މުޣަލް އެމްޕަޔަރ -13

Loading

Facebook
Twitter
WhatsApp

http://sandhaanu.today/15108/ އާއި ގުޅޭ..

މުޣަލް ރަސްކަން އަރިއަޅާލައި ވެއްޓެމުންދާތަން ބަލަންހުރި އީރާނުގެ ނާދިރް ޝާހުވެސް ފުރުސަތުގެ ބޭނުން ހިފީ އޭގެ އެންމެ ފުރިހަމަ ގޮތުގައެވެ. އުތުރު އަދި ހުޅަނގު އުތުރުގެ ސަރަހައްދުތަކުގައި އެއްވެސް މިންވަރަކަށް މުޣަލްގެ ދިފާއެއް ނެތުމާއި އެ ސަރަހައްދާމެދު މާބޮޑު އަޅާލުމެއްވެސް ނެތި ދޫކޮށްލާފާ އޮތުމުން އެސަރަހައްދު ފަތަހަކުރުން ނާދިރު ޝާހަށް ވެގެންދިޔައީ ޣަނީމާ މުދަލެއް ލިބިގަތުންހާ ފަސޭހަކަމަކަށެވެ.

ޣަޒްނީ އާއި ކާބުލް އާއި އިންޑަސްކޯރުގެ ބައެއް ސަރަހައްދުތަކާއި އަދި 1738 ވަނަ އަހަރު ލާހޯރު ފަތަހަ ކުރެވުނީވެސް އެއްވެސް ބަޔަކާ ކުރިމަތިލުމެއް ނެތިއެވެ. މުޣަލްގެ އިއްޒަތްތެރިންނަށް ހޭވެރިކަންވީވެސް މިހިސާބަށް ކަންތައް ދިއުމުންނެވެ. އެހެންވީމާ ދެން އަވަސްވެގަތީ ދިއްލީ ސަލާމަތްކުރުމަށެވެ. އެހެންނަމަވެސް މިކަމުގައިވެސް އަމިއްލަ އެދުމުން ފޯވެފައި ތިބި ބޮޑުންނަށް އެއްބަސްވެވުމަކަށް ނާދެވުނެވެ. އެންމެފަހުން 1739 ވަނައަހަރު ފެބުރުއަރީ މަހުގެ ތެރޭގައި ދިއްލީވެސް ނާދިރު ޝާހުގެ ބާރުގެ ދަށަށް ދިޔައީއެވެ. އަދި މުޙައްމަދު ޝާހު އަސީރެއްގެގޮތުގައި ހައްޔަރުކޮށްގެން ގެންދިޔައީއެވެ. އަދި ދިއްލީ ހިފުމަށް ކުރި ހަނގުރާމައިގާ ނާދިރު ޝާހުގެ ބައެއް ސިފައިން މަރުވުމުގެ ބަދަލު ހިފުމެއްގެގޮތުން ތިރީސް ހާހަށްވުރެން ގިނަ ދިއްލީއަށް ނިސްބަތްވާ އާންމުރައްޔިތުން މަރާލިއެވެ. އަދި އެލަޝްކަރު ފައިބައިގެންދިޔައީ ދިއްލީ އެއްކޮށް ނޮޅާލުމާއެކު ކޯހީ ނޫރު އޭ ކިއުނު މަޝްހޫރު ޖަވާހިރާއި ޝަހުޖަހާންގެ ރާދައަސްދޫނި ފަތުގެ ތަޚްތުވެސް ހިފައިގެންނެވެ. އަދި ކާބުލް ހިމެނޭ ހުރިހާ ސަރަހައްދެއް ދޫކޮށް ފައިބަންވެސް މުޙައްމަދު ޝާހަށް އަމުރުކުރިއެވެ.

ނާދިރް ޝާހުގެ މި އަރައިގަތުން ހަގީގަތުގައިވެސް މުޣަލް އެމްޕަޔަރ ކުޑަކަކޫމައްޗަށް ތިރިކޮށްލުވިއެވެ. އަދި މަރާތުންގެ ދެކޮޅުވެރިކަންވެސް މެލްވާ އާއި ގުޖުރާތާއި ބުލްޑެލަޚަންދާއި އަދި އެ ސަރަހައްދުތަކުގެ އުތުރުގައިވާ އެންމެހާ ސަރަހައްދުތަކަށް ފެތުރިގެންފިއެވެ.

އެންމެފަހުން މަރާތުންގެ ޗީފްމިނިސްޓރަކަށް ހުރި ( ޕެޝްވާ ) ބާލާޖީ ބާޖީ ރާއޯއަށް ގަވަރނަރކަން ދޭން ވެސް މަޖްބޫރު ވެއްޖެއެވެ. ކަޓޭހާރް ( ރޯހިލް ޚަންދު ) ގެ ސަރަހައްދު އަލީ މުޙައްމަދު ރުޚޭލާ އެވެ ކިޔުނު އެޑްވެންޗަރަކުގެ ބާރުގެ ދަށަށް ގެންގޮސްފިއެވެ. މިއިން އެއްވެސް ތަނެއް އަނބުރާ ފަތަހަކުރުމުގެ ގާބިލްކަން މުޣަލް އެމަޕަޔަރަށް ލިބިފައެއްނެތެވެ. ވިސްނާ ފިކުރުކުރާ ބަޔަކަށް ވަރަށްބޮޑު ޢިބުރަތެކެވެ. ކާބުލް ގެއްލުމުން ހުޅަނގު އުތުރުން އަރައިގަންނަ ދެކޮޅުވެރި ލަޝްކަރުތައް ހުއްޓުވުމުގެ މަގުތައް ބަންދުވެއްޖެއެވެ. ނާދިރު ޝާހުގެ ލަޝްކަރުގެ ބާރުގަދަ ލެފްޓިނެންޓްއެއް ކަމުގައިވާ އަޙުމަދު ޝާހު ދުއްރާނީގެ އަތްމައްޗަށް ޕަންޖާބު ހިގައްޖެއެވެ. 1747 ޖޫންގައި ނާދިރް ޝާހު އަވަހާރަވުމުން ކާބުލްގެ ރަސްކަމާ ހަވާލުވީވެސް އަޙުމަދު ޝާހު ދުއްރާނީއެވެ. އަދި ލާހޯރުވެސް އޭނާގެ ބާރުގެ ދަށަށްގެނައެވެ.

ނާދިރު ޝާޙު އެމަނިކުފާނުގެ ލަޝްކަރާއިއެކު:

ދިއްލީ އަތުލަން ކުރިމަސައްކަތް ފުރަތަމަ ކޮޅުގައި ކާމިޔާބު ނުވިޔަސް ދޭތެރޭދޭތެރޭން ޙަަލާދެމުންގޮސް ދިއްލީވެސް އަތުލައިގެންފިއެވެ. ދިއްލީ ދިފާޢުކުރުމުގެ ކުޅަދާންކަންވެސް މުޣަލް އެމްޕަޔަރގައި ނެތިދިޔައީއެވެ.

އުތުރު އިންޑިއާ ގައި މަރާތުންނާއި އަފްޣާނުންގެ ދެކޮޅުވެރިކަން :

1747 ގައި މުޙައްމަދު ޝާހު އަވަހާރަވުމާގުޅިގެން ޖެހިގެން އައި އެގާރަ އަހަރު ދުވަހުގެ ތެރޭގައި މުޣަލް އެމްޕަޔަރގެ ހަތަރު ޕްރިންސުން ރަސްކަމުގެ ތަޚްތަށް އިސްކުރެވުނެވެ. 1748 އިން 1754 އަށް މުޙަންމަދު ޝާހުގެ ފިރިހެން ދަރިފުޅު އަޙްމަދު ޝާހު ރަސްކަން ކުރެއްވިއެވެ. އޭނާގެ ރަސްކަން ނިމުމަކަށް ގެނައުމުގެ އެންމެ މުހިންމު ބައެއް ކުޅުނީ ވަޒީރަކަށް ހުރި އިމާދުލްމުލްކު އެވެ. ދެން ރަސްކަމަށް އިސްކުރެވުނީ ޢަލަމްގީރް 2 އެވެ. ޢާލަމްގީރް 2 އަކީ ޝާހުޢާލަމް 2 ގެ ފިރިހެން ދަރިއެވެ. އޭނާގެ ރަސްކަން ދެމިއޮތީ 1754 އިން 1759 އަށެވެ. ވަޒީރަކަށް ހުރި އިމާދުލް މުލްކު އޭނާވެސް މަރާލީއެވެ. އެއަށްފަހު ކާމްބަޚްޝްގެ ކާފަދަރިއަކު ކަމުގައިވާ މުހްޔިލްމިއްލަތަކީ ރަސްދަރިކަލަކަށް ހަދާފައި ޝާހުޖަހާން 3 ގެ ނަމުގައި 1759 ނޮވެމްބަރު މަހުގެ ތެރޭގައި ތަޚްތަށް އިސްކުރުވިއެވެ. ގަބޫލުކުރެވޭގޮތުގައި މި ހުރިހާކަމެއް ރާވައި ހިންގުމުގައި އެންމެ އިސްދައުރެއް ކުޅުނީ މަރާތުންނެވެ. އެއީ މަރާތުންގެ ވެސް އެންމެ ބާރު ގަދަވެގެން ދިޔަ ދުވަސްވަރެވެ. އެމީހުން މަސައްކަތް ކުރަމުންދިޔައީ މުޣަލް ރަސްކަން ވައްޓާލުމަށްފަހު މަރާތުންގެ އެމްޕަޔަރެއް ގާއިމުކުރުމުގެ ވިސްނުމުގައެވެ.

އެހެންނަމަވެސް އެދުވަސްވަރު އަފްޣާންގެ ވެރިޔަކަށް ހުރި ނަޖީބުއްދަވްލަތު ގެ ރޭވުންތެރިކަމާއި އަދި އަޙްމަދު ޝާހް ދުއްރާނީގެ ތާއީދާއެކު މަރާތުންނަށް އެ މަގުތައް ބަންދުކުރިއެވެ. އެދުވަސްވަރު ދިއްލީއާއި އުތުރު އިންޑިއާގެ ކޮންޓްރޯލް އަތުލުމަށްޓަކައި މަރާތުންނާއި އަފްޣާން ސިފައިންނާ ދޭތެރޭ ނުރައްކާތެރި އެތައް ކުރިމަތިލުންތަކެއް ހިނގިއެވެ. އަފްޣާން ސިފައިންގެ ނަސީބު ރަނގަޅުކަމުން އެ ހުރިހާ ކުރިމަތިލުން ތަކެއްގައިވެސް އެ ސަރަހައްދުތަކުގެ ސުންނީ އިލްމުވެރިންގެ ތާއީދު ލިބެމުންދިޔައީ އަފްޣާން ސިފައިންގެ ފައުޖުތަކަށެވެ. މުސްލިމުންގެ ވިސްނުން ބިނާކޮށްފައިއޮތީ މަރާތުންނަށް ބާރު ލިބިއްޖެނަމަ މުސްލިމުން ނަށް ނިކަމެތިކަން ލިބިދާނެ ކަމުގެ މައްޗަށެވެ. އަދި މަރާތުން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އެމީހުންގެ އޮޑީގެތެރެއަށް ހިންދޫންގެ ބޮޑުން ގެނެވޭގޮތެއްވެސް ނުވިއެވެ.

ޖަޓުންނާއި ރާޖުޕުތުންގެ ބާރުގެ ދަށުގައި އުތުރު އިންޑިއާގެ ބޮޑު ސަރަހައްދެއް އޮތުމާއެކު އެއްވެސް ބައެއްގެ ތެރޭގައި ހިނގާ ދެކޮޅުވެރިކަމުގެ ތެރެއަށް ވަންނާކަށް އެމީހުން ބޭނުމެއް ނުވިއެވެ. އަދި އުތުރު އިންޑިއާގެ ޢާންމު ހިންދޫންގެ ނަޒަރުގައި ހުޅަނގު އުތުރަށް ނިސްބަތްކުރެވޭ ޕަޓާނުން ފަދައިން މަރާތުންނަކީ ވެސް ދެކުނު އިންޑިއާއަށް ނިސްބަތްކުރެވޭ ވަގުންނެވެ. ހަމަ މިދުވަސްވަރު އަޙްމަދު ޝާހު ދުއްރާނީގެ ލަޝްކަރުތަކުން އުތުރު އިންޑިއާގެ ދިއްލީއާއި މަތޫރާއާއި ހަމަޔަށް ހުރި ހުސްބިންތަކަށް އެތައްފަހަރަކު އަރައިގެނެ ފޭރި ލޫޓުވަމުން ގެންދިޔައެވެ. އަދި ހަމަ އެދުވަސްވަރު އެސަރަހައްދުގައި ބާލާޖީ ބާޖީ ރާއޯ ގެ ބާރު ގަދަކުރުމުގެގޮތުން އޭނާގެ ކޮއްކޮ ސަދާސިވްރާއޯގެ ވެރިކަމުގެދަށުގައި ބާރުގަދަ ލަޝްކަރުތަކެއް ފޮނުވިއެވެ. މި ދެފަރާތުން ބަދަލުކުރެވެމުންދިޔަ ހަނގުރާމަތަކުގެ އެންމެފަހު ކުރިމަތިލުން ހިނގައިދިޔައީ ޕަނިޕެޓް ކައިރީގައެވެ. އެއީ 1761 ޖެނުއަރީ 4 ވަނަދުވަހުއެވެ. އެ ކުރިމަތިލުމުގައި ސަދާސިވްރާއޯގެ ލަޝްކަރުތައް ބަލިވުމާގުޅިގެން އުތުރުން މުޣަލް އެމްޕަޔަރުގެ ދަށުގައިވާ އިންޑިއާގެ އެންމެހާ ސަރަހައްދުތައް ކޮންޓްރޯލް ކުރަން ބާލާޖީ ކުރަމުން އައި އުންމީދުތައް ވެއްޔާމޮޑެވިގެން ދިޔައީއެވެ. އަދި އަޙްމަދު ޝާހު ދުއްރާނީ އަކަށްވެސް މުޣަލް އެމްޕަޔަރ އަލުން ނަގާ ކޮޅަށް ޖެހޭ ގޮތެއް ނުވިއެވެ.

ހަމައެފަދައިން އަފްޣާނުންނަށް ޕަންޖާބު އެކަނިވެސް ހިފާއްޓާލެވޭގޮތެއް ނުވިއެވެ. ސިކުންގެ އިސްނެގުމާއެކު އުފެދުނު ސަރަހައްދީ އެއްބައިވަންތަކަން އޮތީ މާބޮޑަށް ބާރުގަދަކޮށްފައެވެ. 1759 އިން 1771 އަށް ޝާހުޢާލަމް-2 ހުންނަވަންޖެހުނީ ބިހާރުގައި ކަމަށްވީތީ ރަސްކަމުގެ ތަޚްތު ހުރީ މުޅިން ހުސްކޮށް ކަމުގައިވެސް ބުނެވިދާނެއެވެ. މި މުއްދަތުގެ ތެރޭގައި ރަސްކަމުގެ ހުރިހާ ކަމަކާ ހަވާލުވެގެން ހުރީ ނަޖީބުއްދަވްލަތު އެވެ. އޭނާގެ މުޅި އަމާޒަކަށްވެފައި އޮތީ ރަސްކަން ބައިބައި ކޮށްލުމެވެ. ނަތީޖާއަކަށްވެގެން ދިޔައީ މުޣަލް އެމްޕަޔަރަކީ ހަމައެކަނި ދިއްލީ އަށް ނިސްބަތްކުރެވޭ ނަމަކަށް ވެގެން ދިއުމެވެ. ތާރީޚް އިލްމުވެރިންގެ ނަޒަރުގައި މުޣަލް އެމްޕަޔަރ ބަލިކަށިވެގެންދިއުމުގެ އަސްލަކީ ސިޔާސީ އަދި އިގްތިސާދީ ކަންކަން ހިންގުމަށްޓަކައި ލާމަރުކަޒް ކޮށް ހިންގަން ފެށުމެވެ.

އެކަމުގެ ސަބަބުން ތަފާތު ސިޔާސީ ވިސްނުންތަކަށް މަގު ހުޅުވި ޢާންމުރައްޔިތުން ބައިބައިކުރުމުގެ އާ އުސޫލުތަކެއް ތަޢާރުފްވެގެން ދިއުމެވެ. ފައިސާއާއި ބާރާއި ނޫފޫޒު އަދި އަންހެނުން ކިތަންމެ ގިނައިން ލިބުނަސް އެކަންކަމުގައި މިންވަރަށް އީމާން ނުވުމަކީ އިންސާނީ ތަބީޢަތުގައި ހަރުލާފައި ހުންނަ ސިފައެއްކަން އެނގިގެންދިއައެވެ. އޭރުވެސް ފާޅުވަމުން ދިޔަ ފަދައިން މިހާރުވެސް ލާމަރުކަޒް ކުރުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ތަޖްރިބާކާރުން ނުދެކެއެވެ. އެއާޚިލާފަށް ބައިބައިކޮށްގެން ރައްޔިތުންގެންގުޅުމަކީ މަސްލަޙަތަށް އޮތް ބޮޑު ގޮންޖެހުމެއްކަމަށް އެބޭފޫޅުން އިއްތިފާގުވެއެވެ. އެހެންނަމަވެސް ބާރުގަދަ ގައުމުތަކުން ބޭނުންވާނީ ތަފާތު އެކިއެކި އަވާމެންދުރު ދައްކައިގެން ވިޔަސް ބަލިކަށި މީހުން އިތުރަށް ބަލިކަށި ކުރުވާށެވެ. ބާރުގަދަމީހުން އިތުރަށް ބާރުގަދަވެގެންދާނީ އޭރުން ކަމަށްވާތީއެވެ.

….ނުނިމޭ…

 

 

 

 

Loading

One Response

  1. މިރާއްޖޭގެ ކުޑަކުޑަ އާބާދީއަށްވެސް މިއޮތީ ލާމަރުކަޒީ ނުވަތަ ބައިބައިކުރުމުގެ މުސީބާތާ ކުރިމަތިލާންޖެހިފައެވެ. މިހާރުވެސް ލާމަރުކަޒީ މަރުކަޒުތަކަށް ހީވަނީ އެއީ އެމީހުންގެ އަމިއްލަ ވެރިކަމެއް އޮންނަ ސަރަހައްދެއްހެންނެވެ މިއޮތީ ކިތަންމެ ރަނގަޅަކަށްވެސް ލާ މަރުކަޒީ ދަންތޫރައިގާ ދިވެހިން ޖައްސާފައެވެ. މި ބަލާވެރިކަމުން ސަލާމަތް ވެވޭނީ ކޮންއިރަކުން ބާވައެވެ !

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް