ވޭތުވެ ދިޔަ މަދު އަހަރުތަކުގެ ތެރޭގައި ހަކަތައިގެ ދާއިރާއިން ޤުދުރަތީ ގޭހަށް ބަރޯސާވާ މިންވަރު ޕާކިސްތާނުގައި ވަނީ ނުރައްކައުތެރި މިންވަރަކަށް އިތުރުވެފައެވެ.
ޕާކިސްތާނަށް ގުދުރަތީ ގޭސް އެތެރެ ކުރަން ފަށާފައި ވަނީ މީގެ ހަ އަހަރު ކުރީންނެވެ. މިހާރު ޔޫރަޕްގައި ގުދުރަތީ ގޭސްހުރި މިންވަރު މަދުވުމުގެ ސަބަބުން ގޭހުގެ އަގުވަނީ އެތައް ގުނައަކަށް އުފުލިފައެވެ. އެހެންކަމުން ހަކަތައިގެ ދާއިރާއިން ޕާކިސްތާނަށް ވަނީ ބޮޑު ޚަރަދެއް ކުރަން ޖެހިފައެވެ.
ޕާކިސްތާނަށް އެތެރެކުރާ ތަކެއްޗާ ގުޅޭ މަސްއޫލުވެރިއެއް ކަމުގައިވާ އިޤުބާލް އަޙްމަދު ހާމަކުރާ ގޮތުގައި އަންނަ ފިނިމޫސުމުގައި ކަރަންޓް ކެނޑުމުގެ ހާދިސާތައް ހިނގާނެކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. އަދި މިކަމުގެ ސަބަބުން މުޖުތަމަޢުގެ ހަމަޖެހުމަށް ނޭދެވޭ އަސަރު ކުރާނެއެވެ. ނަމަވެސް މިކަމާގުޅިގެން ޕާކިސްތާނުގެ ހަކަތަޔާ ބެހޭ ވުޒާރާއިން އަދި މިހާތަނަށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.
ގުދުރަތީ ގޭސް މަދުވެ އޭގެ އަގު އިންތިހާއަށް އުފުލިގެން ދިޔުމަކީ ޕާކިސްތާނުގެ އިތުރުން ދުނިޔޭގެ ގިނަ ގައުމުތަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެކެވެ. ފާއިތުވި އަހަރުތަކުގައި ގުދުރަތީ ގޭސް އަގު ހެޔޮވާނެ ކަމަށް ބަލައި ކުދި ގައުމުތަކުން ވަނީ ގުދުރަތީ ގޭހަށް ބަރޯސާވާ މިންވަރު އިތުރުކޮށްފައެވެ.