ހުޅުމާލޭ ރަށު މާރުކޭޓް ގެ ގިނަ ގޮޅި ތަކުން ސަރުކާރަށް ކުލިނުދައްކާތީ އެގޮޅިތައް ހުސްކުރުމަށް އިކޮނަމިކު މިނިސްޓްރީގެ ފަރާތުން ގޮޅިތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް ނޯޓިސް ފޮނުވައިފިއެވެ.
އެޗް.ޑީ.ސީން ބުނި ގޮތުގައި ކުލި ނުދައްކާތީ މިހާރު ވެސް 12 ގޮޅި ވާނީ ބަންދު ކޮށްފައެވެ.
ހުޅުމާލޭ ރަށު މާރުކޭޓް ގެ ގޮޅިތަށް ކުށްޔަށް ދޫކޮށްފައި ވަނީ ގޮޅިތަކަށް ބޭނުންވެފައި ވާ މީހުނަކަށް ނޫނެވެ. ރަށުމާރުކޭޓްގެ ގޮޅިތައް މިހާރު ހިންގަނީ އަބަދުވެސް މާރުކޭޓްގެ ގޮޅިތަކުގައި މަސައްކަތް ކުރާ އަދި ގޮޅިތަކުގެ ބޭނުން ޖެހިފައިވާ ހިންގުމުގެ ތަޖްރިބާ ހުރި މީހުންނެވެ.
ހުޅުމާލޭ ރަށުމާރު ކޭޓުން ގޮޅި ދޫކޮށްފައި ވަނީ ޢާންކޮށް ގޮޅި ހިންގާ ފަރާތްތަކަކަށްނޫނެވެ. އެހެން ކަމުން ގޮޅިތައް ލިބިފައިވާ ފަރާތް ތަކުން 2 ވަނަ ފަރާތަށް ގޮޅި ކުއްޔަށް ދޫކޮށް ބޮޑު ކުލި ނަގަމުންދާ މައްސަލައަކީ މިހާތަނަށް ޙައްލު ނުވެ އޭގެ ގެއްލުން ސަރުކާރަށާއި ގޮޅިތައް ބޮޑު ކުލީގައި ހިންގާ ފަރާތްތަކަށް ވަމުންދާ ނުހަނު ހައްސާސް މައްސަލައެއް ކަން ފާހަގަ ކުރަމެވެ.
ޢާންމުކޮށް ރަށު މާރުކޭޓްތަކުން ގޮޅި ލިބެމުން އަންނަނީ ފުދުން ތެރި ނުފޫޒުގަދަ ކޮންމެސް ޕާޓީ އެއްގެ އެކްޓިވިސްޓަކަށް ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ތިން ހަތަރު ގޮޅި ކުށްޔަށްދީގެން ބޮޑު ކުލި ނަގައި ސަރުކާރަށް ގޮޅީގެ ކުލިވެސް ނުދައްކާފަރާތް ތަކެއް ވުޖޫދު ވެފައި ވަނީ ގޮޅިތައް ކުށްޔަށް ދިނުމުގައި ބަލަންވާ ވަރަށް ނުބެލުމުގެ ސަބަބުންނެވެ.
މާރުކޭޓްގެ ގޮޅިތަކުގައި މަސައްކަތް ކުރަނީ އަބަދުވެސް އެމަސައްކަތުން ދިރިއުޅޭމީހުންނެވެ. އެހެން ކަމުން ގޮޅިތައް ހިންގާ ފަރާތްކަށް މަޖުބޫރު ވަނީ ގޮޅި ލިބޭ މީހުންގެ އަތުން ބޮޑު ކުލިދީގެން އެ މަސައްކަތް ކުރުމަށެވެ. އެގޮތުން އެޑްވާންސް ދީގެން ވެސް ބައެއް މީހުން ގޮޅިތައް
އެބަ ހިންގައެވެ. ގޮޅިތައް ހިންގާ މީހުން ގޮޅި އެގްރީމެންޓް ކުރެވިފައިވާ ފަރާތަށް ބަރާބަރަށް ކުލި ދައްކަމުން ދިޔަ ނަމަވެސް ގޮޅި އެގްރިމެންޓް ކުރެވިފައިވާ ފަރާތް ތަކުން ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުދައްކައި އޮތުމުގެ ސަބަބުން އިކޮނަމިކު މިނިސްޓްރީން އެފަދަ ގޮޅިތައް ސަރުކާރަށް ނެގުމުގެ ނޯޓިސް ފޮނުވުމުގެ ކުރިންވެސް އެގްރިމެންޓާ ޚިލާފުވެގެން 12 ގޮޅިއެއް އެޗް.ޑީސީ.އިން ވަނީ ނަންގަވާފައި ކަމަށް އެކުންފުނިން ބުނެފައިވެއެވެ.
އެޗްޑީސީއިން ހާމަ ކުރެއްވި ގޮތުގައި އަންނަ ޖެނުއަރީގެ ފަހުން ގޮޅިތައް ދޫކުރުމަށް އިޢުލާން ކުރައްވާނެއެވެ. އަދި ފަހުން ކުއްޔަށް ދޫކުރެވުނު ގޮޅިތަކުގެ މުއްދަތު އަންނަ އަހަރުގެ ޖޫން ހާތާގައި ހަމަވާނެ އެވެ. އެހެންކަމުން ކުރިއަށް އޮތްތާގައި ގޮޅިތައް ކުށްޔަށް ދިނުމުގައި ގޮޅިތަކުގައި ޢާންމުކޮށް ވިޔާފާރި ކުރާ ފަރާތްތަކަށް އިސްކަން ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރަށު މާރުކޭޓް ތަކުގައި ވިޔާފާރި ކުރަނީ ޢާންމުކޮށް އެއްބައެކެވެ.
އެމީހުންނަކީ ސިވިލްސާވިސްގެ ވަޒީފާތަކުން މަޙުރޫމްވެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ނުފުދި ފައިވާ މީހުންނެވެ. އެހެން ކަމުން އަބަދުވެސް ގޮޅިތައް އެގްރީމެންޓް ކުރެވޭފަރާތް ތަކުގެ އަތުން ބޮޑު ކުލީގައި ގޮޅި ނަގަން ޖެހިފައިވާތީ ގޮޅިތައް ހިންގާ މީހުން ޝަކުވާ ކުރަމުން ދެއެވެ. ގޮޅިތައް އޭގެ ޙައްގުވެރީންނަށް ދޫކުރައްވާނަމަ ސަރުކާރަށް ދައްކަން ޖެހޭ ކުލި ނުލިބި ގޮޅިތައް ނެގުމުގެ ފުޞަތު ކުޑަވެގެން ދާނެއެވެ.
ސުވާލަކީ މިކަމަށް ޙައްލެއް ފެންނާނެ ހެއްޔެވެ؟
އެޗް.ޑީސީއިން ބުނީ ދެން ދޫކުރާ ގޮޅިތަށް ދޫކުރާނީ ގޮޅިތަކުގައި ވިޔާފާރި ކުރާ ފަރާތްތަކަށް ޚާއްޞަ އިސްކަމެއް ދީގެން ކަމަށެވެ. އަދި އެޗްޑީސީގެ އެއްވެސް މުވައްޒަފަކަށް ރަށު މާރުކޭޓުން ގޮޅި ދޫކޮށްފައި ނުވާނޭ ކަމަށް ވެސް އެތަނުން ބުނެފައިވެއެވެ.
މާރުކޭޓްގެ ގޮޅިއެއް ހިންގާ މީހަކު ބުނިގޮތުގައި ގޮޅި އެގްރިމެންޓް ކުރެވިފައިވާ ފަރާތަށް ކޮންމެ މަހަކުވެސް -/7500 ރުފިޔާ އޭނާ ދައްކައެވެ. އެހެނަސް އެފަރާތުން ދައުލަތަށް ދައްކަންޖެހޭ ކުލި ނުދެއްކުމުގެ ސަބަބުން ސަރުކާރުން ދީފައިވާ ނޯޓިހުގެ ދަށުން ގޮޅިއަތުލައިފިނަމަ ހުރިހާ ގެއްލުމެއް ލިބެނީ ޒަރޫރީ ބޭނުންތައް ނުފުދި ދަތިޙާލުގައި އުޅޭ އޭނާ ފަދަ ރައްޔިތުމީހާ އަށެވެ.
މާރުކޭޓްގެ ގޮޅިތައް ކުށްޔަށް ދިނުމުގައި ކޮންމެ ސަރުކާރަކުން ވެސް އެސަރުކާރާ ގުޅުންހުރި ކަމުގެ ތަޖްރިބާ ނެތް ފަރާތްތަކަށް އިސްކަން ދެމުން ގެންގޮސް ފައި ވާކަމީ ދެބަސްވެވެން ނެތް ޙަގީގަތެކެވެ.
ގޮޅިއެއް ހިންގާ މީހަކު ބުނި ގޮތުގައި އެގޮޅިއަކީ ސިޔާސީ ޕާޓީއެއްގެ ބޮޑެއްގެ ގޮޅިއެކެވެ. ގޮޅި ދީފައި ވަނީ 6500 ރުފިޔާގެ ކުށްޔަށެވެ. އެހެންކަމުން ގޮޅިން ލިބޭ ފައިދާއަކުން ދެކޮޅު ނުޖެހެއެވެ.
ހުޅުމާލެއަކީ މިހާރު އާބާދީ ބޮޑު ރަށެކެވެ. ރަށު މާރުކޭޓް އާބާދީ އާ ދުރުކަމުންނާއި ފިހާރަތަކުގެ ވޯކުވޭ ތަކުގައި މާރުކޭޓުން ވެސް ލިބޭ ބާވަތްތައް ލިބެން ހުރުމުގެ ސަބަބުން މާރުކޭޓަށް މީހުން އަންނަނީ ވަރަށް މަދުންނެވެ. އެހެންކަމުން ގޮޅިތަކުން ވިޔަފާރި އެއް ނުވެއެވެ. މާލޭގެ މާރުކޭޓް ދުރުގައި ހުއްޓަސް އަލަށް އާބާދު ކުރާ ރަށެއްގައި އާބާދީ އާ ދުރުގައި މިފަދަ ތަނެއް ޢިމާރާތް ކުރުމަކީ ވިޔާފާރިއަށް ލޮޅުން އަރާނެކަމެއްކަން ސަރުކާރަށް ވިސްނިފައި ނެތުމަކީ ދެރަކަމެކެވެ.
އެހެން ކަމާއެކު މާރުކޭޓްގެ ގޮޅިތައް ހިންގާ ފަރާތްތަކުގެ ކަންބޮޑުވުން އިންތިހާއަށް ވަނީ މަތިވެފައެވެ. އެފަރާތް ތަކުން އެދެނީ މިކަމަށް އަވަސް ޙައްލެކެވެ. ރަށު މާރުކޭޓް ކުރިން ހެދި ތަނުން ލިބޭފައިދާ ބޮޑުވިނަމަވެސް މިހާރު ލިބެނީ ވަރަށް ކުޑަ ފައިދާއެއް ކަމަށް ގޮޅި ހިންގާ މީހުން ބުނެއެވެ.