ލޯބީގެ މަންޒިލު-16

Loading

Facebook
Twitter
WhatsApp

/http://sandhaanu.today/17568/  އާ ގުޅޭ

މެންދުރުން އަނބުރާ ދޭއް ޖެހިއިރު ސަރޫޕާއި އޭނާގެ ބައްޕަ ރާމް ގެއަށް އަތުވެއްޖެއެވެ. މިއަދަކީ ސުޝީލާގެ އުފަން ދުވަސްކަމަށް ވުމުން މެންދުރު ކާގަޑި ޖެހުމުން ހުރިހާ މުއައްޒިފުން ގެއަށް ފޮނުވާލައިފި އެވެ. އެ ދެ ބަފައިން ގެއަށް އައީއްސުރެ ގޭތެރޭގައި މީހުން އޮތީ ފުރިބާރުވެފައެވެ.

ނިރޯތަމް ދާސްގެ އަންހެން ދަރިފުޅު ސުޝީލާގެ އުފަންދުވަހުގެ މުނާސަބާ ފާހަގަކުރުމަށްޓަކައި ބާއްވާ ޕާޓީއަށް ރާމްއާއި ސަރޫޕަށް ދައުވަތު ލިބުނުކަން މުޅި އަވަށުގެ އެންމެންނަށް އެނގިއްޖެއެވެ.

ލާނެ ރަނގަޅު ހެދުމެއް ފެނޭތޯ ރާމް، ސަރޫޕުގެ ހުރިހާ ހެދުމެއް އެފުށް މިފުށަށް ޖަހައި ހޯދައި ބެލިއެވެ. ރަނގަޅު ހެދުމެއް އޭނާއަށް ފެނުނީ ވަރަށް އުނދަގުލުންނެވެ. ތެތް ފޮތިގަނޑަކުން ޕްރީތީ އޭނާގެ ބައްޕަގެ ބޫޓު ސާފުކޮށްދިނެވެ. ސަރޫޕަށް ވެސް ރަނގަޅު ހެދުމަކާއި ބޫޓެއް ލިބުނީ އޭނާގެ ރައްޓެހީންގެ ތެރެއިން އެތައް ބައެއްގެ ގެއަށް ދެވުނު ފަހުންނެވެ. ހެދުމާއި ބޫޓު އޭނާ ހޯދީ އަނެއްދުވަހު ހެނދުނު އަނބުރައި ގެންގޮސްދިނުމަށް ވައުދު ވެފައެވެ. އޭނާ އަނބުރައި ދޭ ގޮތަށް ހެދުމެއް ހޯދަން އުޅޭތީ އޭނާގެ ރައްޓެހިން އެކަމާ ސުއާލުކުރަން ފެށުމުން ވެރިމީހާގެ ދަރިފުޅުގެ އުފަންދުވަހުގެ ޕާޓީގައި ބައިވެރިވާން ދާންވެގެން ކަމަށް ފަޚުރުވެރިކާއެކު ބުނެލައެވެ. އޭނާގެ އެކުވެރިން ހައިރާންކަމާއެކު ސުއާލުކުރެއެވެ.

”ކީކޭ؟ ….. ކަލެއަށް ނިރޯތަމް ދާސް ދައުވަތު ދިނީއޭ؟“

”ހަމައެކަނި ދައުވަތު ދިނީއެއްނޫން! އޭނާގެ ގެއަށް މިއަދު އަހަރެން ގެންގޮސް ކައިރީގައި އަހަރެން ބައިންދައިގެން އިނދެ ރީތި ޖޯޑެއްގައި އަހަންނަށް ސައި ވެސް ދިން.“

”އެހެންތަ؟“ ސަރޫޕުގެ ރައްޓެއްސަކު އޭނާއާ ދިމާއަށް ވިސްނުންތެރިކަމާއެކު ބަލަހައްޓައިގެން ހުރެ ހިނިތުންވެލާފައި ބުންޏެވެ. ”ތިޔައީ ތެދު ވާހަކައެއްކަމަށް ވަންޏާ އަހަންނަށް ހީވަނީ ކަލެއާއި ކަލޭގެ މުޅި އާއިލާ މި ދުނިޔޭގައި ދެމިތިބުމުގެ ދުވަސްތައް ނިމެން ގާތްވީހެން.“

”އެއީ ކީއްވެގެން؟“

”ނިރޯތަމް ދާސްގެ ހުރީ އެންމެ އަންހެން ދަރިއެއްނު؟“

”ޗީޗީ ….!“ ސަރޫޕުގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވިއެވެ. އަދި ހިތްހަމަނުޖެހޭ ގޮތަކަށް ބުންޏެވެ.“ކަލޭމެންގެ ވިސްނުމާއި ޚިޔާލު ވަރަށް ގޯސް. އަބަދުވެސް ނިކަމެތި ފަގީރުން އުޅެނީ މުއްސަނދީންނާ ހަމަހަމަވާން. އެކަމަކު މުއްސަންޖަކު އެއިން މީހަކާ ކިތަންމެ ކުޑަކޮށް ނަމަވެސް ކައިރިވާން އުޅެފިނަމަ އެކަމުގައި ކޮންމެވެސް ނުބައި މަގުސަދެއް އޮންނާނެ ކަމުގައި ބަލަންފަށާ. ބަލަ މި ޕާޓީގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ މުއައްޒިފުންނަށް ވެސް ލިބުނު. އެތައް ކުރޯޑު ރުފިޔާއެއްގެ ވެރިޔަކަށް އޭނާގެ ހުރި ހަމައެކަނި ދަރިފުޅާ ކައިވެނިކުރަން އަހަރެން ނޫން އެހެން މީހަކު ވެސް ހޯދިދާނެއެއްނު!“

”ދެން ތިޔަ ވާހަކަ ހުއްޓާލަމާ ބަހީ! ބުނެބަލަ! ހަދިޔާއަކަށް ގެންދާނީ ކޯޗެއް؟“

”އަސްތާ! ހަދިޔާއެއްގެ ހަނދާނެއްވެސް ނެތް.“

”ވާހަކައެއް ބުނަންތަ؟ ބޮޑެތި މީހުންނަށް އަގުބޮޑު ހަދިޔާއެއް ކޮންމެހެން ގެންގޮސް ދޭނެކަމެއް ނެތް. ރީތި މާބޮނޑިއެއް ހިފައިގެންދޭ!“

”ތި ވާހަކަ ކަލޭ ބުނެދިންކަން ވަރަށް ރަނގަޅު. އެހެން ނޫންނަމަ އަހަންނަށް ގެންދެވޭނީ ފީކުދާނެއް ކަހަލަ އެއްޗެއްކަން ވެސް ނޭނގޭ.“

ސަރޫޕާއި ރާމް އިރުއޮއްސެންވާ އިރަށް ރަނގަޅަށް ފެން ވަރައި ނަލަހެދި ތައްޔާރުވެއްޖެއެވެ. ރައްޓެއްސަކު ގެނެސްދިން ރީތި މާބޮނޑިއެއް އޮތެވެ. ސަރޫޕުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކޯޓު ފަޓުލޫނު ލައިގެން ތަނަކަށް ދާދުވަސްކަމުން އެސްފީ ނާ ޖެހިދާނެތީ މަރުނާލުނީ މިރުހުން ދުންއެޅިއެވެ.

 

 

* * * *

ނިރޯތަމް ދާސްގެ ގޭގެ ބޮޑު ހޯލު ވަނީ އާދަޔާ ޚިލާފަށް ޒީނަތްތެރި ކުރެވިފައެވެ. އެކި ކުލަކުލައިގެ ބޮކި އެކި ތަންތާނގައި ހަރުކޮށްފައިވެއެވެ. ދޮރާށި ދޮށުގައި ހުރެ އަންނަ މެހުމާނުންނާ ނިރޯތަމް ދާސް ސަލާމްކޮށް މަރުހަބާ ކިޔަމުން ދިޔައެވެ. ހޯލުގެ މެދުގައި ބަހައްޓާފައި ހުރި މޭޒެއްގެ މަތީގައި ބޮޑު ކޭކެއް ބާއްވާފައި އޮތެވެ. ކޭކުގައި 18 އުއްބައްތި ދިއްލާފައި ހުއްޓެވެ.

ތަފާތު ވައްތަރު ވައްތަރުގެ ބުއިންތައް ތަށިތައްޓަށް އަޅައި ތަބަކަށް ލައިގެން ވޭޓަރުން ހިނގަހިނގާ ތިއްބެވެ. އައިސްތިބި މެހުމާނުން އެކަކު އަނެކަކާ ބައްދަލުކޮށް ވާހަކަދައްކައި ބުއިންތަކަށް އިންސާފުކުރަމުން ދިޔައެވެ.

ޕާޓީއަށް އައިސް ތިބި މެހުމާނުންގެ ތެރޭގައި ސުޝީލާގެ ރައްޓެހި އަންހެން ކުދީންނާއި ފިރިހެން ކުދީން ގިނަ އަދަދަކަށް ތިއްބެވެ. އެކަމަކު ޖޫލީއަށް އަދި ހޯލާ ހަމަޔަކަށް ނާދެވެއެވެ. އޭނާ ހުރީ ސުޝީލާގެ ކޮޓަރީގައި ރީތިވާން ސުޝީލާއަށް އެހީތެރިވާށެވެ.

ހޯލުގެ އެއްކަނެއްގައި ތިލަކުރާޖާއި އޭނާގެ ރައްޓެއްސަކު ކޮންމެވެސް ބުއިމަކަށް އިންސާފު ކުރަމުން ދިޔައެވެ.

”މިއަދަކީ ނިރޯތަމް ދާސްއަށް ކުރިމަތިވި ވަރަށް އުފާވެރި ދުވަހެއް. އޭނާގެ ގާތު އެ ވާހަކަ ބުނަން މިއަށްވުރެ ރަނގަޅު ދުވަހެއް ދެން އަންނާނެހެން ހީއެއްނުވޭ.“ ތިލަކުރާޖުގެ ރަހުމްތްތެރިޔާ ބުނެލިއެވެ.

”ރަނގަޅު ވަގުތެއް ނުލިބިގެން އަހަރެން ވެސް މިހިރީ.“ ތިލަކުރާޖު ކޯވަރެއް ދިރުވާލަމުން ބުންޏެވެ. ”އަންނަ މަހު ސުޝީލާ ކޮސްމެޓިކްސްގެ މަހާރާޝްޓްރާ ސޯލް އެޖެންޓްކަމުގެ މުއާހަދާގެ މުއްދަތު ހަމަވާނެ. ސިންދޫ ސިންގްއާ ނިރޯތަމްގެ ގުޅުން މިހާރު އެހާ ރަނގަޅެއްނޫން. ކަން އެހެން އޮތުމުން މިހާރު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް އައު ކުރާނެ ހެނެއް ހީއެއްނުވޭ. އެ ސޯލް އެޖެންޓުކަން އަހަންނަށް ލިބިއްޖެއްޔާ ވަރަށް ރަނގަޅު ވާނެ.“

”އަހަރެން ކަލޭގެ ގާތު ވާހަކައެއް ބުނަންތަ؟ އެއްކުރޯޑު ރުފިޔާ ގާނޫނީ ވަކީލަކަށް ދިނަސް މިކަހަލަ މަޝްވަރާއެއް ދޭކަށް އެއިން މީހަކަށް ނޭނގޭނެ.“

”ބުނެބަލަ! އަވަހަށް ބުނެބަލަ!“

”ދެ ފިރިހެން ދަރީން ކަލޭގެ އެބަ ތިއްބެއްނު!“

”އަހަރެންގެ ދެ ފިރިހެން ކުދީންގެ ތެރެއިން އެކަކު އުޅެނީ ކިޔަވަން. އަނެކަކު އުޅެނީ ވިޔަފާރީގެ ތެރޭގައި އަހަންނާއެކު.“

”ކިޔަވަން އުޅޭ ކުއްޖާ އަދި މީހަކާ ނީނދެއެއްނު!“ ޗޯޕުޅާ މާނައިން ފުރިގެންވާ ގޮތަކަށް ހީލިއެވެ.

”ކީކޭ ތިބުނީ؟“ ތިލަކުރާޖު ތެޅިގެންފައި ސުއާލުކުރިއެވެ. ”އަހަރެންގެ ހަނގު ދަރިފުޅާއި ސުޝީލާގެ ކައިވެނީގެ ވާހަކަތަ؟“

”އާނ! ކަލޭގެ ދަރިފުޅު ސަރީންގެ ކިބައިގައި އުނިކަމެއް ނެތް. އޭނާއަކީ ރީތި ޒުވާނެއް. އޭނާއަކީ ކިޔަވަމުންދާ ޒުވާނެއް. މިދުވަސްވަރު އަންހެން ކުއްޖާގެ މައިންބަފައިން އިތުރުކަމަކަށް ނުބަލާނެ.“

”ތިކަންތައް ކުރެވިއްޖެއްޔާ މުޅި ސުޝީލާ ކޮސްމެޓިކްސް އަހަންނަށް ލިބުނީއެއްނު!“ ތިލަކުރާޖުގެ މޫނުމައްޗަށް އުފައުވެރިކަން ވެރިވެގެން ހިނގައްޖެއެވެ.

މެހުމާނުން އައުން މަދުވުމުން ނިރޯތަމް ދާސް މަޑުމަޑުން ހިނގާފައި ގޮސް ހޯލު ތެރޭގައި ގްރޫޕް ގްރޫޕަށް ތިބި މެހުމާނުންނާ ބައްދަލުކޮށް ވާހަކަދައްކަމުންދިޔައެވެ. އޭނާ ތިލަކުރާޖުމެން ތިބި ދިމާއަށް އަންނަތަން ފެނުމުން ޗޯޕުޅާ، ތިލަކްރާޖުއާ ދިމާއަށް ބަލާލާފައި އެއްލޯ މަރައިލިއެވެ. އަދި މީހަކު އޭނާއަށް ގޮވުމުން އެ މީހާގެ ގާތަށް ދާކަހަލަ ގޮތަކަށް އެއްފަރާތަކަށް ހިނގައިގަތެވެ. ނިރޯތަމް ދާސް އައިސް ހުއްޓި ހީލާފައި ތިލަކުރާޖު ގާތު ބުންޏެވެ.

”ކިހިނެއް ވެފައި ތި ތިބީ؟ ބަނޑުގައި ގޯހެއް އުޅެނީތަ؟ އަދި ތިއުޅެނީ ތައްޓަށް އެޅި ފުރަތަމަ އެތިފޮދު ވެސް ހުސްކޮށްނުލެވިގެން.“

”ދެވަނަ ތަށި ބޯން ފަށާއިރަށް އަހަރެން ހަމައިން ނެއްޓޭނެ.“ ތިލަކުރާޖު ލަސްލަހުން ބުންޏެވެ. ”އެހެންވެ ވަރަށް ބޮޑަށް ބަލައިގެން މިއުޅެނީ. މިކޮޅަށް އައިކަން ވަރަށް ރަނގަޅު. މުހިންމު ވާހަކައެއް ބުނަންވެފައި އެބައޮތް.“

”އަވަހަށް ބުނޭ! މިއަދު ކަލެއަކީ އަހަރެންގެ މެހުމާނެއް.“

”އަހަރެން ކަހަލަ އާދައިގެ މީހަކު މި ވާހަކަ ބުނަން ޖެހިލުން ވެސް ވޭ.“

”ކޮންކަހަލަ ވާހަކައެއް ތި ދައްކަނީ؟ ބޮމްބޭގެ އެންމެ ބޮޑު ފަސް ފާމުގެ ސޯލް އެޖެންޓަކީ ކަލޭ. އެއަށްވުރެ ބޮޑު މާތްކަމެއް މީހަކަށް ލިބޭނެތަ؟“

”އާނ! އަދި އެއަށްވުރެ ބޮޑު މާތްކަމެއް އެބައޮތް. އެކަން ލިބޭނީ ކަލޭ ދިނުމުން، ދިން އިރަކުން.“

”އަހަރެންގެ ކުން ފުނިން އުފައްދާ ތަކެތީގެ ސޯލް އެޖެންޓުކަމުގެ ވާހަކަތަ ބުނަން ތިއުޅެނީ؟ އެހެންކަމަށް ވާނަމަ ވަރަށް ހިތާމަޔާއެކު ބުނަން ޖެހެނީ ތިކަން ކޮށްދެވޭކަށް ނެތޭ. ދަންރާޖަށް އެޖެންޓުކަން ދޭން އަހަރެން އޮތީ ވައުދުވެފައި.“

”މިހާ އުފާވެރި ވަގުތެއްގައި ވިޔަފާރީގެ ވާހަކައެއް އަހަރެން ދައްކާނެ ކަމަށް ހީކުރީތަ؟“

”ދެން ކޮން ވާހަކައެއް ބުނަން ތިއުޅެނީ؟“

”“ކަލޭގެ ގޭގެ ހަނދުން އަހަރެންގެ ގެއަށް ހަނދުވަރުގެ އަލި ލިބުމަކީ އަހަރެން ދެކޭ ހުވަފެނެއް.“

”އަސްތާ!“ ނިރޯތަމް ދާސް ހީލާފައި ތިލަކުރާޖުގެ ކޮނޑުގައި އަތް ބާއްވަމުން ބުންޏެވެ. ”ސުރޭންގެ ރަނގަޅު ވާހަކަ އަހަރެން އަޑުއަހަން. އޭނާއަކީ އަހަންނަށް ވެސް ވަރަށް ކަމުދާ ކުއްޖެއް. އެކަމަކު ހިތާމައަކީ ތިކަމުގައި ވެސް ކުޑަ ތަންކޮޅެއް ކަލެއަށް ލަސްކުރެވިއްޖެ.“

”ކީކޭ؟“ ތިލަކުރާޖަށް ހީވީ އޭނާގެ މޫނުމަތީގައި ކޮކާ ބުރަންފެށިހެންނެވެ.

”އިންސާނާގެ އަތުގައި ހުންނަ ރޮނގުތައް އެއްވެސް މީހަކަށް ބަދަލެއް ނުކުރެވޭނެ.“ ނިރޯތަމްދާސް ފިނި ނޭވާއެއް ލާފައި ބުންޏެވެ. ”އަހަރެންގެ ހުރީ އެންމެ އަންހެން ދަރިއެއް. އޭނާގެ އުފަލަކީ އަހަރެންގެ އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އަހަންނަށް ބޭނުންތެރި އެއްޗެއް. ކަން އެހެން އޮތުމުން ސުޝީލާ ލޯބިވާ މީހަކާ ކައިވެނިކޮށް ދިނުމަކީ އަހަންނަށް ކޮންމެހެން ވެސް މަޖުބޫރު ކަމެއް.“

”އޭނާ އުޅެނީ މީހަކު ދެކެ ލޯބިވެގެންތަ؟“ ތިލަކުރާޖުގެ އަޑު އޭނާގެ ކަރުތެރޭގައި ތާށިވިއެވެ.

”އާނ! މިހާރު ދުނިޔެ މިއޮތީ ބަދަލުވެފައި. ތައުލީމެއް ނެތް ދުވަސްވަރު މައިންބަފައިން އެމީހުންގެ އުފާ ދަރިންގެ ކޮނޑުގައި އަޅުވާ. މިހާރުގެ މައިންބަފައިންނަށް އެނގިއްޖެ ދިރިއުޅުން ވޭތި ކުރަން ޖެހެނީ އަނބިމީހާއާއި ފިރިމީހާއަށްކަމުގައި. އެހެންވެ އެ ދެމީހުންގެ އުފަލާއި ރުހުން ކައިވެނީގެ ކުރިން ކޮންމެހެން ވެސް ބޭނުންވޭ. މުއްސަންޖެއްގެ އަންހެން ދަރިއަކާއި ފަގީރު އެކަމަކު ވިސްނުންތެރި ފިރިހެން ކުއްޖަކާ ކައިވެނިކޮށްދިނުން ވާނީ ރަނގަޅު ތަޖުރިބާއަކަށް. މުއްސަނދީންގެ ފިރިހެން ކުދީން ފަގީރު އަންހެން ކުދީންނާ ކުރާ ކައިވެނީގެ ނަތީޖާ ވަރަށް ރަނގަޅުވެފައި އެބަހުރި. ކަލޭ ވެސް ސުރޭންގެ ކައިވެންޏަށް ފަގީރު ބައެއްގެ އަންހެން ދަރިޔަކު ހޯދުމަކީ އަހަރެންގެ އެދުމެއް. ކަލޭގެ ދޮށީ ދަރިފުޅު ނަވީންގެ ކައިވެނި އޭނާއާ އެއްފެންވަރެއްގެ އަންހެން ކުއްޖަކާ ކުރުވުމުން ކައިވެނި ނާކާމިޔާބު ވެފައިވާ ވާހަކަ އަހަރެން އަޑުއެހިން.“

”ވާންއުޅޭ ދަނބި ދަރިފުޅު ކޮބާ؟“

”އެ ހެރަ އަންނަނީ.“ ނިރޯތަމްދާސް އެ ދިމާއަށް އަތްދިއްކޮށްފައި ބުނެލިއެވެ. ”އަހަރެންގެ ދަނބި ދަރިފުޅު އޭނާގެ ބައްޕައާއެކު އެ އައީ. މަ މިދަނީ އެމީހުންނާ ބައްދަލު ކުރަން.“

ނުނިމޭ

 

 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް