ޕާކިސްތާނުގެ އުތުރުގެ ބައެއް ހިސާބުތަކަށް ކުރިމަތިވެގެން އުޅޭ ސްނޯގެ ތޫފާނުގައި މަރުވި މީހުންގެ އަދަދު 21އަށް އަރައިފިއެވެ.
މީހުން މަރުވާން ދިމާވީ ވެހިކަލްތަކުގެ މައްޗަށް ސްނޯ ގިނަ އަދަދަކަށް ފައިބައި ކުރިޔަށް ދެވޭގޮތް ނުވެ ވެހިކަލްތަކުގައި މީހުން ބަންދު ވުމުގެ ސަބަބުންނެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތަށް މިހާރު ސިފައިން ނެރެފައިވާއިރު މިހާތަނަށް ތިންސަތޭކަ އެއްހާ މީހުންސަލާމަތް ކުރެވިފައިވާ ކަމަށް އިމަރޖެންސީ ރެސްކިއު ސަރވިސަސް އިން ހާމަ ކޮށްފައިވެއެވެ.
ޕާކިސްތާންގެ ދާޚިލީ ވަޒީރު ޝޭއިޚް ރަޝީދު ވިދާޅުވީ މަސްއަލަ ގޯސްވާން ދިމާވީ އަލަށް ފޭބި ސްނޯ ބަލާލުމަށް އެހިސާބަށް ދަތުރު ކުރި މީހުންގެ އަދަދު ގިނަ ކަމުންނެވެ. ސުނޯ ފައިބައިގަތް ވަގުތު އެއްހާހެއްހާ ވެހިކަލް ސްނޯގެ ދަށުވި ކަމަށް އޮފިޝަލުން އަންދާޒާ ކޮށްފައިވެއެވެ.
ސްނޯގެ ސަބަބުން ފަތުރު ވެރިންގެ އިތުރުން އެހިސާބުގައި ދިރިއުޅޭ އާންމު ފަރުދުންގެ ދިރިއުޅުމަށް ވެސް ވަނީ ބޮޑެތި ދަތިތަކާ ކުރިމަތި ވެފައެވެ. މިގޮތުން ބޮޑު ސަރަހައްދަކުން ފެނާއި ކަރަންޓް އަދި ގޭހުގެ ޚިދުމަތް ކެނޑި ކާބޯތަކެއްޗަށް ޖެހިފައިވާ ކަމަށް ޚަބަރުލިބެއެވެ. އަލަށްފޭބި ސްނޯ ބަލާލުމަށް ލައްކައެއްހާ ވެހިކަލްގައި މީހުން އުތުރުގެ ހިސާބުތަކަށް ދަތުރުކުރި ކަމަށް ޚަބަރު ލިބެއެވެ.