ދިވެހި ކަނޑުގެ ސިފައިންގެ މަރުކަޒެއްކަމުގައިވާ އުތުރު ތިލަފަޅުގެ މައްޗަށް އިންޑިއާ ސިފައިން ވެރިވެގެންފައިވާކަމަށް އެތައް ބަޔަކު ވާހަކަދައްކަމުން ދަނިކޮށް އުތުރު ތިލަފަޅަކީ ދިވެހި ސިފައިންގެ ބާރު ހިނގާ ތަނެއް ނޫންކަމަށާއި އެއީ ފުރިހަމައަށް އިންޑިއާގެ ޢަސްކަރީ ބާރުގެ ދަށުގައި އޮތް ތަނެއްކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
”އަޅުގަނޑު ބުނީމާ ގަބޫލުކުރައްވާ!“ ރައީސް ޔާމީން ”އިންޑިއާ އައުޓޓް“ ކެމްޕޭނަށް ހުކުރު ދުވަހު ރ. މީދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ. ”މިއީ (އުތުރު ތިލަ ފަޅަކީ) ފުރިހަމައަށް އިންޑިއާގެ ޢަސްކަރިއްޔާގެ ބާރު ހިނގާތަނެއް.“
ވެރިރަށް މާލެއާއި ނުހަނު ކައިރީގައި އޮތް އުތުރު ތިލަފަޅުގެ މައްޗަށް އިންޑިއާގެ ޢަސްކަރިއްޔާގެ ބާރު ފޯރުވާފައިވާއިރު އައްޑުއާއި ލ. އަތޮޅުގެ އިތުރަށް ހަނިމާދޫގައި އިންޑިއާގެ ސިފައިފައިން ތިބޭ މައްސަލާގައި ވެސް ދިވެހީންގެ ވަރަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ.
ރައީސް ޔާމީން މީދޫގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ އައުޓުކުރަން ޖެހެނީ ކޮންއެއްޗެއްކަން ސަރުކާރުގެ އިސްފަރާތްތަކަށް ނޭނގެނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ކުރިއަށް ގެންދާ ހަރަކާތްތައް ބައްލަވަން އެބޭފުޅުންނަށް ދަތިވާތީ ކަމަށެވެ.
ދިވެހި ފަސްގަނޑުން އެންމެ އިންޗިއެއް ވެސް ބޭރުގެ ޢަސްކަރިއްޔާއަށް ދާއިމީ ގޮތެއްގައި ދިނުމާ ދެކޮޅަށް ރައީސް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަ، ރ. މީދޫގައި ވެސް ރައީސް ޔާމީން ތަކުރާރުކުރެއްވިއެވެ. އަދި ރާއްޖޭގެ މިނިވަންކަން ނަގާލާފައި ވަނީ ރައްޔިތުން އިތުބާރާއެކީ ދައުލަތް ހިންގަން ހަވާލުވި އިސްވެރިން ކަމަށާއި މިނިވަންކަން ގެއްލުވާލަން އުޅޭ މީހުންނަކީ ޣައްދާރުން ނޫން ބަޔަކަށް ވާނެތޯ ސުއާލު އުފެއްދެވިއެވެ.
”އިންޑިއާ އައުޓު“ގެ ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވައިގެން ޕީޕީއެމް-ޕީއެންސީ ކޯލިޝަނާއި ރައްޔިތުން ގުޅިގެން ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަރުކާރުން ގެންދަނީ ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަމަވެސް ”އިންޑިއާ އައުޓު“ ކެމްޕޭނުގެ ފޯރީގަދަވެ މުޅިރާއްޖެއަށް އެކެމްޕޭން ވަނީ ފެތުރިފައެވެ.
އިންޑިއާއި ދިވެހިރާއްޖެއާ ދެމެދު ސޮއި ކުރި އުތުރު ތިލަފަޅުގެ އެއްބަސްވުން ވަނީ ސިއްރުކޮށްފައެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެ އެއްބަސްވުން ސިއްރުކުރާކަށް ނުޖެހޭނެއެވެ.
ރައީސް ޔާމީން ވިދާޅުވާ ގޮތުގައި އިންޑިއާގެ ޢަސްކަރީ ބާރުތަކުން ރާއްޖޭގައި ތިބުމަކީ ރާއްޖޭގެ ގައުމީ ސަލަމަތަށާއި މިނިވަންކަމަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.
”އިންޑިއާ އައުޓު“ ކެމްޕޭނުގައި ރައީސް ޔާމީން މީދުއަށް ފެއްޓެވި ދަތުރުފުޅުގައި މީދޫގެ އިތުރަށް އެހެން ރަށްރަށަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވެއެވެ.