އެންޓީބަޔޯޓިކްސް ބޭހަށް ނުގުޑާ ބެކްޓީރިޔާގެ ސަބަބުން ޖެހޭ ބަލިތަކުގައި 2019ވަނަ އަހަރު އެކަނި ވެސް 1.2 މިލިއަން މީހުން މަރުވެފައިވާކަން ދުނިޔޭގެ ފެންވަރުގައި ހެދި ބޮޑު ދިރާސާ އަކުން ދައްކައިފި އެވެ.
މިއީ މެލޭރިޔާ އަދި އެއިޑްސް ޖެހިގެން މަރުވި މީހުންނަށް ވުރެ ވެސް އިތުރު އަދަދެކެވެ.
ޔުނިވަރިސިޓީ އޮފް ވޮޝިންގޓަންގެ އިންސްޓިޓިއުޓް ފޯ ހެލްތު މެޓްރިކްސް އެންޑް އިވެލުއޭޝަން ގެ ފަރާތުންހެދި ދިރާސާ ދައްކާ ގޮތުން މަސްއަލަ އެންމެ ބޮޑަށް ފާހަގަ ކުރެވިފައިވަނީ ފަގީރު ގައުމުތަކުގައެވެ. ނަމަވެސް ކަމުގެ ބިރު އެންމެނަށްވެސް އެބައޮތްކަމަށް ދިރާސާގައި ބުނެފައިވެއެވެ.
މައްސަލަ ހައްލުކުރުމަށް އައު ބޭސްތައް އުފެއްދުމަށް ވަރަށް އިސްކަމެއްދީގެން އިންވެސްޓް ކުރަން ޖެހިފައިވާ ކަމަށާ މިހާރު ހުރި ބޭސް ބޭނުން ކުރުމުގައިވެސް ވިސްނުންތެރިކަމާއެކު ބޭސް ބޭނުން ކުރުމަށް ޑޮކްޓަރުން އިރުޝާދު ދީފައިވެއެވެ.
ދިރާސާގައި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި އާދައިގެ ބަލިތައް ޖެހުމުން ރަނގަޅުނޫން ގޮތުގައި އެންޓިބަޔޯޓިކް ބޭސްތައް ބޭނުން ކުރަމުން ދިއުމުގެ ނަތީޖާ އަކަށްވަނީ ސީރިއަސް ބަލިތައް ޖެހުމުން އެންޓިބަޔޯޓިކް ބޭނުން ކުރުމުން ބޭހުގެ އަސަރު ނުފެނުމެވެ. އެހެންކަމުން އެންޓިބަޔޯޓިކްސް ބޭހުން ފަރުވާ ނުލިބިގެން، ކުރިން ރަނގަޅު ކުރެވޭ އާދައިގެ ބަލިތަކުގައި މީހުން މަރުވުން އިތުރުވެފައި ވަނީ އެވެ. ކޮވިޑް-19 އާ ގުޅިގެން ވެސް މި މަސްއަލަ އިތުރަށް ބޮޑުވެގެން ދާނެ ކަމަށް ބުނެ އިނގިރޭސި ވިލާތުގެ ސިއްހީ މާހިރުންވެސް ދާދިފަހުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
މިމަސްއަލަ ވެގެންދާނީ ފޮރުވިފައިވާ ޕެންޑަމިކްއަކަށް ކަމަށާއި ކަންތައް އިތުރަށް ގޯސްވެގެން ދިޔަ ނުދިނުމަށްޓަކާ މިހާރަށް ވުރެ ޒިންމާދާރު ސިފައެއްގައި އެންޓިބަޔޯޓިކް ބޭސްތައް ދޫކުރުމާއި ބޭނުން ކުރުމުގެ ކަންތައް ގެންގުޅެންޖެހޭ ކަމަށް އެފަރާތްތަކުން ބުނެފައިވެއެވެ.