ސުޕްރީމް ކޯޓުން މިދިޔަ އަހަރު ކުރި ހުކުމާއި އެއްގޮތަށް ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއާ ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ވިލާ އެއާ ކުންފުންޏަށް 50 އަހަރުގެ މުއްދަތަށް ކާޑެއްދޫ އެއާޕޯޓް ދިނީ 2013 ވަނަ އަހަރުއެވެ. ވިލާ އެއާ އިން ސިވިލް އޭވިއޭޝަންގެ މިންގަޑުތަކާއި ހިލާފަށް އެއާ ޕޯޓް ހިންގާކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި 2107 ވަނަ އަހަރުގެ ތެރޭގައެވެ.
ކޯޓުގެ މި ނިންމުމާއެކު ވިލާ އެއާއިން ވަނީ މި މައްސަލާގައި ސިވިލްކޯޓާއި ހައިކޯޓްގައި ދައުލަތާއި ދެކޮޅަށް ދައުވާކޮށްފައެވެ. އެ ދެކޯޓުންވެސް މައްސަލަ ނިންމާފައިވަނީ ވިލާ އެއައާ އެއްކޮޅަށެވެ. އަދި އެއްބަސްވުން އުވާލީ ގޯސްކޮށްކަމަށް ކަނޑައަޅާ އެއާޕޯޓް ވިލާއާއި ހަވާލުކުރުމަށް އެ ދެކޯޓުގެ ހުކުމްގައިވެސް ވެއެވެ.
މި މައްސަލަ ސުޕްރީމްކޯޓްގައި އިސްތިއުނާފުކުރުމުން އެ ކޯޓުން މިދިޔަ އަހަރުގެ މެއި މަހު ނިންމި ނިންމުމުގައިވެސް ވަނީ ދަށުކޯޓްގެ ނިންމުންތަކަށް ތާއިދުކޮށް އެނިންމުންތައް ދަމަހައްޓާފައެވެ. ނަމަވެސް އޭގެފަހުން 8 މަސް ދުވަސް ފާއިތުވެގެން ދިޔައިރުވެސް މިހާތަނަށް ވިލާ އެއާ އާއި އެއަރޕޯޓް ހަވާލުކޮށްފައެއް ނުވެއެވެ.
ކާޑެއްދޫ އެއަރޕޯޓް މިހާރު ހިންގަމުން އަންނަނީ ރީޖަނަލް އެއަރޕޯޓްސް އިންނެވެ. ކާޑެއްދޫ އެއަރޕޯޓްގެ ހާލަތު ދަށަށްދާކަމުގެ ޝަކުވާ ގިނަވެފައިވަނިކޮށް، އެ އެއާޕޯޓަށް މީހުން އަރާ ފޭބުމަށް ބޭނުންކުރަމުން އައި ބަނދަރުގެ ޖެޓީގެ ބޮޑު ބައެއް މިދިޔަ ހުކުރު ދުވަހު ވަނީ ވެއްޓިފައެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފައިވާއިރު މި ބަނދަރު މަރާމާތުކުރުމަށް ބޭނުންވާ ދިރާސާތަކެއް މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުރިއަށް ގެންދިޔައެވެ. ނަމަވެސް އޭގެ ޖެހިގެން އައި މަހުގައި ސްޕްރީމް ކޯޓުން އެއާޕޯޓްގެ މައްސަލަ ނިންމުމާއެކު ބަނދަރުގެ މަރާމާތަށް ކުރުމުން އައި މަސައްކަތް ވަނީ ހުއްޓާލާފައެވެ.