އަޅުގަޑުގެ ބައްޕަ ނިސްބަތްވާ ރަށަށް ތިނަދޫން ބާލާފައިވާ ދެ ޢާއިލާއެއް ހިޖުރަ ކުރިއެވެ. ދެ ޢާއިލާ އަކީ ތިނަދޫގެ ނަންހުރި ދެ ޢާއިލާ ވެސް މެއެވެ.
އެ ދެ ޢާއިލާ އެރަށަށް ހިޖުރަ ކުރުމަށްފަހު ރަށުން ބޭލުމުގެ ހިތްދަތި އިޙުސާސްތައް ތަޙަމަލް ކުރަމުން އައީ މިދެންނެވި ރަށުގައެވެ.
އެންމެންވެސް ދުވަސް ކޮޅަކު އެ ރަށުގައި އުފާފާގަތި ކަން މަތީގައި ދިރިއުޅުނެވެ. ހ.ފަސްދޫ (އަސްލު ނަމެއް ނޫން) އަކީ ހ. އަތޮޅުގެ އެންމެ މީހުން މަދު ދެ ރަށުގެ ތެރެއިން އެއްރަށެވެ. އޭރު ފަސްދޫގައި މުއްސަންޖެއް އުޅުނެވެ.
ތިނަދޫއިން ފަސްދުއަށް ހިޖުރަ ކުރި ދެ ޢާއިލާ އަކީ ވެސް ފަސްދޫ މަހުޖަނާ ގުޅުން ހުރި ދެ ޢާއިލާ އެވެ. މި ދެ ޢާއިލާގެ ތެރެއިން އެއް ޢާއިލާ ދިރިއުޅެނީ މަހުޖަނުގެ ގޯތިތެރޭގައި އިތުރު ގެއެއް އަޅައިގެން އެގޭގައެވެ.
އަނެއް ޢާއިލާ ދިރިއުޅުނީ މަހުޖަނުގެ ކޮއްކޮގެ ގޯތިތެރޭގައި ގެދޮރު އަޅައިގެން އެގޯތީގައެވެ. މިހެން އުޅެމުން އައުމުގެ ތެރޭގައި ރާއްޖެ ކާޑަށްޖެހި އެންމެން ބަނޑަށް ޖެހުނުވެ.
ފަސްދޫ އަކީ އާބާދީ ނުބައްދަލު މިންވަރަކަށް ބަނބުކެޔޮ ގަހާއި ފަތްކެޔޮ، މާޅޮސް ކެޔޮ، އަދި ދިވެހިރުއް ގިނަ ބޮޑު ބިޔަ ރަށެކެވެ. އާބާދީގައި 200 ހަމައެއް ނުވެއެވެ.
އެހެން ކަމާއެކު އެރަށުގެ މީހުންގެ ބަނޑުފުރާނަ މުއްތިކުރަމުން އައީ މިދެންނެވި ވަސީލަތް ތަކުންނެވެ. އެހެނަސް އެރަށަށް އަރައި ތިބި ބީރެއްޓެހީންގެ ގަހެއް ރުކެއް ނެތެވެ. ދެ ޢާއިލާ އެރަށަށް ހިޖުރަ ކުރުވި މަހުޖަނު ގެ އެހީވެސް ކެނޑިއްޖެއެވެ. އެހެން ކަމުން ހިޖުރަ ކުރި ޢާއިލާތަކަށް ކާބޯ ތަކެތި ލިބޭނެ ވަސީލަތެއް ނެތެވެ. އެވެރިންގެ ތެރެއިން ބައެއް މީހުން ސަލާން ޖަހަން ފެށިއެވެ. ސަލާން ޖަހަން ދިއުމުން ބައެއް ގޭގޭގެ މީހުން ކައި ނިމިގެން އެތިކޮޅެއް ބާކީވިއްޔާ ދެއެވެ.
ހިޖުރަ ކުރި މީހުންގެ ތެރެއިން މިދެންނެވިހެން ސަލާންޖަހަން އުޅުނު ޢުމުރުން ތިރީހަކަށް އަހަރުގެ ޒުވާނެއްގެ ޖިންސީ ގުނަވަނަށް ބައްޔެއް ޖެހުނެވެ. އެބަލި ޖެހުމުން އެޒުވާނާގެ ޖިންސީގުނަން ދުޅަވެ ދިގުވެ ވޭންތައް ތަޙައްމަލް ނުކުރެވިގެން އަތިރިމަތީގައި ބަރަހަނާ ހާލުގައި ރުއްގުޅިއެއްގެ މަތީގައި އިށީނދެއިނެވެ. ރަޙުމެއް ހުރި އިންސާނަކު އުޅޭ ރަށެއްހެން ވެސް ހީއެއް ނުވެއެވެ.
އެހާލުގައި ވެސް ބަނޑުހައި ހޫނުކަން ގަދަވީމާ އެޒުވާނާ ކާއެތި ކޮޅަކަށް ސަލާން ޖަހަމުން ދެއެވެ. މިހެން އުޅެނިކޮށް އޭނާގެ ދައްތަ އުޅުނު ތަނުން އޭނާ ބޭރުކޮށްފިއެވެ. ފަސްދޫގެ ބައެއް މީހުން މިދެންނެވި ޒުވާނާ ބަރަހަނާ ޙާލުގައި ބީޗުގައި އިންނަ ވަގުތު ތަކުގައި އޭނާގެ އޮރިޔާން ބަލަން ގިނަ މީހުން އޭނާގެ ގާތަށް ޒިޔާރަތް ކުރެއެވެ. އެހެނަސް އެއިން އެއްވެސް ފަރާތަކުން އެ ޒުވާނާގެ ބައްޔަށް ފަރުވާއެއް ކުރަން އެހީތެރިކަމެއް ފޯރުކޮށްދީ ނަހަދައެވެ. އަދި އިހުސާންތެރި ނަޒަރަކުން އެޒުވާނާ އަށް ބަލާލި މީހަކުވެސް ނެތެވެ. އަދި އެޒުވާނާ ގެއިން ނެރެލުމުން އެ ރަށުގެ އެއްވެސް ގެއަކުން އެޒުވާނާ އަށް ހިޔާވަހި ކަމެއްވެސް ނުދިނެވެ. ދުވަސް ކޮޅަކުން އެ އެޒުވާނާގެ ޖިންސީ ގުނަވަނުން ދޮސް ފައިބަން ފެށިއެވެ.
އެ ޒުވާނާއަށް މީހުން ކިޔަނީ ރައްކޮޅާއެވެ. ރައްކޮޅާ ނިދަނީ ފަޅު ޖިފުޓިއެއްގެ ތެރޭގައެވެ. ނުހަނު ވޭންދެނިވި ބަލި ޙާލުގައެވެ. ރައްކޮޅާގެ ތިމާގެ މީހުނާއި އެއްބަނޑު އެއްބަފާ މީހުންވެސް ރަށުގައި ތިބިކަން ފާހަގަ ކުރަމެވެ. ރައްކޮޅާއަށް ޖެހުނީ ކޮންބައްޔެއް ކަމެއް ނޭނގެއެވެ. ކޮންމެއަކަސް ސަލާން ޖެހުމުން ވަނދު ބަނބު ކެޔޮ ފެނަށް ލޮނުއަޅައިގެން ކެއްކުމަށްފަހު ކެއްކި މީހުން އެއްބައި ކެއުމަށްފަހު ބާކީ ހުންނަ ބަނބުކެޔޮ ތޮށިކޮޅު އުކާލުމުން އެތޮށިކޮޅު ހޮވައިގެން ކެއުމަށް ފަހު ރައްކޮޅާ އެތައް ރެއަކު ނިދައެވެ. ރައްކޮޅާގެ ބަލިޙާލު ބޮޑުވެ އޭނާއަށް ސަލާންހަން ނުދެވޭ ވަރުވެފައި އޮތްއިރު އެހީގެ އަތެއް ފޯރުކޮށްދޭ ވަރުގެ އިންސާނަކު ފަސްދޫގައި ނުއުޅެއެވެ. އެންމެން ވެސް ތިބީ ހައިހޫނު ކަން މަތީގައެވެ.
އެދުވަސްވަރަކީ ގާނޫނެއްގެ ދަށުން ކަނޑުމަސް ކެއުން މަނާކުރެވިފައި އޮތް ދުވަސް ވަރެވެ. ކާޑު ލިބެނީ އޮޅުދޫކަރައަށް ސަރުކާރުން މަސް ބޭރުކޮށްގެންނެވެ. އެހެން ކަމުން ބާނާ މަސްކޮޅު މަހުޖަނުގެ ގެއަށް ކިރުވުމުން ބައެއް ރޭރޭ ކާލެވޭނެއެވެ. ރަށުގެ ބައެއް މީހުނާއި ހިޖުރަ ކުރި މީހުން ބަނބުކެޔޮ ތޮޅިއާއި ކެޔޮގަސް ބުޑާއި މާޅޮސް ފަތް ކައިގެން އުޅުނެވެ. މިތަދު މަޑުކަމުގެ ތެރޭގައި ގިނަ ބަޔަކު މަރުވެދިޔަކަން ވެސް ފާގަކުރަމެވެ.
ކޮންމެއަކަސް ރައްކޮޅާ ނުފެންނަތާ ދެތިން ދުވަސް ފަހުން ބަޔަކުގޮސް ރައްކޮޅާ އޮންނަ ޖިފުޓި ބެލިއިރު ރައްކޮޅާ އޮތީ އަނގައިން ފޮނުގަނޑެއް ނުކުމެފައެވެ. އޮތީ ފުރާނަ ނެތް މަސްގަނޑެކެވެ. ތިނަދޫން ހިޖުރަ ކުރި މީހުން ކެއިން ބުއިމަށްޓަކާ އަތުގައި ހުރި ރަނާއި ރިހި މަހުޖަނުގެ ގެއަށް ވިއްކާ ހުސްވެއްޖެއެވެ. ދެން ވިއްކަންފެށީ ޓިނުފަދަ ތަކެއްޗާއި ބަންގާޅު އަލަމާރި އާއި އުނަގަނޑުގައި އަޅާ އެއްނަރު ފައްޓަރާއި ގޮށްފައްޓަރެވެ. މިހެން ގޮސް ހިފައި ގެންގުޅޭ ސާމާނަށް ދާނދެން ވިއްކާލުމަށްފަހު ދެން އެހެން ގޮތެއް ނެތުމުން ވައްކަން ކުރުމާއި ސަލާން ޖެހުން ގިނަ ވިއެވެ.
ނުނިމޭ ……..