރިކަމާއި ލޯތްބާއެކު ސަރޫޕާއި ކަރާއި ކަރުޖައްސައި ސަލާންކުރިއެވެ. އަދި ސަރޫޕްގެ ނިތްކުރީގައި ތުންފަތުން ބޮސްދިނެވެ. ޕާޓީއަށް އައިސްތިބި އެންމެން މާނައިން ފުރިގެންވާ ނަޒަރަކުން އެ މީހުންނަށް ބަލަން ތިއްބެވެ. ބައެއް މީހުންގެ ލޮލުން ފާޅުވަމުން ދިޔައީ ހަސަދަވެރިކަމެވެ. އަނެއްބައި މީހުންގެ ތުންފަތް މައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވެފައި ވެއެވެ.
”ވަރަށް ސަކަރާތް ވެއްޖެ.“ ކުއްލިއަކަށް ސަރޫޕް ބުނެލިއެވެ.
”ކިހިނެއްވީ؟“ ނިރޯތަމް ދާސް ސުއާލުކުރިއެވެ.
”އަޅުގަނޑު ގެނައި މާބޮނޑި އޮތީ ކާރުގައި.“
”ހުރި ފަރުވާކުޑަކަން ނިކަން ދެކިބަލަ!“ ރާމް ދަތްކުޑި ވިކާލާފައި ބުންޏެވެ. ”ބައެއް ފަހަރަށް ނަމަވެސް ފަރުވާ ބަހައްޓަން ދަސްކޮށްބަލަ! އަވަހަށް ގޮސް މާބޮޑި ހިފައިގެން އާދޭ! ޓެކްސީއަކަށް އަދި މާދުރަކަށް ނުދެވޭނެ.“
ސަރޫޕް އެނބުރި ޓެކްސީއާ ދިމާއަށް ދުއްވައިގަންނަން އުޅެނިކޮށް ކުއްލިއަކަށް ނިރޯތަމް ދާސް، ސަރޫޕްގެ ކޮނޑުގައި ހިފަހައްޓަމުން ބުންޏެވެ. ”ދާނެކަމެއް ނެތް. ބޭރުގައި ޓެކްސީ އޮންނާނެ. ދޮރާށި ބަލަހައްޓާ މީހާ މާބޮނޑި ގެނެސްދީފާނެ.“
އެހެން ބުނެފައި ނިރޯތަމް ދާސް އެމީހަށް ގޮވައި މާބޮނޑި ގެނެސްދިނުމަށް އެދުނެވެ. ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ މީހާ މާބޮނޑި ގެނެސް ދިނުމުން ރާމް މާބޮނޑި އަތުލައި ނިރޯތަމް ދާސްއާ ދިމާއަށް ދިއްކޮށްލިއެވެ.
ނިރޯތަމް ދާސް ހިނިތުންވެލާފައި ބުންޏެވެ. ”ފާހަގަކުރަން މިއުޅެނީ މަގޭ އުފަންދުވަހެއް ނޫން! މަގޭ ދަރިފުޅުގެ އުފަންދުވަސް.“
ސަރޫޕް އަވަސްއަވަހަށް އޭނާގެ ބައްޕަގެ އަތުން މާބޮނޑި އަތުލައި ހިނިތުން ވުމަށް މަސައްކަތް ކުރަމުން ބުންޏެވެ. ”އަޅުގަނޑުމެން އުޅޭ ހިސާބުގަނޑުގައި އެއްވެސް މީހެއްގެ އުފަންދުވަސް ފާހަގަކޮށެއް ނަހަދާ. އެހެންވެ މާބޮޑި ދޭންވީ ކާކަށްކަން ބައްޕައަށް އެނގިނުލެއްވީ.“
ނިރޯތަމް ދާސް ހިނިތުންވެލިއެވެ. އަދި އެތަނަށް އައިސްތިބި މެހުމާނުންނަށް އެ ދެ މީހުން ތައާރަފުކޮށްދޭން ފެށިއެވެ.
ސަރޫޕް ހުރީ ވަރަށް ހާސްވެ ކަންބޮޑުވެފައެވެ. ކަރުގައި އޮތް ޓައި އިރުއިރުކޮޅުން އޭނާ ރަނގަޅު ކޮށްލައެވެ. ރާމް ހުރީ އުފަލުން ފޮޅިފައެވެ.
އެއްވެސް މެހުމާނަކު އެ ދެމީހުންނާ މެދު މާބޮޑު ފަރުވާތެރިކަމެއް ނުބެހެއްޓިއެވެ. ކޮންމެ މީހަކު ވެސް ނުކޮށް ނުވެގެން އެ ދެ މީހުންގެ އަތުގައި ހިފައި ސަލާން ކޮށްލައެވެ. އެކަމަކު ތިލަކް ރާޖާއި ޗޯޕްޅާއަށް ރާމްއާއި ސަރޫޕް ތައާރަފު ކުރެވުނު އިރު ވަރަށް ބޮޑު ޝައުޤުވެރިކަމެއް އެ ދެ މީހުން ބެހެއްޓިއެވެ. އެހެން މީހުން ކަންތައް ކުރިގޮތް ނިރޯތަމް ދާސް އަށް ފާހަގަވިއެވެ. އެހެންވެ އޭނާ ތިލަކް ރާޖާއި ޗޯޕުޅާގެ ގާތުގައި ބުންޏެވެ. ”މި ދެ މީހުންނަކީ އަހަރުމެންގެ މިރޭގެ އެންމެ ޚާއްޞަ ދެ މެހުމާނުން. އެހެން މީހުންގެ ގާތަށް ޖެހިލާފައި އަހަރެން އަންނަންދެން ކަލޭމެން މި ދެ މީހުން ރަނގަޅަށް ބަލަހައްޓާތި!“
”މައްސަލައެއް ނެތް.“ ތިލަކް ރާޖު ވަރަށް އުފަލުން ހިނިތުންވެފައި ބުންޏެވެ. ”ކަލޭގެ މެހުމާނުންނަށް އަހަރުމެން ކަލޭ ކަމޭ ހިތާ ވަރަށް މާތްކޮށް ކަންތައް ކުރެވޭތޯ ބަލާނަން.“
ރާމް މޮޔައެއް ހެން ތިލަކު ރާޖުގެ ތަލަ ބޮލަށް ބަލަހައްޓައިގެން ހުއްޓެވެ.
ނިރޯތަމް ދާސް ދިއުމުން ތިލަކް ރާޖާއި ޗޯޕްޅާ މާތްބަހުން ރާމްއާ ވާހަކަދައްކަން ފެށިއެވެ. ދެކެވެމުންދިޔަ ވާހަކަތަކުގެ ތެރޭގައި ތައުރީފު އެކުލެވިގެންވާ ނަޒަރަކުން ސަރޫޕާ ދިމާއަށް ބަލާލާފައި ހީލަމުން ތިލަކް ރާޖު ބުންޏެވެ. ”ދަރިފުޅަކީ ވަރަށް ސިކުނޑި ރަނގަޅު ކުއްޖެއްހެން ހީވޭ. ދަރިފުޅާ އެއްބަނޑު އެއްބަފާ އެހެން އެންމެންނަށްވުރެ ޔަގީނުން ވެސް ބުއްދިވެރި ވާނީ މި ފިރިހެން ދަރިފުޅު.“
”މާ ގިނަ ދަރީންނެއް އަޅުގަނޑަކަށް ނުލިބޭ. ތިބީ އެންމެ ދެ ކުދީން. ދެން ހުންނާނީ މީނައަށްވުރެ ހަނގު އަންހެންކުއްޖެއް.“ ރާމް އަވަސްއަވަހަށް ބުނެލިއެވެ. ޗޯޕްޅާގެ ލޮލުގެ ވަށްކަޅީން ތިލަކު ރާޖާ ދިމާއަށް ބަލާލާފައި ރާމް ގާތު ބުންޏެވެ. ”އަޅުގަނޑަށް ހީ ވަނީ ދޭތެރެ ދުރުކުރުމަށް ކަލާ ވަރަށް ބޮޑު ސަމާލުކަމެއް ދެއްވީހެން.“
މިހެން ބުނުމުން އެންމެން ހީގަތެވެ. އެކަމަކު ސަރޫޕުގެ ތުންފަތްމައްޗަށް ހިނިތުންވުމުގެ އަސަރެއް ވެސް ވެރިނުވިއެވެ. ޗޯޕްޅާ ދެއްކި ވާހަކައިގެ އަޑު އިވުމުން އަންނަން އުޅޭ ޠޫފާނެއްގެ އަޑު އޭނާއަށް އިވުނު ކަހަލައެވެ. އެވަގުތު ވޭޓަރު އެތަނަށް އައުމުން އޭނާގެ އަތުގައި ހުރި ތަބަކުން ތިލަކު ރާޖު ދެ ތަށި ޖޫސް ނަގައި ރާމްއާ ދިމާއަށް ދިއްކޮށްލިއެވެ. ރާމް ނޫނެކޭ ބުނަން އަތުން އިޝާރާތްކުރަމުން ބުންޏެވެ. ”ނޫން ނޫން! އަޅުގަނޑުމެން ތިވައްތަރު ޖޫހެއް ނުބޮން.“
”މިއަދު ނުބުޔަސް ކުޑަދުވަސްކޮޅެއް ފަހުން ބޯން ފަށަން ޖެހޭނެ.“ ޗޯޕުޅާ ހީލާފައި ބުންޏެވެ. ”ބޮޑެތި މީހުންގެ ޕާޓީތަކުގައި ހުންނަ ބުއިންތައް ނުބޮވޭ މީހުންނަކީ ރަނގަޅު ބައެއްކަމުގައި ނުބެލެވޭނެ.“
ރާމް ވަށައިގެން ހޯދާލާފައި އެތަނުން ތަށްޓެއް ނަގަން އުޅެމުން ބުންޏެވެ. ”ވަކިވައްތަރެއްގެ ބުއިމެއް ނުބޯން އަހަރެން ހުވާކޮށްފައެއް ނޯންނާނެ.“
ސަރޫޕް ކުއްލިއަކަށް އޭނާގެ ބައްޕަގެ އަތުގައި ހިފަމުން ބުންޏެވެ. ”ކީއްކުރައްވަންތޯ ތިއުޅުއްވަނީ؟ މަންމައަށް އެނގިލައްވައިފިއްޔާ ތަޅައިގަންނާނެ.“
”ކީކޭ؟“ ޗޯޕްޅާ ހިނގަނޑެއް ޖަހާލާފައި ބުންޏެވެ. ”ކަލޭގެ މަންމަ ބައްޕަގެ ގައިގައި ތަޅައިހަދާތަ؟“
”މަންމަ ތަޅަނީ ބައްޕަގެ ގަޔަކު ނޫން! އަޅުގަނޑުގެ ގައިގައި.“
”ކިހިނެއް އަޅުގަނޑުގެ ގައިގައި ޖަހާނީ؟“ ރާމް ވަރަށް ޖޯޝުން ފުރިގެންވާ އަޑަކުން ބުންޏެވެ. ”އަޅުގަނޑަކީ އޭނާގެ ފިރިމީހާ. އޭނާއަކީ އަޅުގަނޑުގެ ފިރިމީހާއެއް ނޫން! ދުވަހަކުވެސް އިސްވެ އޭނާއަށް އަޅުގަނޑާ އަނގައިން ބުނަންވެސް ނުކެރޭ.“
”ފިރިހެނެއް ވިއްޔާ ތިހެން ވާން ޖެހޭނެ.“ ތިލަކު ރާޖު ބުނެލިއެވެ.
ނުނިމޭ
One Response
Anamugaa fidaavun hoodaa hoodaa.mihaaru.lolah thaduvehje ekamaku nufenunu