މާވިން އާއި ލަމްހާގެ ނަރުސްކަމުގެ ހުއްދަ ބާތިލުކޮށްފި

Loading

Facebook
Twitter
WhatsApp

 

 

އައިޖީއެމްއެޗްގައި މަސައްކަތް ކުރަމުން ދިޔަ ފިލިޕީންސްގެ ނަރުސް، މޭރީ ގްރޭސް ޕިނޭޑާ މަރާލުމުގެ ދައުވާ ލިބޭ އޭނާގެ ފިރިމީހާ މާވިން އާއި މާވިންގެ ދިވެހި ލޯބިވެރިޔާ ޙަލީމަތު ލަމްހާގެ ނަރުސްކަމުގެ ހުއްދަ މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލުން ބާތިލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ  ލަމްހާއާއި މާވިންގެ ހުއްދަ ބާތިލްކުރީ މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި އެ ދެމީހުންގެ މައްޗަށް މިމަހުގެ ހަތަރުވަނަ ދުވަހު ދައުވާކޮށްފައިވާކަމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީސް ( ޕީޖީ)ން ހިއްސާކުރުމުން ކަމަށެވެ.

މާވިން އެސްވައި 29، އަށް ކުރަނީ ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އޭނާގެ ލޯބިވެރިޔާ ޅ.ހިންނަވަރު މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާން، 24،ގެ މައްޗަށް އުފުލީ މީހަކު މެރުމަށް އެހީވުމުގެ ކުށުގެ ދައުވާ އެވެ. ލަމްހާގެ މައްޗަށް އިތުރު 3 ދައުވާއެއް ވަނީ އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާއާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާއެވެ.

މޭރީ މަރާލިކަމުގެ ކުށް މާވިންއަށް ސާބިތުވެއްޖެނަމަ، އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ. އަދި ލަމްހާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއެއް ސާބިތުވެއްޖެނަމަ ލަމްހާގެ މައްޗަށް 6އަހަރާއި 4މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މޭރީ ގްރޭސްއަކީ އައިޖީއެމްއެޗްގެ ޑައިލެސިސް ޑިޕާޓްމެންޓްގެ ނަރުހެކެވެ. އޭނާގެ ފިރިމީހާ މާވިން އާއި ލަމްހާ އަކީ ކެޝުއަލްޓީގައި މަސައްކަތް ނަރުހުންނެވެ.  މޭރީ މަރުވެފައިވާ ހަށިގަނޑު އޮކްޓޯބަރު މަހުގެ 19ވަނަ ދުވަހު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ.

މި މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ އޭނާގެ ފިރިމީހާގެ އަމަލުތައް ހުރިގޮތުން ޝައްކުތަކެއް ކުރެވިގެންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް