މާލޭ ޖަލުގައި މި ވަގުތު ސަތޭކައަށްވުރެ ގިނަ މީހުން ބަންދުގައި ތިބިއިރު އެފަރާތްތަކަށް ބޭސްފަރުވާގެ ޚިދުމަތް ރަނަގަޅަށް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންގެ ޢާއިލާތަކުން އެބަ ބުނެއެވެ. އަދި މީގެ އިތުރުން ޝަރީޢަތް ނިމެންދެން ބަންދުގައި ތިންހަތަރު އަހަރު ވެފައިވާ އެތައް މީހުން ތިބި އިރު އިންސާނަކަށް ވީތީ ލިބެންޖެހޭ އެތަކެއް އަސާސީ ހައްގުތައް ލިބެމުން ނުދާކަމަށް ޖަލުގައި ތިބި މީހުންނާ ޙަވާލާދީ ބައެއް ޢާއިލާތަކުން މަޢުލޫމާތު ދެއެވެ. އެގޮތުން މިހާރު ވެސް މާލޭ ޖަލުގައި ޑޮކްޓަރަކު ނެތް ކަމާއި އައި.ޖީ.އެމް.އެޗްގައި ނަން ނޯޓުކޮށްގެން ފަސް ހަމަސް ވެގެން ދާއިރު ޑޮކްޓަރަށް ނުދެއްކޭ ކަމަށް ބަންދުގައި ތިބި މީހުންނާ ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ.
މާލޭ ޖަލުގައި މީހުން ބަންދު ކޮށްފައި ތިބެނީ 4 މީހުނަށް ހަދާފައި ހުންނަ ގޮޅިއެއްގައި 10 މީހުން ނެވެ. އެހެން ކަމުން ޖަލަށް ލާއިރު ނުހުންނަ އެތައް ބައްޔެއް ވާރުތަވަމުން ދާކަމަށާއި އެކަށޭނެ ބޭސް ފަރުވާ ނުދެވި ބައެއް މީހުން މަރުވަމުން ދާކަން ވެސް ޢާއިލާތަކުން ފާހަގަ ކުރެއެވެ. އެގޮތުން 4 މީހުން ލާން ތައްޔާރު ކޮށްފައި ހުންނަ ގޮޅިއެއްގައި 10 މީހުން ތިބެން ޖެހުމުން ހަމުގެ ބަލިތައް ޖެހުމާއި ގޮޅިން ނެރެ ހިނގާލުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ހަށިގަޑުގައި ކަސްއެޅުމާއި ގޭހުގެ ބަލިތައް އުފެދި ބޮޑުކަމު ދިއުމަށް ދަތިވެ ޕައިލްސްއަށް ވާރުތަވަމުން ދާކަން ވެސް އާއިލާތަކުން ވަނީ ފާހަގަ ކޮށްފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި ޖަލުގައި ތިބި މީހުން ޑޮކްޓަރަށް ދެއްކުމަށް ޓަކައި ފޯމް ހުށަހެޅުމުން ލިބޭ ޖަވާބަކީ ޖަލުގައި މިވަގުތު ޑޮކްޓަރަކު ނެތް ކަމާށާއި އައި.ޖީ.އެމް.އެޗް.ގައި ނަން ނޯޓު ކޮށްފައި ވާނެ ކަމުގައެވެ.
މީގެ އިތުރުން ޖަލަށް ޙުކުމް ކުރާ ކޮންމެ މީހަކަށް އެއީ 3 މަސްދުވަހުގެ ޙުކުމެއް ކަމަށް ވިޔަސް ގޮދަޑި ދޭކަމަށާއި އެހެނަސް މާލޭ ޖަލުގައި ޝަރީޢަތް ނުނިމި ހަތަރު ފަސްއަހަރު ވެގެން ދާ މީހުންނަށް ގޮދަޑި ނުދޭކަންވެސް ޢާއިލާ ތަކުން ފާހަގަ ކުރެއެވެ. މިހެން ވުމުގެ ސަބަބުން މައިބަދައިގެ ބަލިތައް ބަންދުގައި ތިބޭ މީހުނަށް ޖެހެމުންދާ ވާހަކަ ޖަލުގައި ތިބި މީހުންނާއި ޙަވާލާދީ ޢާއިލާތަކުން ބުނެއެވެ.
މިކަންކަމާ ބެހޭގޮތުން މަޢުލޫމާތު ހޯދާލުމަށް ޓަކައި ކަރެކްޝަނަލް ސާވިސް ގެ މީޑިއާ އޮފިސަރާ އަޅުގަނޑު ފޯނުން ގުޅާލީމެވެ. މީޑިއާ އޮފިސަރ ވިދާޅުވީ މިވަގުތު މާލޭ ޖަލުގައި ޑޮކްޓަރަކު ނެތް ކަމަށެވެ. އެހެނަސް ޖަލުގައި ހުރި މީހަކު ބަލިވެއްޖެނަމަ އައި.ޖީ.އެމް.އެޗް ގެ ކެޝުއަލްޓީ އަށް ދައްކައިގެން ފަރުވާ ދެއްވާކަމަށް މީޑިއާ އޮފިސަރު ވިދާޅު ވިއެވެ. އަދި ޖަލަށް ޑޮކްޓަރަކު ހޯދުމަށް މަސައްކަތް އެބަ ކުރައްވާކަމަށާއި ކޮވިޑާ ގުޅިގެން ޑޮކްޓަރަކު ހޯދުމަށް ދަތިތަކާ ކުރިމަތި ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެހެނަސް ލަސްތަކެއްނުވެ ޑޮކްޓަކު ހަމަޖެހިގެންދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މަލޭ ޖަލުގައި ތިބި ބަންދު މީހުން ހިނގާލަން ޔާޑަށް ނެރެމުންދަނިކޮށް މާލޭޖަލުގެ ބައެއް ބަންދު މީހުންނަށް ކޮވިޑް ޖެހިފައިވާތީ މިވަގުތަށް މެދުކަނޑާ ލެވިފައިވާ ކަމަށާއި މިހާލަތުން އަރައިގަތުމާ އެކު އެފުރުޞަތު އަލުން ހުޅުވާ ދެއްވާނޭ ކަމަށް މީޑިއާ އޮފިސަރު ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭ ޖަލުގެ ޖާގައިގެ ދަތިކަން ކުރިމަތިވެ ބަންދު ކުރެވޭ މީހުން ގިނަވުމާ ގުޅިގެން ހުޅުމާލޭގެ ޖަލު ބޮޑުކޮށް މާލޭ ޖަލުގައި ތިބޭ މީހުން ހުޅުމާލޭ ޖަލަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް ނިމޭނެ ކަމަށް މީޑިއާ އޮފިސަރު ޝަމްލާ ވިދާޅުވިއެވެ.
ހުޅުމާލޭ ޖަލު ފަރުމާކުރެވިފައި ވަނީ ބަންދު މީހުނަށް ލިބެންޖެހޭ އެންމެހައި ހައްގުތައް ފުރިހަމަ ކަމާއެކު ދެވޭނޭ ގޮތަށް ކަމަށާއި ކަސްރަތުކުރުމާއި ޔާޑަށް ނެރުމާއި ޑޮކްޓަރީ ފަރުވާ އެޖަލުން ދެވޭ ގޮތަށް ޖަލު ފަރުމާ ކުރައްވާނޭ ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން ބަންދު މީހުން ބަލަހައްޓާ އޮފިސަރުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް މިހާރު ވެސް އެބަ ހިންގަވާކަމަށް ވިދާޅުވި އެވެ.
ޖަލުތަކުގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގެ މީހުން ކަމަށް ވުމާއެކު އެފަރާތްތައް ރިހެބިލިޓޭޓް ކުރުމުމަށްފަހު މުޖުތަމަޢަށް ނެރުމަށް މަސައްކަތް ކުރައްވަމުންދާކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.