ބަނގްލަދޭޝްގެ މަޝްހޫރު ޔުނިވާސިޓީއެއް ކަމުގައިވާ ބަންގްލަދޭޝް ޔުނިވާސިޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ (ބީޔޫއީޓީ)ގައި ކިޔަވަމުންދިޔަ އުމުރުން 21 އަހަރުގެ އަބްރާރް ފަހާދް ވަރަށް އަނިޔާވެރި ގޮތަކަށް ވަނީ މަރާލާފައެވެ. އޭނާ މަރުވެފައި ވަނީ އެ ޔުނިވާސިޓީގައި ކިޔަވަމުންދާ އެހެން ކުދިންތަކެއްގެ ގޭންގު ހަމަލާއެއްގެ ޝިކާރައަކަށް ވެގެންނެވެ.
އަބްރާރްގެ މަރުގެ ދެތިން ގަޑިއިރު ކުރިން އޭނާ ވަނީ ފޭސްބުކްގައި ޕޯސްޓެއް ޝެއާކޮށްފައެވެ. މި ޕޯސްޓުގައި އޭނާ ވަނީ އެ ގައުމުގެ ސަރުކާރުގެ ނިންމެވުމަކަށް ފާޑުކިޔާފައެވެ. އެއީ އިންޑިޔާއާއި ބަންގްލަދޭޝްއާ ދެގައުމުގެ ދެމެދު ފެން ބޭނުންކުރެވޭނެ ގޮތާ މެދު ހަދާފައިވާ އެއްބަސްވުމެކެވެ.
މި ޕޯސްޓް ފޭސްބުކްގައި ވައިރަލް ވުމާ ގުޅިގެން ޔުނިވާސިޓީގައި އުޅެމުންގެންދާ ސަރުކާރަށް ތާއިދުކުރާ އެކްޓިވިސްޓުންގެ ޖަމާއަތެއްގެ އަމާޒަކަށް އޭނާ ވެގެން ދިޔައެވެ.
އެމީހުން ވަނީ އަބްރާރް ޔުނިވާސިޓީގެ ޑޯމިޓަރީއަކަށް ގަދަމުން ވެއްދުމަށްފަހު އޭނާއަށް އަނިޔާކޮށްފައެވެ. ސީސީޓީވީ ތަކުން މި މަންޒަރު ވަރަށް ސާފުކޮށް ފެންނަން ހުރިކަމަށް ފުލުހުން ވަނީ މައުލޫމާތުދީފައެވެ. އޭނާގެ ބޮލުގައި ކްރިކެޓްކުޅޭ ބެޓަކުން ތަޅާ އަނިޔާ ކުރި މަންޒަރާއި ސިޑިބަރިން ތިރިއަށް ވައްޓާލާ މަންޒަރު ވަނީ ކެމެރާތަކަށް އަރާފައެވެ. މި ގޭންގް ހަމަލާގައި ޖުމްލަ 25 ކުދިން ބައިވެރިވިއެވެ. އެހުރިހާ ކުދިންނަކީވެސް އެ ޔުނިވާސިޓީގައި ކިޔަވަމުންގެންދާ ކުދިންނެވެ.
އަބްރާރް މަރުވެފައިވަނީ އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. ބަނގްލަދޭޝްގެ ކޯޓުން ވަނީ މި އަނިޔާވެރި ހަމަލާގައި ބައިވެރިވި މީހުންގެ ތެރެއިން 20 މީހުންނަށް މިއަދުން މިއަދަށް މަރުގެ ހުކުމް އިއްވާފައެވެ. އަދި ދެންތިބި 4 މީހުންނަށް ވަނީ އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަން ފީޒުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލާގައި ޝާމިލްވި އެކަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.