ނެޓްފްލިކްސްއަށް އިންޑިޔާގައި ކާމިޔާބު ނުހޯދެނީ ކީއްވެގެން؟

Loading

Facebook
Twitter
WhatsApp

ވީޑިއޯ އަދި ފިލްމް ސްޓްރީމް ކުރުމުގެ މަސައްކަތުގައި މުޅި ދުނިޔޭގައި ވެސް އެންމެ ކުރީގައި އުޅޭ ”ނެޓް ފްލިކްސް“ އިން މީގެ ތިން އަހަރު ކުރިން އުންމީދު ކުރި ގޮތުގައި ތިން އަހަރުތެރޭ އިންޑިޔާ އިން އެމީހުންނަށް 100 މިލިއަން ސަބްސްކްރައިބާސް ލިބޭނެއެވެ. ނަމަވެސް މިއަދު ސީއީއޯ ރީޑް ހޭސްޓިންގްސް އަދިވެސް ހުރީ އޭރު އުންމީދުކުރި ލަނޑުދަނޑި ހާސިލު ނުވާކަމަށް ބުނެ އެކަމުގެ ކަންބޮޑުވުމުގައެވެ.

ދެން ސުވާލަކީ ނެޓްފްލިކްސްގެ ލަނޑުދަޑި އިންޑިޔާގައި ހާސިލު ނުވަނީ ކީއްވެ ހެއްޔެވެ؟

އިންޑިޔާއަކީ އެގައުމުގެ އަމިއްލަ ވަރަށްބޮޑު އެންޓަރޓެއިނަމަންޓް މާކެޓެއް އޮންނަ ގައުމެކެވެ. 200 މިލިއަނެއްހާ ގޭބިސީގައި ޓީވީ ސެޓްތައް ހުންނަ އިރު މަހަކު ހަތަރު ޔޫއެސް ޑޮލަރު ހާ ހެޔޮއަގެއްގައި ޚިދުމަތް ލިބެއެވެ. މިއާއެކު އެންމެ ގިނަ މީހުން މުނިފޫހިފިލުވުމަށް ބަލައި އުޅެނީ ފިލްމްތަކާއި ކުޅިވަރު ޕްރޮގްރާމްތަކުގެ އިތުރުން ޚަބަރު ގަޑިތަކުގައި ޗެނެލް ތަކުން ފޮނުވާ މައުލޫމާތެވެ. މީގެ އިތުރުން އިންޑީޔާގެ އަމިއްލަ ޗެނަލް ސޮނީލިވް ކަހަލަ ޗެނަލް ތަކުން ފޮނުވާ ހަގީގީ ވާހަކަތަކުގެ މައްޗަށް ބިނާކޮށް ހަދާ ސްޓްރީމް ކުރާ ޕްރޮގްރާމްތަކަކީ އިންޑިޔާގެ ގިނަބަޔެއްގެ ޝައުގުވެރިކަން ހޯދާފައިވާ ވީޑިއޯ ތަކާ ޕްރޮގްރާމްތަކެވެ.

އިންޑިޔާގެ ބިޔަ ފިލްމް އަދި ޓީވީ އިންޑަސްޓްރީއާ ވާދަކުރުމަކީ ނެޓް ފްލިކްސް އަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެހެން ކަމުން ނެޓްފްލިކްސް އިން ދާދި ފަހުން ވަނީ އެމީހުންގެ ބައެއް ޕްލޭންތަކުގެ އަގު 2 ޔޫއެސް ޑޮލަރުހާ ދަށް ކޮށްފައެވެ. މީގެ އިތުރުން ހިންދީ ބަހުން އަޑުއަޅައިގެން ހެދި 30 ފިލްމާއި ޝޯ ހިމެނޭ ގޮތުން 50 ފިލްމެއް އުފެއްދުމަށް ނެޓްފްލިކްސް އިން 400 މިލިއަން ޑޮލަރު ޚަރަދު ކޮށްފައިވެއެވެ. މިއާއެކުވެސް މީގެތެރޭން މިދިޔަ އަހަރު އިންޑިޔާގެ ފިލްމް ބަލާ އާބާދީގެ ޝައުގުވެރިކަން ހޯދާފައިވަނީ ”ކޯޓާ ފެކްޓަރީ“ ކިޔާ ޑްރާމާ ސީރީސް އެކަނި ކަމަށް މީޑިޔާ ކޮންސަލްޓިންގ ފާމް ”އޯމެކްސް“ އިން ބުނެފައިވެއެވެ. އަދި ގިނަބަޔަކު އަދިވެސް ނެޓްފްލިކްސް ދެކެނީ ”ފޮރިން“ އެއްޗެއްގެ ގޮތުގައި ކަމަށް ބައެއް ކްރިޓިކްސް ބުނެއެވެ.

އަނެއްކޮޅުން 175 މިލިއަން ސަބްސްކްރައިބާރސް ތިބޭ ވާދަވެރި ސްޓްރީމިންގ ސަރވިސް، އެމެޒޯން ޕްރައިމް ވީޑިއޯ އިންވެސް އަންނަނީ އިންޑިޔާގެ މާކެޓަށް އަމާޒުކޮށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން އިންޑިޔާގައި އާންމުކޮށް ބޭނުންކުރާ މައިގަޑު 10 ބަހަކުން ޕްރޮގްރާމްތައް ހަދާފައިވެއެވެ. އެމެޒޯން ޕްރައިމް ވީޑިއޯ ގެ އެކްޝަން ޑްރާމާ ”ފެމިލީ މޭން“ އަކީ މިދިޔަ އަހަރު ސްޓްރީމް ކުރެވުނު ހިންދީ ޑްރާމާގެ ތެރޭން އެންމެ ގިނަ މީހުން ބެލި އެއްޑްރާމާ ސީރީސް ކަމަށްވެއެވެ. އަދި ”މިރްޒާޕޫރް“ އަކީވެސް ވަރަށް ގިނަ މީހުން ބެލި ޕްރޮގްރާމްއެކެވެ.

އިންޑިޔާގެ ފިލްމް ބެލުމަށް ”ހައި“ ވެފައިވާ އާބާދީގެ ހައިކަން ފިލުވުމަށް އެމެޒޯން ޕްރައިމް ވީޑިއޯ ސަމާލުކަން ދިނެވެ. މިގޮތުން އިންޑިޔާގައި އިންޑިޔާބަހުން އުފައްދާ ބްލޮކްބަސްޓާ ފިލްމްތަކުގެ 40 އިންސައްތައިގެ މިލްކް ވެރިކަން އެފަރާތުން ވަނީ ހޯދާފައެވެ. އަދި ނިއުޒިލަންޑްގައި ކުރިޔަށްދާ ކްރިކެޓް މިއަހަރުން ފެށިގެން އެމެޒޯން ޕްރައިމް ވީޑިއޯ އިން ލައިވް ސްޓްރީމް ކުރާނެއެވެ.

އެމެޒޯން ޕްރައިމް ވީޑިއޯ ގެ މެމްބަރޝިޕް އަންނަނީ އެމެޒޯންއިން ތަކެތި ގަތުމަށް ދެވޭ އަގުހެޔޮ އަދި ފަސޭހަ ފުރުސަތު ތަކަކާވެސް އެކީގައެވެ. މިއާއެކު އެއް ޕޭމަންޓުން އިތުރު އަށް، ސްޓްރީމިންގ ސަރވިސް ބޭނުން ކުރުމުގެ ފުރުސަތު ވެސް ލިބިދެވޭ ކަމަށް ވެއެވެ.

މިހުރިހާ ކަމަކާހުރެ ނެޓްފްލިކްސްއަށް އަދިވެސް އުޅެނީ އުންމީދު ކުރިވަރަށް ޚިދްމަތް ފުޅާ ނުކުރެވިގެން ކަމަށް ކްރިޓިކްސް ބުނެއެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް