ސްރީލަންކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާ އިންތިޚާބުވީ ރައީސް، ގޮތަބަޔަ ރާޖަޕަކްސަރ އެޤައުމުގެ އައު ކެބިނެޓް އެކުލަވާލައްވައިފިއެވެ. ކެބިނެޓްގެ މަޤާމުތަކަށް ބޭފުޅުން އައްޔަންކޮށް އެބޭފުޅުންގެ ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ އެޤައުމުގެ މެދުތެރޭގެ އަވަށެއް ކަމުގައިވާ ކެންޑީ ސިޓީގައެވެ.
މިރަސްމިއްޔާތުގައި މިނިސްޓަރުން ހުވާކުރައްވާފައިވަނީ، ރައީސް ގޮތަބަޔަ ރާޖަޕަކްސާއާއި، ބޮޑުވަޒީރު މަހިންދާ ރާޖަޕަކްސާގެ ކުރިފުޅު މަތީގައެވެ. އެގޮތުން މިރަސްމިއްޔާތުގައި 28 މިނިސްޓްރީއެއްގެ މިނިސްޓަރުން އަދި 40 ސްޓޭޓް މިނިސްޓަރަކު ވަނީ ހުވައިކުރައްވާ މަޤާމާއި ޙަވާލު ވެފައެވެ.
އަލަށް އެކުލަވާލެއްވި ކެބިނެޓްގައި ރާޖަޕަކްސަރ އާއިލާގެ 6 ބޭފުޅަކު ހިމެނިވަޑައިގަންނަވައެވެ. އެގޮތުން ދިފާޢީ ވަޒީރުގެ މަޤާމު އަދާކުރައްވާނީ ރައީސް ގޮތަބަޔަ ރާޖަޕަކްސާއެވެ. މާލީ ވަޒީރު، އުމްރާނީ ތަރައްޤީއާއިބެހޭ ވަޒީރު އަދި ބުދިސްޓުންނާއި ބެހޭ ވަޒީރުގެ މަޤާމު ފުރުއްވާނީ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާއެވެ. އޭނާގެ ދަރިކަލުން ނަމަލް ރާޖަޕަކްސާ ކުޅިވަރާއި ޒުވާނުންނާ ބެހޭ ވަޒީރުގެ މަޤާމު އަދާކުރައްވާއިރު، ޗަމަލް ރާޖަޕަކްސަރ އަދާ ކުރައްވާނީ ދާޚިލީ ވަޒީރުގެ މަޤާމެވެ.
ސްރީލަންކާގެ ޤާނޫނު ހަދާ މަޖިލީހަށް 225 ބޭފުޅުން ހޮވަން ބޭއްވި އިންތިޚާބު އޮތީ އޯގަސްޓް 5 ވަނަ ދުވަހުއެވެ. މި އިންތިޚާބުގައި 16،263،885 ރައްޔިތުންނަށް ވޯޓުލުމުގެ ޙައްޤު ލިބުނުއިރު އޭގެތެރެއިން 31.95% މީހުންނަކީ ޒުވާނުންކަން ފާހަގަ ކޮށްލެވެއެވެ. 145 ގޮނޑި ކާމިޔާބުކޮށް މި އިންތިޚާބުގައި އެންމެ ކާމިޔާބު ޕާޓީއަކީ ސްރީލަންކާ ފްރީޑޮމް ޕާޓީއެވެ.