މުޣަލް އެމްޕަޔަރ -10

Loading

Facebook
Twitter
WhatsApp

http://sandhaanu.today/13766/ އާއި ގުޅޭ……..

1648 ވަނައަހަރުން ފެށިގެން ޑެކަންގެ ރަށްތަކާދޭތެރޭ ޝާހްޖަހާން ގެންގުޅުއްވި ތަފާތު ނުކުރުމުގެ އިޚްލާޞްތެރި ވިސްނުންފުޅު މަޑުމަޑުން ބަދަލުވާން ފަށައިފިއެވެ. ސަބަބަކީ އެސަރަހައްދުގެ މާލީ ކަންތައްތައް ޝާހްޖަހާން ބޭނުންފުޅުވާގޮތަށް ރޭވުމުގައި ހުރަސްތަކެއް މެދުވެރިވާންފެށުމެވެ. އެހެންކަމުން 1636 ވަނައަހަރު އަހްމަދު ނަގަރުން ބިޖާޕޫރަށް ލިބުނު ސަރަހައްދުތައް މުޣަލް އެމްޕަޔަރގެ ދަށަށް ގެނެވުމާއެކު އަދި ގޯލްކޮންޑާގެ މަޝްހޫރު ވަޒީރު މީރް ޖުމްލާ ވެސް މުޣަލް އެމްޕަޔަރަށް ބައިޢަތު ހިފުމުން ކޮރޯމަންޑަލް އަށް ނިސްބަތްކުރެވޭ ގޮނޑުދޮށް ފަރާތުގެ މުއްސަނދި ބިންތައްވެސް މުޣަލް އެމްޕަޔަރގެ ބާރުގެ ދަށަށް ގެނެވިއްޖެއެވެ.

މިސަރަހައްދުތައް ލިބުމުން އިންޑިއާގައި އުފައްދާ ހެދުންތަކާއި އަދި ބިމުންނެގޭ އަގުބޮޑު މައުދަންތަކާއި ޖަވާހިރުތައް ބޭރުކުރާނެ ރައްކާތެރި މަގުތަކެއް ލިބުނީއެވެ. މިކަމުގެ ސަބަބުން ޝާހް ޖަހާންގެ ރަސްކަމުގެ ހައިބަތު އެތައްގުނައަކަށް ބޮޑުވެގެން ހިގަނއްޖެއެވެ. ހަގީގަތުގައި ޝާހް ޖަހާންގެ ރަސްކަމުގެ މުޅި ސިޔާސަތުގެ މައިގަނޑު ބައްޓަން ކުރަމުން ގެންދިޔައީ ވިޔަފާރިއާއި އިގްތިސާދު ކުރިއެރުވުމުގެ މައްޗަށެވެ.

ޝާހުޖަހާންގެ މެދުތެރޭ އޭޝިއާގެ ތަސައްވުރު :

މުޣަލް އެމަޕަޔަރގެ ކުރީގެ ރަސްރަސްކަލުންގެ ފިޔަވަޅުމަތިން ޝާހުޖަހާންވެސް އެންމެބޮޑަށް ބޭނުންވެފާހުރީ އެ ރަސްރަސްކަލުންގެ އުފަން ވަޒަން ކަމުގައިވާ ސަމަރްކަންދު ފަތަހަކުރުމަށެވެ. 1639 ވަނައަހަރުއްސުރެން

ސަމަރކަންދުގެ ވެރިޔަކަށްހުރި ޝާހްޖަހާންގެ ބޭބެ އިމާމް ގޫލީ 1646 ވަނައަހަރުގެ ތެރޭގައި ބާމިޔާންގެ ސަރަހައްދާއި އަދި ކާބުލްއަށްވެސް ވެރިވެގަތުމުން މިކަމަކީ ރަސްގެފާނަށް އަޅާނުލައި ދޫކޮށްލައިގެން ހުރެވޭ ވަރުގެ ކަމަކަށް ނުވިއެވެ. ކަންދިމާވިގޮތުން ހަމަ އެދުވަސްވަރު އުޒްބަކްގައި އުފެދުނު ދާޚިލީ ހަމަނުޖެހުން ބޮޑުވަމުން ދިއުމުގެ ސަބަބުން އެތަނުގެ ވެރިންގެފަރާތުން ރަސްގެފާނުގެ އަރިހުގައި މަދަދަށް އެދުމުން އެތަނަށްވެސް ބޮޑު ލަޝްކަރެއް ފޮނުވާން ޖެހުނެވެ. އެހެންކަމުން ރަސްގެފާނުގެ ވިސްނުންފުޅު އުތުރުގެ ޝަހަރުތަކަށް އަނެއްކާވެސް އަމާޒުކުރަން މަޖުބޫރު ވެއްޖެއެވެ. އުޒުބަކުންނަށް އެހީވުމަށްޓަކައި ލަޝްކަރެއް ފޮނުވުމަށްވެސް ބޮޑެތި ޚަރަދުތަކެއް ހިނގިއެވެ.

އަދި ގިނައަދަދެއްގެ ސިފައިން އެ ޙާދިސާގައި މަރުވެގެންވެސް ދިޔައެވެ. މި ދެކޮޅުވުންގަނޑުގެ ތެރޭގައި އިތުރު ބައެއް ސަރަހައްދުތައް ރަސްގެފާނުގެ ބާރުގެދަށަށް ގެނެވުނު ނަމަވެސް ވަކިހިސާބަކުން އުޒުބަކުންވެސް އިރާނާ އެއްފަޅިއަށް އެެރުމުން އަނެއްކާވެސް ކަންދަހާރު ދިޔައީ އީރާނުގެ ބާރުގެ ދަށްށެވެ.

ޝާހުޖަހާންގެ ރަސްކަމުގެ ފަހު ދުވަސްކޮޅު ކަންތައްތައް ދިޔައީ އެހާރަނގަޅަކަށް ނޫނެވެ. 1657 ވަނައަހަރު ރަސްގެފާނުގެ ސިއްޙީ ޙާލުކޮޅު ނިކަމެތިވެ އާލާސްކަންފުޅު ބޮޑުވަމުން ދިއުމާއެކު އަވަހާރަވެއްޖެކަމުގެ ޚަބަރުތަކެއްވެސް ދޭތެރެއަކުން ފެތުރިގެން ދިޔައެވެ. ރަސްގެފާނަށްވެސް މިކަންތައް އިހްސާސް ކުރެއްވެވުމާއެކު އެ ރަސްގެފާނަށްފަހު ތަޚުތުގެ ވާރިސަކީ އެންމެ ދޮށީ ދަރިފުޅު ދާރާ ކަމުގައި ވަސިއްޔަތުނާމާއެއް ލިއުއްވިއެވެ. ރަސްގެފާނުގެ ދެންތިއްބެވި ދަރިންވެސް ތިއްބެވީ ބޮޑުފުޅުވެ އެކުއެކި ސަރަޙައްދުތަކަގެ ގަވަރނަރުން ކަމުގައި އައްޔަން ކުރައްވާފައިވާތީ އެ ވަސިއްޔަތާއި އެއްގޮތަށް ކަންތައް ކުރައްވާކަށް ބޭނުންފުޅެއް ނުވިއެވެ. އަދި 1657 އިން 1659 އަށް ތަޚްތަށް އެންމެ އެކަށީގެންވާ ބޭފުޅަކާ ބެހޭގޮތުން ރަސްގެފާނުގެ ދެންތިއްބެވި ފިރިހެން ދަރިން ކަމުގައިވާ މުރާދު އާއި ޝުޖާޢު އަދި އައުރެންގްޒޭބް ގެ ކުރިމަތިލުން ތަކުގައި ކާމިޔާބު ކުރެއްވީ އައުރެންގްޒޭބްއެވެ. އެއަށްފަހު ބަލިއެނދުގައޮންނެވި ބައްޕާފުޅު ޝާހުޖަހާން އާގްރާއިން ބޭރަށް ނުނިކުމެވޭގޮތަށް ބަންދު ކުރެއްވުމަށްފަހު އަމިއްލައަށް އޭނާއަކީ އެމްޕެރަރ ކަމުގައި އައުރެންގްޒޭބް އިޢްލާން ކުރެއްވިއެވެ. ޝާޙްޖަހާން އަވަހާރަވީ އުމުރުފުޅުން 74 އަހަރުގައި 1666 ވަނައަހަރު ފެބްރުއަރީ މަހުގެ 1 ވަނަދުވަހުއެވެ. އޭރުވެސް އެމަނިކުފާ ހުންނަވަންޖެހުނީ ރަށުބަންދުގައެވެ.

ޝާހުޖަހާނަކީ މެދުމިނުގެ ސިޔާސަތެއް ގެންގުޅުއްވި އަދި އިލްމުވެރިންނަށް ކަމޭހިއްތަވައި ޚާއްސަކޮށް ސާންސްކްރިތު، ހިންދީ އަދި ފާރިސީ ބަހުގެ އިލްމުވެރިން ގާތްކުރެއްވި ބޭފުޅެކެވެ. އެހެނަސް ސަރުކާރުގެ އާމްދަނީ އިތުރު ކުރެއްވުމަށްޓަކައި ބިމުންނެގެން އޮތް ކޮންމެ ފައިދާ ނެންގެވުމަށްޓަކައި އެޅުއްވި ފިޔަވަޅުތަކުގެ ސަބަބުން ރައްޔިތުންގެ ޖީބުތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. މިކަމުގެ ނުރުހުންވެސް ރަސްގެފާނަށް އަމާޒުވެފައިއޮތެވެ. ޝާހުޖަހާނަކީ އިއްޒަތާ ޝަރަފަށް ވަރަށްބޮޑަށް ލޯބިކުރެއްވި ބޭފުޅެކެވެ. ރާދައަސްދޫނިފަތުގެ ތަޚްތާއި އަދި ރީތި އިމާރާތްތައް ބިނާކުރެއްވިއެވެ. ލޯބިވާ އަނބިކަމަނާ މުމްތާޒް މަހަލް އަށް ޓަކައި އިމާރާތް ކުރެއްވި މަޝްހޫރު ދެވަނައެއްނެތް ތާޖްމަހަލް ވެސް ފާހަގަ ކޮށްލަންޖެހެއެވެ. އެ ރަސްގެފާނުގެ ގަބުރު ފަސްދާނު ލާފައިވަނީވެސް އެތަނުގެތެރޭގައެވެ.

އައުރެންގްޒޭބްގެ ރަސްކަން:

1658 އިން 1707 އަށް އައުރެންގްޒޭބްގެ ރަސްކަމުގައިވެސް އިތުރު ސަރަހައްދުތައް ރަސްކަމުގެ ބާރުގެދަށަށް ގެނެވުނެވެ. ބަރުމާއާއި ޗިޓަގޯންގް ވެސް ރަސްކަމުގެ ބާރުގެ ދަށަށް ގެނެވުނީ އައުރެންގްޒޭބްގެ ރަސްކަމުގައެވެ. އެހެންނަމަވެސް އަސާމް އާއި ބިކާނެރ ފަދަ ތަންތަނުގައި ރަސްކަމުގެ ދެއްކުންތެރިކަމާއި ގަނޑުވަރުތެރޭގެ ނާޗަރަންގީ އޮތީ ވަރަށްބޮޑަށް އަށަގެންފައެވެ. ހަމައެއާއެކު އޭރު ރަސްކަން ބަލިކަށިވަމުންދިއުމުގެ ނިޝާންތައްވެސް މަޑުމަޑުން ފާޅުވާން ފަށައިފިއެވެ.

ޝާހު ޖަހާނުގެ ލޯބިވާ މުމްތާޒް ކަމަނާއަށް އަޅައިދެއްވި ގަނޑުވަރ

1667 ވަނައަހަރުގެތެރޭގައި އުފެދެމުންދިޔަ ޕަޓާނުންގެ ނުރުހުންތައް އިތުރުވެ 1669 ގައި މަތޫރާގެ ހަމަނުޖެހުންތައް ފެށުނެވެ. ހަމައެދުވަސްވަރު މަޑުމަޑުން އުތުރި އަރަމުންދިޔަ ސިކުންގެ ނުރުހުން ބޮޑުވަމުންދިޔަ ދުވަސްވަރެއްގައި 1672 ވަނައަހަރު އަނިޔާވެރި ގޮތަކަށް އެމީހުންގެ ގުރޫ ތޭޣް ބަހާދުރު މަރާލުމާގުޅިގެން ފާޅުގައި އިދިކޮޅަށް ނިކުތެވެ.

މި ހުރިހާ ކަމަށްވުރެން ބޮޑަށް ރާޖްޕުތުންގެ ސަރަހައްދެއް ކަމުގައިވާ ޖޯދުޕޫރަކީ ރަސްކަމުގެ ސަރަހައްދެއް ކަމުގައި ކަނޑައަޅައި އެތާންގެ ރައްޔިތުންގެ ރުހުމާއި ލޯބި ހޯއްދަވާފައިވާ ވެރިމީހާގެ ފިރިހެން ދަރިފުޅު އަޖީތުސިންގ އިސްލާމްދީނަށް ވެއްދުމުގެ ނަމުގައި އަތުލައިގަނެގެން ގެންދިއުމާގުޅިގެން އުފެދުނު ދެކޮޅުވެރި ކަންވެސް ދެމިގެން ދާންފަށައިފިއެވެ. މި ދެކޮޅުވެރިކަން ބޮޑުވެގެންގޮސް މޭވާރ އާއި ހަމަޔަށް ފެތުރިގެން ދިއުމުން އެންމެފަހުން އައުރެންގްޒޭބަށް ޖެހިވަޑައިގަތީ ރާޖުޕުތުންނާ ހަނގުރާމަ ކުރުމަށްޓަކައި އަޖްމަރަށް ވަޑައިގަންނަވާށެވެ.

މިހަނގުރާމާގައި ރަސްގެފާނުގެ ތިންވަނަ ފިރިހެންދަރި އަކްބަރު އިދިކޮޅު ލަޝްކަރުގައި ބައިވެރިވެ ވަޑައިގަތެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން ރަސްގެފާނު އެލަޝްކަރުން އަކްބަރ އެކަހެރިކޮށް ޑެކަންގެ ސަރަހައްދަށް އަދި ފަހުން ފާރިސްކަރައަށް ފޮނުވާލީއެވެ. އެހެންނަމަވެސް ޑެކަންއ ސަރަހައްދަށް އަކްބަރ އަނބުރާ ގެންނަން ބޭނުންވާތީ މޭވަރުންނާއި ދެކޮޅަށް ކުރަމުން ގެންދިޔަ ހަނގުރާމަ އެ އަހަރުގެ ޖޫންމަހުގެ ތެރޭގައި ހުއްޓުމަކަށް ގެނައެވެ. އެކަމަކު އޭރު އަކްބަރ ހުންނެވީ ބައްޕާފުޅާ އިދިކޮޅަށް މަރާތުންގެ ރަސްގެފާނު ސަމްބާޖީ އާއި ގުޅިވަޑައިގެންފައެވެ. ޖޯދުޕޫރަކީ ފާއިތުވެ ދިޔަ ހަތާވީހަކަށް އަހަރުއްސުރެން މުޣަލް ރަސްކަމާ އިދިކޮޅު ގިނަ ޙަރަކާތްތަކެއް ހިންގަމުން ގެންދިޔަ ސަރަހައްދެކެވެ. އެހެންކަމުން ލިބުނު ފުރުސަތުގައި އައުރެންގްޒޭބް އަވަހާރަވުމުން އަޖީތު ސިންގ އޭނާގެ ކާބަފައިންގެ ވެރިކަމަށް އިސްވެ ވަޑައިގަތީއެވެ.

އައުރެންގްޒޭބްގެ އެންމެފަހު 25 އަހަރު ހޭދަކުރެއްވީ ޑެކަން ސަރަހައްދުގައެވެ. އަދި މިފަހަރު ވަޑައިގެން އެންމެބޮޑު އިސްކަމެއް ދެއްވީ އެ ސަރަހައްދުގެ ނަސްލުތައް ބައިބައި ކޮށްލުމަށެވެ. ނަމަވެސް އެކަންތައް ކާމިޔާބުނުވުމުން ދެން ގަސްދުކުރެއްވީ އެ ސަރަހައްދުގެ މުސްލިމުން އެއްފަރާތް ކުރާށެވެ. އޭރުން ބިޖާޕޫރާއި ގޯލްކޮންޑާ އަކީވެސް ރަސްކަމުގެ ބާރުހިނގާ ސަރަހައްދެއް ކަމުގައި ހެދިދާނެ ކަމުގެ އުންމީދު ގައެވެ. އެހެންނަމަވެސް އެމީހުންގެ ރަސްގެފާނު ސަމްބާޖީ އަތުލައިގަނެ އަދި އޭނާ މަރާލުމުގެ ސަބަބުން އެސަރަހައްދުގެ ދެކޮޅުވެރިކަން ދިޔައީ ހައްތާވެސް ބޮޑުވަމުންނެވެ. ނަތީޖާއެއްގެ ގޮތުން 1707 ވަނައަހަރު މާރޗް މަހުގެ 3 ވަނަދުވަހު އައުރެންގްޒޭބް ރަސްގެފާނު އަވަހާރަ ވުމާ ހަމަޔަށްވެސް އެ ސަރަހައްދު އެއްކޮށް ރަސްކަމުގެ ބާރުގެ ދަށަކަށް ނުގެނެވުނެވެ.

އައުރެންގްޒޭބުގެ ކާމިޔާބީތައް :

އައުރެންގްޒޭބަކީ ވިސްނުންފުޅުތޫނު އިލްމުވެރި އަދި އިއްޒަތުންނަފްސަށް ގަދަރުކުރެއްވި ބޭފުޅެކެވެ. އަމިއްލަ ދިރިއުޅުއްވުމުގައި ސުލްޙަ މަސަލަސްކަމަށް އިސްކަން ދެއްވައި ޚުލްގު ފުޅު ހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ. އަދި އިސްލާމް ދީނަށްޓަކައި ހިތްޕުޅުގައި އާދަޔާ ޚިލާފް މަތިވެރި މަގާމެއް ޚާއްސަ ކުރެއްވި ބޭފުޅެކެވެ. އިސްލާމްދީނަށްޓަކައި ހިތްޕުޅުގައި އޮތް ތަސައްވުރުގެ ސަބަބުން ތަފާތު އެތައް ދީނަކާއި މަޒްހަބެއް އަދި ތަފާތު އެތައް ނަސްލެއްގެ ބަޔަކު ހިމެނޭ ވެރިކަމެއް ހިންގުމުގައި ބައިވަރު ހުރަސްތަކެއް ގިރާކުރައްވަން ޖެހިވަޑައިގަތެވެ.

އިސްލާމް ދީނަށްޓަކައި ގެންގުޅުއްވި ހަރުކަށި ވިސްނުންފުޅާއެކު މުޣަލް އެމްޕަޔަރގެ ކުރީގެ ރަސްކަލުން ގެންގުޅުއްވި މަޒްހަބާއި ނަސްލުތަފާތު ނުކުރުމުގެ ސިޔާސަތު ގަބޫލުފުޅެއް ނުކުރެއްވުނެވެ. އަދި ކުރީގެ ރަސްކަލުންގެ އެ ސިޔާސަތުތައް އައުރެންގްޒޭބްގެ ވިސްނުންފުޅާއި އެއްގޮތަށް ބަދަލުކުރައްވަން ފެއްޓެވިއެވެ. އިސްލާމީ އަގީދާއާއި ޚިލާފް ކަންތައްތައް މަނާކުރެއްވުމާއި ފައްޅިތަކާއި ޓެމްޕަލްތައް އިމާރާތް ކުރުމާއި މަރާމާތުރުން މަނާކުރެއްވިއެވެ. އިސްލާމްދީނުގެ ޢިލްމު ފިޔަވައި އެހެން ދީނެއްގެ އިލްމު އުގަންނައި ދިނުން މަނާކުރެއްވިއެވެ.

ޚުލާސާގޮތެއްގައި ބުނާނަމަ މުސްލިމުންނޫން އެހެންދީންތަކުގެ އަހުލުވެރިންނަކީ ދެވަނަ ދަރަޖައިގެ ރައްޔިތުންކަމުގައި ހީކުރެވޭގޮތަކަށް ގަވައިދުތައް ބަދަލުކުރެއްވިއެވެ.

އަލަށް އިސްލާމްދީނަށް ވަންނަމީހުންނަށް ޚާއްސަ އިނާޔަތްތައް ހަމަޖެއްސެވިއެވެ.

ރަސްގެފާނުގެ ދީނީ ވިސްނުންފުޅާމެދު ޚިޔާލު ތަފާތުވާ ސޫފީންނާއި ޝިޔާޢީންނާއި މެދުވެސް ހަރުކަށި ފިޔަވަޅުތަކެއް ތަޢާރުފް ކުރެއްވިއެވެ. ތަފާތު އެތައް ނަސްލަކާއި ދީނަކާއި އަދި މަޒްހަބަކަށް ނިސްބަތްކުރެވޭ ރައްޔިތެއްގެ ތެރޭގައި އައުރެންގްޒޭބްގެ މި ވިސްނުންފުޅު ކާމިޔާބުކުރެވޭނެ ގޮތެއް ނުވިއެވެ. ގަނޑުވަރުތެރެއަށް ނިސްބަތްކުރެވޭ ޢިއްޒަތްތެރިންގެ ތެރޭގައިވެސް ވަރަށްގިނަބަޔަކު އެ ވިސްނުންފުޅާ އެއްބަހެއް ނޫނެވެ. އަދި އެ ވިސްނުންފުޅު ތަންފީޒުކުރެއްވުމަށް ފާޅުގައި ދެކޮޅު ހައްދަވަމުން ގެންދެވިއެވެ.

…..ނުނިމޭ…..

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް