އެމެރިކާއާއި ރަޝިއާގެ އޮފިޝަލުން ޖެނީވާގައި ބޭއްވި ބައްދަލުވުމުގައި ސެކިއުރިޓީ މައްސަލަތަކާ ބެހޭ ވާހަކަތަކެއް ވަނީ ދައްކާފައެވެ. މި ވާހަކަތަކަކީ ޔޫކްރެއިންގެ މައްސަލައާ ގުޅިގެން ޔޫރަޕްގައި ކުރިޔަށް އޮތް ހަފްތާގައި ބޭއްވުމަށް ހަމަޖެހިފައިވާ ގިނަ ޑިޕްލޮމެޓިކް ހަރަކާތްތަކާ ގުޅޭގޮތުން ކުރިއަށް ގެންދިޔަ ވާހަކަތަކެކެވެ.
މިބައްދަލުވުމުގައި ބައިވެރިވެ ވަޑައަގެންނެވީ ރަޝިއާގެ ޑެޕިއުޓީ ފޮރިން މިނިސްޓަރ ސާރޖެއި ރެއިބްކޮވް އާއި އެމެރިކާގެ ޑެޕިއުޓީ ސެކްރަޓަރީ އޮފް ސްޓޭޓް، ވެންޑީ ޝާރމަން އެވެ. މި ބައްދަލަވުން ބާއްވާފައި ވަނީ ސްވިސް ސިޓީގައި ހުންނަ އެމެރިކާގެ ޑިޕްލޮމެޓިކް މިޝަންގައެވެ.
މި ބައްދަލުވުމުގެ މައިގަނޑު އަމާޒަކީ އެމެރިކާ އަދި ރަޝިއާގެ މެދުގައި އޮންނަ ގުޅުން އަލުން ބަދަހި ކުރުމެވެ. ރަޝިއާއިން ޔޫކްރޭން ބޯޑަރު ކައިރީގައި ޢަސްކަރީ ބާރު ވަރުގަދަ ކުރުމާ ގުޅިގެން އެމެރިކާ އަދި ރަޝިއާގެ މެދުގައި އޮންނަ ގުޅުން ވަނީ ހީނަރުވެފައެވެ.
ދެ ގައުމުންވެސް ވަނީ މި ބައްދަލުވުމުގެ ނަތީޖާއާ މެދު ފޮނި އުންމީދުތަކެއް ކުރާކަން ހާމަކޮށްފައެވެ.
ރެއިބްކޮވް ވިދާޅުވި ގޮތުގައި މި ބައްދަލުވުން ތަކުގެ މަގުސަދު އެންމެ ބައްދަލުވުމަކުން ވެސް ހާސިލު ވެދާނެއެވެ. ނަމަވެސް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވީ މިބައްދަލުވުން ކާމިޔާބުވުމުގެ ފުރުސަތު ކުޑަކަމަށެވެ.