ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕާޓްމެންޓްގެ ކުރީގެ އިސްވެރިޔާ މަރްޔަމް ދީނާ ސޯލިހްގެ މައްޗަށް ދައުވާކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް އިއްޔެ ފޮނުވައިފިއެވެ.
ދީނާގެ މަށްޗަށް ދައުވާކުރަނީ 2018 ވަނަ އަހަރުގެ ތެރޭގައި ފެނަކައިން ކުއްޔަށް ހިފާފައިވާ ދޯންޏަކީ ދީނާއާ ގާތްގުޅުން އޮންނަ ކުންފުންޏަކުން ގަނެފައިވާ ދޯންޏެއް ކަމަށް ބުނާ މައްސަލައެއްގައެވެ.
މިމައްސަލައިގެ ތަހުގީގު އޭސީސީން ނިންމާފައިވާއިރު އެކޮމިޝަނުން ބުނެފައިވަނީ 2018 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އެ އަހަރުގެ ނޮވެމްބަރު ގެ ނިޔަލަށް ފެނަކައިން ދޯނި ކުއްޔަށް ހިފުމަށް ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރުތަކާއި އެކަމާ ގުޅޭ ލިޔުންތަކަށް ބަލާއިރު، ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރު ކުރުމަށް ރެކުއިޒިޝަން ފޯމު ލޮޖިސްޓިކް ޑިޕާޓްމަންޓުން ޕްރޮކިއުމަންޓު ޑިޕާޓްމަންޓަށް ފޮނުވުމުގެ ކުރިންކަން ހޯދިފައިވާ ކަމަށެވެ.
އަދި އެއީ ފެނަކަ ކޯޕަރޭޝަނުން އަމަލުކުރަމުން ދިޔަ އުސޫލާ ހިލާފަށް ކޮށްފައިވާ ކަމެއްކަމަށާއި އެ ޕާޗޭސް އޯޑަރުގެ ތެރެއިން އެއް ޕާޗޭސް އޯޑަރު ތައްޔާރުކޮށް، އެ ޕާޗޭސް އޯޑަރާ އެކު އެއްކަރުދާސްކޮށްފައިވާ ކޯޓޭޝަންތައް ހޯދާފައިވަނީ ދަތުރުކޮށް ނިންމުމަށްފަހުގައިކަން ގުޑްސް ރިސީވްޑް ނޯޓުން އެނގޭ ކަމަށެވެ.
މީގެ އިތުރުން ދަތުރު ކޮށްދިނުމުގެ ހިދުމަތް ހޯދުމަށް އެ ކޯޕަރޭޝަނުން ތައްޔާރުކޮށްފައިވާ ޕާޗޭސް އޯޑަރާއި ދަތުރު ކޮށްދިނުމަށް ހުށަހަޅާފައިވާ ކޯޓޭޝަންތަކުގައި ގިނަ ރަށްތަކަށް ދަތުރު ކޮށްފައިވާކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެރަށްތަކަށް މުދާ ގެންގޮސްފައިވާކަން އެނގެން ނެތް ކަމާއި އެރަށްތަކަށް ދަތުރު ކޮށްފައިވަނީ ކޮން ބޭނުމެއްގައިކަންވެސް ލިޔެކިޔުންތަކުން އެނގެން ނެތް ކަމަށް އޭސީސީން ބުނެ އެވެ.
އޭސީސީން ބުނާގޮތުގައި މިމައްސަލައި ގައި ތިން ފަރާތަކުން ކޯޓޭޝަން ހޯދާފައިވީނަމަވެސް، ތިން ކޯޓޭޝަން ހޯދާފައިވަނީ ދީނާއާ ގާތްގުޅުމެއް އޮންނަ ކުންފުންޏަކުން ނުވަތަ އެ ކުންފުނީގެ ވެރިޔާއާ މަސްލަހަތު އޮންނަ ފަރާތްތަކަކުންކަން ހޯދިފައިވާ ކަމަށެވެ.
އަދި ކޯޓޭޝަން ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ ދީނާ ކަމާއި ކޯޓޭޝަން ހުށަހަޅާފައިވާ ފަރާތާއި، ދީނާއާ ދެމެދު ފޯނުން ގިނަ އަދަދެއްގެ މުއާމަލާތުކޮށްފައިވާ ކަމަށް ތަހުގީގަށް އެނގުނު ކަމަށް ވެސް އޭސީސީން ބުނެއެވެ.
އޭސީސީން ބުނީ މިއީ ދީނާ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ހޯދައިދިނުމަށް ކޮށްފައިވާ ކަމެއްކަމަށާ އޭނާގެ މި އަމަލުގެ ސަބަބުން ކުންފުންޏަށާއި ދައުލަތަށް މާލީގޮތުން ގެއްލުންވެފައިވާކަމަށްވެސް އޭސީސީން ބުނެއެވެ.