ސިޔާސީ އަވާމެންދުރު ފަހާދުވުން

Loading

Facebook
Twitter
WhatsApp

އަވާމެންދުރަކީ ހަމައެކަނި ފެންބޮވައިގެންފައިވާ މީހަކަށް ހަނަފަސް ސަހަރާއެއްގެ ތެރޭން ފެންނަ ފެނުމެއްނޫނެވެ. އެބަހުގެ މުރާދުގެ ތެރޭގައި ހިމެނޭ ކަންތައްތައް ވަރަށްވެސް ގިނައެވެ. ސިޔާސީ ދަޅަ ދެއްކުމަކީވެސް އޭގެ ތަފްސީރުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާނެއެވެ. ދުނިޔެއަށް އަންނަމުންދާ އަމިއްލަ އެދުމުގެ ފަންނުގައި ހިމެނޭ އެންމެ ފާހަގަކުރެވޭ ކަމަކީވެސް ސިޔާސީ ދަޅަދެއްކުމެވެ. އެއަށްވުރެން ސާދާކޮށްބުނާނަމަ ސިޔާސީ އަވާމެންދުރު ފަހާދުވަން ޖެއްސުމެވެ.

 ކުރީ ޒަމާނުގައި އަދި ދެވަނަބޮޑު ހަނގުރާމައާއި ހަމަޔަށްވެސް ގައުމުތައް އަޅުވެތިކޮށް އިސްތިއުމާރު ކުރަމުންގެންދިޔައީ ހަނގުރާމަ ކޮށްގެން ނިކަމެތިން ބިރުދައްކައި އަދި މަރައިގެންވެސް މެއެވެ. މިހާރުވެސް މިއުކުޅުތައް ބޭނުންކޮށްގެން ގައުމުތައް އަޅުވެތިކުރަމުން ނުގެންދެއެކޭ ނުބުނަމެވެ. އެހެންނަމަވެސް މިހާރު އާންމުކޮށް ބޭނުން ކުރާ އުކުޅުތައް ތަފާތު ވެއްޖެއެވެ. ހަކަތައާއި ބާރުވެރިކަން ނެތް ދޭދޭ ގައުމުތައް ޖައްސައިގެންނާއި ހެޔޮއެދޭ ކަމަށް ހެދިގެން ހަތިޔާރު ފޯރުކޮށްދީ ބަލިވާއަތަށް އަޅާ ބަޔަކަށް ސިފައިންގެ އެހީވެސް ފޯރުކޮށްދީ ސުލްޙަ ބަލަހައްޓާ ނަމުގައި ތިބެ އެ ގައުމުތަކުގައި ދެންހުރި އެއްޗެއްވެސް ފޭރިގަނެވޭނެ އެންމެހާގޮތްތައް ރާވައި ތަންފީޒުކުރުމަކީ މިހާރުގެ ފަންނެވެ.

މިކަންކަން ރާވައި ހިންގުމަށްޓަކައި ބައިނަލް އަގްވާމީ އިދާރާ ތަކެއްވެސް އުފައްދައި އިންސާނިއްޔަތުގެ ހަމަހަމަ ކަމަށް ވަކާލާތު ކުރަމުން ގެންދަނީވެސް ހަމައެކަނި ވަކިބައެއްގެ މަސްލަޙަތު ރައްކާތެރި ކުރުމަށްޓަކައޭ ބުނަންޖެހެއެވެ. ތަރައްގީގެ ނަމުގައި ދަރަނިވެރި ކުރުވައިގެން އަޅުވެތިކަމުގެ ކަސްތޮޅު އެޅުވުމަކީވެސް މިހާރުގެ ފަންނެކެވެ. އަޅުގަނޑުމެންގެ ރައީސުލް ޖުމްހޫރިއްޔާއަކު އެފަދަ ބިޔަ ބޮޑު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑެތި ގައުމުތަކަށް ބޮޑު އިންސާފު ކުދިގައުމުތަކަށް ކުދި އިންސާފުކަމަށް ވިދާޅުވުން އެއީ ހަމަ ހަގީގަތެވެ.

ފަހަރެއްގައި އެމަނިކުފާނު އެހެން ވިދާޅުވުމުގެ ބޭނުމަކީ އަޅުގަނޑުމެންގެ ކުޑަކުޑަ ގައުމުގައިވެސް ކަންތައް ހިނގަމުންދަނީ އެގޮތަށް ކަން ހާމަކުރުމުގެ ވިސްނުންފުޅުގައި ކަމަށްވުމަކީ ދުރުކަމެއް ނޫނެވެ.

ބައިނަލް އަގުވާމީ ދުނިޔެއިން ދުރަށް ޖެހިލާފައި އަޅުގަނޑުމެންނަށް މި ވަމުންދާ ގޮތަކާދޭތެރޭ އަދި އެއްފަހަރު ވިސްނާލަމާ ހިނގާށެވެ. ވިރާސީ ރަސްކަމަކުން އިންތިޚާބީ ވެރިކަމަކަށް ބަދަލުވެގެންދިޔައީ ރައްޔިތުންނަށް ސިޔާސީ އަވާމެންދުރު ދައްކަމުންނެވެ. ވެރިޔަކަށް ހުންނަންޖެހޭނީ ހަމައެކަނި ވަކި ޚާންދާނަކަށް ނިސްބަތްކުރެވޭ ބޭފުޅަކުނޫން ކަމާއި މިގައުމަކީ ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޙިއްސާ އެއް ލިބިދީފައިވާ ގައުމަކަށްވީތީވެ ރައްޔިތުން ބޭނުންވާމީހަކު ވެރިއެއްގެ ގޮތުގައި ބެހެއްޓުމަށްޓަކައި ގާނޫނީ އޮނިގަނޑެއްވެސް ގާއިމްކޮށްދިނެވެ.

ރާއްޖޭގެ ބިޔަ ރައްޔަތުންގެ މަޖިލިސް- ރައްޔަތުންގެ މަންދޫބުން:

ރައްޔިތުންރުހޭ ގޮތެއްގައިނޫނީ ވެރިކަން ނުކުރެވޭނެކަން ކަށަވަރު ކުރުމަށްޓާކައި ބާރުގަދަ ބިޔަ ރައްޔިތުންގެ މަޖިލީހަކަށް އެ ގާނޫނީ އޮނިގަނޑު ހެދުމާއި ބަދަލުގެނައުމުގެ ބާރު ދީފައެވެ. އެކަމަކު ވެރިކަން ލިބުނީމާ ދެން މި ބާރުގަދަ މަޖިލީސްވެސް ބަދަލުވެގެން ދިޔައީ ވެރިމީހާގެ ގޮށްމުށުތެރޭގައި ޙަރަކާތްތެރި ވާންޖެހޭ މަޖިލީހަކަށެވެ. އަނެއްކާވެސް ސިޔާސީ އަވާމެންދުރެއް ދައްކަމުންނެވެ. މިފަހަރު ބޭނުންކުރީ ރައްޔިތުން ބޭނުންވާގޮތަށް ވެރިކަންކުރުމަށްޓަކައި ވެރިމީހާ ބޭނުންވާ ކަންކަމަށް މަޖިލީހުން އާނބަސް ދޭން ޖެހޭނެކަމަށްބުނެ މިފަދަ އަވާމެންދުރު ތަކެކެވެ. ނަތީޖާއަކަށް ވެގެންދިޔައީ ރައްޔިތުންނަކީ ވެރިމީހާގެ ނޯކަރުންތަކެއް ކަމުގައި ސިފަވެގެންދިއުމެވެ.

މިހާ ހިސާބަށް ދިޔައިރު ރައްޔިތުންގެ ތެރޭގައި ސިޔާސީގޮތުން ކިޔަވައިގެންތިބި ބައިނަލް އަގުވާމީ ދުނިޔެއަށް ލޯހުޅުވިފައިތިބި ޒުވާންޖީލެއް އުފެދިއްޖެއެވެ. އަދި ވެރިކަން ކުރެވެމުންދާގޮތަކީ ޙަގީގަތުގައި ރައްޔިތުންގެ ބައިވެރިވުން ނެތް އަދި ޒަމާނަށްވެސް ނުފެތޭ ވެރިކަމެކޭގޮވަމުން މުޅިރާއްޖޭގެ ކަންކޮޅުތައް ގުގުމާލައިފިއެވެ. މިފަހަރު ބޭނުންކުރީ ޑިމޮކްރެސީގެ އަވާމެންދުރެވެ. ޑިމޮކްރެސީއަކީ ދިވެހިންނަށް އޭރު އެނގޭ އެއްޗަކަށްވެސް ނުވެއެވެ. އެއީ ކޮން ރަހައެއްލާ ކޮން ކުލައެއްގެ އެއްޗެއްކަމެއް ފަހުމް ވެފައެއްވެސް ނެތެވެ. އެހެންކަމުން ޑިމޮކްރެސީއަކީ ކޯއްޗެއްކަން ދަންނަމޭ ބުނާ މަދު ބަޔަކު އޭގެ ފައިދާތައް ނިކަންރަނގަޅަށް ރައްޔިތުންނަށް ކިޔާދީފިއެވެ. އެއަށްފަހު އެތަނުން އެކަކު މަޖިލީހުގެ ރިޔާސަތަށް ވެރިކުރުވުމަށްފަހު ޑިމޮކްރެސީގެ ވެރިކަމެއް ކުރާނެގޮތަށް އެއްކަލަ ގާނޫނުތައް ބަދަލުކޮށްލައިފިއެވެ.

ސަރުކާރާއި އިދިކޮޅު މުޒާހަރާ: ދީނަށްޓަކާ، ރައްޔަތުންޓަކާ، ގައުމަށްޓަކާ!

ރައްޔިތުންގެ ބައިވެރިވުން އިތުރުވާނެހާ ބަދަލުތައް ގާނޫނަށް ގެނެސް އާބާދީގެ ނިސްބަތުން މުޅިދުނިޔޭންވެސް އެންމެ މެމްބަރުން ގިނަ ރައްޔިތުންމަޖިލީހެއް އެކުލަވާލައި އެ މަޖިލީހުގެ މެމްބަރުން އަހަރުން އަހަރަށް އިތުރުވާނެގޮތަށް ގާނޫނުތައް މަދުދުވަސްކޮޅެއްގެ ތެރޭގައި ބަދަލު ކޮށްނިންމާލިއެވެ. އެއަށްފަހު ރައްޔިތުން ބޭނުންވާ ކަންތައްތައް ފަސް މިނިސްޓަރުންނާއި ދެތިން ކަތީބުންނަށް ކޮށްނުދެވޭނެތީ ސަރުކާރު ހިންގުމަށް ދެތިން ޑަޒަނެއްހާ މިނިސްޓަރުންނާއި ނައިބުންނާއި އަދަދުނުކުރެވޭހާގިނަ އެހީތެރިންނާއި ކޮންމެރަށަކަށް ވަރުވަރުގެ ކައުންސިލްތަކާއި ކޮމިޓީތައްވެސް އުފެދިގެން ހިނގައްޖެއެވެ. ރައްޔިތުމީހާ ހުރީ ގެނެވެމުންމިދާ ބަދަލުތަކުގެ ފޮނިމީރުކަން ރަހަބަލާލުމަށްޓަކައި ކެތްތެރިކަން ކުޑަވެފައެވެ.

އެބުނި ރައްޔިތުންގެ ބައިވެރިވުން އެންމެ ފުރިހަމަ ގޮތުގައި ލިބިދީފައިވާ ޑިމޮކްރެސީގެ ވެރިކަމަށް ފަނަރަވަރަކަށް އަހަރުވެގެންދާއިރު އަދިވެސް ރައްޔިތުން މިގެންދަނީ ސިޔާސީ އަވާމެންދުރު ފަހާދުވަމުންނެވެ. މިގެނެވުނު ބަދަލަކީ އަނެއްކާވެސް ރައްޔިތުންނަށް ފައިދާއެއް ކުރަނިވި ބަދަލެއްނޫންކަމާއި ވެރިކަމަށް ފެންބޮވައިގެންފައި ތިބިބަޔަކު އަމިއްލަ އެދުމަށްޓަކައި ރާވައިގެން އިންތިޒާމްކުރަމުން ގެންދާ ވެރިކަމެއް ކަމުގައި އެނގިތިބެމެ އަދިވެސް ރައްޔިތުންގެ ވިސްނުން މިހުންނަނީ ސިޔާސީގޮތުން އެދައްކާ އަވާމެންދުރު ޙާސިލު ކުރެވިދާނެ ކަމުގެ އުންމީދުގައޭ ބުނަންޖެހެނީ މާޔޫސްކަމާއެކުގައެވެ.

ހުވައެއްކޮށްލުމަކީ އެއްވެސް ޖެހިލުމެއްނުވާ ކަމަކަށްވެއްޖެ: ކެބިނެޓް ހުވާކުރަނީ:

ކުރަމުންގެންދާ ހުވާ ތަކާއި ފާޅުކުރަމުންގެންދާ ވައުދުތަކާއި އަޙުދުތަކަކީ އެއްވެސް އިޚްލާސްތެރިކަމެއްނެތި ހަމައެކަނި ވެރިކަމުގެ ދަހިވެތިކަމުގައި އުކާލާ ކުނިތަކަކަށް ވެގެންދާތަން ތަކުރާރުކޮށް އެބަ ފެނެއެވެ. ވަރަށް ރަނގަޅަށް އެނގޭވެސް މެއެވެ. އެކަމަކު ހަމަ ދެލޯ މަރާލެވި ކަންފަތުގައި އަތްއެޅެނީހެން ހީވެއެވެ! ގައުމެއްގައި ވިއްޔާ ރައްޔިތުންނަށްޓަކައި ސަރުކާރެއް އޮންނަން ޖެހޭނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ޙާލަތަށް ބަލާއިރު ރައްޔިތުންނަށްޓަކައި އޮތް ސަރުކާރެއް ފެނުނު ޒަމާނެއް އެނގޭ މީހަކު ހުރިކަމަކަށް ނުވެއެވެ. އިއްޔެ ހަތްގުދު އެބައޮތޭ ގޮވި ވެރިމީހާ މިއަދު އަލިފަކަށް ވެގެން ދަނީ ސަންފާއޮނެއްގެ ތެރެއަށް ލެވުނީމާތޯ ކޮންމެ ރައްޔިތަކުވެސް އަމިއްލަ ނަފްސަށް އެތައް ފަހަރަކު ސުވާލުކުރަން މިހާރު އެބަޖެހެއެވެ.

ގައުމު ދަރުވާލައިފިއޭ ދަރިންގެ ދަރިންނަށްވެސް ސަލާމަތެއްނެތޭ ގޮވި ދޫތަކުން ހަމަ އެމީހުންނަށް ތައުރީފާއި ސަނާ ތަކުރާރުކޮށް ކިޔަމުން މިދުވަނީ މި ގައުމުގައި ވެރިޔަކަށް ކަމުހިނގައިދާނެ އެހެން މީހަކު ހަމަނެތިގެން ބާވައެވެ. ތަޖްރިބާ ނުކުރަންވީ ކީއްވެގެން ހެއްޔެވެ؟ ތެދުވެރި އަމާނާތްތެރިން ނޫންކަން އެނގުނީމާވެސް އެފަދަމީހުންނަށް ދެވަނަ އަދި ތިންވަނަ ފުރުސަތުވެސް ދޭންޖެހެނީ ކޮން ހަމަޔަކާއި އިންސާފަކުންތޯއެވެ؟ އަޅުގަނޑުމެން ދިވެހި ރައްޔިތުން އަޅުގަނޑުމެންގެ ގައުމުހަމަޔަކަށް ނުވަތަ ހަމަމަގަށް ނާޅުވައިފިނަމަ އެކަން ކޮށްދޭނެ އެހެންބަޔަކު ނާންނާނެއެވެ. “ ގައުމެއްގެ ޙާލަތު ބަދަލު ނުކުރައްވަތޭ އެގައުމެއްގައި ޙާލަތު ބަދަލުކުރުމުގެ ރޫހެއްނެތްނަމަ ނުވަތަ ބައެއްގެ ޙާލަތު ބަދަލު ނުކުރައްވަތޭ އެބަޔަކު ޙާލަތު ބަދަލު ކޮށްފުމަށް ދާންދެން “ މިއީ ކޮންމެ ހުކުރު ޚުތުބާއަކުން ލިއްބައިދޭ ދަރުސެކެވެ.

ދިވެހި ގައުމަކީ ދިވެހިންގެ މިލްކެކެވެ. ވެރިޔަކަށް އިންތިޚާބު ކުރެވޭ މީހާ ހެޔޮމަގުން ކައްސާލީމާ ދެން އޭނާގެ ފަހަތުން ގައުމު ދާކަށް ނުޖެހޭނެއެވެ. އަޅުގަނޑުމެނަށް މިކަންތައްތައް ވިސްނައިދީ ހަނދާނުން ކައްސާލައިގެން ދިޔަ ނުދިނުމަށް ބާރު އަޅުއްވައި މާތް ނަބިއްޔާއާއި އިތުރު ސަޙާބީންނާއި އަދި ދަންނަބޭކަލުން އިސްލާމީ އުންމަތަށް އެތައް ބައިވަރު އިރުޝާދުތަކެއް ދެއްވާފައި ނުވޭ ހެއްޔެވެ؟ މިހާލަތަށް އިޝާރާތް ކުރައްވައި މި އުންމަތުގެ ހަތަރުވަނަ ޚަލީފާ އަލީގެފާނު ވިދާޅުވިކަމަށް ދަންނަބޭކަލުންގެ ދޫފުޅުތަކުން ތަކުރާރުކުރެވޭ ބަސްފުޅެއްގެ މަފްހޫމާމެދު އަދި އެއްފަހަރު ވިސްނާލުންރަނގަޅުވާނެއެވެ.

 “ ދުނިޔޭގެ ޙާލަތު ދެކިބަލާށެވެ. ލަދުޙަޔާތް ނެތުމަކީ ބުރުސޫރައާއި ސުލޫކުގެ ރިވެތި ކަން ކަމުގައިވެ މަކަރާ ޙީލަތް ހެދުމަކީ ވިސްނުން ތޫނުކަމާއި ބުއްދިވެރިކަން ކަމުގައި ގަބޫލުކުރެވިއްޖެއެވެ. އަދި ހަމައެއާއެކު ތެދުވެރިކަމާއި އަމާނާތްތެރި ކަމަކީ މޮޔައިންގެ ސިފައެއް ކަމުގައިވެސް މިއޮތީ ވިސްނާދީފައެވެ“. އިތުރަށް ބުނާނެ އެއްޗެއް ނުވިސްނެއެވެ.

 މި ކުރުކުރު ތިން ޖުމުލައިގައި އަޅުގަނޑުމެންގެ މިއަދުގެ ޙާލަތު މިއޮތީ ފިކުރުކުރާބަޔަކަށް އެނގޭވަރަށް ބުނެދީފައެވެ. ލޮލުގެ ކުރިމަތިން ފެންނަމުންދާ ބޮޑުމަންޒަރުތަކުން ހެކިތައް މިދަނީ ހާމަވަމުންނެވެ.

އަޅުގަނޑުމެންނަކީ މުސްލިމުންނެވެ. އެކަމަށް ޝައްކުކުރާނެ ދިވެއްސަކު ނުހުންނާނެއެވެ. “ އެއްހޮރަކުން ދެފަހަރަކު މުސްލިމަކުގަޔަށް ކަށިނުޖަހާނެއޭ “ މިއީ ދިވެހިންގެ ތެރޭގައި އާންމު ހަރުބަހެކެވެ. ދިވެހި އުންމަތަށް އަދަށްވުރެން ފެހި މާދަމާއަކަށް އެދި ދުޢާކުރަމެވެ.

Loading

3 Responses

  1. އެއްވެސް ކަމެއްގައި ލަދެއް ހަޔާތެއް ނެތުމަކީ ބުރުސޫރައާއި ސުލޫކުގެ އެންމެ ރިވެތިސިފަ ކަމުގައިވެ، މަކަރާ ޙީލަތް ހެދުމަކީ ބުއްދިވެރިކަމާއި ވިސްނުންތޫނުކަން ކަމުގައި ގަބޫލުކުރެވި އަދި ތެދުވެރިކަމާ އަމާނާތްތެރިކަމަކީ މޮޔަ ސޭކުންގެ ސިފައެއްކަމަށް ވިސްނުނީމާ ހަގީގަތުގައިވެސް ދެން އިތުރަށް ބުނާނެ އެއްޗެއް ނޭގެއެވެ. އަޅުގަނޑުމެން ވައްދާފައިމިތިބީ ކަނުއަނދިރި ކޮޅުބެދިފައިވާ މަގެއްގެތެރެއަށެވެ. އައިކޮޅަށް ދެވޭކަށް ނެތެވެ. ކަނުއަދިރީގެ ބޮޑުކަމުން ދާން އޮތް ކޮޅު އޮތީ ބެދިފައިކަންވެސް ނޭގެއެވެ.

  2. މާތްﷲ ގަންދީ ހުވާކޮށްގެން ބޭނުންހާ ނުލަފާކަމެއް ކުރުމަކީ މިހާރު މިއުޅޭ މީހުން ބިރުގަންނަކަމަކަށް ނުވެއެވެ. ވީމާ ވެރިކަމެއް ލިބެންޏާ އަވަހަށް ހުވާކޮށްލައިގެން ގޮނޑިއަށް ސަވާރުވެލުން އެއީ ޖާހަތެވެ. އެއަށްފަހު ދެން ރައްޔަތުންގެ ޚިޔާލުހޯދުމާއި އެބުނާ ދީނަށްޓަކަޔާއި ގައުމަށްޓަކަޔާއި ރައްޔަތުންނަށްޓަކަޔާއި އެއީ ހަމަ ހުސް ޓަކާ ތަކެކެވެ. އަސްލު އެ ރައްޔަތުންގެ ޚާދިމުންތައް ވަރަށް ސަޅިކޮށް ބަދަލުވެލަނީ ޖީބަށްޓަކައެވެ. ދެން ހަމަ އުފަލާމަޖަލުގައި ރައްޔަތުން މޯގޭޖްކޮށް ބޭރު ގައުމުތަކުން ފައިސާހޯދައިގެން ނާއި އަދި ނުވީތާކަށް ފައިސާ ޖަހައިގެންވެސް އެވެރިންކުރާ ޚަރަދުތަކަކަށް ކުޑަވެސް ބަދަލެއް ގެނައުމެއް ނެތެވެ. ވީމާ ދެން އޮންނަނަވާނީ ރިވޮލޫޝަނަރީ މޫވްމަންޓު އެބުނަމުންދާ ގޮތެވެ. އެއީ މާތްﷲ ގަންދީ ކުރި ހުވަޔާއި ޚިލާފުވެ ގައުމުގެ ސިޔާދަތުވެސް ވިއްކާލުމުން ބަލަން ނުތިބެ ރައްޔަތުން އެފަދަ ޚާއިނުން އަތުން ވެރިކަން އަތުލުމެވެ. އެކަންވަނީ މިގައުމުގައި ތިންފަހަރެއްގެމަތީން ޢަމަލުން ދައްކާފައެވެ. އެނޫންގޮތެއް ގާނޫނު ނުދަނެތެވެ.

  3. ޔޫސުފް ނަޢީމް ތިޔަ ވިދާޅުވީ ކަންތައް ކުރެވެމުންދާގޮތެވެ. ނިންމާލަމުން ތިޔަ ވިދާޅުވެވުނީ ކުރަންއޮތް ބޮޑުކަންތަކުގެ ވާހަކައެވެ. އެކަމަކު ހިތާމައަކީ ސިޔާސީ އަވާމެންދުރު ފަހާ ދުވަނީ ޖީބުން ވެއްޓޭ އެދިކޮޅެއްވެސް ލިބިދާނެކަމުގެ އުންމީދުގައޭ ބުނަންޖެހޭތީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް