މުޣަލް އެމްޕަޔަރ- 11

Loading

Facebook
Twitter
WhatsApp

http://sandhaanu.today/14431/ އާއި ގުޅޭ…

އައުރެންގްޒޭބްގެ މި އަމަލުފުޅުތަކުގެ ސަބަބުން އެމަނިކުފާނުގެ މުޅިރަސްކަމަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކުރަން ފެށިތަން ފެނިގެންދިޔައެވެ. ރަސްކަމުގެ އެތެރޭންނާއި ބޭރުން އުފެދިގެން އަންނަންފެށި ދެކޮޅުވެރިކަމުގައި ގަނޑުވަރުތެރޭގެ ބައެއް އިއްޒަތްތެރިންވެސް ބައިވެރިވަމުންދިޔައެވެ.

ރަސްކަމުގެ އަމުރުފުޅުތައް ބޮލާލައި ޖެހުމާއި އަދި ގަނޑުވަރުތެރޭގެ ބައެއް ޚާއްސުން ސިއްރިޔާތުގައި އިދިކޮޅު ޙަރަކާތްތަކަށް ތާއީދުކުރަމުން ގެންދިޔައެވެ. ރަސްގެފާނާ އިދިކޮޅު ހަރަކާތްތައް އިތުރުވާން ފެށުމުން އެކަންތައް ޙައްލުކުރެއްވުމަށްޓަކައި ގިނަދުވަސްތަކެއް ވަންދެން ރަސްކަމުގެ ކޮއިލުން ބޭރުގައި ހުންނަވަން ޖެހިވަޑައިގަތުމުގެ ސަބަބުން އިދިކޮޅުހަރާކާތްތައް ހިންގަމުންގެންދިޔަ ފަރާތްތަކަށް ގިނަގުނަ ފުރުސަތތަކެއްވެސް ލިބުނެވެ. ހަމައެއާއެކު ދެފަރާތަށް ކެނޑޭ ޢިއްޒަތްތެރިން ޓެކްސް ނެގުމާ ޙަވާލުވެ ތިބުމުގެ ސަބަބުން ބައިތުލް މާލަށް ލިބޭ އާންމުދަނީ އަށްވެސް ވާނުވާއެއް ނޭގޭ ތަން ފެންނާން ފެށިއެވެ. މިގޮތަށް ކަންތައްތައް ހިނގަން ފެށުމުން އިންސާނީ ތަބީޢަތުގައި ހިމެނޭ އަޅުވެތިކަމުން މިންޖުވުމުގެ ފިކުރު ރައްޔިތުންގެ މެދުގައި ވައިގާ ހިފަންވެސް ފަށައިފިއެވެ.

ސަރަހައްދުތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންދިޔަ ޢިއްޒަތްތެރިންނަށް “ މަށަށްވެސް ވެރިކަންކުރެވިދާނެއޭ“ ހީކުރެވެން ފަށައިފިއެވެ. ދެންދިމާވެދާނެ ޙާލަތުތަކަކީ އޭރުވެސް އަދި މިހާރުވެސް ދުނިޔެ ތަޖްރިބާކުރަމުން އަންނަ ޙާލަތެކެވެ. ނަތީޖާއަކަށްވެގެންދިޔައީ މެދުއުޑުގައި ފިޔަޖަހަމުންދިޔަ ރަސްކަމުގެ ތަރިތައް ކުއްލިއަކަށް ފަނޑުވެ ރަސްކަމުގެ ކިއްލާތަކުގައި ބޮޑެތި ރެނދުތަކެއް އަޅަމުންދިއުމެވެ. 1707 ވަނަ އަހަރު އައުރެންގްޒޭބް ރަސްގެފާނު އަވަހާރަވީއިރު މުޅި ރަސްކަން އޮތީ އަލުން ނަގަހައްޓައި ކޮޅަށް ނުޖެހޭވަރަށް ނިކަމެތި ކޮށްލާފައެވެ.

މުޣަލް ރަސްކަން އަރިއަޅާލުން:

އައުރެންގްޒޭބް އަވަހާރަވުމުން ދެން ރަސްކަމަށް އިސްވެވަޑައިގަތީ ބަހާދުރުޝާހުއެވެ. ޝާހުލް ޢާލަމްގެ ނަމުން މުޚާތަބު ކުރެވެނީ މިރަސްގެފާނަށެވެ. ޝާހުލް ޢާލަމްގެ ރަސްކަން ދެމިއޮތީ 1707 އިން 1712 އަށެވެ. ރަސްގެފާނު އަވަހާރަވީ 1712 ވަނަ އަހަރު ފެބްރުއަރީ ހަމުގެތެރޭގައެވެ. މި ރަސްކަމުގައި އައުރެންގްޒޭބް އަޅުއްވާފައިހުރި ގިނަ ހަރުކަށި ވިސްނުންފުޅުތަކަށް އެންމެންނަށް އެއްބަސްވެވޭ ގޮތަކަށް އިސްލާޙު ކުރައްވަން މަސައްކަތްކުރަން ފެށްޓެވިއެވެ. ޣައިރު މުސްލިމުން އަތުން ނަންގަވަމުން އައި ޖިޒްޔަ ކަނޑާލެއްވުން ކާމިޔާބު ކުރައްވައި ފައްޅިތަކާއި ބުދުކޯލުތައް އަލުން އިމާރާތްކުރުމާއި މަރާމާތުކުރުމަށް ހުއްދަދިނުމާއި އެހެންދީންތަކުގެ އިލްމު އުގަންނައި ދިނުންވެސް ހުއްދަކުރެއްވައި ކުރީގެ ސިޔާސަތުގެ ސަބަބުން ވަޒީފާ ގެއްލިގެންދިޔަ މީހުންނަށް އަލުން ވަޒީފާ ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުން ރަސްކަމާ އިދިކޮޅަށް އުފެދިފައިވާ އަލިފާންގަނޑަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ގެނެސް ދިނެވެ.

ނަމަވެސް ސަރަހައްދުތަކުގެ ވެރިންގެ ވިސްނުން އޭރުއޮތީ އަމިއްލަވެގަތުންނޫން ގޮތެއް ނެތް ހިސާބަށް ބަދަލުވެފައެވެ. އަދި އެންމެ ބޮޑު މައްސަލައަކަށް ވެފައިއޮތް ރާޖުޕުތުންގެ ދެކޮޅުވެރި ކަންވެސް ހައްލުކުރެވޭނެ މަގެއް ނުހޯދުނެވެ. އެހެނީ ރާޖުޕުތުން ބޭނުންވާ ވަރަށް ރަސްކަމުގެ ބާރުތައް އެމީހުންނާއި އެކު ހިއްސާކުރާކަށް ރަސްގެފާނުގެ ޒަމީރު ގަބޫލެއް ނުކުރިއެވެ. ހަމަ އެފަދައިން އެމީހުން އެދޭގޮތް ނޫން އެހެންގޮތަކަށް އެބައިމީހުންވެސް ތިބީ އެނބުރި ދާގޮތަކަށް ނޫނެވެ.

މިއީ ކުރިއްސުރެން އެއްބަސް ވެފައިވެފައިވާ ގޮތުގެ މަތިން ރާޖުޕުތުންގެ ރީތި އަންހެން ކުދިންނާއި ގަނޑުވަރުތެރޭގެ ބޭފުޅުން ކައިވެނިކުރަމުން ގެންދިއުމުގެ ނަތީޖާއެކޭ ބުނެވިދާނެއެވެ.

މިކަންތައްކަނޑާއެކު އުފެދިގެންދިޔަ މަރާތުންގެ ދެކޮޅުވެރިކަންވެސް އޭގެޒާތުގައި ހުއްޓުމެއްނެތި ކުރިއަށް ގެންދިޔައެވެ. މި ދެކޮޅުވެރި ކޯޅުންތަކުގެ ތެރޭގައި ރަސްގެފާނަށް އެހީތެރިކަމެއް ފޯރުކޮށްދިނީ ހަމައެކަނި ބުންޑެއްލާގެ ވެރިޔަކަށްހުރި ޗަތްރަސާލާއާއި ހިންދޫންގެ ޖަޓްގެ ވެރިޔާއެވެ.

ސިކުންގެ ދެކޮޅުވެރިކަން:

ސިކުންގެ ވެރިޔަކަށް ހުރި ގުރޫ ގޯބިންދްސިންގް އާއެކު ސުލްޙަވުމަށް ބަހާދުރުޝާހް ( ޝާހް ޢާލަމް ) ވަރަށް ބޮޑަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް ގުރޫ މަރުވުމާއެކު ބަންދާސިންގް ބަހާދުރުގެ ވެރިކަމުގައި ޕަންޖާބުގެ ސަރަހައްދުގައި އުފެދެމުންދިޔަ ދެކޮޅުވެރިކަން އަނެއްކާވެސް ބޮޑުވެ ފުޅާވެގެން ހިގައްޖެއެވެ. މި ކެދޮޅުވެރިކަމުގައި ސަޓްލެޖުން ފެށިގެން ޖަމްނާކޯރު ހިމެނޭ ހުރިހާ ސަރަހައްދެއް ދިއްލީއާއި ހަމަޔަށް ސިކުންގެ ބާރުގެ ދަށަށް ހިގައްޖެއެވެ.

އަދި އެންމެ ފަހުން ޖަޓުންގެ އިއްޒަތްތެރިންނާއި ޢާންމުންވެސް ސިކުންނާއި އެއްބައިވެއްޖެއެވެ. އަދި ގިނައަދަދެއްގެ ފަގީރުންވެސް ސިކުންގެ ދީނަށްވަދެ ބަންދާސިންގަށް ބައިއަތު ހިފައިފިއެވެ. އަދި ބަންދާސިންގަކީ ސައްޗާ ބާދުޝާހުގެ ނަމުން މަޝްހޫރު ވެއްޖެއެވެ. އަދި ސިކުންނަށް ޚާއްސަ ކަލަންޑަރަކާއި ގުރޫ ނާނައިކްގެ ނަމުގައި ފައިސާފޮއްޗެއްވެސް ތަޢާރުފް ކުރެވިއްޖެއެވެ. ދެން ފެންނަމުން ދިޔައީ ހިމާލިޔާ ސަރަހައްދުގެ ބައެއް ރާޖްޕުތުންގެ ބައެއް ޢިއްޒަތްތެރިންވެސް ސިއްރިޔާތުގައި ސިކުންނާއި ބައިވެރިވަމުން ދާންފެށިތަނެވެ. އެހެންނަމަވެސް މުސްލިމުންނާއި ގިނަ ރާޖްޕުތުން އަދި ޚަތިރުންގެ މުއްސަނދިންތިބީ ރަސްގެފާނާ އެކުގައެވެ.

އެހާހިސާބަށް ކަންތައް ދިއުމުން މުޣަލް ރަސްކަމަށް ކުރިމަތިލާންޖެހުނު މިބޮޑު މައްސަލައަށް ދާއިމީ ޙައްލެއް ގެނައުން ބަހާދުރު ޝާހަށް މަޖްބޫރުވެއްޖެއެވެ. އެހެންކަމުން ބިޔަ ބޮޑު ލަޝްކަރަކާއެކު ރަސްގެފާނުވަޑައިގެން ސިކުންގެ ބާރުގެ ދަށުގައިއޮތް ހުރިހާ ސަރަޙައްދެއް އަލުން ފަތަހަކޮށް ސިކުންތައް ހިމާލިޔާ ސަރަހައްދަށް ފައްސާލެއްވިއެވެ. އަދި މުޣަލް އެމްޕަޔަރަށް ކުރިމަތިވެދާނެ އެންމެހާ ހުރަސްތައް ނައްތާލެއްވިއެވެ. ބަހާދުރުޝާހް ( ޝާހް ޢާލަމް ) އަވަހާރަވީ 1712 ވަނައަހަރު ފެބްރުއަރީ މަހުގެ ތެރޭގައެވެ. ރަސްކަމުގެ ފަހުކޮޅު ގިނަބަޔަކަށް އިތުރު ޢިނާޔަތްތަކާއި ވަޒީފާގެ ކުރިއެރުން ދިނުމުގެ ސަބަބުން ޚަރަދުތައް ބޮޑުވެ ރަސްކަމުގެ ބަޖެޓްއޮތީ ދަރަނިވެރިކަމުގެ ތެރެއަށް ވެއްޓިފައެވެ. އުފެއްދުންތެރިކަން ނެތް ބަޔަކަށް ބޮޑެތި ޚަރަދުތައް ކުރުމުގެ ހިތި ނަތީޖާއާއި ކުރިމަތިލައްވަން ޖެހިވަޑައިގެންފައެވެ.

ރަސްކަމުގެ ކުރީސަފުގައި އަށަގެންފައިއޮތީ ބޭކާރު ޚަރަދުތައްކުރުމާއި އިސްރާފުކުރުމުގެ ހުރިހާއާދައެކެވެ. ރަސްކަމުގެ ޚާއްސަ މުޝީރުންގެ އިތުބާރު އޮތީ ގިނަ ފައިސާދޭކޮޅަކަށް ދިލާލާފައެވެ. ވެރިކަމާތޮޅުމުގެ އާދަ އޮތީ އެބައިމީހުންގެ މައިބަދައިގާ އަށަގަންފައެވެ.

މިޙާލަތުގައި ރަސްގެފާނަށް އިތުބާރުކުރެވުނު ހަމައެކަނި ނަންފުޅަކީ ބަންގާޅާއި ބިހާރުގެ ގަވަރނަރަކަށް ހުރި ރަސްގެފާނުގެ ދެވަނަ ފިރިހެން ދަރިކަލުން ޢާޒިމުލް ޝާން އެވެ. އަދި އެއީ ރަސްގެފާނުގެ ޚާއްސަ މުޝީރުވެސް މެއެވެ. މާލީގޮތުން އެންމެބޮޑު ތަނަވަސްކަމެއް ލިބިފައިއޮތީވެސް އެ ސަރަހައްދުގައެވެ.

ޕްރިންސް ޢާޒިމުލް ޝާން:

އެހެންނަމަވެސް ރަސްކަމުގެ މާލީވަޒީރު އަދި ޑެކަން ސަރަހައްދަށް ކަނޑައަޅުއްވާފައިވާ ޚާއްސަ ވިޔަޒޯރު ޒުލްފިގާރުޚާނުގެ ވިސްނުންހުރީ ޢާޒިމުލްޝާން ރަސްކަމަށް އިސްކުރުމާ ދިމާ އިދިކޮޅަށެވެ. އެ ވިސްނުމުގައި އޭނާގެ މަކަރުވެރި ރޭވުންތަކުގެ ދަށުން ޢާޒިމުލްޝާން މަރާލުމަށްފަހު ރަސްގެފާނުގެ ދެންތިއްބެވި ތިންދަރިކަލުން އެއްގަލަކަށް އަރުވައި ވެރިކަމަކީ އެބޭފުޅުންގެ މެދުގައި ބަހާލެވިފައިވާ އެއްޗަކަށް ހެދުމަށް މަޝްވަރާއާއި ލަފާދެމުންގެންދިއައެވެ. އަދި އޭނާއަކީ އެބޭފުޅުންނަށް ހެޔޮއެދޭ މީހެއްކަމާއި އެބޭފުޅުންގެ މާލީ އެންމެހާކަންތައް އަމާނާތްތެރިކަމާއެކު ބަލަހައްޓަވާ ދެއްވާނެ ކަމުގެ ވައުދުތައް ތަކުރާރުކުރަމުން ގެންދިޔައެވެ. އަދި އޭނާގެ ނަޒަރުގައި ރަސްކަމަށް އެންމެ އެކަށިގެންވަނީ ރަސްގެފާނުގެ ދަރިކަލުން ޖަހާންދާރު ޝާހުކަމަށް ތާއީދުކުރެއްވިއެވެ.

ޙާގީގަތުގައި ޖަހާންދާރު ޝާހަކީ ރަސްކަމުގެ ތަޚްތަށް އެންމެ އެކަށީގެންނުވާ ބޭފުޅާއެވެ. ޒުލްފިގާރު ޚާނުގެ މުޅި މަގްސަދަކީ ރަސްކަމުގެ ތެރޭގައި އޭނާގެ ބާރު ގަދަކުރުމެވެ. ޒުލްފިގާރު ޚާނަކީ އީރާނަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާއަކީ އަމިއްލަ މަސްލަޙަތު ރައްކާތެރި ކުރުމަށްޓަކައި ކޮންމެކަމެއްވެސް ކުރަން ތައްޔާރަށްހުރި އިލްމުވެރި އަދި ތަންދޮރުދަންނަ މީހެކެވެ.

އެވިސްނުމުގައި ރަސްގެފާނު ޖަހާންދާރު ޝާހަށް ހުށައެޅި ތަޖްވީޒުތަކު ގެތެރޭގައި މުސްލިމިނޫން މީހުން އަތުން ނަގަމުން އައި ޖިޒްޔަ އެއްކޮށް ހުއްޓާލުމާއި ނަސްލީ އަދި މަޒްހަބީ ތަފާތުކުރުންތައް ނިމުމަކަށް ގެނައުމާއި ރާޖްޕުތުންނާއި މާރާތިންނާ ގުޅުން ބަދަހި ކުރުން ހިމެނެއެވެ. އަދި މިނޫނަސް އައުރެންގްޒޭބް ރަސްގެފާނުގެ ގިނަ ގަވައިދު ތަކަކަށް ނިމުން ގެނައުން ހިމެއެވެ.

ރަސްގެފާނުގެ ރުހުން ލިބިވަޑައިގަތުމާއެކު އޭނާގެ އެ ހުށައެޅުންތައް ކާމިޔާބު ކުރެވި ތަންފީޒު ކުރެވުނެވެ. ސިކުންނާދޭތެރޭ އައުރެންގްޒޭބު ނިންމަވާފައިވާ ނިންމެވުންތައް ބަދަލުކުރުމަށް ޒުލްފިގާރު ޚާނުވެސް ބޭނުމެއް ނުވިއެވެ.

ގަނޑުވަރުތެރޭގައި ތަފާތު ކުލަތަކުގެ އަލީގައި އެއްވެސް ބެލުމެއްނެތި ކުރެވެމުންދިޔަ ޚަރަދުކުގެ ސަބަބުން އަރިއަޅާލާފައިވާ ރަސްކަމުގެ މާލިއްޔަތު ހަރުދަނާކޮށް ރަނގަޅުކުރުމުގެ ގިނަ މަސައްކަތްތަކެއް ޒުލްފިގާރް ޚާނު ފެއްޓެވިއެވެ. އެހެންނަމަވެސް ލިބުނު މަދު ދުވަސްކޮޅުގެތެރޭގައި މާބޮޑު ބަދަލެއް ނުގެނެވުނެވެ. ޖަހާންދާރުގެ ރަސްކަން ދެމިއޮތީ އެންމެ ދެ އަހަރު ދުވަހުއެވެ. އެއި 1712 އާއި 1713 އެވެ.

….ނުނިމޭ….

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް