ލޯބީގެ މަންޒިލު-6

Loading

Facebook
Twitter
WhatsApp

http://sandhaanu.today/14453/ އާ ގުޅޭ

”ވަރަށް ބޮޑަށް ޝުކުރިއްޔާ! އަހަރެންގެ އަބުރު އޭނާ ވެއްޔާ މޮޑެލީ އެންމެ ފަސް ލާރިއާ ހެދި.“ އެ ޒުވާނާ ބުނެލިއެވެ.

”ކަލޭ ތި ބުނީ ފަސް ލާރިއަކީ އެއްވެސް އަގެއް ނެތް އެއްޗެކޭތަ؟ ބަހުން ދަތުރުކުރަން ފަސްލާރި މަދުން ދީބަލަ، ޓިކެޓެއް ނުލިބޭނެ. ހަމައެގޮތަށް ފޮނުވާ ސިޓީއެއްގައި ފަސްލާރި މަދުން ސްޓޭމްޕް ޖަހާބަލަ. ސިޓީ ލިބޭ މީހާ އަތުން ޖުރިމާނާއަށް ފައިސާ އަތުލާނެ، އެހެން ނޫނީ ސިޓީ ލިބެންވާ މީހާއަށް ސިޓީއެއް ނުލިބޭނެ.“

”އަނގަތަޅާނެކަމެއް ނެތް. އަދިވެސް ފެން ވިއްކޭތޯ ބަލަންދޭ!“ ޖޫލީ ރުޅިވެރިކަމާއެކު ބުނެލިއެވެ. އަދި އެ ޒުވާނާއާ ދިމާއަށް އެނބުރި އޯގާތެރިކަމާއެކު ބުނެލިއެވެ.

”ދާން ބޭނުންތާކަށް ކާރުގައި އަހަރުމެން ކަލޭ ގެންގޮސް ދީފާނަން.“

”އެއޮތް އަންނަނީ އަހަރެން އަރަންޖެހޭ ބަސް.“

ބަސް ދުއްވާފައި އަންނަތަން ފެނުމުން އެ ޒުވާނާ ދުއްވައިގަތެވެ. އެކަމަކު ބަސް ހުއްޓިއާ ހަމައަށް އޭނާއަށް ދެވުމުގެ ކުރީން ބަހަށް މީހުން އެރުމުން ބަސް ދުއްވާލައިފިއެވެ. ބަހުގެ ފަހަތުން އޭނާ އިރުކޮޅެއް ވާނދެން ދުވެފައި ދިޔައެވެ. އެކަމަކު ބަހާ އަރައި ހަމަނުކުރެވޭނޭކަން އެނގުމުން އޭނާ ހުއްޓިއްޖެއެވެ. އަދި އެނބުރިއައިސް ބަސް ހުއްޓި ކައިރީގައި އިށީނދެއްޖެއެވެ.

ޖުލީއާއި ސުޝީލާ އެ މަންޒަރު ބަލަން ތިބެފައި އެނބުރި ރެސްޓޯރެންޓަށް ވަދެއްޖެއެވެ.

”އެ ޒުވާނާއާ މެދު ހިތްހަމަޖެހޭތަ؟“ އުއްމީދުން ފުރިގެންވާ ރާގަކަށް ޖޫލީ ސުއާލުކުރިއެވެ.

”އެއީ ރަނަގަޅު ޒުވާނެއް.“ ސުޝީލާ އިށީނދެ ތަށިން ކޯވަރެއް ބޯލުމަށްފަހު ބުންޏެވެ. ”ރީތި. ސިއްހަތު ވެސް ރަނގަޅު. އެކަނިވެރި އަހަކަށް ވަފާތެރި އެކުވެރިއެއްކަމުގައި ފުދޭނެ. މިއަދު އަހަރުމެން އަތްދަށުން ބަޗައިފިއްޔާ މިއޮތް ބޮޑު ގައުމުން އޭނާ ހޯދަން ދާނީ ވެސް ކޮންތާކަށް؟“

”ޖުހޫގައި ހުންނަ ކަލޭގެ ގެ ހުރީ ހުހަށްތަ؟“

”އެ ގޭގެ އެޑްރެސް ކަރުދާސްކޮޅެއްގައި ލިޔެ އަވަހަށް ކަލޭގެ އަތްދަބަހަށްލާ!“

”އެއީ ކީއްކުރަން؟“

”އަހަރެން މި ބުނީއެއްނު އަވަސްކުރާށޭ!“

”ރަޒިއްޔާ ދިއްލީގައި ހުރެ ފޮނުވި ސިޓީއެއް ދަބަހުގައި އެބަ އޮތް. އޭގައި ގޭގެ އެޑްރެސް ލިޔެފައި ވާނެ. ސިއްރު ވާހަކަ ލިޔެފައި ފޮނުވާ ހުރިހާ ސިޓީއެއް ވެސް ރަޒިއްޔާ ފޮނުވަނީ އެ އެޑްރެހަށް.“

އެހެންވެއްޖެއްޔާ ސިޓީއުރަ ދަބަހުގައި ބާއްވާފައި ދަބަހުން ސިޓީ ނަގާ!“

ސުޝީލާ ސިޓީ ނެގުމަށްފަހު ސިޓީއުރަ ދަބަހުގައި ބޭއްވިއެވެ.

ވޭޓަރަށް ގޮވަން ރަނަގަބީލަށް ފިތަމުން ޖޫލީ ބުންޏެވެ. ”އަވަހަށް ތަށީގައި ހުރި އެތިފޮދު ބޮއި ހުސްކޮށްލާ!“

މިހެން ބުނެފައި އޭނާ ވެސް އޭނާގެ ތަށީގައި ހުރި ޖޫސް ބޮއި ހުސްކުރަން ފެށިއެވެ.

* * * *

ސަރޫޕު ހުރީ ދާހިއްލައި ފޯވެފައެވެ. ހޫނުގަދަކަމުން މޫނުގެ ކުލަވަރު ވަނީ ބަދަލުވެފައެވެ. މެންދުރުން އަނބުރައި ތިނެއް ޖަހައިފިއެވެ. މިހާރު ބަސް ހުއްޓީގައި އެހައި ގިނަ ބަޔަކުވެސް ނެތެވެ. އެކަމަކު އޭނާ ދާންޖެހޭ ދިމާއަށް ދަތުރުކޮށްފައިދާ ބަހުގެ އިންތިޒާރުގައި ވަރަށް ގިނަ އިރު އިންނަން ޖެހިއްޖެއެވެ.

މިއަދަކީ ސަރޫޕުގެ ހަޔާތުގައި ދިމާވި އެންމެ އާދަޔާ ޚިލާފު އެއްދުވަހެވެ. އެތައް ދުވަހެއް ކުރީއްސުރެން އޭނާ އިންތިޒާރު ކޮށްކޮށް ހުރި އެއް އެދުން މިއަދު ފުރިހަމަ ވެއްޖެއެވެ. އޭނާއަށް ވަޒީފާއެއް ލިބިއްޖެއެވެ. އެކަމަކު މިއަދު ދެ ފަހަރަށް އޭނާގެ ކަރުގައި ހިފައިފިއެވެ. މުޅި އުމުރުގައި ދުވަހަކު ވެސް އެފަދަކަމަކާ ކުރިމަތި ލާކަށް ނުޖެހެއެވެ. އަދި އޭނާއާ ދިމާވި އަންހެން ކުއްޖާ ހަނދާންވުމުން އޭނާގެ ސިކުނޑި އެތައް ފަހަރަކު ހަމައިން ނެއްޓުނެވެ. އެއީ އެ އަންހެން ކުއްޖާގެ ސަބަބުން ތަޅައިފޮޅަން ޖެހުނީތީއެވެ. ފެން ވިއްކާ މީހާ ދެކެވެސް އޭނާ އަލިފާން ކަހަލަ ރުޅިއައެވެ. އޭނާގެ ހިތަށް އެރިއެވެ. ދުނިޔޭގައި ރަނގަޅު މީހުން ވެސް އެބަ އުޅެއެވެ. އޭނާއަށް ފަސް ލާރި ދީ އަބުރު ސަލާމަތްކޮށްދިން އަންހެން ކުއްޖާއަކީ ކިހައި މާތް އަންހެން ކުއްޖެއް ހެއްޔެވެ؟ އެ ގޮތަށް ފިރިހެނަކަށް އަންހެނަކު އެހީވެދޭތަން ފެންނަނީ ފިލްމުތަކުންނެވެ.

ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އިންދާ އޭނާ އަރަން ޖެހޭ ބަސް އަންނައަޑު އިވުމުން އޭނާ ސިއްސައިގެން ދިޔަ އެވެ. ހަމައެޔާއެކު އޭނާގެ ރޫޙަށް އައު ދިރުމެއް ލިބުނެވެ. ބަސް އޮތީ މުޅިން ހުހަށެވެ. ބަހަށް އަރަން ހިނގައިގަތް ވަގުތު ފަހަތުން މީހަކު އޭނާއަށް ގޮވައިލި އަޑު އިވުނެވެ.

”އޭއި އިހަށް ހުއްޓިބަލަ!“

ސަރޫޕު އެނބުރި ބަލައިލިއެވެ. ކައިރީގައި ހުރި ރެސްޓޯރެންޓުގެ ވޭޓަރު އޭނާއާ ދިމާއަށް ދުވެފައި އައިސް ހުއްޓުނެވެ. އޭނާގެ އަތުގައި އަންހެން ކުއްޖެއްގެ އަތްދަބަސް އޮތެވެ. ހަމަ އެވަގުތު ބަހުގެ ރަނަގަބީލު ޖެހި އަޑު އިވުނެވެ. ދެން އިވުނީ ބަސް ދުއްވާލި އަޑެވެ. ސަރޫޕު ބަހަށް އަރަން ދުއްވައިގަތެވެ. އެވަގުތު އަނެއް ފަހަރު ސަރޫޕަށް ގޮވާލިއަޑު އިވުނެވެ.

”އޭއި! އަހަރެން މި ގޮވަނީ ކަލެއަށް. މަޑެއް ނުކުރާނަންތަ؟“

”މިއޮތް ހުރިހާއިރު ކަލޭ ހުރީ ކޮންތާކުތަ؟“ ސަރޫޕު ރުޅިވެރިކަމާއެކު ސުއާލުކުރިއެވެ. ”ތިއުޅެނީ ކިހިނެއް ވެގެން؟ ކަލޭގެ ނުހޮރުއްޕާނާހުރެ ބަހަކަށްވެސް އަހަންނަކަށް ނޭރުނު.“

”ކަލޭ ބުއި ފެންތަށްޓަށް ލާރިދިނީ ކަލޭގެ ރައްޓެއްސެއްތަ؟ މިއޮތީ އޭނާގެ ދަބަސް. އޭނާއަށް ދެވުނީ ހަނދާންނެތިވެ ދަބަސް ބާއްވާފައި.“

”އެއީ މަގޭ ރައްޓެއްސެއް ނޫން!“ ސަރޫޕު ކަންބޮޑުވެފައިވާ އަޑަކުން ސުއާލުކުރިއެވެ. ”ހަމަ ރަނގަޅަށް ވެސް ތީ އޭނާގެ ދަބަސްތަ؟“

”މިއީ އެ ދެ އަންހެން ކުދީންގެ ތެރެއިން ކޮންމެވެސް އެކަކުގެ ދަބަސް.“

”ކަންބޮޑުވެގެން ތި އުޅެނީ ކޮންކަމަކާ؟ މެނޭޖަރު އަތަށް ދަބަސް ގެންގޮސްދީ! އަންހެން ކުއްޖާ އައިސް ދަބަސް ގެންގޮސްފާނެ އެއްނު!“

”ދަބަހުގައި ފަސް ހާސް ރުފިޔާ ވެސް އެބައޮތް.“

”ފަސް ހާސް ރުފިޔާއޭ؟“ ސަރޫޕު ކަންބޮޑުވިއެވެ.

”އާނ! ފަސް ހާސް ރުފިޔާ އެބައޮތް. އަހަރުމެންގެ މެނޭޖަރަކީ އެހާ ތެދުވެރި މީހެއްނޫން! މެދުކެނޑުމެއްނެތި 50 އަހަރު ވާނދެން ބޮމްބޭގެ ފެން ބޮއިގެން ހުރި މީހެއްގެ ލަދެއް ހަޔާތެއް ނުހުންނާނެ. ކަލެއަށާއި އަހަންނަށް އަދި ރަނގަޅަށް މި ތިބީ ބޮމްބޭގެ ފެން ނުބޮވި.“

”ކަލޭ ބުނަން ތިއުޅެނީ ތި ދަބަސް އޭނާ އަތަށް އަހަރެން ގެންގޮސް ދޭށޭތަ؟“

ނުނިމޭ

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް