ގެރެންޓީއަކާ ނުލައި ދައުލަތުގެ މަޝްރޫއުތަކަށް އެޑްވާންސް ދެން ފައިސާ ދެވޭނެ.

Loading

Facebook
Twitter
WhatsApp

ދައުލަތުގެ ބައެއް މަޝްރޫއުތަކުގައި ގެރެންޓީއަކާ ނުލައި އެޑްވާންސަށް ފައިސާ ދެވޭ ގޮތަށް މާލިއްޔަތު ގަވއިދަށް ސަރުކާރުން ބަދަލު ގެންނަވައިފިއެވެ.

މި ބަދަލު ގެނައުމުގެ ކުރިން މާލިއްޔަތު ގަވައިދުގައި އޮންނަނީ، އެޑްވާންސް ކޮށް ފައިސާ ދެވޭ މަޝްރޫއުތަކަށް ވެސް އެޑްވާންސް ފައިސާ ދޫކުރެވޭނީ ދޫކުރާ ފައިސާއާ އެއްވަރުގެ ޕޭމަންޓް ގެރެންޓީއެއް ހޯދުމަށްފަހުގައި ކަމަށެވެ. އެއީ ދައުލަތަށް އެފައިސާ ދިނުމުގެ ރިސްކް ކުޑަކުރުމުގެ ގޮތުންނެވެ. އެހެނީ އެފަދައިން ދޫކުރާ ފައިސާ ނެގުމަށްފަހު ކޮންޓްރެކްޓަރ އެފަދަ ޕްރޮޖެކްޓްތަކުގެ މަސައްކަތްނުނިންމާ ޚިޔާނާތްތެރިވާތީއެވެ.

މާލިއްޔަތު ގަވައިދަށް ގެނައި ހަވަނަ އިސްލާހު ގެޒެޓްކޮށް އިއްޔެ ވަނީ ގެރެންޓީއަކައި ނުލާ ފައިސާ ދޫކުރެވޭގޮތަށް އަމަލުކުރަން ފަށާފަ އެވެ.

އެ އިސްލާހުގައި ބުނެފައިވަނީ، ބީލަމަށް ނުލާ ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރެއިން ބައެއް މަޝްރޫއުތަކަށް އެޑްވާންސަށް ފައިސާ ދިނުމުގައި ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު އެޑްވާންސް ޕޭމަންޓް ގެރެންޓީއެއް ނެތި ފައިސާ ދޫކުރެވިދާނެ ކަމަށެވެ.

އެގޮތުން ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރެވިދާނެ މަޝްރޫއުތަކެއް ވަނީ އެ އިސްލާހުގައި ހިމަނާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ބޭނުންވާ ޚިދުމަތެއް ބިޑްކުރުމަކާ ނުލައި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏަކާ ނުވަތަ މޯލްޑިވްސް ސްޓޮކް އެކްސްޖޭންޖްގައި ލިސްޓްކޮށްފައިވާ ބަޔަކާ ހަވާލުކޮށްގެން ހިންގާ މަޝްރޫއުތަކެވެ.

އިސްލާހުގައިވާ ގޮތުން، އެފަދަ މަޝްރޫއުތައް ހަވާލުކުރާއިރު އެ މަޝްރޫއުގެ އަގާއި ބާވަތާއި މަސައްކަތް ހަވާލުކުރާ ފަރާތުގެ މައުލޫމާތު ޓެންޑަ ބޯޑަށް ހުށަހަޅަން ޖެހެއެވެ.

އެޑްވާންސްގެ ގޮތުގައި ފައިސާ ދޫކުރެވޭނީ ޕްރޮކިއުމަންޓް އަގުގެ 250،000 ރުފިޔާއަށް ވުރެ ބޮޑެތި އަދަދުތައް ހިމެނޭ މަޝްރޫއުތަކުގަ އެވެ. އެޑްވާންސް ފައިސާގެ ގޮތުގައި ދޫކުރެވޭނީ މަޝްރޫއުގެ ޖުމްލަ އަގުގެ 15 ޕަސަންޓަށް ވުރެ ބޮޑު ނުވާ އަދަދެކެވެ.

މިގޮތަށް ގަވައިދު ބަދަލުކުރުމުގެ ކުރިންވެސް ވަނީ ބޮޑެތި ޢަދަދުތަކުން ގެރެންޓިއަކާ ނުލާ ވައިސާ ދޫކޮށްފައެވެ. އެފަދަ ޚިޔާނާތުގެ ތެރޭގައި ވެންޓިލޭޓަރުގެ ބޮޑު ޚިޔާނާތް ހިމެނެއެވެ.

ގިނަ ބައެއްގެ ގަބޫލުކުރަނީ މިގަވާޢިދުގެ ދަށުން އެފަދަ ޚިޔާނާތްތައް އިތުރުވުމަށް އިތުރަށް މަގުފަހިވެގެންދާނޭ ކަމުގައެވެ.

 

 

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް