ހިންދީ ފިލްމީ ދުނިޔޭގެ އިތުރަށް ކަސްރަތުގެ ދުނިއޭގައި މަޝްހޫރު ތަރިއެއްކަމުގައިވާ ޝިލްޕާ ޝެޓީގެ ފިރިމީހާ ރާޖް ކުންދުރާ އޮރިޔާން ފިލްމު އުފައްދާކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްގެން އުޅޭތާ ދެ މަހެއްހާ ދުވަސްވެއްޖެއެވެ.
ރާޖުގެ ވަކީލުން އޭނާ ޖަލުން މިނިވަން ކުރެވޭތޯ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބު ވެފައެވެ. ކޯޓުގައި ފައިސާ ބަހައްޓައިގެން ރާޖު ޖަލުން މިނިވަންކުރުމަށް އެންމެ ފަހުން ކުރި މަސަކަތް ވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ. އެއީ އޭނާ ޖަލުން ގޭބަންދަށް ބަދަލުކުރުމަށް ކޯޓަށް ހުށަހެޅި މައްސަލައިގައި ކޯޓުން އޭނާ ޖަލުން މިނިވަން ނުކުރުމަށް ހުކުމް ކުރި ފަސްވަނަ ފަހަރެވެ.
އޮރިޔާން ފިލްމު އުފައްދާކަމަށް ބަޔަކު ކުރި ރިޕޯޓަކާ ގުޅިގެން މުމްބާއީގެ ފުލުހުން ރާޖު ހައްޔަރުކުރީ ޖުލައި މަހުގައެވެ. ޖަލުން މިނިވަން ވުމަށް ރާޖު ހުށަހެޅި މައްސަލަ ކޯޓުން ވަނީ ގަބޫލުނުކޮށްފައެވެ. އަދި އޭނާ ބަންދުގައި ބެހެއްޓުމުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި ރާޖު މިނިވަންކޮށްފިނަމަ އޭނާ ފިލާނެއެވެ. އޭނާއަކީ އިނގިރޭސިވިލާތުގެ ޕާސްޕޯޓެއްވެސް ގެންގުޅޭ މީހެކެވެ.

ޝިލްޕާގެ ފިރިމީހާ ރާޖުގެ ވަކީލުން ބުނާގޮތުގައި ފުލުހުން ރާޖުގެ މައްސަލާގައި ކަންތައްތައް ކުރަމުން ދަނީ ވަރަށް ބޮޑަށް ޒާތީގޮތަކަށެވެ. އަދި ރާޖުއާ ދެކޮޅަށް ހިންގި ތަހުގީގުގައި ހަތަރު ހާހަށްވުރެ ގިނަ ސަފުހާގެ ލިއުން ތައްޔާރުކޮށްފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ލިއުމެއްގައި ރާޖު އޮރިޔާން ފިލްފު އުފައްދަން ކުރި މަސައްކަތާގުޅޭ ހެއްކެއް ނެތްކަމުގައި ވަކީލުން ދަނީ ބުނަމުންނެވެ.
ރާޖުގެ ވަކީލުން ބުނާގޮތުގައި އޮރިޔާން ފިލްމަކަށް ވާނީ ޖިންސީ ގުޅުން ހިންގާ މަންޒަރު ދެއްކުމުންނެވެ. އޮރިޔާން މަންޒަރު ދައްކާ ފިލްމެއް އޮރިޔާން ފިލްމަކަށް ނުވާނެއެވެ.
ރާޖު އޮރިޔާން ފިލްމު އުފެއްދުމުގެ މައްސަލައެއް 2020ގައި ވެސް ފެންމަތިވިއެވެ. ނަމަވެސް އެ މައްސަލައިން އޭނާ ވަނީ ސަލާމަތްވެފައެވެ.

ރާޖުގެ މައްސަލަ ދިރާސާ ކުރާ ނޫސްވެރިން ހާމަކުރާ ގޮތުގައި ފުލުހުން މި ފަހަރު ވަނީ ރާޖުއާ ދެކޮޅަށް ވަރަށް ގިނަ ހެކި ހޯދާފައެވެ. ރާޖުގެ މައްސަލަ ތަހުގީގު ކުރާ ފުލުހުން ވަނީ ޝިލްޕާ ޝެޓީގެ ބަޔާނެއް ވެސް ނަގާފައެވެ.
ޚަބަރު ލިބިފައިވާ ގޮތުގައި ރާއްޖުގެ މައްސަލަ ކޯޓުން މިހާތަނަށް ބަލަމުން އައި ބެންޗު ބަދަލުކުރުމަށް މިހާރު ވަނީ ނިންމާފައެވެ.