މާލެ ސިޓީގެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ)ގެ މަގާމަށް ރައީސް އަބްދުއްލާ ޔާމީންގެ ސަރުކާރުގައި އެންސްޕާގެ ސީއީއޯގެ މަގާމުގައި ހުންނެވި މުޖުތަބާ ޖަލީލު ހަމަޖައްސައިފި އެވެ.
އެސްޖީގެ މަގާމަށް މުޖުތަބާ ހަމަޖެއްސުމާ ގުޅިގެން އޭނާ ވަނީ އިއްޔެ އިން ފެށިގެން އޮފީހަށް ނިކުންނަވަން ފައްޓަވާފަ އެވެ.
މާލެ ސިޓީ ކައުންސިލްގައި އިދިކޮޅު ޕީޕީއެމްގެ ފުރިހަމަ އަގުލަބިއްޔަތު އޮތް އިރު މުޖުތަބާ އަކީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގެ ހަރަކާތްތަކުގައި އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
މާލެ ސިޓީ ކައުންސިލްގެ އެސްޖީގެ މަގާމަށް މުޖުތަބާ ހަމަޖެއްސީ އެ މަގާމަށް ކުރިމަތިލުމަށް ސިވިލް ސާވިސް ކޮމިޝަނުން ހުޅުވާލުމުން ކުރިމަތިލެއްވި 23 ބޭފުޅުންގެ ތެރެއިންނެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި މުޖުތަބާ ވަނީ އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވުމުގެ އިތުރުން އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަން ވެސް ކުރައްވާފަ އެވެ.
ލޯކަލް ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރަނީ އެ ކައުންސިލެއްގެ ލަފައާއެކު ސިވިލް ސަރވިސް ކޮމިޝަނުންނެވެ.
ފަސް އަހަރުގެ ދައުރަކަށް އައްޔަން ކުރާ ސިޓީ ކައުންސިލްގެ އެސްޖީއަކަށް މަހަކު 20،500ރ. އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި 15،000ރ. ލިބޭނެ އެވެ.