މުޣަލް އެމްޕަޔަރ- 12

Loading

Facebook
Twitter
WhatsApp

http://sandhaanu.today/14681/ އާއި ގުޅޭ …                                         ވަކި ސުމާރެއްނެތި ތަފާތުކުލަތަކުގެ އަލިން ގަނޑުވަރުތެރެ ޒީނަތްތެރި ކޮށްގެން ހިންގަމުންގެންދިޔަ މަޖާކުރުމުގެ ހަޕްލާތަކަށް ކުރެވިގެންދިޔަ ބޮޑެތި ޚަރަދުތަކާހުރެ ރަސްކަމުގެ ޚަޒަނާ ހުސްވެ ރިޒާވުގައި ހުރި އެއްޗެއްވެސް ވަނީ ހުސްވުމާ ގާތްވެފައެވެ. ރަސްކަމުގެެ މާލީ ޙާލަތު މިހާ ހިސާބަށް ގޮސްފައިވަނިކޮށް ދެން ކުރިލާން ޖެހުނީ އަދި މާބޮޑު މުސީބާތަކާއެވެ. ޖަހާންދާރު ރަސްގެފާނާއި ޒުލްފިގާރުޚާން ވެސް މުޅިން ޣާފިލު ވެފައިވަނިކޮށް ކުރިމަތިން ދައްކާލި ވިލާގަނޑަކީ ފައްރާޚް ސިޔާާރުގެ ލަޝްކަރުގެ ހަނގުރާމަވެރިންނެވެ.

ފައްރާޚް ސިޔާރަކީ ޒުލްފިގާރުޚާނުގެ ނުބައި ރޭވުމުގެދަށުން މަރާލެވުނު ޕްރިންސް އާޒިމުލްޝާންގެ ފިރިހެން ދަރިކަލުންނެވެ. އާޒިމުލް ޝާން އަކީ ބަހާދުރުޝާހު ރަސްގެފާނުގެ ދެވަނަ ފިރިހެން ދަރިކަލުންނެވެ. އެ ރަސްގެފާނުގެ މަރުބަލީގައި ވަލީ އަޙުދުކަމުގައި ވަސިއްޔަތްކުރި ދަރިކަލުންނެވެ. އެހެންނަމަވެސް ޒުލްފިގާރުޚާނުގެ ނުބައި ރޭވުމުގެ ދަށުން އާޒިމުލްޝާން މަރާލުމަށްފަހު ޖަހާންދާރު ޝާހަށް ރަސްކަން ލިބޭގޮތް ހެދީއެވެ.

ޖަހާންދާރުގެ ރަސްކަމަށް ގަނޑުވަރު ތެރޭންވެސް ކުރިމަތިވެފައިވާ އެތަކެއް ބައިވަރު މައްސަލަތަކެއް ޙައްލު ނުކުރެވިގެން އުޅެނިކޮށް ފައްރާޚް ސިޔާރުގެ ބިޔަބޮޑު ލަޝްކަރާ ކުރިމަތިލާން ޖެހުމުން ޖަހާންދާރު ޚާނާއި ޒުލްފިގާރު ޚާން އަދި ޝުޖާޢުއަށް ގޮތްހުސްވެއްޖެއެވެ.

ފައްރާޚްގެ ލަޝްކަރުން ކާމިޔާބުކޮށްފިނަމަ މުޅިއުމުރަށްޓަކައި ރަސްކަން އަތުން ބީވެގެން ދިޔައީކަން އެތިންމީހުންނަށް އެނގެއެވެ. އެހެންކަމުން ގަނޑުވަރުގެ ޚާޒާނާތަކާއި ފާރުތަކުގެ ތެރޭގައި ރައްކާކޮށްފައިހުރި އަގުބޮޑު ޖަވާހިރުތަކާއި ރަންތައް ހޭދަކޮށްގެން ނަމަވެސް ރަނގަޅު ފެނވަރެއްގެ ލަޝްކަރެއް ތައްޔާރު ކުރުމުގެ މަސައްކަތް ފެށިއެވެ. އެހެނަސް ފައްރާޚުގެ ލަޝްކަރާ ކުރިމަތިލެވޭވަރުގެ ލަޝްކަރެއް ތައްޔާރެއް ނުކުރެވުނެވެ.

ފައްރާޚް ސިޔާރު ރަސްކަމަށް އިސްކުރެވުނީ 1713 ގައެވެ. އޭނާގެ ރަސްކަން ދެމިއޮތީ 1719 އަށެވެ. ފައްރާޚުގެ ކާމިޔާބީގެ ފަހަތުގައި ތިބީ ސައްޔިދު ބްރަދާރސް އެވެ. އެއީ އަބްދުއްލާ ޚާނާއި ޙުސައިން އަދި ޢަލީ ޚާން ބަރާހާއެވެ. އެ ތިން ބޭފޫޅުންނަކީ ރަސްގެފާނުގެ އެންމެ ޚާއްސަ ވަޒީރުންކަމުގައި ހަމަޖެއްސެވިއެވެ.

 

ފައްރާޚް ސިޔާރުގެ ރަސްކަމުގައިވެސް ޒުލްފިގާރު ޚާނުގެ ގިނަ ނިންމުންތަކެއް އެގޮތުގައި ހިންގަމުން ގެންދެވުނެވެ. ޖިޒްޔަ ނެގުން އެއްކޮށް އުވާލުމާއި ޓެކްސް ނެގުމުގެ ކަންތައްތަކުގައި ރައްޔިތުންނަށް ލުއިވާނެ އިތުރު ގޮތްތައް ތަޢާރުފް ކުރުންފަދަ ރަނގަޅު އެތައްކަމެއް އަލަށް ތަޢާރުފް ކުރެވުނެވެ. ސައްޔިދު ބްރަދާރސް ގެ ވިސްނުމާ އެއްގޮތަށް ސިކުންގެ ދެކޮޅުވެރިކަން ނިމުމަކަށްގެނެސް އަދި މަރާތުންނާއި ޖަޓުން އަދި ރާޖުޕުތުން ނާއިއެކު އުފެދިފައިވާ ދެބަސްވުންތައް ޙައްލުކުރުމުގެ މަސައްކަތް ފަށައިގަނެވުނެވެ. ނަމަވެސް އެބައިމީހުންގެ އެއްބަޔަކު އަނެއްބަޔަކާދޭތެރޭ ގުޅުން ގާއިމުކުރަމުން ގެންދިއުމާއި ޖަޓުންގެ ފަރާތުން ދިއްލީއިން އާޣުރާއަށް އޮންނަ މަގުގައި ހިންގަމުން ގެންދާ ދުއްތުރާތަކުގެ ސަބަބުން އެންމެފަހުން ރަސްގެފާނާއި ސައްޔިދު ބްރަދާރސް ވިސްނުން މިކަމުގައި ތަފާތުވެ ކާމިޔާބީއަކާހަމަޔަށް ދެވޭގޮތެއް ނުވިއެވެ.

ރަސްގެފާނުގެފަރާތުން އަދަބުދީގެން ވިޔަސް އެމީހުންގެ ކަންތައް ހަމަޔަކަށް އަޅުވަން ރާޖާ ޖައި ސިންގް ޚިޔާރުކުރައްވާފައި ވަނިކޮށް ސައްޔިދު ބްރަދާސް ގެންދިޔައީ ރާޖާ ޖައި ސިންގަށް އެންގުމަކާ ނުލައި ސުލްޙަވެރިވުމުގެ ވިސްނުމެއްގައި މަޝްވަރާ ކުރަމުންނެވެ.

ކޮންމެއަކަސް އެހިސާބަށް ކަންތައްދިޔައިރު މީހުންގެ ސިކުނޑީގައިވެސް އޮތީ މިނިވަންވެގަތުމުގެ ވިސްނުން ރަނގަޅަށް ވަކިހިއްޕާފައެވެ. އުތުރު އިންޑިއާ ބައެއް ސަރަޙައްދު ތަކުން ގެންދިޔައީ ފާޅުގައި ރަސްކަމަށް ގޮންޖަހަމުންނެވެ. އަދި ބައެއް ސަރަހައްދުތަކުގެ ދަނޑުވެރިންނަށް ލިބޭ އާންމުދަނީ ޓެކްސް ދެއްކުމަށް ދެކޮޅުހަދަމުން ގެންދިޔައެވެ. މިއިން ކޮންމެ ކަމަކުންވެސް ރަސްކަމަށް ނޭދެވޭ އަސަރުތައް ކުރަމުންދިޔައީ އިންތިހާއަށެވެ. މާލީ ގޮތުން ދިމާވަމުންދިޔަ ގެއްލުންތަކާއި ރައްޔިތުންގެ ދެކޮޅުވެރިކަމުން ލިބެމުންދިޔަ ގެއްލުންތަކުގެ ސަބަބުން ރަސްކަމުގެ ދަރުބާރުގައި އޮތީ ރެނދުއަޅައި ވެއްޓެން ކައިރިވެފައެވެ. މިދުވަސްވަރު ޑެކަންސަރަހައްދުގެ އެންމެ އިސް މީހަކަށް ހުރީ ސައްޔިދު ބްރަދާސްގެ މެމްބަރަކު ކަމުގައިވާ ހުސޭން ޢަލީ ޚާނު ގެ ބާރުގައި ބަހައްޓާފައިހުރި މީހެކެވެ. ރަސްގެފާނުގެ އަމުރަށް އޭނާ ތަބާއެއް ނުވެއެވެ. އެންމެފަހުން އެންމެ އިތުބާރުކުރި ސައްޔިދު ބްރަދާސް ވެރިކަމުގެ ލައްޒަތުގައި ރަސްގެފާނު މަރާލުމަށްޓަކައި ޖޯދުޕޫރުގެ އަޖީތު ސިންގް އާއި މަރާތުންނަށް ނިސްބަތްކުރެވޭ ލަޝްކަރެއް ދިއްލީއަށް ގެނެއްސިއެވެ. ފައްރާޚް ސިޔާރު މަރާލުމުގެ ސަބަބުން ގަނޑުވަރުތެރޭގެ ޢިއްޒަތްތެރިންގެ މެދުގައި ޚިޔާލު ތަފާތުވެ ސައްޔިދު ބްރަދާސް އާއި އިދިކޮޅު ޙަރަކާތް ތަކެއް އުފެދިގެން ދިޔައެވެ. އޭގެ ތެރޭގައި އައުރެންގްޒޭބްގެ ޒަމާނުންސުރެން ގަނޑުވަރުތެރޭގެ އިއްޒަތްތެރިންވެސް ހިމެނެއެވެ.

ފުރަތަމަ ދުވަހުއްސުރެން ވެސް އެބޭފުޅުންގެ ވިސްނުން ސައްޔިދު ބްރަދާސް އައި އެއްގޮތެއް ނޫނެވެ. އައުރެންގްޒޭބް ހިންގަވަމުން ގެންދެވި ބައެއް އުސޫލުތައް އުވާލުމާއި ދަނޑުވެރިންގެ ފަރާތުން ސިދާ ރަސްކަމުގެ ދަރުބާރަށް ޓެކްސް އަދާކުރުމުގެ ބަދަލުގައި މެދުވެރިން ބޭނުންކޮށްގެން ޓެކްސް ނެގުމަށްފަހު ގަނޑުވަރަށް ޓެކްސް އަދާކުރުމުގެ އުސޫލަށް އެބޭފުޅުން އެއްބަސްވެ ވަޑައެއް ނުގަންނަވައެވެ. އެކަމުގައި މިހާރުގެ ބަހުން ބުނާނަނަމަ ކޮރަޕްޝަންގެ ފުރުސަތުތައް މާގިނައިން ހުޅުވިގެން ދާތީއެވެ.

ފައްރާޚް ސިޔާރު މަރާލުމަށްފަހު ސައްޔިދު ބްރަދާސްގެ ބާރުގައި އަށް މަސްދުވަހުގެ ތެރޭގައި ތިން ޕްރިންސުން ތަޚުތަށް ވެޑުވިއެވެ. އޭގެ ތެރޭން ދެ ބޭފުޅުންނަކީ ރަފީޢު ދަރަޖާތު އާއި ރަފީޢުއް ދަވްލަތު އެވެ. ( ޝާހްޖަހާން 2 ގެ ނަމުން މަޝްހޫރުވީ މިބޭފުޅާއެވެ).

ރަފީޢު ދަވްލަތު އަވަހާރަވީ ޒަހަރު ބޮއިގެން ނުވަތަ ޒަހަރުދީގެން ކަމަށް ބުނެވެއެވެ. ތިންވަނަ ޕްރިންސަކީ މުޙަންމަދު ޝާހް އެވެ. އެބޭފުޅާއަކީ ވަކި އުސޫލެއްގައި ހިފާއްޓަން ބޭނުންވާ ޕްރިންސެއްކަމުން ސައްޔިދު ބްރަދާސްގެ ނުފޫޒުދަށުގައި ނުބެހެއްޓުނެވެ. ސައްޔިދު ބްރަދާސްގެ ނުފޫޒުން ރަސްކަމުގެ ގަނޑުވަރު ސަލާމަތް ކުރުމަށްޓަކައި މުޙައްމަދު ޝާހު ބޭނުންކުރެއްވީ ތޫރާނީންގެ ދެބޭފޫޅެކެވެ. އެއީ ޗީން ގިލިޗް ޚާން ( ނިޒާމުލް މުލްކް ) އާއި މުޙަންމަދު ޚާނެވެ. އެއީ 1720 ވަނަ އަހަރެވެ. ކޮންމެއަކަސް ސައްޔިދު ބްރަދާސް ބޭރުކުރެވުނު ނަމަވެސް ރަސްކަން ނެގެހެއްޓޭގޮތެއް ނުވިއެވެ.

މުޙަންމަދު ޝާހުގެ ރަސްކަން 1719 އިން 1748 އަށް ނިމުނު އިރު ރަސްކަމުގެ އިއްޒަތްތެރިންގެ މެދުގައި އަމިއްލަ އެދުން އޮތީ އިންތިހާއަށް އަށަގެންފައެވެ. އެކިއެކި އިސް މަގާމުތަކަށް އަމިއްލައަށް ވެރިވެގަތުމުގެ ނުރައްކާތެރި އާދަ އޮތީ މައިބަދައިގާ ތަތްލާފައެވެ. ސައްޔިދު ބްރަދާސް ފުރަމުންގެންދިޔަ މަގާމަށް 1720 ވަނަ އަހަރު މުޙަންމަދު ޚާނު އަމިއްލައަށް ޙަވާލުވެގަތެއެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން އޭނާ މަރުވުމާވިދިގެން އެ މަގާމާއި ހަވާލުވީ ނިޒާމުލް މުލްކް އެވެ. އެހެންނަމަވެސް 1724 ވަނައަހަރު މުޙައްމަދު ޚާނުގެ ފިރިހެން ދަރި ގަމަރުއްދީން ޚާން އަނެއްކާ އެމަގާމު އަތުލައިފިއެވެ. ބައްޕަގެ މަގާމެއް ކަމުގެ ބަހަނާގައެވެ.

ދެންފަހެ، ކޮންމެ ސަރަޙައްދެއްގެ ކޮންމެ ގަވަރނަރަކު ދެކެނީ އޭނާއަކީ އެމްޕަރަރެއް ކަމުގައެވެ. އޭނާއަކީ އެންމެ ބާރުގަދަ މީހާގެ ގޮތުގައިވެސް މެއެވެ. ރަސްގެފާނުގެ އަމުރުފުޅުވެސް ގަބޫލުކުރަނީ ރައްދުވާ ފަރާތަށް ފައިދާތަކެއް ލިބޭނަމައެވެ. މުޣަލް އެމްޕަޔަރގެ މި އަރިއަޅާލުމުގައި އައުރެންގްޒޭބްގެ ފަހުން ވަޑައިގެންނެވި ހުރިހާ ރަސްކަލުންގެ ހިއްސާވެސް ކުޑައެއްނޫނެވެ. ޖަހާންދާރް ޝާހަކީ ޢިއްޒަތުއް-ނަފްސަކަށް އަދި އެހެންމީހުންގެ ޢިއްޒަތާ ކަރާމާތަށް އިޙުތިރާމް ކުރަން ދަންނަ ބޭފުޅަކަށް ނުވިއެވެ. ފައްރާޚް ސިޔާރަކީ ހަރުދަނާ ސިޔާސަތެއް ލިބިވަޑައިގެންފައި ނެތް ކުޅޭކުޅޭ މިޒާޖެއްގެ ބޭފުޅެކެވެ. މުޙައްމަދު ޝާހަކީ ނާޗަރަންގީއާއި މަޖާކުރުމަށް ލޯބިކުރައްވާ ބޭފުޅެކެވެ.

މުޙައްމަދު ޝާހުގެ އަރިހުގައި ވަޒީފާގެ ކުރިއެރުމާއި ޚާއްސަ އިނާޔަތް ލިބުމާއި ގަނޑުވަރުތެރޭގެ ޚާއްސުންނަށް ވެގަތުމަތީ ތަޢުލީމާއި  ތަޖްރިބާއާއި ހުނަރުވެރިކަން ހުރުމަކުން ޙާސިލު ކުރެވޭނެކަމެއް ނޫންކަން އެ ރަސްގެފާނުގެ ޚާއްސަ މެހެމާނާ ކޯކީ ޖިއޯ އާއި އޭނާގެ ގާތް ތިމާގެ މީހުންނަށްވެސް އެނގި ފާޅުވެއްޖެއެވެ. އެކަންތައް ޙާސިލުކުރެވޭނީ ހަމައެކަނި ރަސްގެފާނުގެ ހިތްފުޅު ހަމަޖައްސާ ދިނުމުގެ އުކުޅުތައް، އާދެ މަސާހަބު ބުނެ ޢަމަލު ކުރުމުގެ ހުނަރު ލިބިފައިހުރި މިންވަރަކުންނެވެ.

މިފަދަ ފެންވަރަކަށް ރަސްކަމުގެ ޝަޚްސިއްޔަތު ގެއްލެމުން ދިޔަ ދަނޑި ވަޅެއްގައި ދަނޑުވެރިންގެ ފަރާތުން މެދުވެރި ކުރުވަމުންދިޔަ ހަމަނުޖެހުންތަކާއި އަދި  ޗީން ގިލީޗް ޚާންގެ އިރުޝާދުގެދަށުން އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުން ހައްތާވެސް ދިޔައީ ވައިގާ ހިފަމުންނެވެ. އަޅުވެތި ކަމަކީ އެއްވެސް ސިފައެއްގައި އިންސާނުންގެ ތަބީޢަތާއި ރުހޭނެ ކަމެއްނޫންކަން ދިޔައީ ސާބިތުވަމުންނެވެ. ރަސްކަމުގެ ކޮއިލުގެތެރޭން ބޭރުވާން ޖެހުމުން ގިލީޗް ޚާން ގެ ބާރުވެރިކަމުގައި ޑެކަން ސަރަހައްދުގައި 1723 އިން 1724 އަށް ސްޓޭޓް އޮފް ޙައިދަރް-އާބާދު އުފަންކުރުވިއެވެ. އަދި މުރުޝިދު ގުލީ ޚާންގެ ބަންގާޅާއި އޮރިއްސާގައި ބާރު ގަދަކުރިއެވެ. 1726 ގައި އޭނާ މަރުވުމުން އެ ސަރަޙައްދު އޮތީ އޭނާގެ ތިމާގެ މީހުންގެ ބާރުގެ ދަށުގައެވެ.

ރަސްކަމުގެ މައި ސަރަޙައްދު ގެތެރޭގައި ހިމެނޭ ޕަންޖާބާއި އަޔޯދްޔާ މިނިވަންވެގަތުން އޮތީ ވަރަށް ކައިރީގައެވެ. މިނިވަންވެ ގަތުމުގެ ވިސްނުން މިގޮތަށް އަރާއަރަ ފޯދިގެންދާން ފެށުމުން އެތައް ދުރު ސަރަޙައްދަކަށް ފެތުރިފައިއޮތް މި ބިޔަ އެމްޕަޔަރ ދެމެހެއްޓުމަށްޓަކައި ބޭނުންވާ ޚަރަދުތައް ކުރާނެފައިސާ ރޭގަނޑުގެ ކުޅި މަޖާ ތަކަށްފަހު ބާކީ އެއް ނުކުރެވެއެވެ.  މިލިޓަރީގޮތުން އެ ސަރަޙައްދުތައް ހިފޭއްޓުމަށްޓަކައިވެސް ޚަރަދުކުރާނެ ފައިސާ ހޯދޭނެ މަގުތައް ދިޔައީ ބަންދުވަމުންނެވެ. ފުރުސަތުގެ ބޭނުންކޮށްގެން މަރާތުންވެސް މަލްވާ އާއި ގުޖުރާތު އަދި ބުންޑެލްޚަންދާ ހަމައަށް އުތުރަށް ދެމިގަނެފިއެވެ. މިހިސާބަށް ދިޔަތަނާ ދެންފެނުނީ 1738 އިން 1739 އަށް އީރާނުގެ ވެރިޔަކަށްހުރި ނާދިރު ޝާހް އިންޑިއާގެ މައްޗަށް ވެރިވެގަންނަން ފެށިތަނެވެ.

….ނުނިމޭ….

 

 

 

 

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް