ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.އަހްމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލި ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލްކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރަން ނިންމަވައިފިއެވެ.
ޕީޖީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޑރ. ޒިޔާދުގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގެ ތެރޭގައި އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރައްވާނެ ކަމަށެވެ.
ޒިޔާދުގެ މައްޗަށް ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ ޢިމާރާތެއް އެޅުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިންގާފައިވާ މައްސަލައިގައެވެ.
ޑރ ޒިޔާދުގެ އިތުރުން އިސްލާމިކް މިނިސްޓްރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ކުރިން ހުންނެވި ހުރި އިބްރާހީމް އަބްދުއްލާ ސައީދުގެ މައްޗަށް ވެސް މިމައްސަލާގައިވަނީ ދައުވާކޮށްފައެވެ.
މި މައްސަލަ ނިންމާ ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައިވަނީ ޒިކުރާ މިސްކިތް ހެދުމަށް އެސް ޖޭ ކޮންސްޓްރަކްޝަނާއި އެކު ހެދި އެއްބަސްވުމުގައި ޒިޔާދު ސޮއިކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ލިބިގެންކަން ހެކިންގެ ހެކިބަހުން ސާބިތުވާކަމަށެވެ. އެހެންކަމުން އެއްބަސްވުމުގައި ކުށެއް އޮއްވާ އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުންކަމަށް ނުބެލެވޭނެކަމަށްވެސް ދަށު ކޯޓްގެ ހުކުމުގައިވެއެވެ. އަދި އެއްބަސްވުމުގެ ފަހު ބަސްބުނުމުގެ ހައްގު އިސްލާމިކް މިނިސްޓްރީއަށް ލިބިގެން ނުވާކަމަށްވެސް އެ ހުކުމުގައިވެއެވެ. އަދި އެއްވެސް މުވައްޒަފެއްގެ ލޮލުގައި އަޅައި ނުގަތް ކުށް ޒިޔާދުގެ ލޮލުގައި އަޅައި ގަންނާނެކަމަށް ހަމަ ބުއްދިއަށް ގަބޫލުނުކުރެވޭނެކަމަށްވެސް އެ ހުކުމުގައިވެވެ.
ޒިޔާދު މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެން ޒިކުރާ މިސްކިތުގައި ”ދާރުލް ޒިކްރާ“ގެ ނަމުގައި 10 ބުރީގެ އިމާރާތެއް އަޅަން އެސްޖޭ ކޮންސްޓަރަކްޝަނާއި ހަވާލުކުރީ 2018 ވަނަ އަހަރުއެވެ. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 130 މިލިއަން ރުފިޔާއަށެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ސަރުކާރުން ދިނުމަށްވެސް ވަނީ ނިންމާފައެވެ.