ޖެނެޓިކު ބަދަލުތައް ގެނެސްފައިވާ އޫރެއްގެ ހިތް އިންސާނަކަށް ލައްވައިގެން އެމެރިކާގައި ކާމިޔާބު އޮޕަރޭޝަނެއް ކޮށްފިއެވެ.
މި އޮޕަރޭޝަންގައި ހިތް ބަދަލު ކޮށްފައި ވަނީ ޑޭވިޑް ބެނެޓް ކިޔާ އުމުރުން 57 އަހަރުގެ އެމެރިކާގެ ރައްޔިތެކެވެ.
އޭނާގެ ޑޮކްޓަރުންނާ ހަވާލާދީ ލިބޭ ޚަބަރުތައް ބުނާ ގޮތުގައި އޮޕަރޭޝަން ކުރިތާ ތިންދުވަސްވެފައިވާ އިރު އޭނާގެ ހާލު ރަނގަޅެވެ.
އޫރެއްގެ ހިތް ލެއްވުމަށް ނިންމީ ބެނެޓްގެ ފުރާނަ ސަލާމަތް ކުރުމަށް އެނޫން ގޮތެއް ނެތިގެން ކަމަށް އޮޕަރޭޝަން ކުރި ޔުނިވަރސިޓީ އޮފް މޭރިލަންޑް މެޑިކަލް ސެންޓަރުގެ ޑޮކްޓަރުން ބުނެފައި ވެއެވެ. އަދި މި އޮޕަރޭޝަން ކުރީ މިފަދަ ކަންކަން ބަލަހައްޓާ އިދާރާގެ ޚާއްޞަ ހުއްދައެއް ލިބިގެން ކަމަށްވެސް ޑޮކްޓަރުން ހާމަ ކުރައްވާފައި ވެއެވެ.
މިގޮތަށް ޖެނެޓިކް ބަދަލު ގެނެސްގެން ބޮޑެތިކުރާ ޖަނަވާރުގެ ހިތް އިންސާނުންނަށް ލެއްވުމުގެ އޮޕަރޭޝަން މުޅިން ކާމިޔާބު ވެއްޖެ ނަމަ ދުނިޔޭގައި މިވަގުތު އޮތް ބަދަލުކުރާނެ ހިތް ނުވަތަ އެހެންވެސް މުހިންމު އެތެރޭގެ ގުނަވަންތައް ނުލިބުމުގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އެހީ އަކަށް ވާނެއެވެ.
އެމެރިކާގައި އެކަނިވެސް މިފަދަ ގުނަވަންތައް ނުލިބިގެން ދުވާލަކު 17ވަރަކަށް މީހުން މަރުވާކަމަށް ޚަބަރު ލިބެއެވެ. އަދި ގުނަވަންތައް ނުލިބިގެން އިންތިޒާރުގައި ލައްކައަކަށް ވުރެ ގިނަ މީހުން އެބަ ތިބިކަމަށް ވެއެވެ.