މާލެއާއި ހުޅުމާމާލޭގެ މަގުތަކުގައި ކުނި ގިނަވަނީ

Loading

Facebook
Twitter
WhatsApp

ވެމްކޯއަށް ފައިސާ ނުދަކާ މީހުން އިތުރުވަމުން ދާތީ ފައިސާނު ދައްކާ ގޭބިސީތަކުގެ ކުނި އުކައި ނުދޭ ގޮތަށް ހަމަޖެއްސުމުގެ ސަބަބުން މާލެއާއި ހުޅުމާލޭގެ މަގުތަކުގައި ކުނި ގިނަވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

ކުންޏަކީ ވަރަށް ނުރައްކާ ބަލިތައް ފެތުރިގެން ހިނގައިދާނެ އެއްޗަކަށް ވާއިރު ކުއްލިޔަކަށް މިކަހަލަ ފިޔަ ވަޅެއް އެޅުމުގެ ކުރިން މަޝަވަރާ ކުރަން ޖެހޭ ފަރާތްތަކާ މަޝްވަރާ ނުކޮށް ވެމްކޯއިން މިފަދަ ނުރައްކާތެރި ފިޔަވަޅެއް އެޅީތީ ހިތާމަ ކުރަމެވެ.

ގައުމީ ބޮޑެތި މައްސަލަތަކުގައި ފިޔަވަޅު އެޅުއްވުމުގެ ކުރިން މާލޭ ސިޓީ ކައުންސިލާ ވެސް ވެމްކޯއިން މަޝްވަރާކޮށް ރައްޔިތުންނަށް ކުނީ ގެ ފައިސާ ދެއްކޭނެ ފަސޭހަ ގޮތްތަކެއް ހޯދަން ޖެހޭނެއެވެ.

ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން ރައްޔިތުން ތިބި ހާލާ މެދު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ވިސްނައި ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކަށް ފައިސާ ނުދެއްކެނީ ކީއްވެތޯ ވެސް ބައްލަވާ ނުލައި އަމިއްލަ ކުންފުނިތަކުގެ އުސޫލުން ޢަމަލު ކުރާނަމަ ގައުމީ ބަލިމަޑުކަމެއް ގައުމަށް އުފަންވުމުގެ ބިރު އުފެދުމަކީ ދުރުކަމެއް ނޫނެވެ. ފައިސާ ނުލިބުނަސް ލިބުނަސް ކޮންމެ ދުވަހަކު ގޭބިސީތަކުގެ ކުނި ކޮންމެވެސް ދިމާއަކަށް އުކަން އެބަ ޖެހެއެވެ. މިއީ މާޒީގެ ތެރެއިން ކުރެވިފައިވާ ތަޖުރިބާގެ އަލީގައި ބުނާ އެއްޗެކެވެ.

ގޭބިސީތަކުން އުކާލާ މުޅަތަކެތީގެ ތެރޭގައި ނަޖިސް ތަކެތީގެ ގޮތުގައި ބެލެވޭ ތަކެއްޗާއި ނުރައްކާތެރި ބަލި އުފެދޭ ބާވަތުގެ ގިނަ ތަކެތި ހިމެނެއެވެ. އޭގެ ސަބަބުން އުފެދޭނީ ކިހާ ނުރައްކާތެރި، ކޮން ބަލިތަކެއް ކަން އަޅުގަނޑު ދޫކޮއްލާނީ ޑޮކްޓަރުންނަށެވެ.

ގޭބިސީތަކުން އުކާލާ ކުނިބުނީގެ ތެރޭގައި ކުޑަކުދީންގެ ނަޖިހާއި ކާބޯތަކެއްޗާއި ބޮޑެތި މީހުންގެ ނަޖިހާއި ޙައިޟުވާ އަންހެނުން އުކާލާ ޕެޑާއި މިހެންގޮސް އިންތިހާއަށް ނުރައްކާވާ ޒާތުގެ ބަލި އުފެދޭ ފަދަ ތަކެތި ހިމެނި އެކަމުގެ ސަބަބުން މުޅި ގައުމަށް ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރިދާނެކަމުގެ ބިރުބޮޑެވެ. ކަން މިހެން ހުރި ނަމަވެސް ވެމްކޯގެ ފަރާތުން ހޭވެސް އަހާ ނުލައި ގޭބިސީތަކަށް އަންގާލަނީ ފައިސާ ނުދައްކާ ފަރާތް ތަކުގެ ކުނި އުކައި ނުދޭނެ ކަމުގައެވެ. އެހިސާބުން ވެމްކޯއަށް ހީވަނީ އެ ކުންފުނީގެ ވާޖިބު އެހިސާބުން ފުރިހަމަވީ ކަމަށެވެ.

ކުނިއުކުމަކީ ގައުމީ ކަމަކަށްވާއިރު ކުއްލިއަކަށް މިފަދަ ފިޔަވަޅެއް އަޅާވާއިރު މީގެ ސަބަބުން ނުކުމެދާނޭ ކަންކަމާ މެދު ވިސްނާ ނުލުމަކީ ބަލަހައްޓައިގެން ފައިސާ ހޯދަން ތިބެވޭ ވަރަށް ވުރެ މާނުރައްކާތެރި ކަމެއްކަން ދަންނަން ޖެހޭނެ ކަމަށް ދެކެމެވެ.

ކުރީގެ މާޒީގެ ތެރެއަށް ޖެހިލާއިރު މާލެތެރޭގައި ކުނިގިނަވެ އުފެދޭބަލި ތަކުގެ ތެރޭގައި ބޭރަށް ހިންގުމުގެ ރޯގާތަކާ އޭގެ ތެރެއިން ކުޑަކުދީން މަރުވުން އިތުރުވެ ބޮޑެތި މީހުންނަށް ވެސް ބަލިޖެހި މަރުވަމުން ދިއުމާ ގުޅިގެން ސަރުކާރުގެ ސަމާލުކަމަށް އައިސްފައި އެބަހުއްޓެވެ. ކަން މިހެން ހުރިއިރު ބަޔަކު ހަމަ ތިބެފައި ކުއްލިއަކަށް ދެން ކުނިއުކައި ދެވޭނީ ފައިސާ ދިނީމައޭ ބުނެގެން ފަރުޖައްސާނީ ކިހިނެއް ބާވައެވެ؟

ކުނީގެ ފައިސާ ނުދައްކާ ގޭބިސީ ތަކުންގެ ކުނި އުކާލެވޭނެ އެހެން ގޮތެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާ ކޮށްގެން ހޯދާން އެބަ ޖެހެއެވެ.

ކޮންމެ މީހަކީ ހޭލުން ތެރި މީހެއް ނޫނެވެ. އެހެން ކަމުން އެމީހެއްގެ ގެއިން އުފެދޭ ކުނި ކޮންމެ ދުވަހަކުވެސް ކޮންމެވެސް ދިމާއަކަށް އޭނާ އުކާނެއެވެ. އޭގެސަބަބުން އެހެން މީހުންނަށް ލިބެނީ ކޮންގެއްލުމެއްތޯ އޭނާ ނުބަލާނެއެވެ. އޭނާ ބަލަނީ އެކުނިން އޭނާ ސަލާމަތް ވާނެ ގޮތެކެވެ. އޭގެ ސަބަބުން ގައުމާއި ރައްޔިތުންގެ ސިއްހަތަށް ލިބޭ ގެއްލުން އެފައިސާ އަށްވުރެ މާބޮޑުވާނެއެވެ.

މާލެއާއި ހުޅުމާލޭގައި މީހުން ގިނަވެ ތޮއްޖެހިފައިވާ މި ނުރައްކާތެރި ދަނޑިވަޅުގައި ފައިސާނުދައްކާ ފަރާތަކުގެ ކުނިއުކައި ނުދެވޭނެ ކަމަށް ބުނުމުގެ ކުރިން ރައްޔިތުންގެ އަތުން އެ ފައިސާ ލިބޭނެ ފަސޭހަގޮތެއް ހޯދާން ޖެހެއެވެ. ފައިސާ ނުދައްކާ ފަރާތްތަކާ ވާހަކަ ދައްކައިގެން ފައިސާ ދެއްކޭނެ ފަސޭހަގޮތެއް ހޯދަން ޖެހެއެވެ. ތާހިރު ދިރިއުޅުމެއް އުފައްދައި ހެޔޮވެރިކަމުގެ ތަހުޒީބާ ގުޅިފައިވާ ރައްޔިތުންނަށް ހުރިހާގޮތަކަށް ވެސް ލުއި ދިނުމުގެ ސިޔާސަތު ތަންފީޒު ކުރުމަކީ ރައްޔިތުންނާ ގުޅިފައި ވާ އިދާރާތަކުގެ މަސްއޫލިއްޔަތެކެވެ.

 

 

Loading

One Response

  1. ފަރުދީ ޒިންމާއެއްނެތް. ގައުމުގައި ހުސް ވަގު ބޭރުމީހުންތައް. ކުނި އަޅަނީ ހަބޭހަށް. ސިޓީކައުންސިލް އާއި ވެމްކޯ ކޯޅުމެއްގައި. ގައުމު އިންޑީއާގެ މުށުތެރޭގައި. ދެންވާ ސަހަރޯއޭ ހީވެއެވެ.

Leave a Reply to މޫސަ ފިކުރީ Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް