މާވިން އާއި ލަމްހާގެ މައްޗަށް ދަޢުވާ އުފުލައި މައްސަލަ ކުރިމިނަލް ކޯޓަށް!

Loading

Facebook
Twitter
WhatsApp

އައިޖީއެމްއެޗް ގައި ހީމޯ ޑަޔަލަސިލް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕިންސްގެ ނަރުސް، މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ޕީޖީއިން މާވިން އާއި ލަމްހާގެ މައްޗަށް ދަޢުވާ އުފުލައި ކުރިމިނަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

މާވިން އާއި ލަމްހާގެ މައްޗަށް ޕީޖީއިން ދަޢުވާކޮށްފައި ވަނީ ދުރާލައި ރާވައިގެން އޮކްޓޯބަރު 21، 2021 ގައި މޭރީ ދިރިއުޅެމުންދިޔަ މއ. އުދުހޭ ކޮކާ ގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި އޭނާ މަރާލާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައެވެ.

އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު ފެންމަތިވި މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި މާވިން އާއި އޭނާގެ ލޯބިވެރިޔާ ލަމްހާވެސް ވަނީ ހައްޔަރުކޮށްފައެވެ. އަދި ދެމީހުން ވަނީ ޝަރީޢަތް ނިމެންދެން ބަންދުކޮށްފައެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންއަށް އެނގިހުރެ މީހަކު މެރުމުގެ ދަޢުވާ ކޮށްފައިވާއިރު، މާވިންގެ ލޯބިވެރިޔާ ލަމްހާއަށް ވަނީ އެކަމުގައި ބައިވެރިވި ކަމުގެ ދަޢުވާއާއި އަދި އިތުރު ދެ ދަޢުވާއެއް ކޮށްފައެވެ.

އެގޮތުން ލަމްހާއަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއާއި، ހުއްދަ ނޫން ގޮތެއްގައި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ބާރު ހިނގުމުގެ ދަޢުވާ އަދި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދަޢުވާ ކޮށްފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި މާވިންގެ މައްޗަށް އެނގިހުރެ މީހަކު މަރާލި ކަމުގެ ދަޢުވާކޮށްފައިވަނީ، 19 އޮކްޓޯބަރު 2021 ވަނަ ދުވަހުގެ މެންދުރު 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މާވިން ދިރިއުޅޭ ގޭގެ ފުރަތަމަ ފަންގިފިލާގައި އޭނާގެ އަނބިމީހާ، މޭރީގެ ބޮލަށާއި ކަރަށް ހަމަލާދީ ނޭވާ ހާސްކޮށްލައިގެން މަރާލާފައި ވުމުންނެވެ. މި ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށްލުމެވެ.

ދަންޖެހިގެން މަރުވީކަމަށް ރިޕޯޓު ކުރި ނަމަވެސް އޭނާ މަރުގެ މައްސަލައިގައި ޝައްކުތަކެއް ހުރުމުން ފުލުހުން ވަނީ މޭރީގެ ހަށިގަނޑުގެ އިންޑިޔާއަށް ފޮނުވައި ޕޯސްޓްމޯޓަމް ހަދާފައެވެ. ޕޯސްޓް މޯޓަމް ރިޕޯޓް ތަކުން، މޭރީ މަރުވެފައިވަނީ ”ބްލަންޓް އިންޖަރީސް“ގެ ސަބަބުން ކަމާއި ދަންޖެހިގެން ނޫން ކަމަށް އެނގިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް