ހުވާކުރުމަށްފަހު އެމީހުން ކަންތައް ކުރަނީ ގައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ގެއްލިގެންދާގޮތަށް: ލަންދޫ އިބްރާހިމް

Loading

Facebook
Twitter
WhatsApp

ތިރީގައި އެވަނީ، ކްލަބް ހައުސްގައި ”ލަންދޫ އިބްރާހީމް“ ދައްކަވާފައިވާ ވާހަކަފުޅުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ލިއުމެކެވެ. އޭނާގެ ވާހަކަފުޅު ބިނާވެފައި ވަނީ އިންޑިއާ އާއި ދިވެހިރާއްޖެއާ ދެމެދު ކުރެވިފައިވާ ޢަސްކަރީ އެއްބަސްވުމުގެ މައްޗަށެވެ.

”އަޅުގަނޑުމެން މިއުޅެނީ ޒާތީ ސަޢައްޞުބުން އެއްކިބާވެ ތިބެ މި ގައުމުގައި ގައުމެއްގެ ސިފަ ޖެއްސޭތޯ.

އާދެ! އަޅުގަނޑުމެން މި ކުރި މަސައްކަތުން އަޅުގަނޑުމެންނަށް މި ވަނީ ވަރަށް ބޮޑު ކުރިއެރުމެއް މިހިސާބަށް އައިއިރު ހޯދިފައި. އަޅުގަނޑުމެން މަސައްކަތް ކުރީ އެކަކުގެ ކިބައިން އަނެކަކު ހިތްވަރު ލިބިގެން މިއަދާއި މާދަމާގެ ދަރިންގެ މުސްތަގުބަލަށް ޓަކައި ގައުމުގައި ގައުމެއްގެ ސިފަ ޖެއްސޭތޯ.

އާދެ! އަޅުގަނޑު ތިޔަ ބޭފުޅުންގެ ހަނދާނަށް ގެންނަން ބޭނުން، އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދިން އެންމެ ވަރުގަދަ ދެ އެއްޗަކީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ މިނިވަންކަން. އާދެ! އަޅުގަނޑުމެން އަބަދުވެސް އުފާވޭ، ދިވެހިރާއްޖޭގައި ފަޚުރުވެރި ކަމާއެކު އަޅުގަނޑުމެންނަކީ ދިވެއްސެކޭ ތަންމިނަށް ބުނުމުގެ ފުރުސަތު އޮތީތީ. އަޅުގަނޑުމެންގެ އަތުގައި ދިވެހިރާއްޖޭގެ އައިޑެންޓިޓީ ކާޑަކާއި ޕާސްޕޯޓެއް އޮތުމަކީ އަޅުގަނޑުމެން އަބަދުވެސް އުފާކުރާ ކަމެއް. އަޅުގަނޑުމެން އެންމެ ބޮޑަށް އުފާ ވަނީ އެއްބަހަކުން ވާހަކަދައްކާ އެއްދީނަކަށް ނިސްބަތްވާ ބަޔަކަށް ވީތީ. އަޅުގަނޑުމެން ދިވެހިރާއްޖޭގެ ކޮންމެ މީހަކު އެމީހެއްގެ އެންމެ ފަހު ވިންދާ ޖެހެންދެން އެމީހާގެ ފުރާނަ މި ބިމަށް ދޫކޮށްލަނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި މާތްވެގެންވާ އިސްލާމް ދީނަށްޓަކައި.

އާދެ! އެނިޔަތުގައި އަޅުގަނޑު މިރޭވެސް މިވަގުތުގައިވެސް މަސައްކަތް ކުރަމުން މިދަނީ. އަޅުގަނޑުމެން މިހާރު މިހިސާބަށް އައިއިރު އަޅުގަނޑުމެންނަށް މި ވަނީ ވަރުގަދަ ގޮންޖެހުމަކާ ކުރިމަތި ވެފައި. އެއީ އަޅުގަނޑުމެން އެބަޔަކަށް އެންމެ ބޮޑަށް އިތުބާރުކުރެވޭ ފަރާތަކަށް ބަލައި އަޅުގަނޑުމެންގެ މި ގައުމުގެ ހުރިހާ ބާރުތަކެއް ނަގައި އެބޭފުޅުންނާ ޙާވާލު ކުރެވުނީތީ. އެމީހުން އަޅުގަނޑުމެންގެ ކުރިމަތީގައި އެކުރާ ހުވަޔަކީ، ”އަހުރެން މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތީން ރައްޔިތުން ޙަވާލުކުރި އަމާނާތް ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު އަދާކޮށްދިނުމަށް މާތް ﷲ ގަންދީ ހުވާކުރަމެވެ.“

މިފަދައިން ހުވާކުރުމަށްފަހު ދެން އެލިބޭ ބާރުގައި އެމީހުން އެކަންތައް އެކުރަނީ އަޅުގަނޑުމެންގެ މި ގައުމުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލިގެންދާގޮތަށް. އެއީ އަޅުގަނޑުމެން މި ފޯރަމުގައި ވާހަކަދައްކަން ޖެހުނު ގޮތަކީވެސް. އަޑިނޭގޭ ގޮތް ނޭގޭފަދަ ގޮތަކަށް ހެދިފައިވާ ތިން އެގްރިމެންޓެއްގެ ވާހަކަ އަޅުގަނޑުމެން އެބަބުނަން. ކީއްވެގެންހޭ އަޅުގަނޑުމެންނަށް އެ އެގްރިމެންޓްތައް ނުދެއްކިގެން އުޅެނީ؟ ކީއްވެގެންތޯ އަޅުގަނޑުމެންނާ ސުވާލު ކޮށް ނުލަނީ އެ ވަރުގެ އެގްރިމެންޓުތަކެއް ހެދިގެން ދިޔަ އިރު؟ އަޅުގަނޑުމެންގެ ޚާދިމުންގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް އައްޔަން ކޮށްފައި ތިބި 87 މެންބަރުންނަށް އެ އެގްރީމެންޓްތައް ނުދެއްކިގެން އެ އުޅެނީ ކީއްވެގެންހޭ؟

އާދެ! އެބޭފުޅުންގެ އެއްވެސް ބޭފުޅަކަށް ދެއްކެވިކަމަށް ވާނަމަ އަޅުގަނޑުމެންނަށް އެ ހާމަކޮށްދެއްވާ! އަޅުގަނޑު މިރޭ އެ ބޭފުޅުންނަށް ގޮންޖައްސަވާފައި މިދަންނަވަނީ ނޯންނާނޭ ތިޔައިން ބޭފުޅަކަށް ވެސް ކިޔާކަށް މިއަދުގެ ސަރުކާރުން ދީފައެއް.

އައްޑޫގައި ހަދަމުންދާ އިންޑިއާގެ ”މިލިޓަރީ“ ބޭސް:

އެހެންވީމާ މީގައި އެބަހުރި ބޮޑެތި މައްސަލަތަކެއް. އެ މައްސަލަތަކުގެ ވާހަކަތައް އަޅުގަނޑުމެން އަބަދުވެސް ދައްކަމުން މިދަނީ. އެހެންވީމާ އަޅުގަނޑުމެން އެންމެން އަދިވެސް މި ގައުމަށްޓަކައި މާތްވެގެންވާ އިސްލާމް ދީނަށް ޓަކައި ކުރަން ހުރި މަސައްކަތްތަކެއް އެބަހުރި. ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި. މާތްﷲގެ ރަޙުމާތާއެކު އަޅުގަނޑުމެން އެންމެން އެކުވެރިކަމާއެކު ސާބިތުވެ ތިބެއްޖެނަމަ ރަނގަޅު ގޮތްތައް ފެނިގެން ދާނެކަމާއި މެދު ޝައްކެއްނެތް.

އަޅުގަނޑުގެ ދުޢާއަކީ އަޅުގަނޑުމެންނަށް މިއަދަށްވުރެ މާއުފަވެރި ދުވަހެއް ލިބުން. ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބުން.“

ދިވެހި ރިވޮލޫޝަނަރީ މޫވްމަންޓުން ވިދާޅުވާ ގޮތުގައި މި އެގްރީމެންޓްތަކުގެ ސަބަބުން ދިވެހި ދައުލަތުގެ މިނިވަންކަން ވަނީ ގެއްލިފައެވެ. އެގޮތުން މިސަރުކާރުން ސިއްރިޔާތުގައި އިންޑީއާގެ އަޝްކަރިއްޔާއާއި ދެމެދު ކުރެވިފައިވާ އެގްރީމެންޓް ތަކާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން ސޯލީޙް ރައީސްގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ފުރަތަމަ ވިދާޅުވެފައިވަނީ އިންޑިއާގެ މިލިޓަރީ ދިވެހިރާއްޖޭގައި ނުތިބޭނެކަމަށާއި އެފަދަ ވާހަކަ ތަކަކީ ދޮގު ވާހަކަ ތަކެއް ކަމުގައެވެ.

އޭގެފަހުން އެގްރީމެންޓްތައް ލީކްވެ މީޑިއާ ތަކުގެ ހެޑްލައިން އަރާ ރައްޔަތުންގެ ނުރުހުން އެމްޑީޕީއަށާއި ސޯލިޙު ރައީސް އަށް އިތުރުވެ ސުވާލުތައް ގިނަވާން ފެށުމުން މަރިޔާ ވިދާޅުވީ އިންޑިއާ މިލިޓެރީފައުޖު ދިވެހިރާއްޖޭގައި ތިބިނަމަވެސް އެމީހުން އަތަކު ހަތިޔާރެއް ނުހުންނާނެކަމަށެވެ.

ކަމުގެ ނުރައްކާތެރިކަމާއި މިސަރުކާރުން އިންޑިއާއަށް ދިވެހިން އަޅުވެތި ކުރުމުގެ ސަބަބުން ރައްޔަތުންގެ މެޖޯރިޓީ ރަތަށް އަރާފައިވާކަމީ ދެބަސްވެވެން ނެތް ޙަގީގަތެވެ.

ސުވާލަކީ ސޯލިޙު ރައީސްގެ ކެބިނެޓްގައި ދިވެހި ދައުލަތް ފަލީޙަތްކޮށް ދައުލަތުގެ އަމަން ވިއްކާލެވޭވަރުގެ މިނިސްޓަރުންނަށް ތިބެވިދާނެތޯއެވެ. ނުވަތަ އެފަދަ ގާނޫނާއި ޚިލާފު ޖަރީމާތައް ހިންގަނީ ”ސައްލާކުރުމަށް“ ފަހު ސޯލިޙު ރައީސް އެގޮތަށް ބޭނުންފުޅުވާތީ އެކަމަނާގެ ވަޒީފާގެ ޚިދުމަތް ސޯލިޙު ރައީސްއަށް ވަފާތެރިކަންމަތީ އަދާ ކޮށްދެއްވުމަށްޓައި ނޫންތޯއެވެ؟

އިންޑިއާ މިލިޓަރީ އައުޓް ކެމްޕޭން އާއި ޙަރަކާތްތައް މާލެއާއި ރާއްޖެތެރޭގައިވެސް އަންނަނީ ވަރުގަދަ ވަމުންނެވެ.

 

Loading

2 Responses

  1. އިންޑިޔާ ކީއްކުރަން އެއްވެސް ޤައުމެއްގެ އަޝްކަރިއްޔާ މި ދިވެހި ފަސްގަނޑުގައި ތިބެންޖެހޭ އެއްވެސް ސަބަބެއްނެތް. މިޤއުމުގެ ސާލަމާތާއި ރއްކާތެރިކަން ދެމެހެއްޓުމަށް ޤާނޫނު އަސާސީއިން ވާޖިބު ކޮށްފައިވަނީ މި ޤއުމުގެ އަޝްކަރިއްޔާ އަށްކަން ވަރަށްސާފު. އެގްރީމެންޓް ހާމަނުކުރަނީ އޭގައި އަމިއްލަ ކަންތއްގަނޑެއް ހިމެނުމުގެ ސަބަބުން އިންޑިޔާގެ އަޝކަރިއްޔާ އަށް މި ފަސްގަނޑުން ބައެއް ވިއްކާފަ ވާތީ

    1. ވަރަށް ދެރައެވެ. އެކަން ފަޅާއެރީމާވެސް އެއްހާސް ދޮގު ހަދައިގެންވެސް ހަމަ ޖެއްސޭތޯ ބަލަނީއެވެ. ގައުމުގެ ވެރީން (ރައްޔަތުން)ގެ ކިބައިން މަޢާފަށް އެދިފާ ރިޒައިންވާންވީނޫންތޯއެވެ. މި މީހުންގެ ލަދުވެތިކަމެއް ނެތީތީ ހަމަ ހައިރާންވެ އަންތަރީސް ވެއްޖެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް