ލޯބީގެ މަންޒިލު-12

Loading

Facebook
Twitter
WhatsApp

http://sandhaanu.today/16799/ އާ ގުޅޭ

މަޑުމަޑުން ދޮރު ހުޅުވުމަށްފަހު އޭނާ ބޭރަށް ނިކުމެއްޖެއެވެ. އަދި ދޮރު ހުޅުވި ވަރަށްވުރެ މަޑުމަޑުން ދޮރުފަތް ލެއްޕުމަށްފަހު އެނބުރި އަޅައި އިތިކޮށް ދުއްވައިގަތެވެ. ފަހަތަށް އެނބުރި ބަލާލުމެއްނެތި ބާރަށް ދުވެފައި ގޮސް އޭނާ ހުއްޓުނީ ޖުހޫގެ ބަސް ހުއްޓި ކައިރިއަށެވެ. އޭނާ ހުރީ މާނޭވާ ލެވިފައެވެ. ބަހަށް މީހުން އަރާ ސަފުގައި ހުއްޓި ހުރެ ޖީބަށް އަތްބާނައި އޭނާ ޖީބު ރަނގަޅަށް ބަލައިލިއެވެ. އެ ވަގުތު އޭނާގެ ހުރިހާ ހިއްސުތަކެއްގެ ބާރު އަނެއްކާވެސް ކެނޑުނުހެން ހީވިއެވެ. ބަސް ޓިކެޓު ގަންނަން އޭނާ ޖީބަށްލައި ރައްކައުކޮށްގެން އުޅުނު ލާރިކޮޅު ޖީބުގައި ނެތެވެ.

 

 

ދޭއް

ސަރޫޕަށް އަވަށާ ހަމަޔަށް ދެވުނު އިރު، އިރު އޮއްސިއްޖެއެވެ. މުޅި އަވަށަށް ވަނީ ރޭގަނޑުގެ އަނދިރިކަން ވެރިވެފައެވެ. އަވަށުގެ ހުރިހާ އެންމެން ވެސް މަސައްކަތަށްފަހު އެނބުރި ގެއަށް އަތުވެއްޖެއެވެ.

ސަރޫޕު މަޑުމަޑުން ހިނގާފައި ދިޔައެވެ. ފައިތިލަ ނަގައި އަޅާ ކޮންމެ ފަހަރަކު އޭނާގެ ފައިގައި ޓަނެއްގެ ބަރުދަން ހުންނަހެން އޭނާއަށް ހީވެއެވެ. އޭނާގެ މޫނުމައްޗަށް ދަނީ އަނދިކަން ވެރިވަމުންނެވެ. އޭނާގެ ބަނޑު ވަނީ ބުރަކަށީގައި ތަތްލާފައެވެ. އޭނާގެ ކަރުތެރެ ވަނީ ހިކިފައެވެ.

ސަރޫޕު އަވަށާ ހަމައަށް ދިޔައީ ބޮޑުމަގުންނެވެ. އަވަށާ ކައިރިވުމުން އޭނާ ދަނޑުތަކާ ކައިރިން ދެވެން އޮންނަ މަގުން ދިއުމަށް ގޯޅިއެޅިއެވެ. އެއީ އެ މަގުން ދިއުމުން އެންމެ ފުރަތަމަ ވެސް ޖިއޯތީގެ ގެއާ އަރާ ހަމަކުރެވޭނެތީއެވެ.

ޖިޔޯތީއަކީ ކޮންމެ ގޮތެއް ވިޔަސް އޭނާގެ ލޯބިވެރިޔާއެވެ. ޖިޔޯތީއަށް މިހާރު ވާނީ އޭނާއަށް ވަޒީފާ ލިބުނު ޚަބަރު އިވިފައިކަން އޭނާއަށް އެނގެއެވެ. އެކަމަކު ޚުދު އޭނާގެ އަނގައިން ޖިޔޯތީއަށް އެ ޚަބަރު ކިޔައިދޭން އޭނާ ބޭނުމެވެ. އަދި އެ ޚަބަރު އިވުމުން ޖިޔޯތީގެ މޫނުމައްޗަށް ވެރިވެގެންދާނެ އުފައުވެރިކަމުގެ އަސަރު އޭނާ ދެކެން ބޭނުމެވެ.

ސަރޫޕު އޭނާގެ އަވަށުގެ މީހުން ނޫޅޭ ފަރާތުން އަވަށުތެރެއަށް ވަދެގެން ދަނިކޮށް ފަހަތުން މީހަކު އައިސް އޭނާގެ ބުރަކަށީގައި ކޮންމެވެސް އެއްޗެއް ޖައްސާލުމަށްފަހު ބުންޏެވެ. ”ހުއްޓި ދެ އަތް މައްޗަށް ނަގާ! އަދި ޖީބުގައި ހުރި ހުރިހާ ފައިސާއެއް މަގޭ އަތަށް ދީ!“

ސަރޫޕު ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް އޭނާގެ ފުރަގަހުގައި ހުރެ ވާހަކަ ދެއްކީ އޭނާގެ ޖިޔޯތީކަން ސަރޫޕަށް އެނގުނެވެ.

އޭނާ ދެ އަތް މައްޗަށް ނަގައި ބަލިކަށި އަޑަކުން ބުންޏެވެ. ”އަހަރެންގެ ޖީބުގައި ހުރި ހުރިހާ އެއްޗެއް ކަލޭ އަމިއްލައަށް ނަގާ!“

ސަރޫޕުގެ ގަމީހާއި ފަޓުލޫނުގެ ޖީބަށް އަތްބާނައި ހޯދައި ބެލުމުން ވެސް އެއްވެސް އެއްޗެއް އަތުގައި ނުޖެހުމުން ޖިޔޯތީ ވަރަށް ދެރަވެފައި ބުންޏެވެ. ”ޗޮކްލެޓެއް ނަމަވެސް ގެނައި ނަމަ އަނގަ ފޮނިކޮށްލެވުނީހެއްނު!“

”މަށާއެކު ގެއާ ހަމައަށް ހިނގާ! އޭރުން ކަލޭގެ އަނގަ ފޮނިކޮށްދޭނަން!“

”ވަރަށް ލާނެއް ވާހަކަ ދައްކަން ވެސް މިހާރު ދަސްކޮށްފިން ދޯ!“

”ޖިޔޯތީ އަހަރެން ވެއްޓެން އުޅޭހެން އެބަހީވޭ.“ މިހެން ބުނެވުމާއެކު ސަރޫޕު އަރިއަޅާލައިގެން ނުވެއްޓުނީ ކިރިޔާއެވެ. ޖިޔޯތީ އަވަސްއަވަހަށް ސަރޫޕުގެ ގައިގައި ހިފެހެއްޓިއެވެ. އަދި ކަންބޮޑުވެފައިވާ އަޑަކުން ސުއާލުކުރިއެވެ.

”ކިހިނެއްވީ؟“

”އަވަހަށް ގެއާ ހަމައަށް އަހަރެން ގެންގޮސްދީ!“

ސަރޫޕުގެ ގައިގައި ހިފަހައްޓައިގެން އަތުލަފިކޮށްގެން ޖިޔޯތީ އޭނާގެ ގެއާ ހަމައަށް ސަރޫޕު ގެންދިޔައެވެ. އެ ގެއަށް ވަދެވުމާއެކު އެތާ ހުރި ފަތްޖެހި އެނދެއްގެ މައްޗަށް ކަނޑައި ވައްޓައިލި ރުކެއްހެން ސަރޫޕު ވެއްޓިއްޖެއެވެ.

ޖިޔޯތީ ވަރަށް ހާސްވެ ކަންބޮޑުވެފައިވާ އަޑަކުން ބުންޏެވެ.

”ހެނދުނުއްސުރެ ކަލެއަށް ވީގޮތެއް ނޭނގިގެން ކަލޭގެ މަންމައާއި ޕްރީތީ ހާސްވެގެން އެބަ އުޅޭ. މިއޮތްހާ އިރު ކޮންތާކު އުޅެފައި ތިއައީ؟“

ޖިޔޯތީ ގަދަކަމުން ކަހަލަ ގޮތަކަށް ސަރޫޕުގެ މޫނު އޭނާއާ ދިމާއަށް އަނބުރައި އަނގައިގެ ވަސް ބަލާލިއެވެ.

”ކަލޭ ހީކުރީ އަހަރެން އައީ ރާބޮއިގެންކަމަށްތަ؟“ ސަރޫޕު ނުރުހިފައި ބުނެލިއެވެ. ”އަހަރެން މިހިރީ ހެނދުނުއްސުރެ އެއްޗެއް ނުކައި ނުބޮއި. އަނގަޔަށް ލާނެ އެއްޗެއް ތަންކޮޅެއް އަވަހަށް ދީބަލަ! އޭރުން އަހަންނާ ދިމާވި ހިތާމަވެރި ހާދިސާގެ ވާހަކަ ކިޔައިދޭނަން.“

ޖިޔޯތީ އަވަސްއަވަހަށް ގޮސް ބަދިގެއަށް ވަދެއްޖެއެވެ.

ނުނިމޭ

 

 

Loading

One Response

  1. ތިޔަ ވާހަކަ ލިޔުންތެރިޔާ އަކީ މުޅިއަކުން ބޯހަމަޖެހޭ މީހެއް ނޫން…ވަރަށް އަޚުލާގު ދަށް މީހެއް.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް