ދެކުނު އެފްރިކަގައި ކޮވިޑް 19 ޖެހޭ މީހުންގެތެރޭން ބަލީގެ އަލާމާތްތައް ހުންނަ މީހުން އެކަހެރިވާން ޖެހޭ މުއްދަތު ހަތް ދުވަހަށް މަދުކޮށް އަލާމާތް ނެތް މީހުން އެކަހެރި ވާން ނުޖެހޭނެ ކަމަށް އަންގައިފިއެވެ. އަދި ސީދާ ކޮންޓެކްޓް ވާ މީހުންގެ ތެރޭންވެސް އަލާމާތްތައް ނެތް މީހުން އެކަހެރިވާކަށް ނުޖެހެއެވެ. ކުރިން އެގައުމުގަވެސް އޮންނަނީ ބަލީގެ އަލާމާތްތައް ހުންނަ މީހުން ދިހަ ދުވަހު އެކަހެރިވާން ޖެހޭ ގޮތަށެވެ.
ދެކުނު އެފްރިކަގައި ކޮވިޑް އުސޫލަށް ބަދަލު ގެނެސްފައިވަނީ ވެކްސިން ދެވުނު މިންވަރުގެ މައްޗަށާ މި ލެވެލްގައި ކޮވިޑް ފެތުރުން ދެން އޮންނާނެ ކަމަށް ސިއްހީމާހިރުން ބަލާ ގޮތުގެ މައްޗަށް ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހުގައެވެ. އެގައުމުގައި 80-60 އިންސައްތަ މީހުންނަށް ވަނީ ވެކްސިން ޖަހާފައެވެ .
ދެކުނު އެފްރިކާގައިވެސް މިވަގުތު ދަނީ ކޮވިޑްގެ ހަތަރުވަނަ ރާޅެއް ފެތުރެމުންނެވެ. ނަމަވެސް ރާޅުގެ އެންމެ ނުރައްކާތެރިހިސާބު މިހާރު ކަޑައްތު ކުރެވިއްޖެ ކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.
ހޯމަ ދުވަހުގެ ކެބިނެޓް ބައްދަލް ވުމުގައި،ސްކޫލްތައް އަލުން ހުޅުވާލުމާބެހޭގޮތުންވެސް މަޝްވަރާކޮށް ގޮތް ނިންމާފައި ވެއެވެ. މިގޮތުން ޕްރައިމަރީ،ސެކަންޑަރީ އަދި ސްޕެޝަލް ސްކޫލްތަކުގެ ކުދިން ގަވާއިދުން ނެރޭގޮތަށް ނިންމާފައިވެއެވެ. އަދި މިކުދިންނަށް ތިންފޫޓުގެ ގައިދުރުކަން ބެހެއްޓުން މަޖްބޫރު ނޫންކަމަށްވެސް ނިންމާފައި ވެއެވެ.
ދެކުނު އެފްރިކާއަކީ މުޅިއެފްރިކާބައްރުންވެސް ކޮވިޑް19 ގެ ކަންތައް އެންމެ ބޮޑަށް ކުރިމަތިވި ގައުމެވެ. އެގައުމުގައި 3.6 މިލިއަން މީހުންނަށް ކޮވިޑްޖެހި 95،100 އެއްހަމީހުން މަރުވެފައިވެއެވެ.
ހޯމަ ދުވަހު އެގައުމުގެ ނެޝަނަލް އިންސްޓިޓިއުޓް ފޯ ކޮމިޔުނިކަބްލް ޑިޒީޒަސް އިން ހާމަކޮށްފައިވާ ގޮތުގައި އެހާތަނަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 1،366 މިހުންނަށް އަލަށް ބަލިޖެހިފައިވެއެވެ. އަދި 48 ގަޑިއިރުތެރޭ 71 މީހުން މަރުވެފައިވެއެވެ.