ބަޣުދާދުގެ ފިރްދައުސް ސްކެއަރގައި ބަހައްޓާފައިހުރި ޞައްދާމު ޙުސޭނުގެ ބުދު މީގެ 19 އަހަރު ކުރިން ވަނީ ވައްޓާލާފައެވެ. ގިނަ އަދަދެއްގެ މީހުން އެދުވަހު އެތަނަށް އެއްވެ އެ ބުދު ވައްޓާލައި އެކަމުގެ އުފާ ވަނީ ފާޅުކޮށްފައެވެ. އެއްވި މީހުންގެ ތެރެއިން އެންމެ އިސްކޮށް ބައިވެރިވެފައި ވަނީ ޙާދިމް އަލް ޖުބޫރީއެވެ.
ބޮޑު ކޯރާޑިއަކުން އެ ބުދު ބަހައްޓާފައިހުރި ބންގާ ހަލާކު ކުރަމުން އަލްޖުބޫރީ ވަނީ އޭނާގެ ހިތަށް ލިބުނު ހިތްހަމަޖެހުމުގެ ވާހަކަ ހިއްސާކޮށްފައެވެ. ނަމަވެސް، މިއަދު އޭނާގެ މޫނުމަތިން އެ ދުވަހު ފެނުނު ހިތްހަމަ ޖެހުމާއި އުފަލުގެ ތަންފުކެއްވެސް ފެންނާކަށް ނެތެވެ. ފެންނަނީ ހިތާމައެވެ.
ޞައްދާމްގެ ބުދު 2003ވަނަ އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހު ވައްޓާލި ދުވަހަކީ މުޅި އިރާގުގައި އުފާ ފާޅު ކުރި ދުވަހެކެވެ. ރައްޔިތުންނާ މެދު އަޅާ ނުލާ ހަރުކަށި ވެރިއަކު ވެއްޓުމުން އެކަމުގެ އުފަލުގައެވެ. މި ބުދު ވައްޓާލުމަށްޓަކައި ކޯރާޑި ހިފައިގެން އެއްމެ އިސްކޮށް މަސައްކަތް ކުރީ ބޮޑީ ބިލްޑިންގް ޗެމްޕިއަން އަލްޖުބޫރީއެވެ. އެމެރިކާއިން އިރާގަށް އެރިތާ 19 އަހަރު ވެފައިވާއިރު އަލްޖުބޫރީ އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.
”އެ ބުދު ވައްޓާލި ދުވަހާ މެދު މިއަދު ހިތާމަ ކުރަން. ޞައްދާމު ޙުސޭނުގެ ވެރިކަމަށް ވުރެ އެމެރިކާ މާ ގޯސް. ކޮންމެ ދުވަހެއްވެސް ކުރީ ދުވަހަށް ވުރެ ހާލަތު ގޯސް.“ އަލްޖުބޫރީ ބުނެފައިވެއެވެ.
އަލްޖުބޫރީ އަކީ ބަރުއުފުލުމުގެ ގިނަ އަދަދެއްގެ މުބާރާތްތަކުގައި ބައިވެރިވެ ގިނަ ވަނަ ތަކެއް ހޯދާފައިވާ މީހެކެވެ. މީގެ އިތުރުން އަލްޖުބޫރީ އަކީ ސައިކަލު މަރާމާތު ކުރުމުގެ ދާއިރާގައި ވެސް މަސައްކަތް ކުރި މީހެކެވެ. އޭނާ ވަނީ ޞައްދާމު ޙުސޭނުގެ ވެރިކަމުގެ ދަށުގައި ޖަލަށް ލާފައެވެ. އޭނާ ޖަލަށް ލާފައި ވަނީ ޞއްދާމުގެ ދަރިކަލުން އުދޭގެ ސައިކަލު މަރާމާތު ކޮށް އޭނާގެ މަސައްކަތަށް ފައިސާ ނުދެއްކުމުން އެކަމާ ޝަކުވާ ކުރުމުގެ ސަބަބުންނެވެ.
އަލްޖުބޫރީ ބުނެފައިވާ ގޮތުގައި އޭނާ ދަންނަ އެތައް ބައެއް ސައްދާމުގެ ވެރިކަމުގެ ދުވަސްވަރު ޖަލަށް ލެވި އިތުރު އެތައް ބަޔަކު ވަނީ ދަން ޖައްސައި މަރާލެވިފައެވެ. އޭގެ ސަބަބުން ފިރްދައުސް ސްކުއެރގައި ޞައްދާމުގެ ބުދެއް ބެހެއްޓި ދުވަހުއްސުރެ އޭނާގެ އެއްމެ ބޮޑު އެއް އުއްމީދަކަށް ވެގެން ދިޔައީ އެ ބުދު ވައްޓާލުމެވެ.
މިހާރު އަލްޖުބޫރީ ބުނެފައިވާ ގޮތުގައި އަދުގެ ހާލަތަށްވުރެ ޞައްދާމުގެ ވެރިކަމުގެ ދަށުގައި އުޅުން މާ ރަނގަޅު ކަމަށެވެ. ”ތިމާޔަށް އެނގޭ ޝައިޠާނެއް، ތިމާޔަށް ނޭނގޭ ޝައިތާނަކަށްވުރެ ރަނގަޅުވާނެ. މިހާރު އަހަރުމެންނަކަށް ރަނގަޅު މީހުންނާއި ގޯސް މީހުން ވަކިކުރާކަށް ނޭނގޭ.“ އޭނާ ބުންޏެވެ.
އިރާގުގައި ކާތަކެއްޗާއި ޚިދުމަތްތަކުގެ އަގުތައް މިހާރު އަންނަނީ މަތިވަމުންނެވެ. ނަތީޖާއެއްގެ ގޮތުން އިރާގުގެ ރައްޔިތުން އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ފަގީރު ވަމުންނެވެ.
އިރާގުގެ 5،000 ރައްޔިތުން ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ ދިރާސާ އަކުން ދައްކާ ގޮތުގައި % 49 މީހުންނަށް މިހާރުގެ ހާލަތު ޞައްދާމުގެ ވެރިކަމުގެ ދަށުގައި އޮތް ހާލަތައްވުރެ ރަނގަޅެވެ. އަދި %29 މީހުން ދެކޭ ގޮތުގައި ޞައްދާމުގެ ވެރިކަމުގެ ދަށުގައި އޮތް ހާލަތު މިހާރަށް ވުރެ ރަނގަޅެވެ.
2 Responses
ރާއްޖޭގެ ޙާލުވެސް ތިހެންވީ. އަންނިގެ ވެރިކަން ގެނައިމީހުން މިއަދު އެރޮނީ. ޑިމޮކްރެސީ އަކީ މަކަރާ ޙީލަތާއި ހުވަފެން ދެއްކުން. ވަރަށް ދެރަ. ވަގުރު ފާއިތުވީ.
ދިވެހިންނަށްވެސް ހަމަ ތިހިން ދިމާވީ. މައުމޫނު ވެރިކަމުން ދުރުކޮށް ޑިމޮކްރެސީ އަށް ކުރި ދަތުރު ހިޕޮކްރެސީއަށް ބަދަލުވެ އުއްޗުގެންގުޅޭ 2 ރެސޯޓާއި ލެޕްޓޮޕަކުން ދައުލަތް ހިންގޭނޭކިޔާފަ ޖެއްސިފޭކް މިހާރު އެކަން ހަދާންކޮށް އެމީހުންގެ ގިނަ ބަޔަކު ރޮނީއެވެ. އެންމެނަށް ލަނޑުދީފަ އެޑިމޮކްރެސީގެ ބައްޕަޔޯ ކިޔާ މީހާވަނީ އެންމެނަށް ލަނޑުދީފައެވެ. މައުމޫނަށްވެރު 10 ގުނަ ކަރަޕްޓް އަދި ދައުލަތުގެ މާލިއްޔާތު މިވަނީ ފުނޑާލައިފައެވެ. ގުޅިގެން ނަހަލާލު ކޯލިޝަނެއް ހަދައިގެން އެންމެހާ ކަމެއް ހައްދުން ނެއްޓީއެވެ. ޒިންމާ ނަގާނެ މީހަކުނެތެވެ. އެމީހަކަށް ހެދުނު ދޮގެއް ހަދައިގެން ރައްޔަތުންގެ ބޯކާލައިގެން ވެރިކަމުގައި ތިބެވޭނެ ގޮތެއް ހޯދުން ނޫންގޮތެއް މިބައިގަނޑުގައެެއް ނެތެވެ. ސަހަރޯ ހީވެއްޖެކަހަލައެވެ.!!